ފަޅިމޫނު - 90

(7 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ ހިތް އަވަސް ވެގެން ދިޔައެވެ. ބާދްޝާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވާނޭ ގޮތް ހަދާން އޭނާ ބޭނުން ވިއެވެ. އޭނާ މިހާރު އެހެރީ މުޅީން ގުރުބާން ވެގެން ދާން ތައްޔާރަށެވެ. އެކަމަކު އެ ވަގުތު އޭނާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރު ކުރިއެވެ. ހިތުގެ އަޑީން ބުނެލީ އަޑު އިވުނެވެ. ޚަބަރުދާރެވެ. ނަމަނަމަ އެއްވެސް ކަމެއް ނުކުރާށެވެ. އެއީ ބާވަތެއްގެ މޮޔައެކެވެ. މި އެންމެންގެ ކުރިމަތީގައި ކަލޭ ލަދުގަންނަވައިލާނެއެވެ. އޭނާގެ ކިބައިގައި ހުންނަނީ ހަރުކަށި މިޒާޖެކެވެ. ކަލޭގެ މޫނު ފެނުމާއެކު ތަޅައިގަތުމަކީވެސް ކޮށްފާނޭ ކަމެކެވެ. ލޯބީގެ މަސްތުގައި އޭނާ ދައްކާ ވާހަކަ ދުނިޔެ ގަބޫލު ކުރާނެއެވެ. ނަފުރަތާއެކު ހަޅޭއް ލަވައިގަތީމާ އެންމެ ފަހުން އަނެއްކާވެސް ފެންނާނީ ފުލުސް އޮފީހުގެ ގޮޅިއެއްގައި އޮތްވައެވެ.

އޭނާ ޖެހި ބުދެއްހެން ހުއްޓިގެން ހުރީއެވެ. ރުޚްސާނާގެ މަންމައާއި ބައްޕަ އޭނާ ފަސްދީ ހިނގައްޖެއެވެ. ފަރީދު އަޙްމަދު ދިޔައީ ދަތްދޮޅި ކަހަމުންނެވެ. އެހެންވީމާ ހުރީ ފާޑަކަށް އިސްއުފުލައިގެންނެވެ. މަންމަ ދިޔައީ ދަރިފުޅަށް ސަމާލުކަން ދީގެން ހުރެއެވެ. ކައިރީގައި މޫނުބުރުގާ އަޅައިގެން ހުރި މީހާއާ ދިމާއަކަށް އެކަކުވެސް ނުބަލައެވެ. މިހާރު އެ އަންނަނީ ބާދްޝާއެވެ. އޭނާގެ ނޭވާ އަވަސް ވެއްޖެއެވެ. ވަގުތު އައިސް ޖެހެނީއެވެ. އަންހެންމީހާގެ ލަދުހަޔާތް އޮންނަނީ މޫނުބުރުގާގައިތޯ ނުވަތަ ދުލުގައިތޯ ކަނޑައެޅުމުގެ ވަގުތު ޖެހެނީއެވެ.

ލަދުހަޔާތަކީ މޫނުބުރުގާ ކަމުގައި ވަނީނަމަ އޭނާ މި ވަގުތު މިތަނަކަށް ނައީހެވެ.

ވާހަކަ ނުދެއްކިގެން އުޅެނީ ގެންފައިވާ ލަދެއްގެ ސަބަބުންނެވެ.

ބާދްޝާ އޭނާޔާ ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. ދެން އަޅާ ފިޔަވަޅާއެކު އަރައި ހަމަވާނެއެވެ. އޭނާ ފަސްދީ ދެ ފިޔަވަޅެއް އެޅުމަށް ފަހު ކުއްލިއަކަށް ހުއްޓިއްޖެއެވެ. އެޔާއެކު ފަރުޒާނާގެ ނޭވާ ހުއްޓުނު ކަހަލައެވެ.

އޭނާ ހުއްޓުނީ ކީއްވެގެން ހެއްޔެވެ؟ ލޯބީގެ ގޮވައިލުމަކަށް ނޫންކަން ޔަގީނެވެ. މުށިކުލައިގެ މޫނުބުރުގާއެއް ނަމަ ހުއްޓުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު ކަޅު ކުލައިގެ ބުރުގާއެއް ފެނިފައި ހުއްޓުނީ ކީއްވެގެން ބާވައެވެ؟

އޭނާ މޫނު ކަޝްފެއް ނުކުރެއެވެ. އެއީ މޫނުބުރުގާއަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުންނެވެ. އަނގަޔަކުންވެސް ނުބުނެއެވެ. އެކަމަކު ޓުރެފިކު ސިގްނަލަކަށް ދުލެއް ބޭނުމެއް ނުވެއެވެ. ކޮށްލާ އިޝާރާތަކުން ހުއްޓެންވީކަން އެނގިދެއެވެ. ބާދްޝާ ހުއްޓިލުމަށް ފަހު އޭނާގެ ފަޔާ ދިމާއަށް ބަލައިލިއެވެ.

ފަރުޒާނާގެ އަތުގައި އޮތް މާ ވެއްޓުނީއެވެ. އެއީ އެހެން ކަހަލަ މަލެއް ނަމަ ބާދްޝާ އަޅާނުލައި ހިނގައްޖައީހެވެ. އެކަމަކު އެއީ ފިނިފެންމަލެކެވެ. ފިނިފެންމަލެއްގެ ފިޔައެއް ފެނުނަސް ބާދްޝާގެ ސިކުނޑީގައި އެނބުރިގަންނަނީ އޭނާގެ ކާރުގެ ފަހަތު ގޮނޑިއެވެ. ފިނިފެންމަލުގެ ފިޔަތަކެވެ. އަތަރުގެ މީރު ވަހެވެ.

