ފަޅިމޫނު - 44

(6 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ދަރިފުޅު ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އޭނާއަކަށް ނުވިސްނޭނެ. އޭނާ އަބަދުވެސް ހުންނާނީ ހަމަ އެ ހަސަދަވެރިކަމުގައި އަނދައަނދާ."

"އޭނާގެ އެނދުމަކުން ވާނެ ދެރައެއް ނޯންނާނެ. ފަރުޒާނާގެ ނަން މީގެ ފަހުން ދުވަހަކުވެސް ނުކިޔާނޭ ކަމަށް ޖާނީ ވައުދުވެއްޖެ. މަންމަ ބަލަންހުރޭ. މަޑުމަޑުން ގޮސް އޭނާގެ ސިކުނޑިން ފަރުޒާނާގެ ނަން ނެރެ އެއްލައިލާނަން."

"ތިޔަހައި ބޮޑު ޔަގީންކަމެއް އޮތިއްޔާ އެ ޑައިނާ ބައްދަލުކުރަން ދަނީ ކީއްކުރަން؟"

"އަހަރެންގެ ފަރާތުންވެސް ކޮންމެވެސް މަސައްކަތެއް ކޮށްލަން ވާނެއެއްނު؟ ދުޝްމިނަކަށް ވިސްނައި ދިނުމުގައިވެސް މާ ބޮޑު ގެއްލުމެއް ނޯންނާނެ."

"ދާން ތިޔަ ގަސްތުކުރަނީ ކޮން ދުވަހަކު؟ ހަދުވަހުގެ ފެން އަޅައިގެން ނޫނީ ގެއިން ނުކުމެގެން ނުވާނެ."

"ހަދުވަސް މާ ގިނަ. އެ ދުވަހުގެ ތެރޭގައި އޭނާ އެހެން އެހެން މަޅިއެއް ޖަހައިފިއްޔާ ހަދާނީ ކިހިނެއް؟ މަންމާ. އަހަރެން މިއީ އެހައި ބަލިކަށި މީހަކީމެއް ނޫން. އަހަރެން މިހާރު މި ގެންދަނީ ބާދްޝާގެ ކަންތައްވެސް ހަމަޔަކަށް އަޅުވަމުން. މިހާރު އޭނާ އެހެރީ އަހަރެންގެ ބާރުގެ ދަށުގައި. އަހަރެން ދައްކާ ވާހަކަ އޭނާ ގަބޫލު ކުރާނެ. އެއީ ރަނގަޅު މީހެއް. މަންމައަކަށް އޭނައެއް ރަނގަޅަކަށް ނޭނގޭނެ. ހުރިހައި ކަމެއް އަހަންނަށް ދޫކޮށްލާ. އަހަރެންގެ ގާތަށް ނިދި އަތުވެއްޖެ. މަންމަ އެކޮއި ބަލާތި."

ރުޚްސާނާ އެނދުގައި އޮށޯވެއްޖެއެވެ.

ކާރުގެ ފަހަތު ގޮނޑީގައި ބާދްޝާ އޮށޯވެގެން އޮތެވެ. އެކަމަކު ނުއެއް ނިދެއެވެ. ސިކުނޑީގައި އެނބުރެނީ ފަރުޒާނާއެވެ. އޭނާ ކޮބައިބާވައެވެ؟ އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ ކަރާޗީ އަކީ ނުލާހިކު ބޮޑު ރަށެކެވެ. އަދި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ފުފެމުން، ބޮޑުވަމުންނެވެ. އޭނާ ހޯދަން އެއް ކޮޅުން ފަށައިފިއްޔާ އަނެއް ކޮޅުން ރަށް ބޮޑުވަމުންދާ ނިސްބަތަށް ބަލާއިރު ދުވަހަކުވެސް ކޮޅަކުން ނުލާނެއެވެ.

