ފަޅިމޫނު - 56

(20 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ތިން މީހުން އެކަކު އަނެކަކާ ދިމާއަށް ކުރާނޭ ކަމެއް ނެތޭ ބުނާ ކަހަލަ ގޮތަކަށް ބަލައިލިއެވެ. އަދި މަޑުމަޑުން ހިމޭންކަމާއެކު ކާރުން ފައިބައިފިއެވެ. އަންހެންކުއްޖާާ ކާރުގައި އިނީއެވެ. ބާދްޝާވެސް ފައިބައިފިއެވެ. ތަންކޮޅެއް ދުރުގައި މީހުން އެއްވެފައި އޮތެވެ. ބިރުން ތިބެގެން އެދިމާއަށް ބަލަނީއެވެ. ބަޑީގެ އަޑު އިވުމާއެކުވެސް އެއްވެސް މީހަކަށް ކައިރިއަށް އައިސް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާކަށް ނުކެރެއެވެ. ކާރުން ފޭބި ތިން މީހުން ބާދްޝާގެ އިޝާރާތަށް ދުރުގައި ހުއްޓުނީމާ އޭނާ ކާރަށް އަރައިފިއެވެ. އޭނާ ފަހަނައަޅައި އައީ ކިހައި ބޮޑު ނުރައްކަލެއްކަން ހިތަށް ވަންނާން ފެށީ ކާރު ދުއްވައިލީމައެވެ. ބުރެކި ޖެއްސި ވަގުތު ފިސްތޯލައިން އުންޑައެއް ނުކުތް ނަމަ އޭނާގެ ފުރާނަ ދިޔައީހެވެ. އޭނާ ސަމާލު ވެގެން އިނދެ ބުރެކި ނުޖެއްސި ނަމަ އޭނާއަށްވެސް އަނިޔާވީހެވެ. ހުސިޔާރު ވެވުމުގެ ސަބަބުން މިހާރު މި ވަނީ އޭނާގެ ފަރުޒާނާ ލިބިފައެވެ. މިހާރު އޭނާ އެހެރީ ދުޝްމަނުންނާ ކުރިމަތިލައި ކާމިޔާބީ ހޯދައިފައެވެ.

އޭނާ އިނީ ފަހަތު ގޮނޑީގައެވެ. އަނގަޔަކުން ނުބުނެއެވެ. ވަރަށް ދުރަށް ދުއްވުމަށް ފަހު ބާދްޝާ ބުންޏެވެ. "އަހަރެން މިއީ ރަނގަޅުވެސް މީހެއް. ނުލަފާވެސް މީހެއް. ދޮގާއި މަކަރަށް އަހަރެން ނަފުރަތު ކުރަން. ސީދާ ތެދަށް ބުނޭ. މަކަރު ހެދީ ކީއްވެގެން؟ ލޯބި ނުވާ ކަމަށް ވަންޏާ ލޯބިވެއޭ ކިޔައިގެން ދޮގު ހެދީ ކީއްވެގެން؟"

ޖަވާބުގައި އިވުނީ ރޯ އަޑެވެ. ބާދްޝާ ލޯގަނޑުން ފަހަތަށް ބަލައިލިއެވެ. އޭނާ އިނީ މޫނުބުރުގާ އަޅައިގެން ކަމުގައި ވާތީ މޫނެއް ނުފެނެއެވެ. "އަހަރެންގެ ސުވާލުގެ ޖަވާބަކީ ރުއިމެއް ނޫން. ސުވާލަށް ޖަވާބުދީ؟"

އޭނާ ގިސްލަމުން ވާހަކަ ދައްކާން ފެށްޓިއެވެ. "ބުނާނީ ކީކޭ؟ އަހަރެން އެއްވެސް އިރަކު ޒަފަރު ދެކެ ލޯތްބެއް ނުވަން. އޭނާގެ ކަމަކަށް އޮންނަނީ އަހަންނަށް ބިރު ދެއްކުމާއި އިންޒާރުކުރުން. ލޯބިވާ ކަމަށް އަހަރެން ބުނަނީ އޭނާގެ ދެކެ ގަންނާ ކުރައްވާ ބިރަކުން. އޭނާޔާ އިނުމަކީ އަހަރެން ރުހޭ ކަމެއް ނޫން."

