(3 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާދްޝާ އުޅުނީ އޭނާ ދުރަށް ލާފައި ނުކުންނާށެވެ. އެކަމަކު އިހަށް ހުރީ ފާރާއި ދޮރުގެ ހުރަހެވެ. މިހާރު އެހެރީ މޮޔަވާ ދަރަޖައަށް ވާ ލޯތްބެއްގެ ހުރަހެކެވެ. އޭނާ އިންޗިއަކަށްވެސް އެއްފަރާތެއް ނުވިއެވެ. އެންމެ ފަހުން ބާދްޝާ ހަތިޔާރު ބަހައްޓައިފިއެވެ. "އެންމެ ރަނގަޅު. އަހަރެން އެނދުގައި އޮށޯންނާނަން. އަހަރެންގެ ގައިގައި ރަޖާ އަޅައިފައި ރުޚްސާނާ ބޭނުން އެއްޗެކޭ އިންޖިނޭރުބޭބެ ގާތު ބުނޭ."
ބާދްޝާ ގޮސް އެނދުގައި އޮށޯވެއްޖެއެވެ. ރުޚްސާނާގެ އޭނާގެ ގައިގައި ރަޖައެއް އަޅައިލިއެވެ. ރުޚްސާނާ އޭރުވެސް ހުރީ ބިރުންނެވެ. އިންޖިނޭރުބޭބެ ދޮރުގައި ޓަކި ޖަހަނީއެވެ. ކަންބޮޑުވެފައި ހުރިވަރުން ބާދްޝާ އޮށޯވެގެން އޮތީ ބޫޓަށް އަރައިގެން ކަމެއް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ. އޭނާ ދޮރު ހުޅުވައިފައި ނުކުންނާން އުޅުނީމާ އިންޖިނޭރުބޭބެ ހުރަސް އަޅައިފިއެވެ.
ރުޚްސާނާ ބުންޏެވެ. "ޖާނީގެ ހާލު ރަނގަޅެއް ނޫން. ހިނގާ ބޭރަށް. އަހަރެން ބޭބެޔާ ވާހަކަ ދައްކާނަން."
އިންޖިނޭރުބޭބެ ކޮޓަރިއަށް ވަދެފައި ބުންޏެވެ. "ހާލު ރަނގަޅު ނޫނީ ކީއްވެގެން؟ އަހަރެން ބޭރުގައި ހުރެގެން އޭނާގެ އަޑު އަހައިފިން. މަގުމައްޗާ ހަމައަށް އަޑު އިވޭ. މިހާރު ރަޖާލައިގެން އޮށޯވެ އޮތީ ކީއްވެގެން؟ ތިޔައީ ޑަކްޓަރަކީމެއްނު؟ ބަލިމީހުން ބައިތިއްބަނީ ބޫޓަށްވެސް އަރުވާފައިތަ؟"
ބާދްޝާ ކުއްލިއަކަށް ރަޖާ އެއްފަރާތް ކޮށްލުމަށް ފަހު ތެދުވެއްޖެއެވެ. "ސާބަހޭ ބޭބޭ. ހާދަހާ މޮޅު ސުވާލެކޭ ތިޔަ ކޮށްލީ. ރުޚްސާނާ... އަވަހަށް ޖަވާބުދީ. ބަލިވާށޭ ކިޔައިގެން ދެންމެ ޖެއްސި ވައްތަރު ބޭބެއަށް ފެނުނު ނަމަ... ރުޚްސާނާ... ބަލަ މިއީ ބޭބެއޭ. އަހަރެމެންގެ އިންޖިނޭރުބޭބެއޭ. ބޭބެ މޮޔަހެއްދުމަކީ އެއްވެސް މީހަކަށް ކުރެވޭނޭ ކަމެއް ނޫން. އާދޭ ބޭބޭ... އިށީނދޭ. ދައްކާން ތިޔަ އުޅެނީ ކޮން ވާހަކައެއް؟"
އިންޖިނޭރުބޭބެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ރުޚްސާނާގެ މަންމަވެސް ކުޑަ ދަރިފުޅު ގޮވައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އިންޖިނޭރުބޭބެ ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. ރުޚްސާނާގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. މޫނުމަތީން ފެންނަނީ އާދޭހުގެ ކުލަވަރެވެ. އިސްޖަހައިލައިގެން އިރުކޮޅަކު ވިސްނައިލާން އިނުމަށް ފަހު އިންޖިނޭރުބޭބެ ބުންޏެވެ. "ޖާނީ. އަހަރެން ދައްކަނީ ރަނގަޅު ވާހަކަ ކަމަށް ގަބޫލު ކުރަމެއްނު؟ ނުބައި މަޝްވަރާއެއް ނުދޭނެ ކަމަށް ގަބޫލު ކުރަމެއްނު؟ ޖާނީގެ ހެވަކަށް ނޫނީ އެއްވެސް ވާހަކައެއް ނުދާއްކާނެކަން ދެނަހުރީމެއްނު؟"
"ތިޔައީ ކުރަން ޖެހޭ ސުވާލެއްވެސް ނޫން. ބޭބެ ދައްކާ ކޮންމެ ވާހަކައެއް އަހަރެން ގަބޫލުކުރާނަން."
