(21 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަނދިރީގެ ތެރެއިން ރުޚްސާނާގެ އަޑު އިވުނެވެ. "އަހަރެން ފެންބޮވައިގަތީމާ ބާދްޝާ ތަނަކަށް މަޑުކޮށްފައި އަހަންނަށް ޖޫސް ދިން. އެތާގައި ހުރި ފުލުހަކަށް ދެ ރުފިޔާގެ ރިޝްވަތު ދިން. އެތަނުން އަހަރެމެން ދިޔައީ ކްލިފްޓަންއަށް. ދެން ރެސްޓޯރަންޓަކަށް ގޮސް ކެއީ."
މަސްތުގެ ސަބަބުން ވާގި ދޫވެފައިވާ ކަހަލަ ރާގަކަށް ބާދްޝާ ބުންޏެވެ. "ދެން ހެޔޮ. ފާސް ވެއްޖެ. ފާސް ވެއްޖެ. އަހަރެން މިއީ މޮޔައެއް. ވަނދު ގޮބޮޅިއެއް. ރުޚްސާނާ ފާހަގަ ކުރަން ނޭނގުނީ އަހަރެންގެ މޮޔަކަމުން. ކޮބާ... ރުޚްސާނާ ކޮބާ؟ ކޮބާ..."
އޭނާ އެއް ފަރާތަކަށް ޖެހިލިއެވެ. ކޮންމެވެސް އެއްޗެއްގައި އަޅައިގެންފިއެވެ. "އަހާނ... މި ދިމާއަކު ނެތް..."
އޭނާ އަނެއް ފަރާތަށް ޖެހިލިއެވެ. އަނެއްކާވެސް އެއްޗެއްގައި އަޅައިގެންފިއެވެ. އޭނާ އަނދިރީގެ ތެރޭގައި އެކި ދިމަދިމާއަށް ހަރަކާތެތެރިވަމުން ގޮސް އެންމެ ފަހުން އެނދަށް އަރައިފިއެވެ. ފަޅިމޫނުގެ އުނގަށް ވެއްޓިއްޖެއެވެ.
* * *
އޭނާ އޮތީ ފުން ނިދީގެ ތެރެއަށް ގެއްލިފައެވެ. ކަންފަތުގައި އެ ޖެހުނީ ފޮނިފޮނި، ރީތި އަޑެކެވެ. "ތެދުވޭ... ދެން ތެދުވޭ. އިރު އަރައިފި. ތެދުވޭ... އިރުކޮޅަކުން މަންމަ އަންނާނެ. މަންމަ އަންނާނީ ނާސްތާ ހިފައިގެން. އޭގެ ކުރިން ފެންވަރައި ތައްޔާރު ވާން ޖެހޭނެ."
އޭނާގެ ގައިގައި މީހަކު ކޮއްޓަނީއެވެ. ލޯ ހުޅުވައިލެވުނީ ލައްކަ މަސައްކަތުންނެވެ. އޭނާއަށް އޮވެވުނީ ކޮން ތަނެއްގައި ކަމެއް އެ ވަގުތަކު ނޭނގެއެވެ. ލޯ ހުޅުވައިލުމަށް ފަހު ބަލައިލީއެވެ. ކުރިމަތީގައި އެހެރީ އޭނާއެވެ. ފެންނަނީ ރީތި ފަޅިމޫނެކެވެ. މޫނުގެ އަނެއް ފަޅިއެއް ނުފެނެއެވެ. އެ ފަޅީގައި ހުރީ ހުދު ކުލައިގެ ފޮތިގަނޑެއް އޮޅައިފައެވެ. އަލިފާންއާވީގެ ތިކިތައް ޖެހިފައި ހުރީ މޫނުގެ ބައެއް ތަންތާގައެވެ. އެ ފަޅީގެވެސް ލޯ ހުރީ ސަލާމަތުންނެވެ. ދެ ލޮލުގައި އަނދުން އަޅައިފައި ހުރި ގޮތުން ފެންނަނީ އާދަޔާ ޚިލާފަށް އަސަރުގަދަ ގޮތަކަށެވެ. ބާދްޝާ ޖާނީ ކުއްލިއަކާއެކު ތެދުވެ އިށީނދެއްޖެއެވެ. އޭނާއަށް އިހުސާސް ކުރެވުނު ގޮތުގައި އޭނާ މި ވަގުތު އެހެރީ ބީރައްޓެހި ކުއްޖެއްގެ ކުރިމަތީގައެވެ.