ކިތަންމެ މަޑުމަޑުން އިވުނު ކަމުގައި ވިޔަސް ފަރުޒާނާގެ އަޑު ބާދްޝާއަށް ނިކަން ރަނގަޅަށް އެނގެއެވެ. މިހާރު އެ އިވޭ އަޑަކީ އޭނާގެ ފަރުޒާނާގެ އަޑެއް ނޫނެވެ. އޭނާ މަގުގެ އެއް ފަރާތަށް ކާރު މަޑުކޮށްފިއެވެ. އަދި އެނބުރި ފަހަތުގައި އިން އަންހެންކުއްޖާޔާ ދިމާއަށް ބަލާން ފަށައިފިއެވެ. މޫނުބުރުގާގެ ފުރަގަހުގައި އިނީ ފަރުޒާނާ ބާވައެވެ؟ ޔަގީންވާ ކަމަކީ އަޑަކީ ފަރުޒާނާގެ އަޑު ނޫންކަމެވެ. އޭނާއަށް ފަރުޒާނާގެ އަޑު އިވުނީ އެންމެ ދެ ދުވަހުއެވެ. ރަހުމަތްތެރިކަން އޮތީ ދެ ދުވަހަށެވެ. އެކަމަކު އެއީ އޭނާގެ ދިރިއުޅުމުގެ ބަހާރު މޫސުމުގެ ދެ ދުވަހެވެ. އޭގެ ފަހުން ދިގުދެމިގެން މި ދަނީ ޚަރީފު މޫސުމެވެ. އެކަމަކުވެސް އެ އަޑު އޭނާގެ ސިކުނޑީގައި ވަރަށް ރަނގަޅަށް އަދިވެސް ހަރުލައިފައި އެބަހުއްޓެވެ. "އެ މީހުން ދެއްކި ވާހަކައިން އެނގުނީ މީގެ ކުރިން މަންޖެއަކީ މޫނުބުރުގާ ނާޅާ މަންޖެއެއްކަން. އެހެންވީމާ މޫނު ދެއްކުމަކީ މައްސަލައަކަށް ނުވާނެއެއްނު؟ ބުރުގާ ނަގައިފައި މޫނު ދައްކައިލެވިދާނެތަ؟"

އަންހެންކުއްޖާ ސިހުނުކަން އެނގުނީމާ ބާދްޝާ ބުންޏެވެ. "ބިރު ނުގަނޭ. އަހަރެން މިއީ ނުބައި މީހަކީމެއް ނޫން. އަހަރެންވެސް މި އުޅެނީ ފަރުޒާނާ ނަމަކަށް ކިޔާ ކުއްޖަކު ހޯދައި ނުފެނިގެން. ތިޔައީ މި ހޯދާ ފަރުޒާނާތޯ ނޫންތޯ ބަލައިލާން ބޭނުން."

އެ ކުއްޖާ މޫނުބުރުގާ ނަގައިފިއެވެ. މޫނު އެހެރީ ހާމައަށް ފެންނާށެވެ. ވަރަށް ރީތި ކުއްޖެކެވެ. އެކަމަކު އެއީ އޭނާގެ ފަރުޒާނާއެއް ނޫނެވެ. ބާދްޝާ މާޔޫސީގެ މާނޭވައެއް ލުމަށް ފަހު ކާރު ދުއްވައިލިއެވެ. "ގެންގޮސް ދޭންވީ ކޮން ތަނަކަށް؟"

* * *

ރުޚްސާނާ ދިޔައީ ވުޟޫ ކުރާށެވެ. ކައިރީގައި ހުރި ތިރި ގޮނޑިއެއްގެ މަތީގައި ހުޅުވާފައި އޮތް ފޮތެއް އޮތެވެ. އެ ފޮތުގައި ވަނީ ވުޟޫ ކުރާނޭ ގޮތް ކިޔައިދީފައެވެ. ފޮތުން ބަލައިގެން އޭނާ ގެންދިޔައީ ވުޟޫ ކުރަމުންނެވެ. ކުޑައިރު މަންމަޔާ އެކީ ކޮންމެވެސް ވަރަކަށް ނަމާދުކުރި ހަނދާން ހުރެއެވެ. އެއީ ކިހިނެއް، ކީއްވެގެން ކުރިކަމެއް ކަމެއް މިހާރަކު ހަނދާނެއް ނެތެވެ. ﷲ ގެ މަތީން ހަނދާންކުރި ދުވަހެއްވެސް މަދުން ނޫނީ ހަނދާނެއް ނުވެއެވެ. ﷲ ގެ ހަނދާން ވަނީ ކަރުގައި ލޭރަހަ ލީމައެވެ. މުސީބާތުގެ ސަބަބުން ކުރިމަތީގައި ތަރި ބުރާން ފެށީމައެވެ.