"އެހެން ވެއްޖެއްޔާ އަޑުއަހާ. ކާވެނި ކުރުމަށް ފަހު ދެމަފިރިން ކުޑަ ދުވަސްކޮޅަކު ވަކިން އުޅެންވާނެ. ކާވެންޏަށް މިހާރު ކިހައި ދުވަހެއް ވެއްޖެ. އަހަންނަށް އަޑު އިވޭ ގޮތުގައި ދެކުދިން ކުޑަ ހިނދުކޮޅަކަށްވެސް ވަކިންނެއް ނޫޅޭ. ދުވާލު ވަކިވެފައި ރޭގަނޑު ބައްދަލުވޭ. ރޭގަނޑު ވަކިވިއްޔާ ދުވާލު ބައްދަލުވޭ."
ޖާނީ އަހައިލިއެވެ. "އެއީ ނުބައި ކަމެއްތަ؟"
"ނުބައި ކަމެއް ނޫން. އަހަރެން ބުނަން މި އުޅޭ ވާހަކައަކީ ރުޚްސާނާ ދުވަސްކޮޅަކަށް އޭނާގެ ގެއަށް ފޮނުވައިލާށޭ. އޭނާގެ މަންމަޔާ އެކީގައި ފަނަރަވަރަކަށް ދުވަހު އުޅެން ފޮނުވައިލާށޭ."
ބާދްޝާ ބުންޏެވެ. "އެގެއަށް ފޮނުވަނީ ކީއްކުރަން؟ އޭނާގެ މަންމަ މިހާރުވެސް އުޅެނީ މި ގޭގައި. މިއީ ތިމަންގެ ގެއޭ ކިޔައިގެން... އެހެން ނޫނަސް މިއީ ރުޚްސާނާގެ ގެއެއްނު؟"
ރުޚްސާނާގެ މަންމަ ބުންޏެވެ. "އޭތް... ޚަބަރުދާރު. އަހަންނޭ ކިޔައިގެން އެއްވެސް ވިޔާނުދާ ވާހަކައެއް ނުދައްކާތި."
ރުޚްސާނާ ބުންޏެވެ. "މަންމާ. ﷲ އަށްޓަކައި ހިމޭނުން ހުރެބަލަ. އިންޖިނޭރުބޭބެއަށް ވާހަކަ ދެއްކިޔަދީ."
ބާދްޝާ ނުރުހުން ވެއްޖެއެވެ. "ކޮން ވާހަކައެއް ދައްކާކަށް؟ އެންމެންވެސް ތިޔަ ހީކުރަނީ އަހަރެން މިއީ މޮޔައެއް ކަމަށް. އަހަރެން މިއީ ކުލީކާރު ދުއްވާ މީހެއް. ކާރު ދުއްވާއިރު ހަތަރު ފަރާތަށް ފަރުވާތެރިކަމާއެކު ބަލަން. ހުރިހައި ކަމަކަށް ފިކުރު ހިންގަން. މިހާރުވެސް އަހަރެން ކަނާތަށާއި ވާތަށް އެބަ ނަޒަރު ހިންގަަން. އިންޖިނޭރުބޭބެ ދައްކަން އުޅުނީ މުޅީން އެހެން ވާހަކައެއް. ރުޚްސާނާގެ ލޮލުން ކަރުނަ ފައިބާތަން ފެނުނީމާ ވާހަކަ ބަދަލުކޮށްލީ. އަހަރެމެން ދެމީހުން ފަނަރަ ދުވަސް ވާންދެން ވަކިން އުޅެން ޖެހޭ ސަބަބެއް ނުހޯދައެއް އަހަރެން ނޭވާވެސް ނުލާނަން. ރުޚްސާނާ މަންމަގެ ގެއަށް ދާންވީ ކީއްވެެގެން؟ އަހަންނާ ދުރުގައި ރުޚްސާނާ ހުންނަން ޖެހޭ ކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން. މަންމަގެއަށް ދާން ހުއްދައެއްވެސް ނުދޭނަން."
އިންޖިނޭރުބޭބެ ބުންޏެވެ. "ޖާނީ. ބޭބެގެ އަމުރަކަށްވެސް ކިޔަމަނެއް ނުވާނަަންތަ؟"
"ބޭބެގެ އަމުރުގެ ފަހަތުގައި އޮތް ސަބަބު އަހަންނަށް ނުފޮރުވާ. ފޮރުވައިފިއްޔާ ކިޔަމަނެއް ނުވާނަން."
