ފަޅިމޫނު - 43

(5 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު ފަންގިފިލަޔާ ދިމާއަށް ބަލަހައްޓައިގެން އޮވެ ބުންޏެވެ. "އެންމެ ރަނގަޅު. ރުޚްސާނާގެ ހިތުގައި ނުޖައްސާން އަހަރެން ވައުދުވަން. ފަރުޒާނާގެ ވާހަކަވެސް ނުދައްކާނަން. އޭނާގެ ނަމެއްވެސް ނުގަންނާނަން. އެންމެ ރަނގަޅެއްނު؟"

ރުޚްސާނާ ވަރަށް ބޮޑަށް އުފާވެއްޖެއެވެ. ބާދްޝާގެ އިސްތަށިގަނޑާ ކުޅެމުން ބުނެލިއެވެ. "އިރު އަރައިފި. އަހަރެން ބޯ މޮޑެލައިދޭނަން. ނިދާ."

ބާދްޝާ ތެދުވެއްޖެއެވެ. "ނޫނޭ. ރުޚްސާނާ ރަނގަޅަށް ނިދަންވާނެ. މަންމަވެސް ކޮޓަރީގައި އޮތުން ރަނގަޅުވާނެ. ދަރިފުޅުގެ ޚަބަރު ބަލައިލެވޭނީ އޭރުން. އަހަރެން މި ނުކުންނަނީ ބޭރަށް. ކާރުގައި ނިދައިލާނީ."

ބާދްޝާ އޭނާގެ އަނބިމީހާޔާ ވަރަށް ލޯބިން ވާހަކަ ދައްކައިފައި ބޭރަށް ނުކުމެއްޖެއެވެ. ބޭރަށް ނުކުތްއިރު ފެންޑާގައި ހުރި އެނދުގައި މައިދައިތަ އިށީނދެގެން އިނެވެ. ބަފައިބެ، ފަރީދު އަޙްމަދު ހަމަ އެ އެނދުގައި ނިދާފައި އޮތެވެ. ބާދްޝާ މައިދައިތަޔާ ދިމާއަށް ކަޅިއަޅައިލީމާ މައިދައިތަ ރުޅި އައިސްފައި ބުންޏެވެ. "އަހަންނާ ދިމާއަށް ތިޔަހެން ނުބަލާ. ދެލޯ ކޮނެލައިފާނަން."

ބާދްޝާ ޖާނީ ކުއްލިއަކަށް ހިނިތުންވެލިއެވެ. "އަހަރެންގެ ކުށް ގަބޫލު ކޮށްފިން. މަންމައާއި މަންމަގެ ދަރިފުޅުގެ ވާހަކަ އަހަންނަށް ވިސްނިއްޖެ. ރުޚްސާނާ ހުރިހައި ވާހަކައެއް ރަނގަޅަށް ކިޔައިދީފި. އެއީ ހަމަ އަހަރެންގެ ރުޚްސާނާ. އަހަރެން އެއްވެސް ކަމަކާ ނުލައި އެހެން އަންހެނަކާ މެދު ވިސްނައި ބޯ ހަލާކުކުރީ. އަހަރެން ހުރީ އެންމެން ވެގެން އަހަންނަށް މަކަރު ހެދީ ކަމަށް ޝައްކު ކޮށްގެން. އެއީ އަހަރެންގެ ކުށް."

މައިދައިތަ އުފަލުން ފޮޅިއްޖެއެވެ. "އެއީ އެއްވެސް ކަމެއް ނޫން ދަރިފުޅާ. ދަރިންނަށް ކުށްވެސް ކުރެވޭނެ. މައިންބަފައިންގެ ކަމަކީ މާފުކުރުން. އަވަހަށް ގޮސް ރަނގަޅަށް ނިދައިލާ. އަރާމުކޮށްލާ."

"މިހާރު އަންނާނީ ކޮން ނިންޖެއް. އަހަރެން މިހާރު ބޭނުންވަނީ މަންމައަށް ކަމެއް ކޮށްދޭން."

"އެހެންތަ ދަރިފުޅާ؟ މަންމައަށް ކަމެއް ކޮށް ނުދިނަސް އެންމެ ރަނގަޅު. ދަރިފުޅުގެ އަނބިމީހާއާއި ދެކުދިންގެ ދަރިފުޅަށް ބޭނުންވާ ކަންތައް ކުރީމާ އެ ނިމުނީ."