ވުޟޫ ކުރުމަށް ފަހު އޭނާ ތެދުވެއްޖެއެވެ. ގޮނޑިމަތީގައި އޮތް ފޮތް ހިފައިގެން އައިސް ކޮޓަރީގައި ހުރި އަލަމާރިއަށް ލައިފިއެވެ. މަންމަ އިނީ ދަރިފުޅަށް ބުއްފުޅި ޖައްސައިގެންނެވެ. ދެން އޭނާ ހުޅުވައިލީ ނަމާދު ކުރާނޭ ގޮތް ލިޔެފައި އޮތް ފޮތަކަށެވެ. އެއީ ހަނދާން އައު ކޮށްލުމުގެ ގޮތުންނެވެ. އެޔަށް ފަހު ދޮޅިއަޅައި ތައްޔާރު ވުމަށް ފަހު ނަމާދު ކުރާން ފަށައިފިއެވެ.

ކުޑައިރުއްސުރެ އޭނާއަށް ފާތިޙާ ސޫރަތާއި އިޚްލާޞް ފަލަޤި ނާސި އެނގެއެވެ. ނަމާދު ކުރަމުން ދިޔައިރު ކިޔެވި އެއްޗެއްގެ މާނައެއް އޭނާއަކަށް ނޭނގެއެވެ. އެކަމަކު އޭނާ އެހެރީ ﷲ ގެ ޙަޟުރަތުގައި އަދަބުވެރިކަމާއި ޚުޝޫޢަތްތެރިކަމާއެކު ހުއްޓިގެން ހުރެ ފަރުޟު ނަމާދު އަދާކުރަންކަން އެނގެއެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެން ވަނީ އާދަމުގެ ދަރިޔާގެ ނިޔަތަށެވެ. ނަމާދު އެންމެ ފުރިހަމަ ވާނީ ކިޔާ އެއްޗެއް ދަނެގެން ކިޔެވީމައެވެ. އެކަމަކު ނިޔަތް ރަނގަޅު ނަމަ ﷲ ތަޢާލާ ނަމާދު ގަބޫލު ކުރައްވާނޭކަން ކަށަވަރެވެ. އޭނާ ހިތުގެ އަޑިން ދުޢާ ކުރަމުން ގެންދިޔައެވެ. "އެ މިއަޅާގެ ވެރި ﷲ. މިއަޅާއަށް ރަހުމު ކުރައްވައިފާނދޭވެ. މިއަޅާގެ ދިރިއުޅުން ހަމަ މަގަށް އަޅުއްވައި ދެއްވައިފާނދޭވެ. މިއަޅާ ފަސް ވަގުތު ނާޅައި ނަމާދު ކުރާނަމެވެ. ﷲ ގެ ކަލާމުފުޅު މާނަޔާއެކު ދަސް ކުރާނަމެވެ."

އެއީވެސް ބާވަތެއްގެ ވިޔަފާރިއެކެވެ. އަހަރެމެންގެ ވެރި ﷲ އަަރެމެންނަށް ކަމެއް ކޮށް ދެއްވާނީ އަހަރެމެން ކޮންމެވެސް ކަމެއް ކުރީމައެވެ. އެހެންވީމާ ވަކި ކަހަލަ ކަމެއް ކުރާނޭ ކަމަށް ދަންނަވަނީއެވެ. ﷲ ގެ އިރާދަފުޅާއެކު އެދުނު ކަމެއް ފުރިހަމަވީމާ ދެން ހަދަނީ ކިހިނެއް ހެއްޔެވެ؟ ﷲ ގެ މަތީން ހަނދާން ނައްތައިލަނީއެވެ. މިފަދަ ގޮތަކަށް ކުރާ އަޅުކަމަކަށް ނުވަތަ ދުޢާއަކަށް ވިޔަފާރިއޭ ކިޔައިފިއްޔާ ދޮގަކަށް ވާނޭ ހެއްޔެވެ؟

