ފަޅިމޫނު - 146

(5 ޖަނަވަރީ 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިހެން ބުނެފައި ބާދްޝާ ބޭރަށް ނުކުންނާން ހިނގައިގެންފިއެވެ. ފަރުޒާނާ ގޮވައިލިއެވެ. "ޖާނީ. މަޑުކޮށްބަލަ. އަންނަ ރުޅީގައި ކަތި ފިޔަވަޅެއް ނާޅާތި."

ބާދްޝާ އެ އަޑެއް ނާހައެވެ. އެ ދިޔަ ގޮތަށް ގޮސް ގެއިން ނުކުމެއްޖެއެވެ. ފަރުޒާނާވެސް ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުމެއްޖެއެވެ. "ޖާނީ. ކާމީގެ ނަމުގައި އަހަރެން މި ބުނަނީ. އެނބުރި އާދޭ."

ބާދްޝާ ހުއްޓިއްޖެއެވެ. އެނބުރި ބަލައިލިއެވެ. ދޮރުމަތީގައި ފަރުޒާނާ ހުއްޓެވެ. އޭނާޔާ ދިމާއަށް އާދޭހުގެ ނަޒަރަކުން ބަލައިލުމަށް ފަހު ފަރުޒާނާ ބުނެލިއެވެ. "އާދޭ."

ބާދްޝާ އެނބުރި އައިސް ގޭތެރެއަށް ވަދެ ދޮރު ލައްޕައިފިއެވެ. "އަހަންނަށް އެހީތެރިވާނަން ދޯ؟"

"އެހީތެރިވެވޭނޭ ގޮތެއް އެބައޮތް. އަހަރެން މި ވަގުތު ޖާނީގެ ދަރިފުޅާ ހަވާލު ވެދާނަން. އެޔާއެކު އަހަރެން ވަރަށް ބޮޑަށް ބަދުނާމުވެސް ވާނެ. އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރާނަންތަ؟"

"ލޯތްބާއެކު އަހަރެންގެ ފައިދާއަށްޓަކައި ބުނާ ކޮންމެ ކަމެއް ކުރާނަން."

"އެންމެ ފުރަތަމަ ބުނޭ. ޖާނީ އަހަރެން ދެކެ ލޯބި ވަނީ ކިހައި ވަރަކަށް؟"

"ތިޔައީ ލަފުޒުތަކަކުން ބަޔާން ކޮށްދެވޭނޭ ކަމެއް ނޫން. ފަރުޒާނާ ނުލިބުނަސް ލިބޭނޭ ކަމުގެ އުއްމީދުގައި އެންމެ ފަހުގެ ނޭވަޔާ ހަމައަށް މަސައްކަތް ކުރާނޭކަން ޔަގީން."

"ލޯތްބަކީ ހާސިލުކުރާ އެއްޗެއް ނޫން. ލޯތްބަކީ ހަމައެކަނި ވާން އޮން އެއްޗެއް. ލޯބިވާ މީހާގެ ގެ އާބާދުކޮށް ދިނުމަކީ ލޯބިވުން. ޖާނީގެ ގެ ބަރުބާދުކޮށްފައި ލޯބީގެ ހެކި ދެއްކުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. އެއީ ލޯބީގެ އަގު ވައްޓައިލުން. އަހަރެން އެކަހަލަ ކަމެއް ނުކުރާނަން. އަހަރެންގެ ވާހަކަ އަޑުއަހާ. އަހަރެން ޖާނީގެ މީހަކަށް ވާނީ ޝަރުޠަކާ އެކީގައި. ފުރަތަމަ ޖެހޭނީ އިންތިޒާރު ކުރަން."

"އަހަރެން އިންތިޒާރު ކުރާނަން."

"އެހެން ވެއްޖެއްޔާ އަދި ރުޚްސާނާ ވަރި ނުކުރާތި. އޭނާ އެނބުރި އަންނާންދެން އިންތިޒާރުކުރޭ."

