(19 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަނބިމީހާ ރުޅި އައިސްގެން އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކުޑައިރުކޮޅަކަށް ފަހު ތާހިރުވެގެން ހެދުން ބަދަލު ކޮށްގެން ނުކުމެއްޖެއެވެ. ބާދްޝާވެސް ކާމްރާން ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ. އޭނާ ފަރީދު އަޙްމަދާ މުޚާތަބުކޮށް ބުނެލިއެވެ. "އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ. ތިޔަ ދެމީހުން ކުރެ މީހަކަށް މިހާރު އަހަރެން އިތުބާރެއް ނުކުރަން. އަހަރެން ބޭނުމިއްޔާ ކާމްރާން ގޮވައިގެން ދެވިދާނެ. އެކަމަކު ތިޔަ ދެމަފިރިން އަހަންނާ ދުޝްމިނު ވެގެން އުޅުނަސް މި ދަރިފުޅަށް ނުބައެއް ނުވާނެކަން އެނގޭ. އެހެންވީމާ މީނާ އޮންނާނީ މިގޭގައި. އެކަމަކު އަހަރެން މި ގެއަށް ކާކަށް ނާންނާނަން. މިގެއިން ފެންފޮދެއްވެސް ނުބޯނަން. ދެވަނައަށް... ދެމީހުންކުރެ މީހަކު އަހަރެންގެ ގެއަށް އައިސްގެން ނުވާނެ. އަހަރެންގެ ގެއަށް ދެން ހަދާނީ ކޮން ސިހުރެއް ކަމެއް ނޭނގޭ. ހުރިހައި ގެއްލުމެއް ވާނީ އަހަންނަށް. އަހަރެން ތިޔަ ދެމަފިރިންނަށް އިތުބާރު ކުރާނޭ އެއްވެސް ގޮތެއް ނެތް. ވިސްނިއްޖެތަ؟"
ފަރީދު އަޙްމަދު އިށީނދެ އިން ތަނުން ތެދުވަމުން ބުންޏެވެ. "ދަރިފުޅާ. ދަރިފުޅުގެ މައިދައިތަ ވަރަށް އުނދަގޫ ކުރާ ކަމަށް ބައްޕަ ގަބޫލު ކުރަން. މުސްކުޅިއެއް ކަމަށް ބަލާފައި މާފުކޮށްލާ. ތިޔަހެން ގުޅުން ކަނޑައިނުލާ. ރުޚްސާނާއަކީ ބައްޕަމެންގެ ދަރިއެއް. އެއީ ދަރިފުޅުގެ އަނބިމީހާ. އަހަރެމެން އެންމެންވެސް އޭނާ ދެކެ ލޯބިވޭ. އޭނާއަށްޓަކައި ރުޅި މަޑު ކޮށްލާ."
"ރުޅި މަޑުކުރާކަށް އަހަންނެއް ނުދަންނަން. އަހަރެން ދައްކަން ހުރި ވާހަކަ ދައްކައިފިން. އަހަރެންގެ ގެއަށް އަންނަން ގަސްތު ކުރަންޏާ ބުނޭ. އޭރުން އަހަރެން ދާނީ ކާމްރާން ގޮވައިގެން. ރުޚްސާނާ އެނބުރި އަންނަންދެން ކާމްރާންގެ މޫނު ތިޔަ ދެމީހުންނަކަށް ނުދައްކާނަން."
މައިދައިތަ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބާދްޝާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. "ނޫނޭ ދަރިފުޅާ. މަންމައަށް މާފުކުރޭ. މަންމަ ހުވައި ކުރަން... ވައުދުވަން... މީގެ ފަހުން ތިޔަ ގެ ހުންނަ މަގަކަށްވެސް ނާރާނަން. ފަރީދެއްވެސް ތިޔަ ގެއަކަށް ނުދާނެ. އެކަމަކު ދަރިފުޅު މިގެއަށް ކާމްރާން ދެކިލަން އަންނަން ވާނެ. ގެނޭ... މަންމަގެ އަތަށް އެ ސޮރު ގެނޭ. އެ ސޮރު މަންމަމެންނާ ވަކި ނުކުރާތި. މަންމަމެން ކަންތައް ކުރާނީ ދަރިފުޅުގެ ހިތް ހަމަޖެހޭ ގޮތަކަށް."
