ފަޅިމޫނު - 15

(22 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެއްވެސް ތަފާތެއް ނެތް. މޫނުގެ އެއްފަޅި ކުޑަކޮށް އަނދާފައި ހުރީމާ އަނެއް ފަޅިއަށްވެސް ކުޑަކޮށް އަސަރު ކޮށްފައި ހުރީ ކަމަށް ވެދާނެ. އެހެންވީމާ ރަނގަޅު ފަޅީގައިވެސް އުނިކަމެއް ހުރީހެން ހީވަނީ. ފުރަތަމަ ރުޚްސާނާއާ ދިމާއަށް ބެލިހެން ލޯބިން ބެލީމާ އެ ތަފާތެއް ނުފެންނާނެ. ދެން ނާސްތާ ކުރޭ."

އޭނާ ގޮނޑިއެއް މޭޒުދޮށަށް ކައިރިކޮށްގެން އިށީނދެެއްޖެއެވެ. މައިދައިތަ ބުންޏެވެ. "މަންމަ މި އައީ ނާސްތާކޮށްގެން. ދެކުދިން ނާސްތާ ކުރޭ. ފެން ހިފައިގެން އެބަ އަންނަން."

މަންމަ ބަދިގެޔާ ދިމާއަށް ހިނގައްޖެއެވެ.

އެ ވަގުތު އަނެއްކާވެސް ކާރެއްގެ އަޑު އިވިއްޖެއެވެ. "އަހަރެންގެ ކާރު އައީ ކަމަށް ވާނީ. އަހަރެން ބޭނުން ވަނީ ރަނގަޅަށް ބަލާފައި އިންސާފުން ވަކި ގޮތެއް ކަނޑައަޅައިދޭނޭ މީހަކާ ވާހަކަ ދައްކަން. އަހަރެންގެ އިންޖިނޭރުބޭބެއަކީ ވަރަށް ތެދުވެރި އަމާނާތްތެރި މީހެއް. ވަރަށް ވިސްނުންތެރި ތަޖުރިބާކާރެއް. ކާވެނީގެ ކުރިންވެސް ބޭބެ އަހަންނަށް ވަރަށް ބޮޑަށް ވިސްނައިދިން. އެކަމަކު އޭރު އަހަރެންގެ ބޮލަކަށް އެއްވެސް ވާހަކައެއް ނުވަން. އަހަރެން ބޭބެ މިގެޔަށް ގެންނާނަން. ބޭބެއަށް ވަނީ ރުޚްސާނާ އެއް ފަހަރު ފެނިފައި. އެހެންވީމާ ބޭބެއަށް ވަރަށް ރަނގަޅަށް އެނގޭނެ. ތިޔައީ ކާކުކަން ކަނޑައަޅާނީ ބޭބެ."

ރުޚްސާނާ އަނގަޔަށް ރޮށިކޮޅެއް ލަމުން ބުންޏެވެ. "ބާދްޝާ ޖާނީ. އަހަރެން ހުތުރީތަ؟ އަހަންނަކީ ވިޔާނުދާ މީހަކީތަ؟ ބާދްޝާ ތާއަބަދު ތިޔަ ވިސްނަނީ އަހަންނާމެދު. ދިރިއުޅުމުން އަހަރެން ނެރެ އެއްލައިލާނޭ ގޮތެއް ހޯދަން ވެގެން ދައްކާހައި ވާހަކައެއް ތިޔަ ދައްކަނީ އަހަންނާ ދެކޮޅަށް."

"ނޫނޭ. އެހެންނެއް ނޫން. ވިޔާނުދަނީއެއް ނޫން. ތިޔަ ފަޅި މޫނަށް ކޮންމެ މީހަކުވެސް ގުރުބާން ވެދާނެ. އެކަމަކު އަހަރެން ކުރާނީ ކީއް؟ އަހަންނަށް ކަމުދަނީ ކުރީގެ ސިފަ. އަހަރެންގެ ކުރިމަތީގައި އެނބުރެނީ އެ މޫނު. އަހަރެން ލޯބިވީ އެ މޫނު ދެކެ. އަހަރެން މަރުވާން ތައްޔާރު ވެގެން ހުރީ އެ މޫނަށްޓަކާ."