"އެއީ ކީއްކުރަން؟"

"އަހަރެން މި ބުނާ ގޮތަށް ހަދާ. އޭނާ އެނބުރި އައިސް އޭނާ އެ ކުރި ކަމެއްގެ ދިފާއުގައި ކޮންމެވެސް ވާހަކައެއް ދައްކާނެ. ދިފާއުގައި ވާހަކަދެއްކުމަކީ އެންމެ ބޮޑެތި ކުށްވެރިންނަށްވެސް އޮންނަ ހައްގެއް. އެ ހައްގު ރުޚްސާނާއަށް ދޭން ދެކޮޅު ހަދަނީ ކީއްވެގެން؟ އެ ހައްގު އޭނާއަށް ނުދިނުމަކީ ޖާނީގެ ވިޔާނުދާކަން ފެންނާނޭ ކަމެއް."

"ކޮންމެ ކަމެއްގައިވެސް ވިޔާނުދާ ވަނީ އަހަރެން ދޯ؟ ހުރިހައި އިލްޒާމެއް އަޅުވަނީ އަހަރެންގެ ބޮލުގައި."

"އަހަރެން ޖާނީގެ ބޮލަކު އެއްވެސް ކަހަލަ އިލްޒާމެއް ނާޅުވަން. އަހަރެން މި މަސައްކަތް ކުރަނީ ޖާނީގެ ފަރާތުން ފެނިދާނޭ ވިޔާނުދާ ކަމެއް ހުއްޓުވަން. ޖާނީ ކޮންމެ ކަމެއް ކުރިޔަސް ކުރަން ވާނީ ފަހުން އަމިއްލަ ޒަމީރު މަލާމާތް ނުކުރާ ކަހަލަ ކަމެއް."

"އަމިއްލަ ޒަމީރު ބުނާހައި ގޮތަކަށް އަހަރެން ކަންތައް ކުރަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެ. މިއަދުވެސް އަހަރެންގެ ޒަމީރަކަށް އެއްވެސް ކަމެއް ނުވޭ. އަހަރެން މިހިރީ ހަމަޖެހިގެން. ފަރުޒާނާއަށް ލިބިފައިވާ ތައުލީމުގެ އެހީގައި އަހަރެންގެ އަނގަ ބަންދުކޮށް ބުއްދި ފަސް ކުރުވަން ނޫޅޭ. އަހަރެން ރުޚްސާނާ ބަލައިގަންނަ ގޮތް ހަދަން މަސައްކަތް ނުކުރޭ. އެއީ އަހަރެން ކުރާނޭ ކަމެއް ނޫން. އޭނާ އެންމެ ހިނދުކޮޅަކަށްވެސް އަހަންނާ ކައިރީގައި އުޅުމަކީ އަހަންނަށް ބަލައިގަނެވޭނޭ ކަމެއް ނޫން. ފަރުޒާނާ އަހަންނާ އިނަސް ނީނަސް އެކަމެއް ދެނެއް ނުކުރާނަން. މީގެ ފަހުން ފަރުޒާނާމެން ޖަހާ މަކަރުވެރި މަޅީގައި ޖެހޭ މީހަކަށް އަހަރެން ނުވާނަން."

ބާދްޝާ އަނެއްކާވެސް ބާރަށް ހިނގާފައި ގޮސް ބޭރަށް ނުކުމެއްޖެއެވެ. ފަރުޒާނާ ގޮވި ނަމަވެސް އެނބުރި ބަލައިވެސް ނުލިއެވެ. އެއްވެސް މީހެއްގެ ގޮވުމަކަށް ބަލާކަށް މިހާރަކު އޭނައެއް ގަސްތެއް ނުކުރެއެވެ. އޭނާގެ ހިތަކު މިހާރަކު ލޯތްބަކަށް އެއްވެސް އިތުބާރެއް ނެތެވެ. ފަރުޒާނާގެ ލޯތްބަށް އޮތް އިތުބާރު ގެއްލުނީ އެކީގައި އުޅުމުގެ ތެރޭގައެވެ. ހިތްހަމަ ޖައްސަމުން ގެންދިޔައީ ދުރުގައި ހުރެގެން ފަރުޒާނާ ދެކެވާ ލޯބީގެ އެހީގައެވެ. ދެމީހުންވެސް ރީއްޗެވެ. އެކަމަކު ދެމީހުންނަކީވެސް މަކަރުވެރިންނެވެ. ދަރިފުޅުގެ ކަންތަކުގައި މިހާރަކު އޭނާ އެއްވެސް މީހަކަށް އިތުބާރެއް ނުކުރެއެވެ.

