ފަޅިމޫނު - 80

(27 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅަންވީ ކަމަކީ ތިޔައީ. މިއަދު ކުރަން ޖެހޭ ކަމެއް މާދަމައަށް ފަސްކުރުމަކީ ރަނގަޅު ކަމެއް ނޫން. މަންމަ މިދިން މަޝްވަރާއަކީ ލޯބިވާ މައެއްގެ މަޝްވަރާ. ދުޝްމިނެއްގެ މަޝްވަރާއެއް ނޫން. ދޮގެއް ހަދާށޭވެސް މި ބުނަނީ ދަރިފުޅުގެ ފިރިމީހާއާ އޮންނަ ގުޅުން ބަދަހި ކުރާށާއި ދަރިފުޅުގެ ގެ އާބާދު ކުރުމުގެ ބޭނުމުގައި. މަންމަ މި ބުނި ގޮތަށް ހެދީމާ ޖާނީއަކަށް ނޭނގޭނެ. އަނެއްކޮޅުން ޖަމްޝީދު ހުންނާނީ އުފަލުން."

"މަންމަ ތިޔަ ބުނާ ގޮތަށް އޭނާ އުފަލުގައި ބެހެއްޓޭނީ ކިހައި ދުވަހެއް ވާންދެން؟"

"އޭނާ އެހެން ހުރިހައި ދުވަހަކު ބެހެއްޓިދާނެ. މީހަކާ އިނދެގެން އުޅޭ ވާހަކަ ދަރިފުޅު ނުބުނީމާ އޮންނާނީ ހަމަޖެހިފައި. ވީހައިވެސް އަވަހަކަށް ލަންޑަނަށް ދާން ބޭނުމޭ ސިޓީގައި ލިޔޭ. ޕާސްޕޯޓު ހައްދަން ދުވަސްކޮޅެއް ވާނެ. އެކަމަކު ދަރިފުޅުގެ ޝަރުތެއް އޮންނަން ވާނެ. އެއީ މާޒީގެ ވާހަކަ ނުދެއްކުން. ދަރިފުޅުގެ ދިރިއުޅުމާ ބެހޭ ސުވާލު އޭނާ ކޮށްގެން ނުވާނެ. އެތާނގައި ހޭދަކުރާ ދުވަސްކޮޅު މާ ގިނަ ވާހަކަ ދައްކާނެ ކަމެއް ނެތް. މާޒީގެ ވާހަކައާއި ގޭތެރޭގެ ހާލަތުގެ ވާހަކަ އެއްވެސް މީހަކު ގާތު ނުބުނާތި. ޒާތީ މައުލޫމާތު އެއްގޮތަކަށްވެސް ހާމަ ނުކުރާތި. ސިއްރެއްގެ ގޮތުގައި ތިބޭ އަންހެނުން ކުދިންގެ ފަހަތުން ފިރިހެންވެރިން ހޭބަލިވެގެން ދުވާނެ. އަބަދު އުޅޭނީ އެ ކުދިންގެ ދިރިއުޅުމުގެ ކޮންމެވެސް ކަމެއް ނޭނގިގެން އެ ފިކުރުގައި."

"އަހަރެންގެ ދިރިއުޅުމުގެ މުޅި މަގުސަދަކީ ޖާނީ އަަރެންގެ މައްޗަށް ޝައުގުވެރި ވާނޭ ގޮތް ހެދުން. ޖަމްޝީދުވެސް އަދި އެހެން މީހަކުވެސް އަހަރެންގެ މައްޗަށް ލެނބޭ ގޮތް ވުމަކީ އަހަރެން ފަޚުރުވެރިވާނޭ ކަމެއް ނޫން. އެއީ އަހަރެން ލަދުގަންނާން ޖެހޭ ކަމެއް."

"އަނެއްކާވެސް ތިޔަ ވިސްނަނީ ޖަޒުބާތީ ސިކުނޑިއަކުން. އެހެން މީހަކު ދަރިފުޅާ ދިމާއަށް ލެނބޭ ގޮތް ހަދާށެކޭ މަންމައެއް ނުބުނަން. މަންމަ މި އުޅެނީ ދަރިފުޅު ނުބައި މަގަކުން ގެންދާކަށް ނޫން. ބާދްޝާ ޖާނީ ދޫކޮށްލާފައި ޖަމްޝީދާ އިންނާށެކޭވެސް މަންމައެއް ނުބުނަން."