ފާޚާނާއަށް ވަންއިރު ހުރިހައި އެއްޗެއް ހުރީ ތައްޔާރަށެވެ. ސައިބޯންޏާއި، ތުވާއްޔާއި، ކޮނޑުކެނޑިއާއި، ގަމީހާއި ފަޓުލޫނާ ތައްޔާރަށް ހުއްޓެވެ. އޭނާ އިސްކުރުން ބާލިދީއަށް ފެން އަޅާން ފަށައިފިއެވެ. އިސްކުރާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހިތަށް އަރައެވެ. ރާ ބުއިމަކީ އަހަންނަށް ކުރެވުނު ވަރަށް ވިޔާނުދާ ކަމެކެވެ. މަސްތުގެ ހާލަތުގައި މަގު އޮޅުނީއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟
އޭނާ ފެންވަރައި ތައްޔާރު ވެގެން ނުކުމެއްޖެއެވެ. ފެންޑާ އޮތީ ހުހަށެވެ. ބޭރުގައި އޮތް ކާރެއްވެސް މިހާރަކު ފެންނާކަށް ނެތެވެ. އޭނާގެ އަނބިމީހާ ދޮރުމައްޗަށް ނުކުމެ ބުންޏެވެ. "ބާދްޝާގެ އެކުވެރިން ތިބީ މަސްތުވެގެން ވެއްޓިފައި. އެތައް ފަހަރަކު ގޮވީމާވެސް ހެއެއް ނޭރި. އެންމެ ފަހުން އަހަންނަށް ޖެހުނީ ފެން ބާލިދީއެއް ގެނެސް އަޅައިލާން. އެމީހުން ދިޔައީ ކާރުގައި. ބުނީ އިރުކޮޅަކުން ކާރު ގެނެސް ދޭނަމޭ."
ރުޚްސާނާ އެނބުރި ކޮޓަރިއަށް ވަދެއްޖެއެވެ. ބާދްޝާ އަވަސްކަމާއެކު އޭނާގެ ފަހަތުން އައިސް ވަދެއްޖެއެވެ. އަދި ދޮރު ލެއްޕުމަށް ފަހު ހަރުކަށި ކަމާއެކު ބުންޏެވެ. "އަހަރެންގެ ސުވާލަކަށް އަދި ޖަވާބެއް ނުލިބޭ. ތިޔައީ ކާކު؟"
އޭނާ އެނބުރި ބަލައިލިއެވެ. އަދި މޫނު މުޅީން ކަޝްފު ކޮށްލިއެވެ. "އަހަރެން މިއީ ބާދްޝާގެ ހަޔާތުގެ ބައިވެރިޔާ. މި ގޭގެ އިއްޒަތާއި އަބުރު. އަހަރެންގެ ނަމަކީ ރުޚްސާނާ."
"ތިޔަ ހަދަނީ ދޮގު. މިއީ ރޭގަނޑުގެ ވަގުތެއް ނޫން. ރޭ އަހަންނަށް އޮޅުނީ. ރޭ ފެނުނީ އަލަތު އަނތްބެއްގެ ސިފައިގައި. ރޭގެ ކަންތައް ދިޔައީ އަހަންނަށް ރޭކާލަމުންނާއި ނުލަމުން. މަސްތުވެފައި ހުރުމުގެ ސަބަބުން މަގު އޮޅުނީ. އެކަމަކު މިހާރު މިއީ ދުވާލުގެ އަލިކަން. ތިޔައީ ރުޚްސާނާ ނޫންކަން އަހަންނަށް ޔަގީން."