"ތަގުދީރު ބަދަލުވެ، އެ މޫނުގެ ސިފައަށް ކުޑަކުޑަ ބަދަލެއް އައީމާ އެ ބަދަލު ގަބޫލު ކުރެވޭތޯ މަސައްކަތެއް ނުކުރާނަންތަ؟"

ބާދްޝާ ތެދުވެއްޖެއެވެ. "ނާސްތާ ވަރަށް މީރު. އެކަމަކު އަހަރެން އަރުން އެތެރެއެއް ނުވާނެ. އިންޖިނޭރުބޭބެޔާ ވާހަކަ ދައްކައިގެން މި މައްސަލައަށް ހައްލެއް ނުހޯދެނީސް އަހަރެންގެ ހިތެއް ހަމައެއް ނުޖެހޭނެ. އަހަރެން މި ދަނީ ބޭބެ ބަލައި."

މިހެން ބުނެފައި އޭނާ ބާރަށް ހިނގައިގެންފިއެވެ. ރުޚްސާނާ އޭނާ ހުއްޓުވޭތޯ އުޅުނެވެ. "ތިޔަ ދަނީ ކޮން ތަނަކަށް؟ ނާސްތާކޮށްގެން ދޭބަލަ."

އޭނާ ބާރުލާފައި ނުކުންނާން ދިޔަ ވަގުތު ރުޚްސާނާގެ މަންމަ ފެންތަށި ހިފައިގެން އައިސް ވަންނަނީއެވެ. ދެމީހުން މުޑިއަރައިފައި މަންމަގެ އަތުގައި ހުރި ފެންތަށި ބިންމައްޗަށް ވެއްޓިއްޖެއެވެ. "ކިހިނެއްވީ؟"

ބާދްޝާ ބުންޏެވެ. "އަޅުގަނޑުގެ ލޯ އަނދިރިވީ. މި ދަނީ އިންޖިނޭރުބޭބެގެ އަތުން ލޮލެއް އަތުލަން. ވަރަށް އަވަހަށް އަންނާނަން."

އޭނާ އެ ދިޔަ ގޮތަށް ގޮސް ކާރަށް އަރައިފިއެވެ. ކާރު އިސްޓާޓު ކުރުމަށް ފަހު މިސްރާބު ޖެހީ ގަރާޖާ ދިމާއަށެވެ. ގަރާޖު ހުންނަނީ ތަންކޮޅެއް ދުރުގައެވެ. ކާރު ދުއްވަމުން ދިޔައިރު އޭނާ ގެންދިޔައީ ފަހަތް ބަލަން ހުންނަ ލޯގަނޑުން ކާރުގެ ފަހަތަށް ބަލަމުންނެވެ. އޭނާގެ ކުރިމަތީގައި އެނބުރެނީ ދެ މޫނެކެވެ. އޭނާގެ ލޯބިވާ ރުޚްސާނާގެ އަސްލު މޫނާއި، މިހާރު އޭނާއަށް ކުރިމަތިލާން ޖެހިފައިވާ ފަޅިމޫނެވެ. ދެ މޫނުންކުރެ އަސްލު މޫނަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ. ހަގީގީ ކުށްވެރިއަކީ އޭނާއެވެ. އޭނާ ރުޚްސާނާގެ މޫނަކަށް އެވަރަކަށް ނުބަލައެވެ. ކާވެނީގެ ރަސްމިއްޔާތުގައި އިން އިރު އެ މޫނު ނުލާހިކު ސާފެވެ. އޭނާގެ ކުރިމަތީގައި އެކި ފަހަރު އެކި މޫނު ސިފަވަމުން ދަނީއެވެ. ބައެއް ފަހަރަށް ލޯ ބަދަލުވެއެވެ. އަނެއްބައި ފަހަރު ނޭފަތް ބަދަލުވެއެވެ. ދެފަހަރު ފެންނަނީ ދެ ލޮލެވެ. އެއް ފަހަރު ރުޚްސާނާގެ ލޮލެވެ. އަނެއް ފަހަރު އަނބިމީހާގެ ލޮލެވެ. ދެ ލޮލުގައި ތަފާތެއް އެބަހުރި ކަމަށް ބައެއް ފަހަރު ފާހަގަ ކުރެވެއެވެ. ބައެއް ފަހަރަށް މުޅި މޫނު އޭނާގެ ކުރިމަތީގައި އެކި ގޮތްގޮތަށް އެނބުރިގަނެއެވެ. ރަނގަޅީ ކޮން މޫނެއްކަން ފާހަގަ ކުރާކަށް ނޭނގެއެވެ. އޭނާގެ ސިކުނޑީގައި އުފެދިފައި ވަނީ އާދަޔާ ޚިލާފު ހައިޖާނެކެވެ. ދުނިޔެއިން މޮޔަވަނީ ނޫންބާވައޭވެސް ހިތަށް އަރައެވެ.

