(31 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިންޒާރުގެ އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާގެ އަތްފައި ތުރުތުރުއަޅާން ފަށައިފިއެވެ. ދަރިފުޅުވެސް ހުއްޓައެއް ނުލިއެވެ. އޭނާ ގެންދިޔައީ ދެކަމެއް އެއްފަހަރާ ކުރަމުންނެވެ. އެއްކޮޅުން މާމަދަރި ރަމަތަ ކުރެވޭތޯ ބަލަނީއެވެ. އަނެއްކޮޅުން ދެކޮޅަށް ކުރުކާލިކަނޑަމުން ދޮރުގައި ޓަކިތަޅަމުންވެސް ގެންދިޔައީއެވެ. މާމަދަރި ހުއްޓައެއް ނުލައެވެ. އެ ދަރިފުޅަށް މަންމަގެ ހޫނުކަމާއި މާމަގެ ލޯބި އިހުސާސްކުރެވެއެވެ. އެކަމަކު މި ވަގުތު މާމައަކަށް އެ ލޯތްބެއް ނުދެއްކެއެވެ. މާމަދަރިއަށް އެ ލޯބި އިހުސާސް ކުރެވޭނޭ ގޮތެެއް ނުހެދެއެވެ. ގެންފައި ހުރި ބިރަކާއި ކަންބޮޑުވުމުގެ ސަބަބުންނެވެ.
އޭނާ އަނެއްކާވެސް ދޮރުފަތުގައި ކަންފަތް ޖައްސައިލައި އެތެރެއިން އަޑެއް އިވޭތޯ ބެލިއެވެ. އެކަމަކު އެއްވެސް އަޑެއް ނީވެއެވެ. މާމަދަރީގެ ރުއިމުގެ އަޑު އިވެނީ ކައިރިންނެވެ. އެހެންވީމާ ދުރުން އިވޭ އަޑު ސާފުވާވަރެއް ނުވެއެވެ. މީގެ ކުރިން ފެނުނު މަންޒަރު ހިތުގައި ހަރުލައިފައި ހުރުމާއެކު އޭނާއަށް ކުރެވެނީ އަންދާސާއެކެވެ. އެތެރޭގައި ބަކަރި ކަތިލާން ތައްޔާރު ވަނީއެވެ. ބޭރުގައި ބަކަރީގެ އަމާ ރޮއިހޭރެނީއެވެ.
މާމަދަރިފުޅު ރަމަތަ ކުރާން ވަގުތުކޮޅެއް ހޭދަވިއެވެ. ރަމަތަ ކުރެވުނީމާ އަނެއްކާވެސް ދޮރުގައި ތަޅަތަޅައިފައި އާދޭސް ކުރާނީއޭ އޭނާގެ ހިތަށް އެރިއެވެ. ކޮނޑުމަތީގައި ދަރިފުޅު ބާއްވައިގެން ނާނާ ކިޔަމުން ދަނިކޮށް ނިދައިފިއެވެ. އޭނާ ބަދިގެއަށް ވަދެ ބިންމަތީގައި ފޮތިގަނޑެއް އަޅައިފައި ދަރިފުޅު ބާއްވައިފިއެވެ.
ވަގުތު ފާއިތުވަމުންދާ ވަރަކަށް ދިރިއުޅުން އެކި ކުލަވަރު ދައްކައެވެ. އެއްފަހަރު އޮށްގަލުން ތެޅިއްޔާ އަނެއް ފަހަރު މަލުގެ ވާރޭ ވެއްސައެވެ. ބައެއް ފަހަރު ރޮއްވިއްޔާ އަނެއްބައި ފަހަރު ހެއްވައެވެ.
މަންމަ އޭނާގެ މާމަދަރި ނިންދަވާފައި ކޮޓަރީގެ ދޮރު ކައިރިއަށް ޖެހިލީއިރު އެތެރެއިން އިވެނީ ރުޚްސާނާ މަޑުމަޑުން ހޭނ އަޑެވެ. އޭނާ ހައިރާންވިއެވެ.