ރުޚްސާނާ ފުންކޮށް އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ބާދްޝާއަށް ކިހިނެއް ވެގެންތަ ތިޔަ އުޅެނީ؟ އަހަންނަށް ހިތާމަވެރި ހާދިސާއަކާ ކުރިމަތިވީ. މިހާރު ތިޔަ އުޅެނީ އަހަރެން މިއީ އަހަރެން ކަމަށް ގަބޫލު ނުކުރާން ވެގެން. އަހަރެންގެ އަޑާއި، ވާހަކަދައްކާ ގޮތް ވައްތަރީ އެހެން އަންހެނަކާތަ؟"
ބާދްޝާ އިސް ދަށަށް ޖަހައިލައިގެން ހުރެ އިރުކޮޅަކު ވިސްނައިލިއެވެ. "އަހަންނަކަށް ތިޔަ ކަމެއްވެސް މުޅިއަކުން ކަށަވަރެއް ނުވޭ. އަހަރެމެން ބައްދަލުވީ ދެތިން ފަހަރު. ދެކެވޭ ވާހަކަ ހުރީ އެއްގޮތަކަށް. އެކަމަކު ވާހަކައިގެ ރާގާއި އަޑު އެހައި ބޮޑަކަށް ފާހަގަ ކުރާކަށް އަހަންނަކަށް ނޭނގޭ. ބައެއް ފަހަރު ހިތަށް އަރަނީ ހަމަ އެއްގޮތޭ. އެކަމަކު..."
"އެއްގޮތް ކަމަށް ވަންޏާ ނޭނގެންވީ ކީއްވެގެން؟ އަލިފާންއާވީގެ ސަބަބުން ވީ ގޮތެއް ވެފައި މިހިރީ ހަމައެކަނި އަހަރެންގެ މޫނަށް."
ބާދްޝާ އޭނާޔާ ދިމާއަށް ފުންކޮށް ބަލާން ފަށައިފިއެވެ.
"އާނ... ރަނގަޅަށް ބަލާ. އަހަންނާ ދެ ފަހަރަކު ބައްދަލު ވެއްޖައީމެއްނު؟ އަހަރެންގެ އިސްކޮޅު ތަފާތުތަ؟ އަހަރެން ފަލަތަ؟ ހިކިތަ؟ އަހަރެން މިހިރީ އެ ދެފަހަރު ފެނުނުއިރުވެސް ހުރި ގޮތަށް. އެއްވެސް ތަފާތެއް ނެތް. އެއްވެސް ތަފާތެއް ފާހަގަ ކުރެވޭ ކަމަށް ވަންޏާ ބުނެބަލަ."
ބާދްޝާ ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިށީނދެއްޖެއެވެ. ރުޚްސާނާ ކުރިއަށް ޖެހިލައިފައި ބުންޏެވެ. "މަންމަ ބޭނުންވީ އަހަރެންގެ މޫނަށް ގެއްލުންވީ ވާހަކަ ބުނަން. އަހަރެން މަނާކުރީ. ބާދްޝާގެ މައްޗަށާއި އަހަރެމެން ދެމީހުންގެ ލޯބީގެ މައްޗަށް ވަރަށް ބޮޑު އިތުބާރެއް އޮތް. ކޮންމެ ސިފައެއްގައި ހުއްޓަސް ބާދްޝާ އަހަރެން ގަބޫލު ކުރާނޭ ކަމުގެ ޔަގީންކަން އޮތް. އެކަމަކު މިހާރު މި ވަނީ އެ އިތުބާރަށް ގުޑުން އަރާފައި. ބާދްޝާ އަހަންނަށް ޝައްކު ކުރާކަން މިހާރު އެނގިއްޖެ. ތިޔަ އުޅެނީ އަހަރެން ގަބޫލުކުރަންވެސް ނުކެރިގެން. އަހަރެން މިއީ ރުޚްސާނާކަން ޔަގީން ކުރަން ބާދްޝާ ބޭނުން ކަމެއް ކުރޭ."
