ފަޅިމޫނު - 22

(8 ނޮވެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން ކަލެޔާ އެއްކަކު ނުދާނަން. ދާ މަގުމަތީގައި ދަނޑިވަޅު ބަލާފައި ކަލޭ އަހަރެން މަރާލައިފިއްޔާ ހަދާނީ ކިހިނެއް؟"

ރުޚްސާނާ ބުންޏެވެ. "މަންމަވެސް ތުއްތު ކުއްޖަކަށް ވީތަ؟ އަހަރެން އެތައް ފަހަރަކު ބުނެފިން ބާދްޝާއަކީ އެކަހަލަ މީހެއް ނޫނޭ. ބޭރުފުށުން އަނިޔާވެރި ހަރުކަށި މީހެއްގެ ގޮތުގައި ފެނުނަސް އެތެރެއިން އެއީ ވަރަށް މަޑުމައިތިރި ހިތްހެޔޮ މީހެއް. އޭނާޔާއެކު ދޭ."

އިންޖިނޭރުބޭބެ ބުންޏެވެ. "އެއީ ތެދެއް ކޮއްކޯ. އޭނާޔާއެކު ދޭ. ބޭބެގެ ދެމަފިރިން ރުޚްސާނާ ގާތު ތިބޭނަން."

ބާދްޝާ ނުކުމެގެން ގޮސް ކާރަށް އަރައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ މައިދައިތަވެސް ނުކުމެއްޖެއެވެ. އޭނާ އައިސް އެރީ ކާރުގެ ފަހަތަށެވެ. އެ ވަގުތު ކުޑޭ އައިސް ބުނެފިއެވެ. "ވެރިޔާ. އަނެއް ކާރު ރަނގަޅު ކުރެވިއްޖެ."

ބާދްޝާ އެނބުރި ފަހަތަށް ބަލައިލިއެވެ. "ކުޑޭ. ކާރު ހަލާކު ވެއްޖެއްޔާ ހެދިދާނެ. އެކަމަކު އާދަމުގެ ދަރިއަކު ހަލާކު ވެއްޖެއްޔާ ހެދުމަކީ ވަރަށް އުނދަގޫކަމެއް."

މައިދައިތަ ދެލޯ ބޮޑުކޮށްލިއެވެ. "އޭތް. އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަނީ ކީއްވެގެން؟"

"ކުޑޭ ނިކަން ބަލާބަލަ. އަހަރެން ދެއްކީ ރަނގަޅު ވާހަކައެއް ނޫންތަ؟ އެއްޗެކޭ ބުނެލުމަކާއެކީ އެ މައްސަލަ ޖެހުނީ."

އޭނާ ނާޒިމްއާބާދާ ދިމާއަށް ކާރު ދުއްވާލައިފިއެވެ. ދިޔަ މަގުމަތީގައި ދެމީހުންވެސް ތިބީ ހިމޭނުންނެވެ. ބާދްޝާ ޖާނީގެ ހިތުގައި އެތައް ޠޫފާނެއް ވަނީ ނަގައި ބޯމަތިކޮށްފައެވެ. އެތައް ވާހަކައެއް ދައްކާން އޭނާ ބޭނުމެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާ މިހާރުވީ ކޮންތާކު ހެއްޔެވެ؟ އޭނާ ކެތްތެރިކަމާއެކު ހިމޭނުން އިނީއެވެ. މި ވަގުތު ބޭނުންވަނީ ދަރިފުޅަށް ދޭނޭ ޚާލިސް މާމުޔެވެ. އެ މާމުއި ނުލިބޭ ކަހަލަ އެއްވެސް ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ހިމޭންކަމާއެކު ދުއްވަމުން ގޮސް ނާޒިމްއާބާދަށް ދެވިއްޖެއެވެ. ޢައްބާސީ ހަސްފަތާލުގެ ކުރިމަތީގައި އޮތް މަގުން ވަދެގެން ގޮސް އޭނާ ކާރު މަޑުކޮށްލީ އޭނާގެ ކާވެނި ކުރެވުނު ގޭދޮށަށެވެ. އޭނާ ކާރުގެ ބޮކި ނިއްވާލަން އުޅުނުތަނާ ކުއްލިއަކަށް ކުރިމަތިން ފެނުނީ ޒުވާން އަންހެންކުއްޖެކެވެ. އެ ކުއްޖާގެ މޫނު ރަނގަޅަކަށް ނުފެނެއެވެ. އެކަމަކު އިސްކޮޅާއި ހަށިގަނޑު އޭނާގެ ލޮލުގައި އަޅައިގެންފިއެވެ. އޭނާ ދިޔައީ ސިއެްސައިގެންނެވެ. ހިތް ވަރަށް ބާރަށް ތެޅޭން ފަށައިފިއެވެ. އެ ދަނީ އޭނާގެ ފުރާނައެވެ. ބޮލުގައި އަތްއަޅައިގެން މޫނު ފޮރުވަން މަސައްކަތް ކުރަމުންދާހެން ހީވިއެވެ. އެ ކުއްޖާ މަގު ހުރަސްކޮށްފައި އަނެއް ފަރާތަށް އަރަނީއެވެ. ބާދްޝާ ކާރުގެ ދޮރު ހުޅުވައިލުމަށް ފަހު ބާރަށް ގޮވައިލިއެވެ. "ރުޚްސާނާ. މަޑުކުރޭ... މަޑުކުރޭ... އަހަންނަށް ރުޚްސާނާ އެނގިއްޖެ."