ރުޚްސާނާ ބާދްޝާގެ މޭގައި ބޯ އަޅައިގެން އޮވެ ހެނީއެވެ. އަދި އޭނާގެ ނާޒުކު އަތުން ބާދްޝާގެ މޭގައި މަޑުމަޑުން ތަޅަނީއެވެ. ބާދްޝާ އޭނާގެ އަތުގައި ބޮސްދީފައި ބުންޏެވެ. "އެންމެ ރަނގަޅު. އަހަރެން ބަލިވީ ކަމަށް ގަބޫލު ކޮށްފިން. ދެ ދުވަސް ވާންދެން ސިއްރުސިއްރުން ރުއީ ކީއްވެގެން ހެއްޔޭ ދެނެއް ނާހާނަން. ރުޚްސާނާ އަމިއްލައަށް އަހަރެން ގާތު ބުނަންދެން އިންތިޒާރު ކުރާނަން. ނުބުނިއްޔާ އަހަރެން ބޭރުފުށުން ހިނި އައިސްފައި ހުއްޓަސް އެތެރޭގައި އޮންނާނީ ރުޅިވެރިކަން."
މަންމަ ބޭރުގައި ހުރެގެން ދޮރުގައި ކަންފަތް ޖައްސައިގެން އަޑުއިވޭތޯ މަސައްކަތް ކުރަނީއެވެ. އެކަމަކު ކިޔާނުކިޔާ އެއްޗެއް އެނގޭވަރެއް ނުވެއެވެ. އެންމެ ފަހުން ދުރަށް ޖެހިލިއެވެ. "މި ޒަމާނުގެ އަންްހެން ކުދިން މި ތިބެނީ މަސްތެއްގައި ޖެހިފައި. ފިރިން ހެސްކިޔާފައި އަނިޔާ ކުރީމާވެސް ހެނީ. އަހަރެމެންވެސް މިތިބީ މީހުނާ އިނދެގެން. ފިރިމީހާއަށް އަހަރެމެންގެ ނުރުހުމުގައި އިނގިލިކުރިވެސް ޖައްސައިލާކަށް ނުކެރޭނެ. ޖައްސައިފިއްޔާ އެ އިނގިއްޔެއް ތިން ބުރިއަށް ބިންދައިލާނަން."
ބާދްޝާގެ ވާހަކައަކަށް ރުޚްސާނާ ޖަވާބެއް ނުދެއެވެ. މީގެ ފަހުން އެއްވެސް ކަމެއް ސިއްރު ނުކުރާނަމޭ ބުނުމަކީ އޭނާ ދޭން ޖެހޭ ޖަވާބު ކަމުގައި ވެދާނެއެވެ. އަދި ރޮނީ ކީއްވެގެންކަން ސާފުކޮށް ބުނުމަކީ ކަންތައް ކުރަން ޖެހޭ ގޮތް ކަމުގައިވެސް ވެދާނެއެވެ. އެކަމަކު އޭނާއަކަށް ސަބަބު ބުނެވޭކަށް ނެތެވެ. އަދި ވައުދެއް ވެވޭކަށްވެސް ނެތެވެ. ބާދްޝާ ބުނާ ގޮތުގައި އޭނާ ހިނި އައިސްފައި ހުއްޓަސް ހުންނާނީ ރުޅި އައިސްފައެވެ. އެއީވެސް ދެރަ ގޮތެއް ނޫނެވެ. ބާދްޝާ އޭނާ ދެކެ ބައެއް ފަހަރު ރުޅި އައުމަކީވެސް އޭނާގެ އެދުމެކެވެ. މިއަދު ތަޅައިގަތީމާވެސް ވީ ތަދާއެކުވެސް ބާވަތެއްގެ އުފާވެރިކަމެއް އިހުސާސް ކުރެވުނެވެ. މިއަދު މި ފެނުނީ މީގެ ކުރިން ފެނުނު ކަހަލަ ކަމެއް ނޫނެވެ. ބާދްޝާގެ މުޅީން އައު ސިފައެކެވެ. އެއީވެސް ރީތި ސިފައެކެވެ. ބާދްޝާގެ އަތުން މަރުވާންވެސް އޭނާ އެހެރީ ތައްޔާރަށެވެ.
ބާދްޝާ އޭނާގެ ޖަވާބަކަށް ހިނދުކޮޅަކަށް އިންތިޒާރު ކުރިއެވެ. އަނގައިން ނުބުނީމާ އަނެއްކާވެސް ބުންޏެވެ. "އަހަރެން ދެކެ ރުޅި އައީ ދޯ؟ މާ ބާރަށް ޖެހުނީތަ؟"
މި ފަހަރުވެސް އޭނާ ޖަވާބެއް ނުދިނެވެ.