"އެކަމަކު މަންމަ ތިޔަ އުޅެނީ ޖާނީ އެއް ފަރާތް ކުރުމަށް ފަހު އަހަރެން ޖަމްޝީދާ ދިމާއަށް ގެންދާކަށްނު؟"

"އެއީ ކުޑަ ދުވަސްކޮޅަކަށް. ދެތިން ހަތަރު މަސްދުވަހަށް. ދަރިފުޅުގެ މޫނު ސާޖަރީ ހަދައި ނިމެންދެން. މޫނު ރީތި ވުމާއެކު އެނބުރި ރަށަށް އާދޭ. މަންމަ މި އުޅެނީ ދަރިުޅާއި ޖާނީއާ ދުރު ކުރުވާކަށް ނޫން. މަސސްލަހަތަކީވެސް އޮންނަ އެއްޗެއް. މަންމަ މި ކިޔާ އެއްޗަކާ މެދު ނިކަން ފުންކޮށް ވިސސްނައިލަބަލަ. ފުރަތަމަ ޖާނީއާ ވާހަކަ ދައްކާ. އެކަމަކު އޭނާ ގާތު ސިޓީގެ ވާހަކަ ނުބުނާތި. އޭނާ ގާތު ބުނާނީ ދަރިފުޅުގެ ދުރުތާތިމާގެ ބޮޑުބޭބެއަކި ދަރިފުޅުގެ މޫނުގެ ސާޖަރީ ހައްދައިދެނީއޭ. ލަންޑަނަށް ގޮސްފައި އައުމާއި ބޭހުގެ ޚަރަދުގެ ތެރެއިން ބާދްޝާއަށް ކުރެވެން އޮތް މިންވަރަކީ ކޮބައިތޯ އޭނާ ގާތު އަހާ. ދެން ހުރި ކަންތައްތައް މަންމަ ބުނާ ގޮތަށް ކުރިއަށް ގެންދޭ."

ރުޚްސާނާ އިސްދަށަށް ޖަހައިލުމަށް ފަހު ވިސްނާން ފަށައިފިއެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު އަހައިލިއެވެ. "މި ސިޓީ ހިފައިގެން މަންމަގެ ގާތަށް އައީ ފަރުޒާނާގެ މަންމަތަ؟"

"އާނ. އޭނާ ބުނީ ސިޓީ ލިބުނީ ޖަމްޝީދާ ދެބެއިންގެ ދެދަރި އަނަހެން ކުއްޖެއްގެ އަތަށޭ. އެ ކުއްޖާއަކީ ދަރިފުޅާއި ފަރުޒާނާއާ ދެކުދިންގެވެސް ރައްޓެއްސެއް. ފަރުޒާނާ މި ސިޓީ ގެނައީ އެ ކުއްޖާގެ ގެއިން."

"މަންމާ. އެހެންވެއްޖެއްޔާ އަހަރެން މީހަކާ އިނދެގެން އުޅޭ ވާހަކައާއި ދަރިއަކު އޮތް ވާހަކަ ފަރުޒާނާ އޮންނާނީ ތިޔަ ބުނާ ކުއްޖާ ގާތު ބުނެފައި."

މަންމަ އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "ތިޔަހެން ވެދާނެ. އަހަރެން ހަމަ މިހާރު އެ ގެއަށް ގޮސް ތިޔަކަން އޮޅުން ފިލުވާނަން. އެމީހުން އެ ވާހަކަ ނުދައްކައި އޮތިއްޔާ ދައްކައިގެން ނުވާނެއޭ ބުނާނަން. އަހަރެމެންގެ ވާހަކަ އެއްވެސް މީހަކު ގާތު ނުދައްކާށޭވެސް ބުނާނަން."

ކުޑަ އިރުކޮޅަކު އެތާނގައި އިށީނދެގެން އިނުމަށް ފަހު ރުޚްސާނާ ގޭތެރެއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަދެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