މައިދައިތަ ބިރުންހުރެ ކާރުގެ ދޮރު ހުޅުވައިލާފައި ފައިބައިފިއެވެ. "ތިޔައީ ކޮން ކަމެއް؟ ރުޚްސާނާ އެ އޮތީ ގޭގައި. މިތާނގައި ތިޔަ މޮޔަ ވައްތަރު ނުޖައްސާ."

ބާދްޝާ ރުޅި އައިސްފައި ބުންޏެވެ. "އަނގަނުތަޅާ. ކަލެއަކީ ބޮޑު މަކަރުވެރިއެއް. ދޮގުވެރިއެއް. މައްކާރު މީހެއް."

މިހެން ބުނެފައި އޭނާ އެ އަންހެންކުއްޖާޔާ ދިމާއަށް ދުއްވައިގެންފިއެވެ. އޭރު އެ ކުއްޖާ މަގު ހުރަސްކޮށް އަނެއް ފަރާތަށް އަރައިފިއެވެ. އޭނާ ދުވެފައި އަންނަކަން އިހުސާސް ކުރެވިގެންކަން ނޭނގެއެވެ. އެ ކުއްޖާ ކުއްލިއަކަށް އެނބުރި ބަލައިލައިފިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެއްޖެއެވެ. ބާދްޝާ ޖާނީ ކުއްލިއަކަށް ހުއްޓިއްޖެއެވެ.

އެއީ ރުޚްސާނާއެއް ނޫނެވެ. އެހެން ކުއްޖެކެވެ. ކުއްލިއަކަށް ފެނުނު ގޮތަކުން އެއީ ޒުވާން ކުއްޖެއްކަމުގައި ހީވީއެވެ. އެއީ ބައި ޑަޒަނަށްވުރެ ގިނަ ދަރިންގެ އަމައެއްހައި އުމުރުން ދުވަސްވީ މީހެއްކަން އެނގުނީ މޫނު ފެނުނީމައެވެ. ބާދްޝާ އިސްޖަހައިލުމަށް ފަހު އެނބުރި ކާރާ ދިމާއަށް ހިނގައިގެންފިއެވެ. މައިދައިތަ ރުޅި އައިސްފައި ބުންޏެވެ. "އަހަރެމެން ބަދުނާމު ކުރަން ފޫގަޅައިގެން ތިޔަ އުޅެނީ ކީއްވެގެން؟ އަހަރެމެން މި އަވަށުގައި ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެ. އަހަރެމެންގެ އަގު ވައްޓައިލާން މަސައްކަތް ނުކޮށް ގޭތެރެއަށް ވަދޭ."

ބާދްޝާ އޭނާގެ މައިދައިތަގެ ފަހަތުން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ބޮޑުކޮޓަރި ތެރޭގައި އޭނާގެ ބަފައިބެ ފަރީދު އަޙްމަދު ތާސްބައެއް ހިފައިގެން އިނެވެ.