"ނޫނޭ. ފުރަތަމަ ވިސްނާނީ މަންމަޔާމެދު. މި ވިސްނަނީ މަންމައަށް ގޯއްޗެއް ގަނެދޭން. އެ ގޯތީގައި ހަދާނީ ބޮޑު ބަގީޗާއެއް. ބަގީޗާގައި އެކި ކުލައިގެ މާގަސް ހުންނާނެ. ފެންއަރުވާވަޑާމެއްވެސް ހުންނާނެ."

މައިދައިތަ އިނީ ހައިރާންވެފައެވެ. "ދަރިފުޅު މަންމައަށްޓަކައި ބަގީޗާއެއް ހަދާނީތަ؟"

"އާނ. އެ ބަގީޗާގައި ރިހި އުނދޯއްޔެއް އެލުވާނަން. އެ އުނދޯލީގެ ދަށުގައި މަހާނައެއް ހުންނާނެ."

މައިދައިތަ ދިޔައީ ސިއްސައިގެންނެވެ. "މަހާނައެކޭ؟"

ބާދްޝާ ދަތްކުނޑިވިކައިލިއެވެ. "އެއީ ކަލޭގެ މަހާނަ. އަހަރެން އެ މަހާނަމަތީގައި އުނދޯލި ހެއްލާނީ."

މިހެން ބުނެފައި ދިގު ފިޔަވަޅުތަކެއް އަޅަމުން ބާދްޝާ ބޭރަށް ނުކުންނާން ހިނގައިގެންފިއެވެ. މައިދައިތަ ހަޅޭއްލަވާނެކަން އެނގޭތީ އޭނާ ދިޔައީ ދެ ކަންފަތުގައި އަތް އަޅައިގެންނެވެ. އެ ދިޔަ ގޮތަށް ގޮސް ކާރަށް އަރައި ފަހަތު ގޮނޑީގައި އޮށޯވެއްޖެއެވެ.

މައިދައިތަ ކުދިކިޔަމުން ގޮސް ވަނީ އޭނާގެ ދަރިފުޅުގެ ކޮޓަރިއަށެވެ.

ރުޚްސާނާ އަހައިލިއެވެ. "މަންމާ. ކިހިނެއްވީ؟"

"ވާނީ ކިހިނެއް؟ އެ ސޮރުގެ ހިތުގައި އަހަރެމެންގެ މައްޗަކަށް އެެއްވެސް ގަދަރެއް އިއްޒަތެއް ނެތް. ބުނެވޭނީވެސް އެންމެ ކަމެއްނަމަނު؟"

"ކިހިނެއްވީތަ؟"

"އެ މޮޔަ ކަލޭގެ ބުނީ އަހަންނަށް ގޯއްޗެއް ގަނެދޭނަމޭ."

"އޭނާާޔާ ދިމާއަށް މަންމަ ތިޔަ އެއްޗެހި ކިޔަނީ އެއްވެސް ކަމަކާ ނުލައި. މަންމައަށް ގޯއްޗެއް ގަނެދިނުމަކީ ކުށެއްތަ؟"

"އަޑު އަހާބަލަ. ބުނީ އެ ގޯތީގައި އަހަންނަށްޓަކައި ބަގީޗާއެއް ހަދައިދޭނަމޭ."

"މަންމާ. އެކަން ކުރެވުނަސް ނުކުރެވުނަސް އެ ވާހަކައިން އެނގެނީ މަންމަ ދެކެ އޭނާވާ ލޯތްބެއްނު؟"

"ވާހ... ދަރިފުޅާ. އެއީ ވަރަށް ވަރުގަދަ ލޯތްބެއް. ނިކަން އަޑު އަހާބަލަ."

"އާނ... ކިހިނެއްވީ؟"

"އޭނާ ބުނީ އެ ބަގީޗާގައި މަހާނައެއް ހުންނާނެއޭ. އެ މަހާނަމަތީގައި އޭނާ އުނދޯލި ހެއްލާނީއޭ. މަހާނައަކީ އަހަރެންގެ މަހާނަޔޯ. އުނދޯލި ހެއްލާނީ އޭނަޔޯ. އެކަހަލަ ދަނބިދަރިއެއް ނެތަސް އަހަންނަށް ވަރިހަމަ."