އޭނާ ކާރުގައި ގޮސް ގަރާޖުގެ ކުރިމައެްޗަށް މަޑުކޮށްފިއެވެ. އިންޖިނޭރުބޭބެ އޭރު ކޮންމެވެސް ތަނަކަށް ދާން ތައްޔާރު ވަނީއެވެ. އެހެންވީމާ ބައެއް ކަހަލަ ކަންތައްތައް ކުރިއަށް ގެންދާނޭ ގޮތް ގަރާޖުގައި މަސައްކަތްކުރާ މީހުންނަށް ކިޔައިދެނީއެވެ. ބާދްޝާ ކާރުން ފޭބިތަން ފެނިފައި ނުރުހުމާއެކު އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އަދި މެކޭނިކަކާ ވާހަކަ ދައްކާން ފަށައިފިއެވެ.

ބާދްޝާ ކައިރިއަށް އައިސް ދެއަތް ޖޯޑުކޮށްފައި ބުންޏެވެ. "ބޭބޭ އަހަންނަށް މާފުކުރޭ. އޭރު އަހަރެން ހުރީ ކާވެނީގެ ހެދުން އަޅައިގެން ގާޒީގެ ކުރިމަތީގައި. ބޭބެ ހުއްޓުވަން ނާދެވުނީ އެހެންވެގެން. އެންމެންގެ ކުރިމަތީގައި އަހަރެމެން ބޮޑު ޖޯކަކަށް ވެދާނެތީ. ބޭބެ އެތަނުން އައި އައުމަކީ ވަރަށް ދެރަކޮށް ކުރި ކަމެއް. އެކަހަލަ ވަގުތެއްގައި ގާތް މީހުން ދޫކޮށްލާފައި އަންނާކަށް ނުވާނެއެއްނު؟"

އިންޖިނޭރުބޭބެ ނުރުހިފައި އަތް ހޫރައިލިއެވެ. "ހުއްޓާލާ. މިތަނުން ދުރަށް ދޭ. ގާތް މީހަކަށް ވެގެން މިހާރު ތިޔަ އައީ ކީއްކުރަން؟ އަހަރެންގެ ވާހަކަ އެހިނަމަ ރޭ ކަލެޔަށް މެދުވެރިވީ ހާލަތެއް މެދުވެރިއެއް ނުވާނެ. ހުރިހައި ކަމެއް އަހަންނަށް އެނގިއްޖެ. ކަލޭގެ އެކުވެރިން އަހަންނަށް ހުރިހައި ވާހަކައެއް ކިޔައިދީފި."

"ތިޔަވީ މާ ރަނގަޅަށް. އެވާހަކަތައް އަހަރެން ކިޔައިދޭކަށް ނުޖެހޭނެއެއްނު؟ ބޭބެ އަހަންނާ އެކީ ގެއަށް ހިނގާ."