މައިދައިތަ މާމުއި ގަންނާން ބޭރަށް ދިޔައީމާ ފަރީދު އަހައިލިއެވެ. "ތާސްބައިން ކުޅެން އެނގެނީ ކޮން ކުޅިވަރެއް؟"

އޭނާ އަނގައިންވެސް ނުބުނެ ފަރީދާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. މާ ގިނަ އިރުތަކެއް ނުވެ މައިދައިތަ ކުޑަކުޑަ މާމުއި ފުޅިއެއް ހިފައިގެން އަތުވެއްޖެއެވެ. ބާދްޝާ ޖާނީ އަތްދިއްކޮށްލިއެވެ. "މަގޭ އަތަށް ގެނޭ."

މައިދައިތަ ބުންޏެވެ. "އަހަރެން ހިފައިގެން ހިނގައިދާނަން. މާމަ ދަރިފުޅަށް އެހެން ބައެއް އެއްޗެހިވެސް އަހަރެން ގެންދާނަން."

ބާދްޝާ މާމުއިފުޅި ޖަހައިގެންފިއެވެ. އަދި އެ ފުޅި ޖީބަށް ލަމުން ބުންޏެވެ. "އަހަރެންގެ ދަރިފުޅަށޭ ކިޔާފައި އެއްވެސް އެއްޗެއް ގެންދާނެ ކަމެއް ނެތް. ދަރިފުޅަށް ބޭނުންވާ އެއްޗެހި ހޯދާނީ އަހަރެން. ކުރަން ޖެހޭ ކަމެއް އޮތިއްޔާ ކުރާނީވެސް އަހަރެން. ކަލޭމެންގެ ހިޔަނިވެސް އަހަރެންގެ ދަރިފުޅަށް އެޅޭގޮތް ވާކަށް އަހަރެން ބޭނުމެއް ނޫން."

ފަރީދު އަޙްމަދު ހައިރާންވެފައި އަހައިލިއެވެ. "ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟"

"މި ދައްކަނީ ރަނގަޅު ވާހަކަ. ކަލޭމެން އަހަރެންގެ ދަރިފުޅު ފޮރުވާފައި، ބަދަލުގައި އެހެން ކުއްޖަކު ގެނަޔަސް އަހަންނަކަށް ކުރެވޭނެ ކަމެއް ނޯންނާނެ."

މައިދަތިޔަ ބުންޏެވެ. "މޮޔަވީތަ؟ އަހަރެމެން އެހެން ހަދަންވީ ކީއްވެގެން؟"

"އެހެން ހަދަންވީ ސަބަބެއް އެބައޮތް. އެއީ ކަލޭމެންގެ އާއިލީ އާދައެއް. މިހާރުވެސް އަހަރެން މި ކުރަނީ ހަމަ އެއް ސުވާލެއް. އަހަރެން ލޯބިވީ ރުޚްސާނާ ކޮބާ؟ ސީދާ ތެދަށް ބުނޭ. އަހަރެން އިންނާން ބޭނުންވީ ރުޚްސާނާ ކޮބާ؟"

މައިދައިތަ އަތް ހިއްލައިލިއެވެ. "ބާދްޝާ. މިއީ އަހަރެމެންގެ ގެ. އަހަރެމެން މިއީ އިއްޒަތާއި އަބުރުވެރިކަމާއެކު ދިރިއުޅޭ ބަޔަކީން. މިތާނގައި އަޑުގަދަކޮށް އަހަރެމެން މިއީ ކުޅިވަރަކަށް ހަދަން ނޫޅޭ."