އޭނާ ވިސްނަމުން ގެންދިޔައެވެ. މީހުން ބުނާ ގޮތުގައި ހޯދާ މީހަކަށް ކަލާނގެވެސް ހޯދައިގަނެވެއެވެ. އެކަމަކު އެއީ ބުއްދިވެރިންނަށް ކުރެވޭ ކަމެކެވެ. އޭނާއަކީ ބުއްދިއެއް އޮތް މީހެއް ނޫނެވެ. އެހެންވީމާ ހޯދާނީ ކިހިނެއް ހެއްޔެވެ؟

އޭނާ ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ. އާނ... އިންޖިނޭރުބޭބެ... އިންޖިނޭރުބޭބެއަކީ ބުއްދިވެރިއެކެވެ. ފަރުޒާނާއާ ހަމައަށް ދާނޭ މަގެއް އިންޖިނޭރުބޭބެ ދައްކައި ދީފާނެއެވެ. އަވަހަށް އޭނާޔާ ބައްދަލު ކުރަން ދާންވީއެވެ.

އޭނާ ފައިބައިގެން އައިސް ކާރުގެ ކުރިއަށް އަރައިފިއެވެ. އިސްޓާޓު ކުރަން އުޅެއުޅެ ކުރެވޭ ގޮތެއް ނުވިއެވެ. އިންޖީނު ހުރީ މާ ބޮޑަށް ފިނިވެފައެވެ. އިންޖީނު ރަކަރަކަ އަޅާ އަޑު ގޭތެރެއަށްވެސް އިވެއެވެ. ރުޚްސާނާ އޮތީ ފުން ނިދީގެ ތެރެއަށް ގެއްލިފައެވެ. މައިދައިތައަށް އަޑު އިވިގެން ކުޑަދޮރުން ބޭރު ބަލާން ފަށައިފިއެވެ. ބާދްޝާއަށް މައިދައިތަ ފެނުނީމާ އޭނާއަށް އިވޭވަރަށް ބާރަށް ބުންޏެވެ. "އަހަރެންގެ ކާރާ ދިމާއަށް ބަލަނީ ކީއްކުރަން؟ މީތިގަނޑުވެސް އެ އޮތީ ބިރުން އިސްޓާޓުވާން ނުކެރިފައި. އެއް ފަހަރާ އަހަންނާ ދިމާއަށާއި ކާރާ ދިމާއަށް ކަޅި އަޅާނެ ކަމެއް ނެތް. ކާރަށް ނޫނީ އަހަންނަށް ސުންޕާ ނަޒަރު ހިންގާ."

ރުޅި އައިސްގެން އެއްޗެއް ބުނަން އުޅެފައިމެ ރުޚްސާނާގެ ވާހަކަ ހަނދާންވެއްޖެއެވެ. ބާދްޝާއާ މަޑުމައިތިރިކޮށް ވާހަކަ ދައްކާށޭ ރުޚްސާނާ އޮތީ ބުނެފައެވެ. އެހެންވީމާ ހުރިހައި ދަތެއް ފެންނަވަރަށް ހިނިތުންވާން ފަށައިފިއެވެ.

ބާދްޝާ ހައިރާންވެފައި އަހައިލިއެވެ. "އޭތް. ދަތް އުނގުޅައިފިންތަ؟"

"އަދި ނޫނގުޅަން."

"އަނގަ ދޮވެފިންތަ؟"

"މި އުޅެނީ ދޮންނަން. ތިޔައީ ކީއްވެގެން ކުރާހައި ސުވާލެއް؟"

"ދަތެއް ނުއެއް އުނގުޅާ. އަނގައެއް ނުދޮވޭ. ވަސްދުވާ އަނގަ ހުޅުވައިގެން ހޭނކަށް ލަދެއް ނުގަނޭތަ؟ އަހަންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ. މައިދައިތަ ހިނިތުންވާން ފަށައިފިއްޔާ އޭގެ މާނައަކީ އެ އުޅެނީ ދަނބިދަރި ރޮލާ ހަފައިލާން ދަތްތައް ތޫނު ކުރާށޭ."

މިހެން ބުނުމާއެކު ކާރު އިސްޓާޓު ވެއްޖެއެވެ. އޭނާ ކާރު ދުއްވާފައި ގޮސް މައިމަގަށް ނުކުމެއްޖެއެވެ.