ރުޚްސާނާގެ މޫނުމަތީން ފެނުނީ ކަންބޮޑުވުމާއި މޮޅިވެރިކަމުގެ އަސަރެވެ. އޭނާ މަޑުމަޑުން ބުނެލިއެވެ. "މަންމާ. މަންމަޔާމެދު އޭނާ ކަންތައް ކުރި ގޮތުން އަހަރެންވެސް ވަރަށް ދެރަވެއްޖެ. އެކަމަކު އަހަރެންގެ ކުރިމަތީގައި މަންމަ އޭނާޔާ ދިމާއަށް އެއްޗެހި ނުގޮވާ. އެއީ އަހަރެންގެ ފިރިމީހާ."

މަންމަ އަތް ހޫރައިލިއެވެ. "ދަރިފުޅާ. ވަރަށް ރަނގަޅު. އަދިވެސް ފިރިމީހާ ހިމާޔަތް ކުރަނީތަ؟ އަހަންނާމެދު އޭނާ ކަންތައް ކުރި ގޮތް ދަރިފުޅަށް އިހުސާސް ނުކުރެވެނީތަ؟"

"އަހަރެން ބާދްޝާ ދަންނަތާ އެތައް ދުވަހެއް ވެއްޖެ. އެއީ ގެރިއެއް ކަހަލަ މައުސޫމު މީހެއް. ރީތިކޮށް ހުންނާނެ. ދަޅުން ޖަހާނީ ތޮޅުނީމާ. ގޯނާ ކުރީމާ. އެހެން ނޫނީ މީހަކަށް ކުޑަވެސް ގެއްލުމެއް ނުކުރާނެ. އަހަރެމެން މިތިބީ އޭނާޔާ ވަރަށް ބޮޑަށް ތޮޅިފައި. ވަރަށް ބޮޑަށް ގޯނާކޮށްފައި، އެހެންވީމާ ދަޅުން ޖެހުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެއް ނޫން. އޭނާ ޖަހާނެ. އޭނާ މި ކޮޓަރިން ނުކުތީ ވަރަށް ބޮޑަށް ހަމަޖެހިގެން ހުރެ. ނުކުތީމާ މަންމަ އޭނާގެ ހިތުގައި ޖެހޭ ކަމެއް ކުރީކަމަށް ވާނީ. ކޮންމެވެސް އެއްޗެއްކޭ ކިޔައިގެން ހިތުގައިޖެއްސީ ދޯ؟"

"ވަރަށް މޮޅު. މިހާރު ކުށްވެރި މިވީ އަހަރެން ދޯ؟ އަހަރެން ބުނަން އޮންނާނީ ކީކޭ؟ އޭނާ ނުކުތް ގޮތަށް އަހަންނާ ދިމާއަށް ކަޅި އަޅާން ފެށްޓީ. އަހަރެން ބުނިހައިވެސް އެއްޗަކީ އެހެން ނުބަލާށޭ ލޯ ކޮނެލައިފާނަމޭ."

"ތިޔަވީ އަހަރެން ބުނި ގޮތަކަށްނު؟ އޭނާޔާ މެދު އަހަރެމެން ކަންތައް ކުރި ގޮތް މަންމަ ހަނދާން ނެތުނީތަ؟ އޭނާ އެހެން ބަލައިލާ ބެލުމަކީ އަހަރެމެންނަށް މާ ބޮޑު ކަމަކަށް ވެގެން ނުވާނެ. އެކަހަލަ ކަންތައްތައް ޖެހޭނީ އަޅާނުލައި ދޫކޮށްލަން. އަހަރެން މި އުޅެނީ މަޑުމަޑުން އޭނާ ހަމަޔަކަށް އެޅުވޭތޯ. އެކަމަކު މަންމައަކަށް ކެތެއް ނުކުރެވޭ."

ކުޑަ ދަރިފުޅު ރޯން ފަށައިފިއެވެ. މަންމަ ކުދިކިޔަމުން ދަރިފުޅުގެ ގާތަށް އަތުވެއްޖެއެވެ. "އެންމެ ރަނގަޅު. އަހަރެން މިއީ ވިޔާނުދާ މީހެއް. ދަރިންނަށްޓަކައި ފުރާނައިން ގުރުބާން ވިޔަސް އެކަމުގެ އަގެއް ނުލިބޭނެ."