އޭނާ މައިދައިތަގެ އަތަށް ކާމްރާން ދީފިއެވެ. އަދި އިންޒާރުގެ ނަޒަރަކުން އެ ދެމަފިރިންނާ ދިމާއަށް ބަލައިލާފައި އެގެއިން ނުކުމެއްޖެއެވެ. އޭނާ ހުރީ ވަރަށް އުފަލުންނެވެ. ކާރަށް އަރަމުން ވިސްނައިލުމަށް ފަހު ހިނިތުންވެލިއެވެ. ރަނގަޅު ބަހަނާއެއް ދައްކައިގެން މައިދައިތައާއި ބަފައިބެ ގެއަށް ނާންނާނެ ގޮތް ހެދިއްޖެއެވެ. އެވީ ރަނގަޅަށެވެ. މީގެ ފަހުން ފަރުޒާނާ އޭނާޔާ ބައްދަލު ކުރަން އެއްބަސް ވެގެން ގެއަށް އަޔަސް އެ މަންޒަރު ދެކޭނޭ މީހަކު ނުހުންނާނެއެވެ. ދުރުދުރުން ފާރަލަމުން ބަލާނޭ މީހަކު ނުހުންނާނެއެވެ. ގޭތެރޭގައި ތިބޭނީ އެ ދެމީހުން އެކަންޏެވެ. ދޮރު ލައްޕައިލީމާ މީހަކަށް ނުފެންނާނެއެވެ.
އޭނާ ތުނބުން ފުމެމުން ކާރު އިސްޓާޓު ކޮށްލިއެވެ. ދުއްވަމުން ދިޔައީ ވަރަށް ހަމަޖެހިލައިގެން އިނދެއެވެ. ފުލުސް އޮފީހެއްގެ ދޮރުމަތީން ހުރަސް ކުރަނިކޮށް ފުލުހަކު އަތުގެ އިޝާރާތުން ކާރު ހުއްޓުވައިފިއެވެ. އޭރު އިންސްޕެކްޓަރަކު މަވްލަވީއަކާ ވާހަކަ ދައްކަމުން ނުކުމެގެން އަންނަތަން ފެނެއެވެ. އެ ދެމީހުންގެ ފަހަތުން މޫނުބުރުގާ އަޅައިގެން އިން އަންހެނަކު ހިނގާފައި އާދެއެވެ. ތިން މީހުން އައިސް ކާރު ދޮށަށް ހުއްޓިއްޖެއެވެ. އިންސްޕެކްޓަރު ބާދްޝާއާ ދިމާއަށް ބުންޏެވެ. "މި ދެ މީހުން ގެންގޮސް ދާރުލްއަމާނަށް ލާ. ފައިސާ ނާތުލާތި." (ދާރުލްއަމާނަކީ ޔަތީމުން ބަލަހައްޓާ ތަނެވެ.)
މަވްލަވީއާއި އަންހެންމީހާ ކާރުގެ ފަހަތަށް އަރައި އިށީނދެއްޖެއެވެ. އިންސްޕެކްޓަރު ދެން ވާހަކަ ދެއްކީ މަވްލަވީއާއެވެ. "އަޅުގަނޑު ދިން ލިޔުން ދާރުލްއަމާނާ ހަވާލު ކުރައްވާ. އެމީހުން މި ކުއްޖާއާ ހަވާލުވާނެ."
އިންސްޕެކްޓަރު ކާރުގެ މަތީގައި އަތުން ޖަހައިލުމަށް ފަހުނ ބުންޏެވެ. "ދޭ."