ބާދްޝާއަށް ހޭލެވުނީ ހަވީރުއެވެ. ހޭލެވުމާއެކު އޮތްގޮތަށް އުއްޑުން ފަންގިލައާ ދިމާއަށް ބަލަހައްޓައިގެން އޮތީއެވެ. ވިސްނަމުން ގެންދިޔައީ ފަރުޒާނާއާ މެދުގައެވެ. ނިދުނީވެސް އެ ޚިޔާލުގައި އޮއްވައެވެ. ހޭލެވުނީވެސް އެ ޚިޔާލުގެ ތެރެއަށެވެ. އޭނާގެ ދީވާނާކަން ދުވަހެއް ދުވަހަކަށް މި ދަނީ ބޮޑުވަމުންނެވެ. ހަގީގަތުގައި ފަރުޒާނާވެސް އެ ގެންދަނީ އޭނާއަށް ހިތްވަރު ދެމުންނެވެ. ކާރުގެ ފަހަތު ގޮނޑިއަށް ފިނިފެންމަލުގެ ފިޔަ އަޅައިފައި ބެހެއްޓީ އޭނާގެ މަތީން ހަނދާންކުރާކަން ދެއްކުމުގެ ބޭނުމުގައެވެ. ތިމަން ވީ ތަނަކުން ހޯދާށޭ ފަރުޒާނާ ބުނަނީއެވެ.

އެއްކޮޅުން އޭނާ އެނދުގައި ލޯ ހުޅުވައިގެން އޮވެ ހުވަފެން ދެކެނީއެވެ. އަނެއްކޮޅުން ރުޚްސާނާ ގޮނޑިއެއްގައި އިށީނދެގެން އިނދެ ވިސްނަމުން ގެންދަނީއެވެ. ބާދްޝާ ހޭލިކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އިން ކަމެއް ބާދްޝާއަކަށް ނޭނގެއެވެ. އިންސާނުންނަށް މެދުވެރި ވެފައި އޮންނަ އެންމެ ބޮޑު މައްސަލައަކީ ތެދުވެރިވުމުގެ މައްސަލައެވެ. އެއްވެސް މީހަކީ ސަތޭކައިން ސަތޭކައަށް ތެދުވެރި މީހެއް ނޫނެވެ.

އެ ދެ މީހުންގެ މޭގައިވެސް އޮތީ ލޯބިވާން ދަންނަ އަދި ލޯބިވާ ހިތެކެވެ. ރުޚްސާނާ ހިތާއި ފުރާނައިން ބާދްޝާ ޖާނީ ދެކެ ލޯބިވެއެވެ. އިމްތިހާނުގެ ވަގުތެއް އަތުވެއްޖެނަމަ ބާދްޝާއަށްޓަކައި ފުރާނައިން ގުރުބާން ވުމަކީވެސް އޭނާ ޖެހިލުން ވާނޭ ކަމެއް ނޫނެވެ. ބާދްޝާއަށް ބެލި ކަމުގައި ވިޔަސް ފެންނަނީ ހަމަ މި ޖަޒުބާތެވެ. އޭނާވެސް އެހެރީ ރުޚްސާނާއާއި ދަރިފުޅަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށެވެ. އެކަމަކުވެސް ރުޚްސާނާއަށް ސިއްރުން އޭނާ އެ ގެންދަނީ ފަރުޒާނާާއާ މެދު ވިސްނަމުން، ފިކުރު ކުރަމުންނެވެ. މިހާރު ރުޚްސާނާ އެ ގެންދަނީ ބާދްޝާއަށް ސިއްރުން ޖަމްޝީދާމެދު ވިސްނަމުންނެވެ. އެއީ ބާދްޝާގެ އިތުބާރަށް އެއްވެސް ކަހަލަ ބުރުލެއް އެރުވުމުގެ ގޮތުން އޭނާ ކުރާ ކަމެއް ނޫނެވެ. އޭނާގެ ހަމައެކަނި ބޭނުމަކީ މޫނު ރީތި ކުރުމެވެ. އެއީވެސް ބާދްޝާއަށްޓަކައި އޭނާ ކުރަން ބޭނުންވާ ކަމެކެވެ. ކުޑަކުޑަ މަކަރެއް ހެދުމާމެދު ވިސްނަމުން ގެންދަނީ ބާދްޝާގެ ކުރިމަތީގައި ރީތިވާން ބޭނުން ވާތީއެވެ. އަނެއްކޮޅުން ރުޚްސާނާއަށް ގެއްލުމެއް ވާކަހަލަ އެއްވެސް ކަމެއް ކުރުމަކީ ބާދްޝާ ބޭނުންވާ ކަމެއް ނޫނެވެ. ފަރުޒާނާއާމެދު ވިސްނަމުން ގެންދަނީ ލޯބީގެ އަވައިގައި ޖެހިގެންނެވެ. އެހެންވީމާ ދެމީހުންނަކީވެސް އިޚްލާސްތެރި ދެމީހުންނެވެ. ހަމަ އެޔާއެކު ކުޑަކޮށް ޚިޔާނާތްތެރިވެސް ދެ މީހުންނެވެ.