ދެގަޑިއެއްހައި އިރު ފަހުން އޭނާ އިނީ ރޭލުގެ ވަތްގަނޑެއްގައި އިށީނދެގެންނެވެ. ކާމްރާން އޮތީ އޭނާގެ އުނގުގައެވެ. އޭނާ ބުއްފުޅިއަކުން އެ ކުއްޖާފުޅަށް ބުއް ދެނީއެވެ. ފޮށި އޮތީ ބޮލާ ދިމާއިން މަތީގައި ހުރި ކަލިވަތުގައެވެ. ރޭލު ބާރު ދުވެލީގައި ދުވެފައި ދަނީއެވެ. ދަނީ ކޮން ތަނަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. ކުލީކާރު ދުއްވާ މީހުންނަކީ މަންޒިލެއް އޮންނަ ބައެއް ނޫނެވެ. އެއީ އެހެން މީސްމީހުން މަންޒިލަށް ގެންގޮސްދޭ މީހުންނެވެ.

* * *

ފަރުޒާނާ އިނީ މޭޒުދޮށުގައި އިށީނދެގެންނެވެ. މޭޒުގައި ދެ އުޅަނބޮށި ވިއްދާލައިގެން ދެ އަތުން ބޮލުގައި ހިފަހައްޓައިގެންނެވެ. އޭނާގެ ވަށައިގެން ފެތުރިފައި ވަނީ ހިމޭންކަމެވެ. އެކަމަކު އޭނާގެ އެތެރެހަށީގައި ވަނީ ބޮޑު ޠޫފާނެއް އުފެދިފައެވެ. އޭނާގެ ކަޅުކުލައިގެ ބޮޑު ދެ ލޮލުން ކަރުނަ ފައިބަނީއެވެ. އެ ކަރުނަ އޭނާޔާ ސުވާލުކުރާ ކަހަލައެވެ. އޮހެންވީ ހެއްޔެވެ؟ ނުވަތަ ހުއްޓައިލާންވީ ހެއްޔެވެ؟

ދިޔަ މީހާ ހުއްޓުވުމަކީ އޭނާއަށް ކުރެވުނު ކަމަކަށް ނުވިއެވެ. އެފަދަ މީހަކަށް ލޮލުން ފައިބާ ކަރުނަ ހުއްޓުވޭނީ ކިހިނެއް ހެއްޔެވެ؟ ވަކިވީ ވަގުތު މި ކަރުނަ އޮހެމުން ދިޔަނަމަ އެ ކަރުނަ ވާހަކަ ދެއްކީހެވެ. ބާދްޝާ ހުއްޓުވީހެވެ. އޭނާއަށް އަނގައިން ނުބެނުވުނު ނަމަވެސް ކަރުނަ ބުނީހެވެ. "އޭ ޖާނީއެވެ. ނުދާށެވެ."

އެ ކަރުނަ ތެތް ރުމާލަކަށް ވީހެވެ. ލޮލުގެ ދާއިރާއިން ބޭރަށް ނުކުމެގެން ގޮސް ބާދްޝާގެ ފައިގައި އެޅުވޭ ކަސްތޮޅަކަށް ވެގަތީހެވެ. އޭނާ އައީވެސް އަމިއްލައަށް އަސީރަކަށް ވާށެވެ. އަމިއްލަ ދަރިފުޅު މައިދައިތަ އަތުން އަތުލައިގެން ރުޚްސާނާއާ ގުޅުން ކަނޑައިލުމުގެ ނިޔަތާއެކުގައެވެ. ފަރުޒާނާ އެ ކުއްޖާ ބަލައިގަނެ ޖާނީއާ އެހީތެރިވީނަމަ ރުޚްސާނާގެ ހެޔޮ ނަސީބު އައިސް ވަނީހީ އޭނާގެ ގެއަށެވެ. އޭނާގެ ބަދުނަސީބު ގޮސް ވަނީހީ ރުޚްސާނާގެ ގެއަށެވެ.