ބާދްޝާ ގާތަށް ރުޅި އަތުވެއްޖެއެވެ. ދަތްކުނޑި ވިކައިލުމަށް ފަހު ކާރު ދުއްވައިލިއެވެ. އޭނާ ރުޅި އައީ އިންސްޕެކްޓަރުގެ އަމުރުވެރި ބޮޑާ ގޮތްގަނޑު ފެނިފައެވެ. ކާރުގައި ޖަހައިލީމާ ހީވީ އޭނާގެ ބުރަކަށިގައި އެތިފަހަރެއް ޖެހީ ހެންނެވެ. އެއީ ޖަނަވާރާ މެދު ކަންތައް ކުރާ ގޮތެއް ނޫން ހެއްޔެވެ؟
ކާރުގެ ތެރެއަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރެއިން އަންހެންކުއްޖާ ގެ ގިސްލުމުގެ އަޑު މަޑުމަޑުން އިވެއެވެ. މިހާރު އެ ކުއްޖާ އިނީ މޫނު ބުރުގާ ނަގައިގެންނެވެ. ބާދްޝާ ފަހަތްބަލާ ލޯގަނޑުން ބަލައިލިއެވެ. އެ ކުއްޖާގެ ލޯ ވަރަށް ރީއްޗެވެ. އެކަމަކު ލޮލާއި މޫނާއެކު ވަނީ ކަރުނައިން ތެމިފައެވެ. މަވްލަވީ ބުންޏެވެ. "ކެތްކުރޭ ކޮއިފުޅާ. ބޮޑެތި މީހުންގެ މަޝްވަރާއާ ނުލައި އެއްވެސް ފިޔަވަޅެއް އަޅާކަށް ނުވާނެ. މިހާރު ޖެހިފައިވާ ހާލު ނިކަން ދެކިބަލަ. ޒުވާން އަންހެން ކުއްޖަކު މިހާރު ތިޔައިނީ ބީރައްޓެހި ރަށެއްގައި ހާލުގައި ޖެހިފައި."
މަވްލަވީގެ ވާހަކަ އިވުމާއެކު ބާދްޝާގެ ސިކުނޑި ފަތުއަޑު ކިޔާފައި އެނބުރިގެންފިއެވެ. އޭނާގެ ޚިޔާލުގެ މިސްރާބު ކުއްލިއަކަށް އަމާޒުވީ ރުޚްސާނާއަށެވެ. އެއީވެސް ޒުވާނެކެވެ. ރީތިވެސް ކުއްޖެކެވެ. މިހާރުވީ ބީރައްޓެހި ރަށެއްގައެވެ. އޭނާއަށް އެފަދަ ހާލެއް މެދުވެރި ނުކުރައްވާށިއެވެ. ބާދްޝާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ.
ގިނަ ފަހަރަށް އެހެން މީހުންގެ ހިތާމައާއި ވޭން އިހުސާސް ކުރެވޭގޮތް ވަނީ އަމިއްލަ ހިތުގައި ވޭން އަޅަން ފެށީމައެވެ. އޭނާ މަވްލަވީއާ ސުވާލު ކޮށްލިއެވެ. "ކިހިނެއްވީތޯ؟ މިއީ ކޮން ކުއްޖެއްތޯ؟ ކޮން ތަނަކުން އައި ކުއްޖެއްތޯ؟ ރޮނީ ކީއްވެގެންތޯ؟"
މަވްލަވީ ބުންޏެވެ. "މިއީ ނަވާބްޝާހުން އައި ކުއްޖެއް. މީނާ މި ރަށަށް އައީ މައިންބަފައިންނަށް މަކަރު ހަދާފައި ފިލައިގެން ލޯބިވެރިޔާއާ އެކު. ލޯބވެރިޔާ މި ރަށުން ގެއެއް ކުއްޔަށް ހިފީ. އޭނާ އުޅުނީ މި މަންޖެގެ އިއްފަތްތެރިކަން ލޫޓުވައިލާން. މީނާ އެކަމާ ދެކޮޅުހެދީ. ބޮޑެތި މީހުންނަށް މަކަރު ހަދާފައި ލޯބިވެރިޔާގެ ބަހަށް ހެއްލިގެން މިރަށަށް އައީތީ އަހަރެން މި ހުންނަނީ ރުޅި އައިސްފައި. އެކަމަކު އިއްފަތްތެރިކަން ރައްކާތެރިކުރަން މަސައްކަތް ކުރުމުގެ ސަބަބުން އަހަރެންގެ ހިތުގައި މި މަންޖެގެ މައްޗަށް ހަމްދަރުދީ އުފެދުނީ. ކާވެނި ކޮށްގެން ނޫނީ އެފަދަ އެއްވެސް ކަމަކަށް އެއްބަސް ނުވާނަމޭ އެކަލޭގެ ގާތު ބުނީ. ފަހުން އެނގުނު ގޮތުގައި އެއީ މީހަކާ އިނދެގެން އުޅޭ މީހެއް. ދަރިއަކުވެސް ހުރޭ. ދެވަނަ ކާވެންޏެއް ކުރާކަށް އޭނާ ބޭނުމެއް ނުވޭ. މި މަންޖެ އަތުއަޅުވައި ނުލެވޭނެކަން އެނގުނީމާ އިންނާނަމޭ ބުނެފި. މީގެ ދެގަޑި އިރެއްހައި ކުރިން ކާވެނި ކުރަން ވެގެން އަހަރެން ގެންދިޔައީ."