މަންމަ ދަރިފުޅު ނަގައިގެން ލޮއްސާން ފަށައިފިއެވެ. ރުޚްސާނާވެސް ހިމޭނުން އިނީއެވެ. މަންމަގެ ގޮތް އޭނާއަށް އެނގެއެވެ. ވާހަކަ ދައްކައިގަތީމާ ވަކި ހިސާބަކުން ހުއްޓާއިލާނެއެވެ. އެކަމަކު ގޮތެއް ދުލެއް ނުކުރާނެއެވެ. އަމިއްލައަށް ގޯހެއް ހެދިއްޖެ ކަމަކަށް ގިނަ ފަހަރަކަށް ގަބޫލެއް ނުކުރާނެއެވެ. ބޭނުން ވާނީ ބަހުސު ކުރިއަށް ގެންދާށެވެ. ކުޑައިރުކޮޅަކަށް ފަހު މަންމަ އަހައިލިއެވެ. "ބާދްޝާއާ ދެއްކީ ކޮން ވާހަކައެއް؟"

"އަހަރެން އޭނާއަށް ހުރިހައި ވާހަކައެއް ކިޔައިދީފިން."

މަންމަ ހައިރާންވެފައި އަހައިލިއެވެ. "ހުރިހައި ވާހަކައެއް ކިޔައި ދިނީ؟"

"އާނ. ސިއްރު ކުރަން މަސައްކަތް ކުރާ ވަރަކަށް ކަންތައް ވާނީ ނުބައި. އޭނާއަށް ފަރުޒާނާ ފެނިއްޖެ. ފަރުޒާނާއަށްވެސް އޭނާ ފެނިއްޖެ. ރެކިސާގައި އިނދެގެން ފަރުޒާނާ ކަންތައް ކުރި ގޮތުން އޭނާއަށް ބާދްޝާ އެނގިއްޖެކަން ކަށަވަރުވެއްޖެ. އެއީ ކާވެނީގެ ކުރިން ބައްދަލުވީ ރުޚްސާނާކަން ބާދްޝާއަށް ޔަގީންވެއްޖެ."

މަންމަ ބުންޏެވެ. "ދަރިފުޅާ. އެއީ މަންމަ ނިކަން ރަނގަޅަށް ދަންނަ މަންޖެއެއް. އޭނާގެ ނިޔަތް އިހަށްވެސް އޮތީއަކީ ރަނގަޅަކަށް ނޫން. ދަރިފުޅުގެ މޫނު އެނދުމުގައި އޭނާގެ އަތެއް ނެތްނަމަ އޭނާ ދުވަހަކުވެސް ދަރިފުޅާއި ބާދްޝާއާ ދެމީހުން ގާތްވިޔަކަ ނުދޭނެ. އެ ކޮށްދިން ކަމެއްވެސް ކޮށެއް ނުދިނީސް. އޭނާ ބާދްޝާގެ ކުރިމައްޗަށް ގަސްތުގައި ނުކުތީކަން މަންމައަށް ޔަގީން."

ރުޚްސާނާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ނޫނޭ. އެއީ ހަމަ އިއްތިފާގެއް. އެކަމަކު ބާދްޝާއާ ދިމާވިޔަސް ބީރައްޓެއްސެއެް ކަމުގައި ހެދިގަންނާނޭ ކަމަށް ފަރުޒާނާ އޮތީ އަހަރެން ގާތު ވައުދުވެފައި. އޭނާއަކަށް އެ ވައުދެއް ނުފުއްދުނު. މަންމަ ތިޔަ ބުނީ ރަނގަޅަށް. އެއީ ވަރަށް ޗާލާކު އަންހެނެއް. ބާދްޝާއަށް ފެނުނީމާ ކައިރިއަށް އައިސް ވާހަކައެއް ނުދައްކާ. ދުރަށް ދިޔައީ. އެކަމުގައި ބީރައްޓެހިކަމެއް ދައްކައިފިތާ. އެކަމަކު އެނބުރި ބަލަބަލާފައި ކަންތައް ކުރީ ބާދްޝާއަށް އިޝާރާތެއް ކުރަން ވެގެން. ތިމަންނާއަށް ކަލޭ އެނގިއްޖެއޭ ބުނަން ވެގެން."

"އޭނާ އެކަހަލަ މަޅި ޖަހަމުން ދުވަންޏާ ދަރިފުޅުގެ ދިރިއުޅުން ހަލާކު ވެގެން ހިނގައިދާނެ."

"އަހަރެން އޭނާޔާ ބައްދަލު ކޮށްފައި އޭނާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރާނަން. އެހެން ނުހަދާށޭ ބުނާނަން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.