ބާދްޝާވެސް އަތް ހޫރައިލިއެވެ. "ކޮން އިއްޒަތެއް... ކޮން އަބުރެއް؟ އަހަރެން މިއީ ކުލީކާރު ދުއްވާ މީހެއް. ކާރަށް އަރާ މީހާއަށް އޮޅުވާލާފައި އެމީހާ ބޭނުން ނޫން ތަނަކަށް ގެންގޮސް ބޭލުމަކީ އަހަރެމެން ކުރާ ކަމެއް ނޫން. އަހަރެމެން ދަނީ ސީދާ އެ ބުނާ ތަނަކަށް. އަހަރެން ކަލޭމެން ގާތު ބުނީ އަހަރެންގެ ރުޚްސާނާއާ ހަމައަށް ގެންގޮސް ދޭށޭ. އެކަމަކު ކަލޭމެން އަހަރެން ގެންދިޔައީ ކަލޭމެންގެ ދަރީގެ ގާތަށް. ތިޔަ ބުނާ އިއްޒަތާއި އަބުރުވެރިކަމަކީ އެއީތަ؟"

"ބޮޑެތި މީހުންނާ ވާހަކަ ދެއްކުމުގެ އަދަބެއްވެސް ކަލޭގެ ކިބަޔަކު ނެތް. ހިތަށް އެރިހައި އެއްޗެއް ތިޔަ ގެންދަނީ ގޮވަމުން. އަހަރެމެން ކަލޭގެ އަނތްބަކަށް ހެދީ ކަލޭ ރުހިގެން އެދުނު މީހާ."

ބާދްޝާ ހަޅޭއް ލަވައިގަތެވެ. "ދޮގު ނުހަދާ. އަހަރެންގެ ރުޚްސާނާ މިއަދު އަހަރެން ދުށިން. އޭނާ އިނީ ރެކިސާއެއްގައި. އޭނާއަށްވެސް އަހަރެން އެނގުނު. އެކަމަކު ނޭނގޭ ކަމަށް ހެދިގަތީ. އެއީ ކީއްވެގެން؟ އަހަންނާ އެހައި ކައިރިވުމަށް ފަހު ދުރަށް ދުވަނީ ކީއްވެގެން؟ އޭނާ އަހަރެން ދެކެ ފަކުރު ގަންނަނީ ކަލޭމެން ކީއްކޮށްގެން؟ ކަލޭމެން ތިޔަ ކުޅޭ ކުޅިވަރު ނިކަން އަހަންނަށް އޮޅުންފިލުވައި ދީބަލަ. އެހެންނޫނީ އަހަރެން މޮޔަވެދާނެ. އަހަރެންގެ އަތުން ކަލޭމެންގެ ފަހަރަކު މީހަކު މަރުވެސް ވެދާނެ."

އެ ދެމަފިރިން ފަހަތަށް ޖެހިލިއެވެ. އެހެން މީހަކު ނަމަ އެމީހުން ހަޅޭއްލަވައި ތަންގަނޑު މީހުން އެއްކުރީހެވެ. އެކަމަކު ކުރިމަތީގައި މިހިރީ އެމީހުންގެ ދަނބިދަރިއެވެ. އެހެންވީމާ ކުރެވޭނޭ މާ ބޮޑު ކަމެއް ނެތެވެ. މައިދައިތަ ކުޑަކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. "އަހަރެމެންގެ ދަރިފުޅު ބުނާ ގޮތުގައި ކަލެއަކީ ނުލަފާ މީހެއް ނޫން. ލޯބިން ވިސްނައި ދިނީމާ ކަލެއަށް ވިސްނޭނެ. ސުވާލެއް އޮތިއްޔާ ގެއަށް ގޮސް ރުޚްސާނާއާ ކުރޭ. ކަލޭގެ ސުވާލުތަކުގެ ޖަވާބު އޭނާ ދޭނެ. މިތާނގައި އަރައިރުން ވުމަކީ ބޭކާރު ކަމެއް. ތެދާއި ދޮގާ ވަކިކުރަން ބޭނުމިއްޔާ ގެއަށް ހިނގާ. ކަލޭގެ ދަރިފުޅު އޮތީ ބަނޑަށް. މާމުއިފޮދު ވީހައިވެސް އަވަހަކަށް ގެންގޮސްދޭން އެބަޖެހޭ."

އެންމެ ފަހުން އޭނާ އެ ބުނި ވާހަކައިގެ އަސަރު ބާދްޝާއަށް ކޮށްފިއެވެ. ދަރިފުޅުގެ ބަނޑުހައިކަމުގެ އިހުސާސް ކުރެވުމާއެކު ބާދްޝާ ބޭރަށް ނުކުމެއްޖެއެވެ.