މަވްލަވީ ކުޑަ އިރުކޮޅަކަށް މަޑު ޖައްސައިލުމަށް ފަހު އަނެއްކާވެސް ބުންޏެވެ. "އަހަރެން އެ ގެއަށް ދިޔައިރު އެ ސޮރުގެ އިތުރަށް ތިބީ ހަތަރު ޒުވާން ފިރިހެނުން. އަހަރެން އިށީނދެ ރަޖިސްޓަރީ ހުޅުވައިލާފައި އަންހެން ކުއްޖާގެ އާއިލާގެ މީހުން ކޮބައިތޯ އަހައިފިން."
"އަންހެންކުއްޖާގެ ބެލެނިވެރިޔަކީ ތިމަންނާއޭ އެތަނުން ޒުވާނަކު ބުނެފި."
"އަހަރެން އަހައިފިން އެ މަންޖެގެ މައިންބަފައިން ކޮބައިހޭ."
"އެކަކު ކިޔައިފި މައިންބަފައިން މަރުވެއްޖެއޭ. އެހައިތަނުން އަހަރެންގެ ހިތަށް ޝައްކު ވަދެއްޖެ. އެހެންވީމާ އާއިލާގެ އެހެން ބޮޑެތި މީހުން އުޅޭނެއެއް ނޫންހޭ އަހައިފިން."
"އެކަމަކު ބުނެފި ބޮޑު އެކަކުވެސް ދުނިޔެއަކު ނެތޭ."
"އަހަރެން ފިރިހެން ކުއްޖާއާ ދިމާއަށް ބަލައިލާފައި އަހައިފިން މީނާގެ އާއިލާގެ މީހުން ކޮބައިހެއްޔޭ."
"އެ ފިރިހެން ކުއްޖާ ވާހަކަ ދައްކާން ފަށައިފި. ބުނެފި... ތިމަން އުޅެނީ މީހަކާ އިނދެގެންނޭ. މި ކުއްޖާޔާ އިންނާކަށް މިހާރުގެ އަނބިމީހާގެ ރުހުމެއް ނެތޭ. އެހެންވީމާ އިންނާން މި އުޅެނީ ވަގަށޭ."
"އަހަރެން ތެދުވެގެން ބޭރަށް ނުކުންނާން ހުރި ދޮރާ ހަމައަށް އައިސްފައި ބުނެފިން... ކޮންމެވެސް ނުބައެއް އުޅޭކަމަށް އަހަންނަށް އެބަ ޝައްކު ވެއޭ. އަންހެންކުއްޖާގެ ގޭގެ އެޑްރެސް ދޭށޭ. އަހަރެން ބަލަން ބޭނުމޭ."
"ދެން އެތަނުން ޒުވާނަކު ބުނެފި... އަހަރެމެން މި ކުރަނީ ނާޖާއިޒު ކަމެއް ނޫނޭ. ކާވެނި ކޮށްދޭށޭ. ބުނި ވަރަކަށް ފައިސާ ދޭނަމޭ."
"އަހަރެން ބުނެފިން... ކާވެނި ޖާއިޒު ވާނީ ވަލީވެރިޔަކު ހުރެގެންނޭ. ކަލޭމެން ޒުވާނުންނަކީ އެ ކުއްޖާގެ ވަލީވެރިން ކަމަކަށެއް އަހަންނަކަށް ނުފެނެއޭ. ކަލޭމެންނަކީ އެވަރުގެ ބޮޑެތި މީހުންނެއްވެސް ނޫނޭ. އަދި އަންހެންކުއްޖާ އަހަރެންގެ ކުރިމައްޗަށް ގެންނާށޭވެސް ބުނެފިން."
"އެތަނުން އެކަކު ބުނެފި. މަވްލަވީއޭ ތިޔަ ހަދަނީ ވަރަށް ބޮޑު ގޯހެކޭ. މާ ކަންތައް ބޮޑު ނުކުރާށޭ."
(ނުނިމޭ)