ނަމާދުކޮށް ނިމިގެން އޭނާ ދުޢާ ކުރުމަށްޓަކައި ދެއަތް އުފުލައިލިއެވެ. "އޭ މިއަޅާގެ ވެރި ﷲ. މި އަޅާ އިބަ ﷲ ގެ ހަޟުރަތުގައި މިއިނީ ވިޔަފާރިއެއް ކުރާކަށް ނޫން. ވިޔަފާރި ކުރަނީ އިބަ ﷲ ނުދަަންނަ މީހުން. މިއަޅާ މިއިނީ އިބަ ﷲ ރަނގަޅަށް ދަނެގެން. ގެނބޭ މީހަކު ސަލާމަތް ކުރެއްވޭނީ ހަމައެކަނި އިބަ ﷲ އަށްކަން ދަނެގެން. މިއަޅާގެ އިއްޒަތާއި ޒަވާޖީ ހަޔާތާއި ދަރިފުޅުގެ ކުރިމަގާއި ސަލާމަތްތެރިކަމާއި އެ ދަރިފުޅުގެ ބައްޕަގެ ހިމާޔަތާއި މިހިރަ ހުރިހައި ކަމަކީ އިބަ ﷲ ގެ އިރާދަފުޅުގެ ދަށުގައިވާ ކަންކަން ކަމުގައި ގަބޫލު ކޮށްގެން. މިއަޅާ މި ވަނީ އިންސާނުންގެ ކިބައިން އެހީތެރިކަމާއި އަޅައިލުމަށް އެދިއެދި ވަރުބަލިވެފައި. އެމީހުން އަޑު ނޭހި ކަމުގައި ވިޔަސް އިބަ ﷲ އަކީ އައްސަވައިވޮޑިގެންވާ ކަލާނގެ ކަމަށް މިއަޅާ ގަބޫލުކުރަން. މިހާރު އިންޖިނޭރުބޭބެ އެ ވަނީ މިއަޅާގެ ކުރިމައްޗަށް އެހެން މައްސަލައެއް ގެނެސްފައި. މިއަޅާގެ ލޯބީގެ ގުޅުމަކީ ނާޖާއިޒު ގުޅުމެއް ކަމަށް އޭނާ އެބަ ބުނޭ. މި ގުޅުމަކީ ޖާއިޒު ގުޅުމަކަށް ހެެއްދެވުމުގެ ހުރިހައި ބާރެއްވެސް ލިބިވޮޑިގެންވާ ފަރާތަކީ ހަމައެކަނި އިބަ ﷲ. އޭ މިއަޅާގެ ވެރި ﷲ. މިއަޅާއަށް ރަހުމު ކުރައްވައިފާނދޭ. ރަހުމު ނުކުރައްވާނޭ ނަމަ މިއަޅާއާއި މި އަޅާގެ ދަރިފުޅުގެ ދިރިއުޅުމުގެ ތެރެއިން ބާދްޝާ ނެރުއްވުމުގެ ކުރިން މިއަޅާގެ ފުރާނަ ގެންދަވައިފާނދޭވެ. އެފަދަ ކަމެއް ވެއްޖެނަމަ މިއަޅާގެ ފުރާނަ ނުކުމެގެން ހިނގައިދާނެ. އޭ ﷲ. ނިކަމެތި އަންހެނެއްގެ އަބުރު ރައްކާތެރި ކުރައްވައިފާނދޭ. އެކަމަށް ކުޅަދުންވަންތަ ފަރާތަކީ ހަމައެކަނި އިބަ ﷲ."

ދުޢާ ކުރަމުން ގޮސް އޭނާއަށް ރޮވިއްޖެއެވެ. ރޮމުން ގޮސް ގިސްލެވެން ފެށުމާއެކު އޭނާ ސަޖިދައަށް ހިނގައްޖެއެވެ. ސަޖިދައިގައި އޮވެގެންވެސް ދުޢާ ކުރަމުން ގެންދިޔައެވެ. "އޭ ﷲ. މާދަމާ ހެދުނު ވާނީ ކިހިނެއްތޯ؟ ދަންނަބޭކަލަކު މިއަޅާގެ އެދުމާ ދެކޮޅަށް ފަތުވާ ނެރެފިނަމަ ވާނީ ކިހިނެއްްތޯ؟ މި އަޅާއާއި މި އަޅާގެ ދަރިފުޅުގެ ކުރިމަގަށް ވާނީ ކިހިނެއްތޯ؟ މިއަޅާގެ މުޅި ދިރިއުޅުން ހަލާކުވެ މީހުންގެ ތެރެއަށް ނުކުމެ ނޫޅެވޭ ދަރަޖައަށް ހިނގައިދާނެ. މިއަޅާއަކީ އިރުމަތީގެ އަންހެނަކީން. ފިރިއަކު ހުއްޓައި އެހެން ފިރިހެނެއްގެ އެހީތެރިކަމެއް ބޭނުމެއް ނޫން. މިއަޅާގެ ލަދުވެތިކަން ރައްކާތެރި ކުރައްވައިފާނދޭ."