އިންޖިނޭރުބޭބެ ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. ރުޚްސާނާ އިސް ދަށަށް ޖަހައިލިއެވެ. ބާދްޝާ ރުޅި އައިސްފައި ބުންޏެވެ. "ރުޚްސާނާގެ ހިމޭންކަން އަހަންނަށް ވަނީ ޒަހަރަކަށް. ހަމަ މިހާރު ކަރުގައި ހިފައި މަރައިލާނަމޭ ހިތަށް އަރާ. އަހަރެން ރުޅި އަރުވަނީ ކީއްވެގެން؟"
ރުޚްސާނާގެ މަންމަ ބުންޏެވެ. "ބޭބޭ. ބޭބެ އައުމުގެ ކުރިން މި ސޮރު އަހަރެންގެ ދަރިފުޅަށް ނުކުރާކަ އަނިޔާއެއް ނެތް. މިއީ އިންސާނެއް ނޫން. މިނިކާ ޖަނަވާރެއް. ﷲއަށްޓަކައި މީނާއަށް ވިސްނައިދީ. އަންހެނެއްގެ ގައިގައި ޖެހުމަކީ ފިރިހެނެއްގެ ފިރިހެންވަންތަކަން ފެންނަ ކަމެއް ނޫން."
ބާދްޝާ ވާހަކަ ދައްކާން އުޅުނީމާ އިންޖިނޭރުބޭބޭ އަތް އުފުލައިލިއެވެ. "ވާހަކަ ނުދައްކާ ހިމޭނުން އިނދޭ. އަހަރެން ދައްކާ ވާހަކަ އަޑު އަހާ. ކޮއްކޯ. ދޮގެއް ހަދައިފިއްޔާ އެ ދޮގު ފޮރުވާން އެތައް ހާސް ދޮގެއް ހަދަން ޖެހޭނެ. އަބުރުވެރިން ބަރުދާސް ނުކުރާ ވަރަށް ގިނަ ކަންތައްތައް ހުރޭ. ރުޚްސާނާގެ ގައިގައި ޖަހަން ޖެހުނު ސަބަބަކީ އެކަހަލަ ސަބަބެއް ކަމުގައިވެސް ވެދާނެ. މިހާރު ދެން އެއްވެސް ކަމެއް ސިއްރު ކުރާކަށް ބޭބެ ބޭނުމެއް ނޫން. ޖާނީ. ރަނގަޅަށް އަޑު އަހާ."
ރުޚްސާނާ ކުއްލިއަކަށް ބާރަށް ރޯން ފަށައިފިއެވެ. ބާދްޝާ އޭނާއާ ދިމާއަށް ބަލައިލީމާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އަދި އިންޖިނޭރުބޭބެޔާ މުޚާތަބުކޮށް ބުނެލިއެވެ. "އަހަރެން ރުއިމަކަށް ބަލާނެ ކަމެއް ނެތް. ބޭބެ ދައްކާ ވާހަކައެއް ދައްކާ. އަހަރެންވެސް އަޑު އަހާނަން."
އިންޖިނޭރުބޭބެ ރުޚްސާނާއާ ދިމާއަށް ހަމްދަރުދީގެ ނަޒަރަކުން ބަލައިލިއެވެ. އިސްޖަހަލައިގެން ކުޑައިރުކޮޅަކު ވިސްނާން އިނުމަށްފަހު ބުންޏެވެ. "ބޭބެއާއި ރުޚްސާނާގެ މަންމަޔާ ދެމީހުން ދީނީ މީހަކާ މަޝްވަރާ ކޮށްލާން ދިޔައިން. ޖާނީއާއި ރުޚްސާނާގެ ކާވެނި ކުރެވުނު ގޮތުން ބޭބެގެ ހިތުގައި ޝައްކު އުފެދުނީ. އެހެންވީމާ ބޭބެ ބޭނުންވީ އެ ޝައްކު ފިލުވާން."
ބާދްޝާ އަހައިލިއެވެ. "ކޮން ޝައްކެއް؟ ތަންކޮޅެއް ސާފުކޮށް ކިޔައިދީ."
"ކާވެނީގެ ކުރިން ޖާނީއަށް ދެއްކީ ފަރުޒާނާ. އެކަމަކު ކާވެނި ކުރެވުނީ ރުޚްސާނާއާ. އެކަހަލަ މަކަރެއްގެ ތެރެއިން ކުރެވޭ ކާވެޏްޏަކީ ސައްހަ ކާވެންޏަކަށް ވާނެތޯ ސުވާލު އުފެދުނީ. ބޭބެ ބޭނުންވީ އެކަން އޮޅުންފިލުވަން."