ރުޚްސާނާގެ މަންމަ ބުންޏެވެ. "ފަރީދު. އަހަންނާއެކު ހިނގާ. ބާދްޝާ ދެކެ މިހާރު އަހަރެން ބިރުގަނޭ."

ފަރީދު އަޙްމަދު ދޮރުން ބޭރަށް ނަޒަރު ހިންގައިލިއެވެ. "ބާދްޝާއަށް ލޯބިން ވިސްނައިދިނީމާ ވިސްނޭނެއޭ އަހަރެމެންގެ ދަރިފުޅު ބުންޏެއްނު؟ ދެންމެ މިވީ ކަމެއް ނިކަން ދެކިބަލަ. އޭނާގެ ދަރިފުޅުގެ ބަނޑުހައިކަމުގެ ވާހަކަ ބުނެލުމާއެކު ފުރޭތައަކުން އިންސާނަކަށް ބަދަލު ވެއްޖެއެއްނު؟ ހިނގާ... އަހަރެންވެސް ދާނަން."

ދެމަފިރިން ގެއިން ނުކުމެ ބޭރު ދޮރު ރަނގަޅަށް ތަޅުލުމަށް ފަހު ގޮސް ކާރުގެ ފަހަތަށް އަރައިފިއެވެ. ބާދްޝާ ކާރު ދުއްވައިލިއެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ފަރީފު އަޙްމަދު ދަތްޕިލާ އެކީގައި ފެންނަވަރަށް ހީނގެންފައި ބުންޏެވެ. "އަހާނ... މި އާދެވުނީ ސިގިރޭޓުފޮށި ގޭގައި ބާއްވާފައި."

ބާދްޝާ ތުން އަނބުރައިލާފައި ބުންޏެވެ. "އަހަރެންގެ ކުރިމަތީގައި ތިޔަ ޗާލާކުކަން ދައްކަން ނޫޅޭ. ފުރަތަމަ ފަހަރު ގޯލްޑް ލީފް ސިގިރޭޓު ފޮށްޓެއް ގެންދިން ދުވަހު ތިޔަހަރީ އަހަރެންގެ ލޯބިވެރިޔާ ބަދަލުކޮށްފައި. މިއަދު ގެންދީފިއްޔާ ބަދަލު ކުރާނީ އަނބިމީހާތަ؟"

މައިދައިތަ އޭނާގެ ފިރިމީހާޔާ ދިމާއަށް ލޯ އަޅައިލިއެވެ. "އެއީ ތެދެއްތަ؟ ބާދްޝާ ލައްވައި ސިގިރޭޓު ގަނެގެން ބުއީތަ؟"

ފަރީދު ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. "ނޫނޭ... އެއީ އެހެން ވީ ކަމެއް ނޫން. ވީ ގޮތަކީ..."

ބާދްޝާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އޭތް. ތިޔަ ދޮގު ފަތިވަރު އަހަރެމެން ކަހަލަ ނިކަމެތިންނަށްޓަކައި ރައްކާކޮށްފައި ބަހައްޓާ. ހެޓިލަރު އަނބިމީހާ ގާތު ތެދަށް ބުނޭ."

މައިދައިތަ ބުންޏެވެ. "މީނާއަށް ދެއްކޭނީ ކޮން ތެދު ވާހަކައެއް. ހައްދަވައިގެން ކުރާ ކަމެއް އޮންނަނީއެއް ނޫން. ގޭގައި އޮވެގެން ދެފައި ދަމަދަމާފައި ނިދުން ނޫން ކަމެއް ނޯވޭ. ގެއަށް އާމްދަނީ ހޯދުމަކީ އަހަރެންގެ ކަމެއް. މީނާގެ ކަމަކީ މީސްމީހުންނަށް އާދޭސްކޮށްގެން ސިގިރޭޓު ހޯދައިގެން ބުއިން. އަހަރެމެންގެ އަބުރު ވެއްޔާ މޮޑެލައިފި."