އަނެއްކޮޅުން ރުޚްސާނާގެ މަންމަ ކުޑަދޮރު ކައިރީގައި ހުރެގެން ކުދިކިޔަނީއެވެ. ގޮށްމުށްކަވަކަވާފައި ދަތްކުނޑިވިކަނީއެވެ. ބާދްޝާ ޖާނީ ރޮލާ ކައިލަފާނަމޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އިރުކޮޅަކު އެހެން ހުރެފައި ކުޑަދޮރު ލައްޕައިލުމަށް ފަހު ނިދާފައި އޮތް ރުޚްސާނާއާ ދިމާއަށް ރުޅިވެރިކަމާއެކު ބަލަން ފަށައިފިއެވެ.

އޭނާ ބޭނުންވީ ދަރިފުޅާ ދިމާއަށް ކޮންމެވެސް އެއްޗެކޭ ބުނާށެވެ. އެކަމަކު ދަރިފުޅު އެ އޮތީ ނިދާފައެވެ. އޭނާގެ މޫނުމަތީން ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. މޫނުގެ ރީތިފަޅިއަކީ އެންމެންވެސް ގަބޫލުކުރަން ތައްޔާރަށް ތިބި ފަޅިއެކެވެ. އަނދައިފައިވާ ފަޅި ގަބޫލު ކުރަނީ ހަމައެކަނި ބާދްޝާ ޖާނީއެވެ. އޭނާ އުފަލުން ނިދާފައި އެ އޮތީ އެހެން ވެގެންނެވެ. އެ އޮތީ ހިތްހަމަ ޖައްސާލައިގެންނެވެ. އޭނާގެ ޒަވާޖީ ހަޔާތަށް އެތައް މައްސަލައެއް ކުރިމަތިވިއެވެ. އެކަމަކު ހިތްވަރާއި އަޒުމާެކު މަސައްކަތް ކޮށްގެން ބާދްޝާ ޖާނީ ހަމަޔަކަށް އެޅުވުނީތީ އުފަލުންނެވެ. ދަރިފުޅުގެ ހިތްވަރުން ލިބެނީ އެންމެ ޔަގީންކަމެކެވެ. އެއީ ބާދްޝާ އަތުން ދޫވެގެން ނުދާނޭކަމުގެ ޔަގީންކަމެވެ.

ބާދްޝާ ޖާނީ ގަރާޖު ދޮށަށް ކާރު މަޑުކޮށްފިއެވެ. ގަރާޖުގައި މަސައްކަތްކުރާ މީހުން އަދިކިރިޔާ މަސައްކަތަށް ފަށައިގަތީއެވެ. ހުޅުވީ ދެންމެއަކުއެވެ. އިންޖިނޭރުބޭބެ އަދި ނާދެއެވެ. އެހެންވީމާ ބާދްޝާއަށް ޖެހުނީ އިންތިޒާރު ކުރާށެވެ. އޭނާ އެތަނުން ދިގުގޮނޑިއެއްގައި އޮށޯވެއްޖެއެވެ. އޮށޯތުމާއެކު ނިދިއްޖެއެވެ. ރޭ ހަތަރުދަމު ނުނިދައި ހުރުމާއެކު ޖިސްމާނީ ވަރުބަލިކަމާއި ސިކުނޑީގެ ވަރުބަލިކަން އެކުވީމާ އޭނާގެ ގާތަށް އައީ މާ ވަރުގަދަ ނިންޖެކެވެ.

ބާދްޝާއަށް ހޭލެވުނީ އިންޖިނޭރުބޭބެ ގޮވީމައެވެ. "ތެދުވޭ ޖާނީ. މިހާރު މެންދުރުން އަނބުރައި ދޭއް ޖަހައިފި. ނުވެސް ކައި ނިދާނީތަ؟"

އޭނާ އަވަސްއަވަހަށް ތެދުވެ އިށީނދެއްޖެއެވެ. "ބޭބޭ. އަހަރެން އިންތިޒާރު ކުރާތާ އެތައް އިރެއް ވެއްޖެ. މިއަދު މި އައީ ވަރަށް ބޮޑު ކަމަކު."