"ނުދާނަން. ކަލޭގެ އެއްވެސް ކަމެއްގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން. ކާވެނީގައިވެސް އަހަރެން ބައިވެރިއެއް ނުވަން. އެހެންވީމާ ކަލޭގެ ޒަވާޖީ ހަޔާތުގެ ތެރެއަށްވެސް ވަންނާކަށް ބޭނުމެއް ނޫން. އެކަމާ ބެހޭ ގޮތުން އެއްޗެކޭ ބުނާކަށްވެސް ބޭނުމެއް ނޫން."

"ބޭބެ. އަހަންނަށް މާފުކުރޭ. އަހަރެން މިއީ މޮޔައެއް. ބޯ ހަލާކުވެފައި ހުރި މީހެއް. އަހަރެންގެ ގައިގައި ތަޅައިގަނޭ. އެކަމަކު އަހަންނާއެކު ހިނގާ."

"އަހަރެން ގެންދަން ތިޔަ އުޅެނީ ކީއްކުރަން؟ އަހަންނަށް ކުރެވޭނޭ ކަމަކީ ކޮބާ؟"

"ބޭބެ ކުރަންވީ ކަމަކީ އަހަންނާ އެކީގައި ގެއަށް ގޮސް އެކުއްޖާ ރަނގަޅަށް ބަލާފައި އެއީ އެއްކަލަ ދުވަހު މި ގަރާޖަށް އައި ކުއްޖާތޯ ނޫންތޯ ބުނަންވީ. އެ ދުވަހު ބޭބެ އެ ކުއްޖާ ދުށީމެއްނު ދޯ؟"

"އާނ. ދުށިން..."

"އެހެންވެއްޖެއްޔާ އެ ކުއްޖާ ފެނުނީމާ އެނގޭނެއެއްނު؟"

އިންޖިނޭރުބޭބެ ވިސްނައިލުމަށް ފަހު ބޯ ހޫރައިލިއެވެ. "ދަރިފުޅާ. ބޭބެއަކީ ހިލޭ އަންހެނުންނާ ދިމާއަށް ބަލައި އުޅޭ މީހަކީމެއް ނޫން. އެ ކުއްޖާ މިތަނަށް އައީމާ އެއް ފަހަރު ކަޅިއެއް އެއްލުނު. އޭގެ ފަހަކުން ނުބަލަން. އެހެންވީމާ އެތައް ކުދިންނެއްގެ ތެރެއިން އެ ކުއްޖާ ރަނގަޅަށް ފާހަގަ ކުރަން އެނގޭނެހެންނެއް ހިޔެެއް ނުވޭ."

"ބޭބޭ. އަހަރެންގެ ގެޔަކު ދިހަބާރަ އަންހެންކުދިންނެއް ނެތް. އެ ކުއްޖާއާއި އެ ކުއްޖާގެ އަމަޔާ ދެމީހުން ނޫން މީހަކު ނެތް. ގެއަށް ގޮސް އެއީ ރުޚްސާނާތޯ ނުވަތަ ނޫންތޯ ބުނެލައިދީ."

"އަހަންނަށް އެނގޭނީ ކިހިނެއް؟ އަހަންނަށް އެ ކުއްޖާ ފެނުނީ އެންމެ ފަހަރަކުއޭ ބުނެފީމެއްނު؟"

"މައްސަލައެއް ނެތް. މާ ގިނަ ފަހަރަކު ނުބެއްޔަސް ދުށީމެއްނު؟"

އިންޖިނޭރުބޭބެ ބާދްޝާއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އަދި ތަންކޮޅެއް މަޑުމަޑު އަޑަކުން އަހައިލިއެވެ. "ކަލޭ އޭނާޔާއެކު ރޭކުރިންތަ؟"

"އާނ. ރޭކުރިން."