ބާދްޝާ ހައިރާން ވެފައި އަހައިލިއެވެ. "މައިދައިތާ... ކަލޭމެންގެ އަބުރެއްވެސް އޮވޭތަ؟"

މައިދައިތަ ރުޅި އައިސް ރަތްވެއްޖެއެވެ. "ވިޔާނުދާ ވާހަކަ ނުދައްކާ. އަހަމެންނާ ދިމާއަށް ކަލޭ ކަލޭ ކިޔައިގެން އެތިވަރު އަމުނާތާ މިހާރު އެތައް އިރެއް ވެއްޖެ. ބޮޑެތި މީހުންނަށް އިހުތިރާމު ކުރުމަކީވެސް ދަންނަ ކަމެއް ނޫން."

ކުއްލިއަކަށް ކާރު ދެތިން ލަތްކެއް ޖަހައިފައި ހުއްޓިއްޖެއެވެ.

ފަރީދު އަހައިލިއެވެ. "ކިހިނެއްވީ؟"

"ނޭނގޭ. ކޮންމެވެސް ކަމެއް ވީތާ!" ބާދްޝާ ކާރުން ފައިބައިފައިއެވެ. އަދި އިންޖިނުގެ މަތި ނަގައިގެން ބަލާން ފަށައިފިއެވެ. އޭރު މެންދަމުން އަލިވެ ދެގަޑިބައި ވަނީއެވެ. މަގުމަތީން މީހެއްގެ ހިލަމެއް ނުވެއެވެ. ދުއްވާ އެއްޗެއް ނުފެނެއެވެ.

އިރުކޮޅަކު ބަލަން އޮވެފައި އޭނާ މަތިޖަހައިލިއެވެ. އަދި ކާރަށް އަރައި އިށީނދެއްޖެއެވެ. "ރަނގަޅު ވެއްޖެ. އިސްޓާޓު ވާނީ ކޮއްޕައިގެން."

ފަރީދު އަޙްމަދު އަހައިލިއެވެ. "ނުކޮއްޕައެއް ނުވާނެތަ؟"

"އާނ. ނުކޮއްޕައެއް އިސްޓާޓެއް ނުވާނެ. ފައިބާ... ކާރު ކޮއްޕައިލާނޭ ވަރުވެސް ގަޔަކު ނެތްތަ؟"

ފަރީދު ކާރުން ފައިބައި ކޮއްޕާން ފަށައިފިއެވެ. ބާދްޝާ އިނީ ކާރުގެ ބުރަކި ޖައްސައިގެންނެވެ. އެހެންވީމާ ކާރު ގުޑައެއް ނުލިއެވެ. ފަރީދަކަށް އެކަމެއް ނޭނގެއެވެ.

ބާދްޝާ ފަހަތަށް އެނބުރި އޭނާގެ މައިދައިތަޔާ ދިމާއަށް ބަލައިލިއެވެ. "އަރާމުކޮށް އިށީނދެގެން އިނީޔޯ؟ ކާރު ކޮއްޕައިލާނޭ ވަރެއް ފިރިމަނިކުފާނު ގަޔަކު ނެތް. އެހީތެރިވާން ފައިބާ."

މައިދައިތަ އިރުކޮޅެއް ވާންދެން ރުޅިވެރިކަމާއެކު އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެޔަށް ފަހު މަޑުމަޑުން ފައިބައިފިއެވެ. އަދި ފިރިމީހާއާ ދިމާއަށް ބުންޏެވެ. "ރެޔާދުވާލު ކެއުން ނޫން ކަމެއް ނުކުރޭ. އެކަމަކު މިވަރުގެ ކާރެއް ކޮއްޕައިލާނޭ ވަރެއް ގަޔަކު ނެތް."

ދެމަފިރިން ވެގެން ކާރު ކޮއްޕާން ފަށައިފިއެވެ. އެޔާއެކު ކާރު ދުއްވައިގެންފިއެވެ. ތަންކޮޅަކަށް ކޮއްޕުނުތަނާ ކާރު އިސްޓާޓު ވެއްޖެއެވެ. އެކަމަކު ދެމަފިރިންނަށް ކާރަށް އެރުމުގެ ފުރުސަތު ނުދީ ބާދްޝާ ކާރު ދުއްވާލައިފިއެވެ. އެމީހުން ފަހަތުން ގޮވަމުން ދިޔައެވެ. "މަޑުކުރޭ... މަޑުކުރޭ..."

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.