"އަހަރެން އައިސް އުޅޭތާ ކިތަންމެ އިރެއް ވެއްޖެ. ނިދާފައި އޮތީމާ ހޭނުލެއްވީ. ހިތަށް އެރީ ރޭ ހަތަރުދަމު ހޭލައި ހުރީއޭ. ތިޔަބުނާ ބޮޑު ކަމަކީ ކޮބައިކަން އަހަންނަށް އެނގޭ. ކަލޭގެ ސިކުނޑީގައި އަދިވެސް އޮތީ ހަމަ އެ ޚިޔާލު. ތިޔަ އުޅެނީ އެއީ ކާކުކަން ނޭނގިގެން. އޭނާވީ ތަނެއް ނޭނގިގެން."

އޭނާ އިންޖިނޭރުބޭބެގެ އަތުގައި ހިފައިލިއެވެ. "ބޭބޭ. ހާދަހާ މޮޅޭ. ތިޔައީ ހަމަ ތެދެއް. އަހަރެންގެ ހިތުގެ ހާލަތު ބޭބެއަކަށް ދުވަހަކުވެސް ސިއްރެއް ނުކުރެވޭ. އޭނާ ފެންނާނީ ކޮން ތަނަކުންތަ؟"

"ބަލަ އަހަރެން މިއީ އޭނާގެ އާއިލާގެ މީހަކީތަ؟ އޭނާ ވީ ތަނެއް އަހަންނަށް އެނގޭނީ ކިހިނެއް؟ ފާޚާނާއަށް ވަދެފައި އާދޭ. ގެއިން ކާއެއްޗެހި ގެނުވައިފައި އެބަހުރި."

އިންޖިނޭރުބޭބެ ކަންބޮޑުވެފައި އޭނާޔާ ދިމާއަށް ބަލައިލުމަށް ފަހު ގޮނޑީގައި އިށީނދެއްޖެއެވެ. "ޖާނީ. ކަލޭގެ އަނބިމީހާއަކީ ވަރަށް ރަނގަޅު ކުއްޖެއް. އަހަރެން ދެކެނީ އެއީ އަހަރެންގެ ދަރިއެއް ކަމުގައި. އޭނާ ވަފާތެރިކަމުގައި ދެމިހުއްޓައި އެހެން އަންހެނެއްގެ ވާހަކަ ދެއްކީމާ އަހަންނަށް އިހުސާސް ކުރެވެނީ އަހަރެންގެ އުފަން ދަރިއަކަށް އަނިޔާ ކުރަނީ ކަމުގައި."

ބާދްޝާ، އިންޖިނޭރުބޭބެގެ ތުނބުޅީގައި ފިރުމައިލިއެވެ. "އެއީ ދަރިއެއް ކަމުގައި ނުހަދާ. ދަރިއެއް ކަމަށް ގަބޫލު ކުރަންޏާ ބޭބެ ނިކަން ބުނެބަލަ. އެމީހުން އަހަންނަށް އެހައި ބޮޑު މަކަރެއް ހެދީ ކީއްވެގެން؟ މަކަރު ހެދީމާ އެމީހުންނަށް އެކަމުގެ އަދަބު ލިބޭކަށް ނުޖެހޭތަ؟ އެމީހުން ދޮގުހަދައި މަކަރު ހެދީމާވެސް ބޭބެ އެމީހުން ދަރިންނަށް ހަދައިގެން އުޅުމަކީ ކޮން ކަހަލަ ހަމަނުޖެހޭ ކަމެއް؟ އޭނާ ދަރިއަކަށް ހަދައިގެން އޭނާގެ ހުރިހައި ކުށެއް ފޮރުވަން ބޭބެ މަސައްކަތް ކުރީމާ އެ ކުރެވެނީ ކޮން ކަހަލަ ކަމެއް؟ އެއީ ކޮން ކަހަލަ އިންސާފެއް؟"

"އަހަންނަށް ކުރެވޭނީ ކޮން އިންސާފެއް؟ އެމީހުން މަކަރު ހެދިކަން އަހަރެން ދެނަހުރިން. އެކަމަކު އަހަރެން ދެކޭ ގޮތުގައި ކަލެއަށް ލިބިފައި ވަނީ ރަނގަޅު އާއިލާއެއް. ރަނގަޅު ގެއެއް. ރަނގަޅު އަނތްބެއް. އެއީ ވަރަށް ވިސްނުން ތޫނު ކުއްޖެއް. އޭނާއަށް ގަދަރު ކުރުމަކީ ކަލެއަށް އުނދަގޫ ކަމެއްތަ؟ އޭނާގެ ދޮގާއި މަކަރުގެ މަތީން ހަނދާން ނައްތައިލުމަކީ ދަތިކަމެއްތަ؟"