ބާދްޝާ އިސް އުފުލައި ބަލައިލިއެވެ. "ކޮލެޖަށް، ކިޔަވަން ދަންތަ؟"
"އާނ. ކިޔަވަން ދަން. ބާދްޝާއާ އެކީގައި ދެ ފަހަރު ކޮލެޖަށް ދިޔައިން. ދެންވެސް ކޮލެޖަށް ދާނީ ބާދްޝާއާ އެކީގައި. ހިނގާ ދާން. މިހާރުވެސް އަހަރެން ދާން ތައްޔާރު. އެތާގެ ރަޖިސްޓަރީގައި އަހަރެންގެ ނަން އޮންނާނެ. އަހަރެންގެ ނަމަކީ ރުޚްސާނާ. މިއީ އަހަރެންގެ ފަހު އަހަރު. މި އަހަރު ނިމުނީމާ އަހަރެން ޑަކްޓަރަކަށް ވާނެ."
ބާދްޝާ ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގައިފައި އައިސް ރުޚްސާނާއާ ވަރަށް ކައިރިއަށް ހުއްޓިއްޖެއެވެ. އަދި ރުޚްސާނާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާން ފަށައިފިއެވެ. ބަލައިގެން ޔަގީން ނުވީމާ މަޑުމަޑުން އަތް ޖައްސައިލިއެވެ. އަދި ކުއްލިއަކަށް ފަހަތަށް ޖެހިލައިފިއެވެ. "ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއް؟ ޓޮމާޓޯއެއް ދެފަޅިކޮށްފައި އެއްފަޅި އެއްލައިލީމާ، އަތުގައި އޮންނަ ފަޅީގެ ސިފަ ބަދަލު ވެގެން ގޮސް ބަށްޓަކަށް ވާނެތަ؟ އަހަރެން ދަންނަ ރުޚްސާނާއަކީ ޓޮމާޓޯއެއް ކަހަލަ ރަތް ކުއްޖެއް. ތިޔައީ އާދައިގެ ބަށްޓެއް."
ރުޚްސާނާ ފުން ނޭވައެއް ލިއެވެ. "އެއްކޮޅުން ބާދްޝާ އަހަންނަށް ތިޔަ ކުރަނީ ތާރީފު. އެއީ އަހަރެން މިއީ ރުޚްސާނާ ކަމުގައި ވާތީ. އަނެއްކޮޅުން އަހަންނަށް ތައުހީނުވެސް ކުރަނީ. އެއީ އަހަރެން މިހާރު މިހިރަ ސިފައިގެ ސަބަބުން ރުޚްސާނާ ކަމަށް ގަބޫލު ކުރަން ބޭނުން ނުވާތީ. ދުވަސްކޮޅެއް ވާންދެން މިކަހަލަ ހާލަތެއްގައި ބާދްޝާއަށް އުޅެން ޖެހޭނޭ ކަމަށް އަހަރެން ގަބޫލު ކުރަން. އެކަން އަހަންނަށް ވިސްނޭ. އެކަމަކު ދުވަސްކޮޅަކުން ހަގީގަތް ގަބޫލު ކުރަން މަޖުބޫރު ވާނެ. އަހަރެން މިއީ އެ މީހަކާ ހެދި ބާދްޝާ މޮޔަވެގެން އުޅުނު މީހާކަމަށް ގަބޫލު ކުރަން މަޖުބޫރުވާނެ."
އޭނާގެ ވާހަކަ ނިމުމާއެކު ބޭރުން އެ އިވުނީ ކާރެއްގެ އަޑެވެ. ރުޚްސާނާ ކުރިއަށް ޖެހިލައި ކުޑަދޮރުގެ ފޮތިގަނޑު ކުޑަކޮށް ކަހައިލާފައި ބޭރު ބަލައިލިއެވެ. "މަންމަ އެ އައީ ނާސްތާ ހިފައިގެން. މަންމަގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓައިނުލާތި. މިއީ ދެމީހުންގެ ޒާތީ މައްސަލައެއް. ދެމީހުން އެކަކު އަނެކަކަށް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރެވޭތޯ ބަލާނީ. ބޮޑެތި މީހުންނާ ހަމައަށް މައްސަލަ ގެންދާނީ އަހަރެން މިއީ ރުޚްސާނާ ކަމަށް ބާދްޝާއަށް ގަބޫލު ނުކުރެވޭކަން ކަށަވަރުވީމާ. ދިހަ މީހެއްގެ ކުރިމައްޗަށް މައްސަލަ ހުށަހަޅާނީ. ދޮގުވެރިއަކީ ކާކުކަން ކަނޑައަޅަނީ އެމީހުން."