"ދެން؟" ޖާނީ ސުވާލުގެ ނަޒަރަކުން އިންޖިނޭރުބޭބެޔާ ދިމާއަށް ބަލައިލިއެވެ.
އިންޖިނޭރުބޭބެ ބުންޏެވެ. "އަހަރެމެން ވާހަކަ ދެއްކީ ދަންނަބޭކަލަކާއެއް ނޫން. އެކަމަކު ދީން ދަންނަ މީހަކާާ. އޭނާ ބުނީ ތިމަންނާއަށް ޖެހޭނީ ދެތިން ދަންނަބޭކަލުންނާ ވާހަކަ ދައްކައި މަޝްވަރާ ކޮށްލާށޭ. އޭނާއަށް ވަކި ޖަވާބެއް ހޯދޭންދެން ތިޔަ ދެކުދިން ތިބެންވާނީ ވަކިން، ދުރުގައޭ ބުނީ."
ކުޑައިރުކޮޅަކަށް ކޮޓަރި ތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. އިންޖިނޭރުބޭބެއާއި ރުޚްސާނާގެ މަންމައާއި ރުޚްސާނާގެ ނަޒަރު ހުއްޓިފައި ހުރީ ބާދްޝާ ޖާނީއަށެވެ. ރުޚްސާނާ ބޭނުން ވަނީ ބާދްޝާގެ ފައިސަލާއަކީ ކޮބައިކަން ވީހައިވެސް އަވަހަކަށް ބަލާށެވެ. ދެމަފިރިން ވަކިވުމަކީ ބާދްޝާ ގަބޫލު ކުރާނޭ ކަމެއް ބާވައެވެ؟
ބާދްޝާ ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. "ހޫނ... މި ދެ ދުވަހު ސިއްރުސިއްރުން ރުއީ ސަބަބަކީ މިއީތާ؟ ތިޔަ ކަހަލަ މަކަރުވެރި، ދޮގުވެރި އަންހެނަކަށް ވާންވީގޮތް މިވީ. ފިރިމީހާއަށް ކަންކަން ސިއްރުކުރާ އަންހެނުން ތިބެން ވާނީވެސް ފިރިމީހާއާ ވަކިން އެހެން ތަނެއްގައި."
"ނޫން. ނޫން." ރުޚްސާނާ އައިސް ބާދްޝާގެ ފައި ބުޑުގައި އިށީނދެއްޖެއެވެ. "އަހަރެން ނުދާނަން. އަހަރެން ބާދްޝާއާ ވަކިންނެއް ނޫޅޭނަން. ބާދްޝާ ދޫކޮށްލާފައި ނުދާނަން."
"އެންމެ ރަނހަޅު. މިގޭގައި ހުރޭ. އަހަރެން އޮންނާނީ މި ގެޔާއި ގޯތި ރުޚްސާނާއަށް ދީ ނިންމާފައި. އެހެންވީމާ އަހަރެން މި ގެއިން ނުކުމެގެން ހިނގައިދާނަން."
ރުޚްސާނާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "މި ގެ ހުންނަނީ ޖާނީގެ ބާރުގައި. ޖާނީ ނެތިއްޔާ ގެއަކުން އަހަރެން ކުރާނީ ކޮން ކަމެއް؟ އެއްގޮތަކަށްވެސް ޖާނީ މިގެއިން ދިޔަކަ ނުދޭނަން. ކޮންމެ ތަނަކަށް ދިޔަޔަސް ފަހަތުން ދާނަން. ޖާނީގެ ހިޔަންޏަކަށް ވެގެން ފަހަތުން ހިނގާނަން. އަހަރެން ދޫކޮށްލާފައި ނުދާނަން ކަމަށް ވައުދުވެސް ވީމެއްނު؟"
(ނުނިމޭ)
ރުޚްސާނާގެ ފަޅިމޫނު އެހެން މީހުންނަށް ސާފުކޮށް ފެންނަން ހުރެއެވެ. އެހެން ނަމަވެސް ހިތާމައަކީ ފުރިހަމަ ރީތި މޫނުތަކުގައި ފޮރުވިފައިވާ ފަޅިމޫނު ފަސޭހައިން ފާހަގަނުވާކަމެވެ. އަނެކާއަށް އަސްލު މޫނު ދައްކަނީ ކުރިން ދެއްކި މޫނާ ނުލާ ނޫޅެވޭ ވަރު، ވާ ފަހުންނެވެ. އޭގެ ސަބަބުން އަނެކާގެ ހިތް ހަލާކުވެ، ނަފުސު ބަލިކަށި ކޮށްލެވޭކަން ނޭނގޭތީ ހާދަހާވާ ދެރައެވެ.