އޭނާ އަޑުންއަޑު ނަގައި ރޮނީއެވެ. މަންމަ ދަރިފުޅު ގޮވައިގެން ކައިރިއަށް އައިސް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. "ދަރިފުޅާ. ތިޔަ ހަދަނީ ކިހިނެއް؟ މޮޔަވީތަ؟ ﷲ އަށް އިތުބާރު ކުރޭ. ތިޔަ ގޮތަށް ހިތްވަރު އެލުވައިލައިގެން ކަމަކު ނުދާނެ. ﷲ ތަޢާލާ އެންމެހައި އަޅުތަކުންގެ އަޑު އައްސަވައިވޮޑިގެންވާނެ. ދަރިފުޅުގެ އަޑުވެސް އައްސަވައިވޮޑިގަންނަވާނެ. މި ކުޑަކުޑަ ދަރިފުޅަށް ނިކަން ބަލައިލަބަލަ. މީނާވެސް ރޮނީ."

ރުޚްސާނާ ސަޖިދައިން ތެދުވެއްޖެެވެ. އެއީ ތެދެކެވެ. އޭނާގެ ދަރިފުޅުވެސް ރޮނީއެވެ. މަންމަގެ އަތުން ދަރިފުޅު އަތުލުމަށް ފަހު މޭގައި ޖައްސައި ބާރުކޮށްލިއެވެ. އެޔަށް ފަހު ކޮލުގައި ބޮސް ދީފިއެވެ. "ދަރިފުޅާ. ދަރިފުޅުގެ ކުޑަކުޑަ ދެއަތް އުފުލައި ﷲ އަށް ދަންނަވާ. ﷲ ދަރިފުޅުގެ ދުޢާ އައްސަވައިވޮޑިގަންނަވާނެ. ދަރިފުޅުގެ ބައްޕަ ގެނެސް ދެއްވަން އެދި ދަންނަވާ. އިއްޔެއެއްސުރެ ދަރިފުޅުގެ ބައްޕަ ގެއަކަށް ނާދޭ. ބައްޕަ ސަލާމަތުން ލަހައްޓަވާތޯ ދަންނަވާ. ބައްޕަ ހަމަ މަގަށް އަޅުއްވައި ދެއްވާތޯ ދަންނަވާ."

އެ ވަގުތު ބޭރުން އިވުނީ ކާރެއްގެ ބަރުގޮނުގެ އަޑެވެ. އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. ދަރިފުޅު އުރައިގެން ދުވެފައި ކަހަލަ ގޮތަކަށް ގޭގެ ދޮރުމައްޗަށް ނުކުމެއްޖެއެވެ. އޭރު ބާދްޝާ ޖާނީ ކާރުން ފައިބަނީއެވެ. ރުޚްސާނާއާއި ދަރިފުޅު ފެނިފައި އޭނާ އަތް ހޫރައިލިއެވެ. "އިއްޔެ ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވީމާ ކަންބޮޑުވާނެކަން އެނގޭ. އެކަމަކު ހާސްނުވޭ. އަހަރެންގެ ހާލު ރަނގަޅު. ގޭ މީހުންގެ ހާލު ކިހިނެއް؟ މި އަހަނީ މައިދައިތާފުޅުގެ ވާހަކައެއް ނޫން. އަހަރެންގެ އަނބިމީހާއާއި ދަރިފުޅުގެ ވާހަކަ."

އެންމެ ފަހުން ބާދްޝާ ބުނީ ކީކޭ ކަމެއް ރުޚްސާނާއަކަށް ނޭނގުނެވެ. އެކަމަކު އޭނާގެ މަންމައަށް ސާފުކޮށް އަޑު އިވުނެވެ. "އަހަރެންގެ ޖާނީ ދުޝްމަނު ކަލޭގެ އައީ..."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.