ބާދްޝާ ހުރީ އޭނާގެ ވާހަކަ އަޑު އަހާށެވެ. އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު ހިތަށް އަރަމުން ދިޔައެވެ. އަދިވެސް ފަރުވާތެރިކަމާއެކު ބަލައިގެން ރުޚްސާނާގެ ސިފަ ފާހަގަ ކުރެވޭތޯ ބަލަންވީއެވެ. ފުރަތަމަ ބަލާނީ ލޮލަށެވެ. އެއީ ރުޚްސާނާގެ ލޯ ހެއްޔެވެ؟ އަހަންނަކަށް މިހާރަކު ޔަގީނެއް ނުކުރެވެއެވެ. މީގެ ކުރިން ފެނުނު ލޯ މިހާރަކު ހަނދާނެއް ނެތެވެ. އެކަމަކު އޭނާ އަހަންނާ ދިމާއަށް ސީދާ ބަލައިލީމާ އަހަންނަށް މި ޖެހެނީ އިސް ދަށަށް ޖަހައިލާށެވެ. ބަލަހައްޓައިގެން ހުންނާކަށް ނުކެރެއެވެ. ފިރިހެނަކަށްވެ ހުރެވެސް އަހަރެން ލަދު ގަނެއެވެ. އެހެން ދިމަދިމާއަށް ނަޒަރު އުކެން ފަށައެވެ. އަހަރެން މިއީ މޮޔައަކީމެވެ. ރުޚްސާނާޔާ އެކީގައި އުޅުނު ދެ ދުވަހު އޭނާޔާ ދިމާއަށް އެވަރަށް ނުބެލުނީ އެހެން ވެގެންނެވެ. އެ ދެ ދުވަހު ރަނގަޅަށް ބެލުނު ނަމަ މިއަދު ފެންނާން މިހިރަ ރުޚްސާނާއާއި އެ ދުވަހުގެ ރުޚްސާނާޔާ ދެމީހުންގެ ފަރަގު ދެނެގަނެވުނީހެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިއީ ރުޚްސާނާ ކަމަކަށް ހިތެއް ގަބޫލެއް ނުކުރެއެވެ.
އޭނާގެ މައިދައިތަ ބޮޑު ކޭންތަށްޓެއް ހިފައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ރުޚްސާނާ އިސް ދަށަށް ޖަހައިލުމަށް ފަހު ސަލާން ގޮވައިލިއެވެ.
މަންމަ، އޭނާގެ ދަރިފުޅަށް ހެޔޮ ދުޢާ ކުރަމުން ދަނބިދަރިޔާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ބާދްޝާ އަދިވެސް ބަލަމުން ދަނީ ރުޚްސާނާއާ ދިމާއަށެވެ.
ރުޚްސާނާ އަހައިލިއެވެ. "މަންމަ އައީ އެކަނިތަ؟"
"އާނ... ދަރިފުޅާ. ދަރިފުޅު ފުރަތަމަ ދުވަސް ވޭތުކުރީ ކިހިނެއް ކަމެއް ނޭނގޭތީ މީހަކު ގޮވައިގެން ނައީ. ދަރިފުޅުގެ މިހާރުގެ ސިފަ ބާދްޝާ ޖާނީ ބަލައިގަތީ ކިހައި ވަރަކަށް ކަމެއް މަންމައަކަށް ނޭނގޭނެއެއްނު؟ އެހެންވީމާ އިތުރު މީހަކު ގެންނާން ނުކެރުނީ. ދަރިފުޅާ... ބާދްޝާ. އަނގައިން ނުބުނެ ހުރީ ކީއްވެގެން؟"
ބާދްޝާ ހަމަ ހުރި ގޮތަށް ހުރީއެވެ. ރުޚްސާނާ އޭނާ ގާތަށް އައިސް ގައިގައި ކޮއްޓައިލިއެވެ. "ކިހިނެއްވީ؟ މަންމަ އައީމާ ސަލާންވެސް ގޮވައެއް ނުލަމެއްނު؟"
ބާދްޝާ އަވަސްއަވަހަށް ތެދުވެއްޖެއެވެ. ސަލާން ގޮވައިލުމަށް ފަހު އަނެއްކާވެސް ރުޚްސާނާއާ ދިމާއަށް ބަލާން ފަށައިފިއެވެ.