އެހެން ހެދުމުގައި އޮތީ ކޮން ނުބައެއް ހެއްޔެވެ؟ ބާދްޝާ އޭނާގެ ގާތަށް އައީ އޭނާ ގޮވައި ގެނައީމައެއް ނޫނެވެ. ރުޚްސާނާ އަމިއްލަ ފައިގައި ފުރޮއިން ޖެހީއެވެ. ފިރިމީހާގެ އިތުބާރު ނަގައިލީ އަމިއްލައަށެވެ. ބަދުނަސީބުގެ އިންތިހާއަށް ދިޔައީ އަމިއްލައަށެވެ. އެކަމުގައި ފަރުޒާނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ބާދްޝާ ނިންމައިގެން ހުރީ ރުޚްސާނާ ވަރިކޮށްލާށެވެ. އޭނާ އާނއެކޭ ބުނެލުމާއެކު ވަރިކޮށްލާން ތައްޔާރަށެވެ. އޭނާއަކަށް އާނއެކޭ ނުބުނެވުނެވެ. ނަތީޖާއަކީ ބާދްޝާ ދަރިފުޅު ގޮވައިގެން އެ ދިޔަ ތަނަކަށް ދިއުމެވެ.

ބާދްޝާ އެ ދިޔައީ އޭނާގެ ހަށިގަނޑުން ފުރާނަ ދަމައި ކޫއްތައި ނެރެގެން ކަހަލައެވެ. އޭނާ ފުރާނަ ނެތް މަސްގަނޑަކަށް ހަދައިފައި ކަހަލައެވެ. އޭނާ އެތާނގައި އެއްވެސް ހަރަކާތެއް ނެތި ހިއްސު ކެނޑިފައި އިންނާން ޖައްސައިފައެވެ. ހަރަކާތެއް ކުރާ ހިތެއްވެސް ނުވެއެވެ. ނޭވާލުން ވަނީ ބުރަ ކަމަކަށް ވެފައެވެ. ދޭތެރެ ދޭތެރެއިން ދިރިއުޅެން މަޖުބޫރު ކުރުވަނީ ލޯތްބެވެ. އެހެން ނޫން ނަމަ ޖާނީއާ ވަކިވުމާއެކު ނޭވާވެސް އޭނާޔާ ވަކިވެގެން ހިނގައްޖައީހެވެ.

ފަރުޒާ ސިއްސައިގެން ދިޔައީ މީހަކު ބޭރު ދޮރުގައި ޓަކި ޖަހައިލީ އަޑަށެވެ. އޭނާ އިސް އުފުލައިލިއެވެ. ހިތް ބާރަށް ތެޅިގެންފައި ބުނެފިއެވެ. "އޭނާ އަނެއްކާވެސް އައީއެވެ. ފާއިތުވެގެންދާ ވަގުތަކީ އެނބުރި އަންނަ އެއްޗެއް ނޫނެވެ. އޭނާ އެ އައީ ފާއިތުވި ވަގުތުކޮޅު ތަކުރާރު ކުރާށެވެ. ލޯބިވެރިޔާގެ ނިންމުން ބަދަލުކުރީ ކަމުގެ އުއްމީދުގައެވެ."

އަނެއްކާވެސް ޓަކި ޖަހައިފިއެވެ. އޭނާ ކޮޅަށް ތެދުވެއްޖެއެވެ. ކުރިއަށް ހިނގައިގަތް ވަގުތު ދެފައި ތުރުތުރު އަޅާން ފަށައިފިއެވެ. ހިތް އޭނާޔާ ބާރަށް ވާހަކަދައްކަނީއެވެ. "ޖާނީ އެދޭ ގޮތަށް އަހަރެން ހެދީމާ ބަޔަކަށް ކުރެވޭނޭ ކަމެއް އޮންނާނޭ ހެއްޔެވެ؟ ކުށް ކުރީ ރުޚްސާނާއެވެ. ޖާނީ ލިބިފައިމެ ހިފަހައްޓާން ނޭނގި ބީވެގެން ދާނޭ ގޮތް ހެދީ ރުޚްސާނާ އަމިއްލައަށެވެ. އަހަރެން ކުރާ ކަމަކީ އަތުން ބީވުމަށް ފަހު އަލުން އޭނާ ލިބިގަތުމެވެ."