"އަރައިރުންްވުމުގެ ޕްރޮގްރާމް ރޭވީ ރުޚްސާނާއެއްނު؟ ދެ ދުވަސް ވާންދެން ރުޚްސާނާ ރޮނީއޭ، ވާނުވާއެއް އަހަންނަކަށް އަންގައިވެސް ނުލައޭ ހިތަށް އެރީ އެ ވަގުތު. ހިތަށް އެރީ އަހަރެން މިއީ ތިމަންގެ ފިރިމީހާ ކަމަކަށް ރުޚްސާނާ ގަބޫލެއް ނުކުރެއޭ. އަހަންނަށް ދޮގު ހަދަނީއޭ. މިހެން ހިތަށް އެރީމާ މާ ބޮޑަށް ރުޅިއައީ. ރޭވުމަށް ވީ ގޮތެއް ނޭނގުނު. ކުއްލިއަކަށް ތަޅަައިގަނެވުނީ."
ރުޚްސާނާ އަނގައިންވެސް ނުބުނެ އަޑު އަހާން އޮތީއެވެ. މޭމަތީގައި ބޯ އަޅައިގެން އޮތުމުގެ ސަބަބުން އޭނާއަކަށް ބާދްޝާގެ މޫނެއް ނުފެނެއެވެ. އޭނާ މަޑުމަޑުން ބާދްޝާގެ މޫނުގައި ފިރުމައިލިއެވެ.
"ރުޚްސާނާ. ތިޔަ ކުރާ ހިތާމައަކީ ކޮބައިކަން އަހަރެން ގާތު ކޮންމެވެސް ދުވަހަކުން ބުނާނަން ދޯ؟"
އޭނާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ނުބުނާނަން. ނުބުނާނީ ކީއްވެގެން ހެއްޔޭ އަހާބަލަ."
"ނޭހިޔަސް ބުނޭ."
އޭނާ ބާދްޝާގެ ގައިގައި ކުރިއަށްވުރެ ބާރަށް ބައްދައިލިއެވެ.
"ބުނެފިއްޔާ މިއަދު ރުޅި އައިސްފައި ދެނެއް ރުޅިއެއް ނާންނާނެ. އަހަރެން ބޭނުން ވަނީ ދޭތެރެ ދޭތެރެއިން ބާދްޝާ ރުޅި އަންނަ ގޮތް ވާން. ކޮންމެ ދުވަހަކުވެސް މިހެން ވާން. އޭރުން އަހަރެންގެ ގައިގައި އަތްލާނެއެއްނު؟ ލޯބިވާނެއެއްނު؟"
"ތިޔައީ ކޮން ކަހަލަ ވާހަކައެއް؟ ގޮތް ދޫކޮށްލާފައި ބުނެބަލަ؟"
"ނުބުނާނަމޭ ބުނެފީމެއްނު؟"
އެވަގުތު ބޭރުން އިވުނީ އިންޖިނޭރުބޭބެގެ އަޑެވެ. ވާހަކަ ދައްކަނީ މަންމަޔާއެވެ. "އަހަރެން އޮންނަނީ ދަންނަބޭކަލެއްގެ ރައުޔުގެ ވާހަކަ ބުނެފައި. އެކަމަކުވެސް އެ ދެމީހުން އެއްތަން ވަނީތަ؟ އެއްދާން ކުރަނީތަ؟ މިއީ ވަރަށް ދެރަ ކަމެއް."
މިހެން ބުނި އަޑާއެކު އިވުނީ ދޮރުގައި ތަޅައިގަތް އަޑެވެ. "ބާދްޝާ ޖާނީ. ނުކުމެބަލަ. އަހަރެން ދައްކައިލާން ޖެހޭ ވަރަށް މުހިއްމު ވާހަކައެއް އެބައޮތް."
އިންޖިނޭރުބޭބެގެ އަޑު އިވުމާއެކު ރުޚްސާނާގެ ހިތް ގެނބިގެން ދަނީ ކަމުގެ އިހުސާސް ކުރެވުނެވެ. އޭނާ ތެދުވެ، ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ބާދްޝާވެސް ތެދުވެ އިށީނދެއްޖެއެވެ.