"ބޭބޭ. އޭނާވެސް ދައްކަނީ ތިޔަ ވާހަކަ. ބުނަނީ ތިމަން ހެދި ދޮގާއި މަކަރުގެ މަތީން ހަނދާން ނައްތައިލާށޭ. އެންމެ ރަނގަޅު. ހަނދާން ނައްތައިލާނަން. އޭނާއާ ދިމާއަށް އެކަމާ ގުޅިގެން އެއްވެސް އެއްޗެކޭ ނުކިޔަން އަހަރެން އޭނާ ގާތު ވައުދުވެސް ވެއްޖައިން. އޭނާގެ ކުރިމަތީގައި ފަރުޒާނާގެ ނަންވެސް ނުކިޔާނަމޭ ބުނެފިން."

"ވައުދުވެފައި އެ ވައުދާ ޚިލާފު ވަނީ ކީއްވެގެން؟ އަހަރެންގެ ސުވާލަށް ޖަވާބެއް ދީބަލަ. ކަލެއަށް ރުޚްސާނާ ކަމުނުދަނީތަ؟ ދަރިފުޅު ދެކެ ލޯބި ނުވަނީތަ؟"

"ދަރިފުޅު ދެކެ ލޯބިވޭ. ރުޚްސާނާވެސް ރަނގަޅު. އޭނާއަށް އިހުތިރާމްވެސް ކުރަން. ލޯބިވެސްވޭ. އޭނާ ދޫކޮށެއްވެސް ނުލާނަން. ފަރުޒާނާގެ ވާހަކައަކީ މުޅިން އެހެން ވާހަކައެއް."

"އެހެން ވާހަކައަކަށް ވާންވީ ކީއްވެގެން؟"

"ބުނާނީވެސް ކީކޭ؟ ރަނގަޅަށް ބުނާނޭ ގޮތެއް އަހަންނަކަށް ނުވިސްނޭ. ރުޚްސާނާއާއި އަހަރެންގެ ދަރިފުޅަކީ އެހެން ދުނިޔެއެއް. ފަރުޒާނާއަކީ އެހެން ދުނިޔެއެއް. ނުވިސްނޭތަ؟ އަހަރެން ވިސްނައިދޭނަން. ބޭބެ އަޑުއަހާ. އަހަރެން ފާއިތުވެދިޔަ އެއް އަހަރާއި ދެމަސް ދުވަހު ރުޚްސާނާއާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހަންނަށް އިވެނީ ފަރުޒާނާގެ އަޑު. ފަރުޒާނާ އެއީ އަހަރެންގެ އަނބިމީހާ. އެކަމަކާ ދެކޮޅެއް ނުހަދަން. އަހަންނާ ޖެހިގެން އަނެއް ގޮނޑީގައި އިންނާނީ އޭނާ. އަހަރެން މިއީ ކުލީކާރު ދުއްވާ މީހެއް. ފަހަތު ގޮނޑިން ދައްކާ ވާހަކައިގެ އަޑުވެސް އަހަންނަށް އިވޭ. އެއީ ފަރުޒާނާގެ އަޑު. ކީއްކުރާނީ؟ އެއީ އަހަރެންގެ އާދަ. އެ އާދައެއް ނުފިލާނެ. އަހަރެންގެ ފުރަގަހުގައި ހިނގާ ކަންތައްތައްވެސް ސިކުނޑީގައި ހަރުލައިފައި ހުރޭ. ކުރިއަށް ބަލަން ހުރެގެން ކާރު ދުއްވިޔަސް ފަހަތު ގޮނޑީގައި ހިނގާ ކަންތައްތަކެއް ހަނދާނެއް ނުނެތޭ. އެއީ މުޅީން އެހެން ކަމެކޭ މި ބުނަނީ އެހެން ވެގެން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.