އޭނާ ދޮރު ބުޑަށް ގޮސް ހުއްޓިއްޖެއެވެ. އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރުވައިލުމާއެކު ހިތާހިތާ ކިޔައިލިއެވެ. "ނޫނެކެވެ. މި ދުނިޔޭގެ ކޯޓަކަށް ހިނގައްޖެއްޔަ އަހަންނަށް ކާމިޔާބު ކުރެވޭނެއެވެ. ރުޚްސާނާގެ ގަޒިއްޔާ އޮތީ ވަރަށް ބަލިކަށިކޮށެވެ. އެކަމަކު ޒަމީރުގެ ކޯޓުގައި އަހަންނަކަށް ކާމިޔާބީއެއް ނުހޯދޭނެއެވެ. ރުޚްސާނާ ކޮށްފައި ވަނީ އިންސާނުން ކޮށް އުޅޭ ކަހަލަ ކުށެކެވެ. އެހެން އިންސާނުންނަށް ޖެހެނީ އޭނާގެ ކުށަށް މާފު ކުރާށެވެ. އޭނާގެ ގެ އާބާދުކޮށް ދެމެހެއްޓުމަކީ އަހަރެންގެ ވާޖިބެކެވެ. އެހެންވީމާ އަހަރެން މި ފަހަރަކު ދޮރެއް ނުހުޅުވާނަމެވެ."

އޭނާ ބާރަށް ބުނެލަން ބޭނުން ވަނީ މިހެންނެވެ. "ޖާނީއެވެ. ދާށެވެ. ތިޔަ ކުއްޖާ ގެންގޮސް ކުއްޖާގެ މާމަޔާ ހަވާލު ކުރާށެވެ."

އެކަމަކު އޭނާއަކަށް އަނގަޔަކުން ނުބުނެވުނެވެ. ދެން އިވުނީ ރުޚްސާނާގެ މަންމަގެ އަޑެވެ. "ކޮއިފުޅާ. ދޮރު ހުޅުވަބަލަ. މިއީ އަހަންނޭ… ރުޚްސާނާގެ މަންމައޭ."

އޭނާ އަވަސްއަވަހަށް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ތިބީ ރުޚްސާނާގެ މައިންބަފައިންނެވެ. ފަރީދު އަޙްމަދު ފެނުމާއެކު ފަރުޒާނާ ސަލާން ގޮވައިލިއެވެ. ސަލާމަށް ޖަވާބު ދިނުމަށް ފަހު ދެމަފިރިން އެތެރެއަށްވަދެއްޖެއެވެ. ފަރީދު އަޙްމަދު ދޮރު ލައްޕައިލިއެވެ.

ރުޚްސާނާގެ މަންމަ އަހައިލިއެވެ. "ބާދްޝާ މި ގެޔަށް އައިތަ؟"

"އާނ."

‘"ދަރިފުޅު ގެނައިތަ؟"

"އާނ."

"ކޮބާ ދަރިފުޅު. ކޮއިފުޅާ. އެ ސޮރު އަހަންނަށް ނުފޮރުވާތި. އެ ކުއްޖާ ދައްކާ. އެ ދަރިފުޅާ ނުލައި އަހަންނަކަށް ދިރިއެއް ނޫޅެވޭނެ."

ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އޭނާ ގޭތެރެއަށް ވަދެ އެކި ތަންތަނަށް ބޯދީ ބަލާން ފަށައިފިއެވެ. ފަރުޒާނާ އަނގަޔަކުން ނުބުނެއެވެ. އިރުކޮޅަކަށް ފަހު ފަރީދު އަޙްމަދު އަހައިލިއެވެ. "ކޮއިފުޅާ. ބޭބެ ގާތު އިށީންނާށެކޭވެސް ނުބުނާނަންތަ؟"

"ބޭބޭ. މިއީބޭބެމެންގެ ގެއެއްނު؟ އަހަރެން ބުނާކަށް ނުޖެހޭނެއެއްނު؟ ދައްތަވެސް މި ގެ ބަލައި ފާސް އެ ކުރަނީއަކީ އަހަރެން ގާތުން ހުއްދައެއް ހޯދައިގެންނެއް ނޫން. ބޭބެވެސް އެ ގޮތަށް ހަދާ."

ފަރީދު އަޙްމަދު ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ތިޔަ ދައްކާ ވާހަކައިން އެނގެނީ އަހަރެމެންގެ ދަރިފުޅު މި ގެޔަކު ނެތްކަން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.