"ރަނގަޅަށް ވިސްނާފައި ޖަވާބުދީ. މި އަހަނީ ދެމަފިރިން ރޭކުރާ ގޮތަށް ރޭކުރިންހޭ."

"އޭނ..." އޭނާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އިސްޖަހައިލައިގެން ހުރެ ޖެހިލުންވެފައިވާ ކަހަލަ ގޮތަކަށް އިންޖިނޭރުބޭބެޔާ ދިމާއަށް ބަލާން ފަށައިފިއެވެ.

"ބާދްޝާ. އަހަންނަށް ދޮގު ނުހަދާތި. ރަނގަޅަށް ބުނޭ."

އޭނާ ނިތްކުރީގައި އަތުން ޖަހައިލިއެވެ. "ބޭބޭ. އަހަރެންގެ ނަސީބު އޮތީ ގޮނޑަށް ލެވިފައި. ރޭ އަހަރެންގެ ސިކުނޑި ހުރީ ނުއަތަށް ބުރުޖަހަން ފަށާފައި. ބޮއިގެން ހުރީމާ ގޯހެއް ހެދުނީ."

"ގޯހެކޭ. ބަލަ މޮޔަގަނޑާ. ކަލޭ ތިޔަހަރީ އެކުއްޖާއަކީ އަނތްބެއް ކަމަށް ގަބޫލުކޮށް ގެއަށް ގެނެސް އެކުއްޖާޔާއެކު ރޭކޮށްފައި. ކާވެނީގެ ހުރިހައި މަރުހަލާއެއް ކަލޭ ފުރިހަމަކޮށް ނިންމައިފި. އެހެންވީމާ އެއީ ކުރީގެ ރުޚްސާނާތޯ އަރަބިކަރައިގެ ރަނިކަމަނާތޯ ބެލުމުގެ ހައްގެއް ކަލެއަކަށް ނޯންނާނެ. ކޮންމެ މީހަކަށް ވިޔަސް މިހާރު އެއީ ކަލޭގެ އަނބިމީހާ. ކަލޭގެ އަބުރު."

"ކޮން އަބުރެއް؟ މަކަރުވެރިކަން އޮންނަ ތަނެއްގައި އޮންނާނީ ކޮން އަބުރެއް؟"

"އެންމެ ބޮޑު މައްސަލައަކީ ކޮބައިކަން ކަލެއަށް އެނގޭތަ؟ ކަލޭގެ ސިކުނޑި އޮންނަނީ ފުންނާބުގައި. ކަލެއަށް ވިސްނައިދޭން އުޅޭ މީހަކު މޮޔަވެދާނެ. ރަނގަަޅަށް އަޑުއަހާ... ކަލޭގެ ގޭގައި މިހާރު އެއިން އަންހެންމީހާއަކީ އިހަށް ކަލޭ ދުށް ރުޚްސާނާ ނޫން ކަމަށް ބަލަމާ ހިނގާ..."

ބާދްޝާ ބޯ ޖަހައިލިއެވެ. "އަހަރެން މި ބުނަނީ އެހެންނޭ..."

"އަޑުއަހާ. ކޮން ބުނުމެއްގެ ވާހަކައެއް؟ އެއީ ކަލޭގެ ރުޚްސާނާ ކަމަށް ގަބޫލު ނުކޮށް ހުރެ ކަލޭ އޭނާޔާއެކު ރޭކުރި ކީއްވެގެން؟"

"އެއީ މަސްތުގެ ހާލަތުގައި ހެދުނު ގޯހެއް."