ރުޚްސާނާ މަންމަ ގެނައި ނާސްތާ މޭޒުމަތީގައި އަތުރާން ފަށައިފިއެވެ. ބާދްޝާ ޖާނީ ޖެހިލުންވެފައި ހުރެގެން އަހައިލިއެވެ. "އަޅުގަނޑު ކިޔާނީ ކީކޭތޯ؟ މަންމައޭ ކިޔުމަކީ އެންމެ ރަނގަޅު ކަމެއްތޯ؟"
މަންމަ ހިނިތުންވެލިއެވެ. "އެޔަށްވުރެ ރީތި ނަމެއް އޮންނާނެތަ؟ މިއީ މިހާރު ދަރިފުޅުގެވެސް މަންމައެއްނު؟"
"ތިޔައީ އަޅުގަނޑުގެ މަންމަ ކަމުގައި ވަންޏާ ސީދާ ތެދަށް ބުނުއްވާ. މިއީ އެންމެ ފުރަތަމަ އަޅުގަނޑު ތިޔަ ގެއަށް ދިޔައިރު އަޅުގަނޑާ އެކީގައި ދިޔަ ރުޚްސާނާތޯ؟"
މައިދައިތަ ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އެޔަށްފަހު ރުޚްސާނާ ދިމާއަށް ބަލައިލިއެވެ. "އާނ. މިއީ ހަމަ އެ ރުޚްސާނާ. މިއީ އެހެން ކުއްޖެއްހެން ދަރިފުޅަށް ހީވަނީތަ؟"
"އިންސާފުވެރިކަމާއެކު ބުނުއްވާ. އަޅުގަނޑު ފުރަތަމަ ދިޔަ ދުވަހު ރުޚްސާނާގެ މޫނު ހުރީ މިހެންނެއް ނޫނެއް ނޫންތޯ؟"
"ތިޔައީ ތެދެއް. އެ ދުވަހު މޫނު ހުރީއަކީ މިހެންނެއް ނޫން. މިހާރު އެހެރީ ކުޑަކޮށް ބަދަލު ވެފައި. އެ ވާހަކަ ބުނަން އަހަރެން އުޅުނީމާ ރުޚްސާނާ މަނާކުރީ. ބުނީ ކޮންމެ ސިފައެއްގައި ހުއްޓަސް ބާދްޝާ ތިމަން ގަބޫ ކުރާނެއޭ. އޭނާގެ ސިފައަށް އައި ބަދަލުގެ ވާހަކަ ފުރަތަމަ ބުނި ނަމަ އިތުރު މައްސަލަތަކެއް ކުރިމަތި ވުމަކީވެސް އެކަށީގެންވާ ކަމެއް. ކާވެންޏާ ދަރިފުޅު ދެކޮޅު ހެދުމަކީވެސް ވެދާނޭ ކަމެއް. އެހެންވީނަމަ ތަންގަނޑު މީހުންގެ މެދުގައި އަހަރެމެންގެ އަގު ވެއްޓުނީސް. ސިއްރު ކުރި ސަބަބަކީ އެއީ."
"ސިއްރު ކުރުމަކީ މައްސަލައެކޭ އަޅުގަނޑެއް ނުބުނަން. އެއީ އަޅުގަނޑު ބަލަން ބޭނުންވާ ކަމެއްވެސް ނޫން. އެކަމަކު އަޅުގަނޑުގެ ހިތަށް އަރަނީ އޭނާގެ ސިފަ ރުޚްސާނާގެ ސިފަޔާ ވައްތަރު ނޫނީ ކީއްވެގެން ބާވައޭ."
(ނުނިމޭ)
Pakistan tharujanaama vaahaka alhuganda haadha kamudheye
Me too
Vaahaka haadha reeche.