ކުއްލިއަކަށް ދަރިފުޅު ރޮއިގެންފިއެވެ. ހިލިހިލާގެ ދެކޮޅު އެއް ބޮޅާއި އަނެއް ބޮޅާ ކިތަންމެ ދުރުގައި އޮތް ނަމަވެސް އެހެން ބޮޅުތަކާއެކު ގުޅިގެން ޗޭނަކަށް ވެއެވެ. މެދުތެރޭގެ ބޮޅަކަށް ލޮޅުމެއް އަރައިފިއްޔާ މުޅި ޗޭނަށް އެ ލޮޅުމެއް އަރައެވެ. ދެ މީހުން އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. ދެމީހުން އެކީގައި ކަހަލަ ގޮތަކަށް ސިހިފައި ތެދުވެއްޖެއެވެ. "ހޭލީތަ؟"

ބާދްޝާ ހައިރާން ވެފައި އަހައިލިއެވެ. "ކޮޓަރީގައި އެބައިނިން ދޯ؟"

ރުޚްސާނާ ވަކި ޖަވާބެއް ނުދީ ދަރިފުޅު ނަގައިގެން އަންނައުނު ބަދަލު ކުރާން ފަށައިފިއެވެ.

"ކައިރީގައި ތިބި އިރުވެސް އެކަކު އަނެކަކަށް އެކަމުގެ އިހުސާސެއް ނުކުރެވުނު ދޯ؟ އަހަރެން އޮތީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައި. ރުޚްސާނާ ވިސްނާން އިނީ ކޮން ކަމަކާ؟"

"އޭނ..." ރުޚްސާނާ އަވަދިނެތި އުޅޭގޮތް ދައްކައިލިއެވެ. އަދި މޫނުމައްޗަށް އަރައިފައިބަމުންދާ ކުލަވަރު ފޮރުވާން މަސައްކަތް ކުރިއެވެ. "އަހަރެންވެސް ކުރާން އޮތީ ހަމަ ތިޔަ ސުވާލު. ޖާނީގެ ޚިޔާލުގައި އެނބުރެނީ ކާކު؟"

މި ފަހަރު ކަންބޮޑުވީ ބާދްޝާއެވެ. "އަހަރެން ވިސްނަމުން ދިޔައީ އިންޖިނޭރުބޭބެޔާ މެދު. ދައްތަ ވަރަށް ރުއި. އިއްޔެ ބޭބެ ގެއިން ނުކުތްއިރު ބޭބެ ދެން އެނބުރި ނާންނާނެއޭ ދައްތަގެ ހިތަކަށްވެސް ނާރާނެ. ބުނެވޭ ގޮތުގައި ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވަނީ ހަނގުރާމައިގެ މައިދާނުގައި. އަހަރެން ބުނާނީ އެންމެ ގިނަ މީހުން މަރުވަނީ މި ރަށުގެ މަގުމަތީގައޭ. ފިރިމީހާ ހެނދުނު ގެއިން ބޭރަށް ދިޔައީމާ ހަވީރު އެނބުރި އަންނާނޭ ކަމުގެ ޔަގީންކަން އޮތް އެއްވެސް އަންހެނަކު މި ރަށަކު ނޫޅޭނެ."

ރުޚްސާނާ އަވަސްއަވަހަށް ބާދްޝާގެ އަތުގައި ހިފައިލިއެވެ. "ޖާނީ. ތިޔަހެން ނުބުނޭ. އަހަރެން ބިރުގަނޭ. ﷲ އިރާދަކުރެއްވިއްޔާ ޖާނީއަކަށް އެއްވެސް ކަމެއް ނުވާނެ. ދެމީހުންކުރެ ކުރިން ލޯ މަރައިލާނީ އަހަރެން... އަވަހަށް މޫނު ދޮވެގެން އާދޭ. ހެނދުނުއްސުރެ އެއްވެސް އެއްޗެއް ނުކަމެއްނު؟ އަހަރެން ކާން ހަދާނަން."

"މިއީ ކާ ކަހަލަ ގަޑިއެއް ނޫން. ރޭ އަހަރެން ގަތް ބަދަން ކާރުގައި ހުންނާނެ. އެ ކައިގެން ސައި ތަށްޓެއް ބޮއިލީމާ ރަނގަޅު ވާނެ."

"އެހެން ވެއްޖެއްޔާ ދަރިފުޅު ގާތު މަޑުކޮށްލާ. އަހަރެން ސައި ހަދައިލާނަން."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.