"ފުލުސް އޮފީހަށް ނޫނީ ކޯޓަށް ގޮސް ކަލޭ ބުނާނީ ތިޔަހެންތަ؟ ތިޔަހެން ބުނެފިއްޔާ ދުއްރައިގައި ހުރިވަރެއް ކަލެއަށް ދައްކައިލާނެ. ނިކަން ވިސްނާލަބަލަ. ބަޔަކު ކަލެއަށް އޮޅުވާލައިގެން ރުޚްސާނާ ނޫން ކުއްޖަކާ ދެވީ ކަމަށް ބަލަމާ ހިނގާ. ކޮންމެ ކޯޓަކަށް ދިޔަޔަސް ކަލެޔާ މި ސުވާލު ކުރާނެ. އެއީ ރުޚްސާނާ ކަމަށް ކަލެއަށް ޝައްކު ކުރެވޭނަމަ އެ ޝައްކުގެ މަތީގައި ކަލޭ ދެމިހުންނާން ވާނެއެއްނު؟ އެކަމަކު ކަލޭ ހެދީއަކީ އެހެންނެއް ނޫން. އެއީ އަނތްބެއް ކަމަށް ކަލޭ ގަބޫލުކޮށްފި. ރެއިން ފެށިގެން ހެނދުނާ ހަމައަށް ހޭދަކުރީ އޭނާޔާއެކު. އެހެންވީމާ އެއީ ކޮންމެ މީހަކަށް ވިޔަސް އޭނާގެ ފިރިއަކަށް ވެގެން ހުރުން ނޫން ގޮތެއް ދެނެއް ނެތް. އިންކާރު ކޮށްފިއްޔާ އޭނާ ވަރިކުރަން ޖެހޭނެ. ވަރިކޮށްފިއްޔާ ފަންސާސް ހާސް ރުފިޔާ ދޭން ޖެހޭނެ. ފަންސާސް ހާސް ރުފިޔާއާއެކު ކަލޭގެ ދެ ގޯއްޗާއި ގެ ކަލޭގެ އަތުން ބީވެގެން ދާނެ. އޭގެ ފަހުން އޮންނާނީ ކޯޗެއް؟ މިހާރު ތިޔަހަރީ އަމިއްލަ ފައިގައި ފުރޮއިން ޖަހާފައި. ދެން ކެތްކުރޭ. އާތްއޯތް ގޮވާނެ ކަމެއް ނެތް."

"ބޭބޭ. އަހރެން މި އައީ ބޭބެ ލައްވައި އަހަރެންގެ ޒަޚަމުގައި ތޫނުބޭސް އަޅުވާކަށް ނޫން. އަހަރެން މިހިރީ ވަރަށް ވަރުގަދަ މަޅިއެއްގައި ޖެހިފައި. މި މުސީބާތުން އަހަރެން ސަލާމަތްކޮށްދީ. ކޮންމެވެސް ގޮތަކުން އެއީ އަހަރެންގެ ރުޚްސާނާކަން ޔަގީންކޮށްދީ."

"ބާދްޝާ ޖާނީ. ކަލެއަކީ ޒުވާނެއް. ލޮލުގެ އަލިކަން ހުރި މީހެއް. ކާވެނީގެ ކުރިން ކަލޭ ވަނީ އެ ކުއްޖާޔާއެކު ދެ ދުވަސް ހޭދަކޮށްފައި. ރެއިން ފެށިގެން މިއަދުގެ މި ވަގުތާ ހަމައަށްވެސް އޭނާ ދެކެފީމު. ޒުވާނަކަށް ވެހުރެ ކަލެއަށް ނޭގުނު ކަމެއް އަހަރެން ކަހަލަ ލޯބޯކޮށި ވެފައިވާ މަރުމުސްކުޅިއަކަށް އެެނގޭނީ ކިހިނެއް؟"

"ބޭބޭ. ވަކި މީހަކު ފާހަގަ ކުރަން ބޭނުންވަނީ ލޮލުގެ އަލިކަމެއް ނޫން. ބޭނުންވަނީ ބުއްދި. އެޔެއް އަހަރެންގެ ކިބަޔަކު ނެތް. ބޭބެގެ ބުއްދި ރަނގަޅު ވާނެ. އެހެންވީމާ ބުއްދީގެ ބޭނުންކޮށްގެން ތެދަކީ ކޮބައިކަން ހޯދައިދީ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.