"ޖާނީ. އަހަރެން ބުނާ ގޮތަކަށް ކަމެއް ކޮށްފާނަންތަ؟"
ބާދްޝާ ބުންޏެވެ. "ފުރަތަމަ އަހަރެންގެ ސުވާލަކަށް ޖަވާބުދީ. އަހަރެން ބުނި ގޮތަކަށް ރުޚްސާނާ އެއްވެސް ކަމެއް ކުރިންތަ؟ މި ސުވާލަށް ޖަވާބު ދިނީމާ ރުޚްސާނާ ބުނި ގޮތަކަށް ހަދާނަން."
"މިހާރު ތިޔަ ވާހަކަ ބާއްވާ. އަހަރެން މި ވަގުތު މި އުޅެނީ ވަރަށް ބޮޑު ކަމަކު ކިޔަންވެގެން."
"ކިހިނެއްވީ؟"
"މި ވަގުތު އިންޖިނޭރުބޭބެޔާ ވާހަކަ ނުދައްކާ. ބުނޭ މި އުޅެނީ ބަލިވެއޭ. އެއްވެސް ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާނޭ ވަރެއް ނެތޭ. މިތާނގައި އޮށޯވޭ. އަހަރެން ގައިގައި ރަޖާ އަޅައިދޭނަން."
"ބޭބެއާ ވާހަކަ ނުދައްކާންވީ ކީއްވެގެން؟ ދައްކަން އެ އުޅެނީ ކޮން ވާހަކައެއް؟"
"ކޮންމެ ވާހަކައަކަށް ވިޔަސް މި ވަގުތު ވާހަކަ ދެއްކޭކަށް ނެތޭ ބުނޭ. ތިޔަ އުޅެނީ ބަލިވެ. މާ ގިނައިން ވާހަކަ ދައްކާކަށް ނުވާނެ. އޮށޯވޭ."
"އައްދޭ. ތިޔައީ ހާދަހާ މޮޅު ވާހަކައެކޭ. ގަދަކަމުން އަހަރެން ބަލިމީހަކަށް ހަދަނީތަ؟ ތިޔައީ ކޮން ކަހަލަ ޑަކްޓަރެއް. ދުޅަހެއު މީހުން ބަލިމީހުންނަށް ހަދަނީ..."
މިހެން ބުނެފައި އޭނާ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. ދޮރުގައި އަދިވެސް އިންޖިނޭރުބޭބެ އެބަ ޓަކި ޖަހައެވެ. ރުޚްސާނާ ދުވެފައި ގޮސް ދޮރުމަތީގައި ހުއްޓިއްޖެއެވެ. "ޖާނީ. އަހަރެން އެދޭ މި ވަރުގެ ކުޑަ ކަމެއްވެސް ކޮށް ނުދޭނީތަ؟"
"ތިޔަ ވެގެން އުޅޭ ގޮތެއް އަހަންނަކަށް ނުވިސްނޭ. އިންޖިނޭރުބޭބެޔާ އަހަންނަށް ބައްދަލުވިޔަ ނުދޭން ތިޔަ އުޅެނީ ކީއްވެގެން؟ އަހަރެން ހުއްޓުވުމުގެ ބޭނުމަކީ ކޮބާ؟"
"ހަމަ ހުއްޓުވަން ވެގެން. ބާދްޝާގެ މައްޗަށް އަހަރެންގެ ހައްގެއްވެސް އޮންނާނެއެއްނު؟ އެހެންވީމާ އަހަރެން މި އެދޭ ގޮތަށް ކަންތައް ކޮށްދީ."
"އަހަންނަށް ހީވަނީ ދެ ދުވަސް ވާންދެން އަހަންނަށް ސިއްރުކޮށްގެން ތިޔަ އުޅޭ ކަމަކާ އިންޖިނޭރުބޭބެޔާ ކޮންމެވެސް ގުޅުމެއް އެބައޮތްހެން. އެކަމެއް ސީދާ ގުޅެނީ ބޭބެޔާ. އެހެންނޫނީ ރުޚްސާނާ ރޮނީ ކީއްވެގެންކަން ބޭބެއަށް އެނގޭނެ. އެ އައީ އަހަރެން ގާތު އެ ވާހަކަ ބުނަންވެގެން. ރުޚްސާނާ ތިޔަ ދައްކާ އެއްވެސް ވާހަކައެއް އަހަރެން އަޑެއް ނާހާނަން."
(ނުނިމޭ)
ހާދަ ގިނަ ދުވަހެއް ވެއްޖޭ ވާހަކަ ނުގެސްދޭތާ؟؟
vvv.las upvaaleh
haadha reechey