ފަރުޒާނާ ކުޑަކޮށް ހާސް ވެއްޖެއެވެ. ބާދްޝާ ވައްކަޅިން އޭނާގެ މޫނާ ދިމާއަށް ބަލައިލިއެވެ. އޭނާ ހުރީ ނުދެނަހުރި ކަމަށް ހެދިގެން މުޅީން އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ. އޭނާޔާ ވާހަކަ ދައްކައިލާން ބާދްޝާ ބޭނުންވިއެވެ. އެކަމަކު މުޅީން ބީރައްޓެހި އަންހެނަކާ ވާހަކަ ދައްކާނީވެސް ކިހިނެއް ހެއްޔެވެ؟ އުކުޅެއް ހިތަކަށް ނުވަނެވެ. އޭނާގެ ހިތުން ނަސޭހަތް ދެނީއެވެ. ވާހަކަދައްކާނޭ ކަމެއް ނެތެވެ. ފިނިފެންމަލެއް ފެންނަ ކޮންމެ ތަނަކު ފިނިފެންމަލުގެ ރާނީ ހުރުމަކީ ލާޒިމު ކަމެއް ނޫނެވެ. ވާހަކަ ދައްކާން އުޅެގެންފިއްޔާ ބޮނޑިއެއް ލިބިދާނެއެވެ. ހިލޭ އަންހެނަކާ ބެހިފިއޭ ކިޔައިގެން ކައިރީގައި ތިބި މީހުން އޭނާގެ ގަޔަށް ބޮލަށް އަރައިގެންފާނެއެވެ.

ހަސްފަތާލުގައި މީހުން އޭނާއަށް ކޮށްލީވަރު ކުއްލިއަކަށް ހަނދާނަށް އަތުވެއްޖެއެވެ. އެޔާއެކު ޖަލުގޮޅީގެ ތޭރިތައްވެސް ކުރިމަތީގައި ސިފަވެގެން ހިނގައްޖެއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކަޅު މޫނުބުރުގާ އެޅި އަންހެންމީހާގެ ފަހަތުގައި ތިބި ދެ ފުލުހުންނެވެ. އެކަމަކު ލޯބީގެ ދީވާނާކަމަކީ ވަކި ކަހަލަ އެއްޗެއް ވިއްޔާއެވެ. އެއްޗެކޭ ބުނެނުލައެއް ނުހުރެވުނެވެ. "މާފު ކުރައްވާ. އެ އޮތީ ތިޔަ ބޭފުޅާގެ މަލެއްތޯ؟"

ބާދްޝާ އިޝާރާތްކޮށްލީ ބިންމަތީގައި އޮތް ފިނިފެން މަލަށެވެ. އެތައް ދުވަހަކަށް ފަހު އަނެއްކާވެސް ބާދްޝާގެ އަޑު އިވުނީމާ އޭނާގެ ހިތުގައި އެތައް ރަނގަބީލެއް އެއްފަހަރާ ޖެހެން ފެށްޓިއެވެ. އެތައް ޖަޒުބާތެއް އެއްފަހަރާ ހިލިގެން ދިޔައެވެ. ހިތް އުފަލުން ނަށައިގަތެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެކަމަކު ޠަބީއަތުގައި ހުރި ލަދުވެތި ކަމަކުން ކަމުގައިވެސް ވެދާނެއެވެ. އޭނާ އަޅާވެސް ނުލައި ފުލުހުން ތިބި ދިމާއަށް ނަޒަރު ބަދަލު ކޮށްލިއެވެ. އޭނާ ވީ އުފަލާއި، ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުން ބާދްޝާއަކަށް ނުފެނެއެވެ. އެހުރިހައި ކަމެއް ހިނގީ މޫނުބުރުގާގެ ނިވަލުގައެވެ. އޭނާ އެހެން ދިމާއަކަށް ބަލާން ފެށްޓީމާ ބާދްޝާއަށް ހީވީ ފުލުހުންނަށް ގޮވަން އުޅެނީ ކަމުގައެވެ. އެހެންވީމާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ދުރަށް ހިނގައިގެންފިއެވެ. ފަރުޒާނާ ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. ވާހަކަ ދައްކާން ފަށާފައި ކުއްލިއަކަށް އެހައި ހަލުވިކޮށް ދުރަށް އެ ދިޔައީ ކީއްވެގެން ކަމެއް ފަރުޒާނާއަކަށް އެއްގޮތަކަށްވެސް ނޭނގުނެވެ.

ބައެއް ކަހަލަ ކަންތައްތައް ލޮލުގެ ކުރިމަތީގައި ހިނގާއިރުވެސް ނުފެނެއެވެ. ފަރުޒާނާގެ ލަދުވެތި އަދާތަކެއް ބާދްޝާއަކަށް ނުފެނުނެވެ. އަނެއްކޮޅުން ފުލުހުންނާ ދިމާއަށް ބެލުނީމާ އެ ކުރެވުނީ ކޮށްގެން ނުވާނޭ ކަމެއް ކަމެއް ފަރުޒާނާއަކަށް ވިސްނައެއް ނުގަނެވުނެވެ.

ބާދްޝާ އެ ދިޔަ ގޮތަށް ގޮސް ކާރަށް އަރައިފިއެވެ. މައިދައިތަ އަހައިލިއެވެ. "ކިހިނެއްވީ ދަރިފުޅާ؟ މާ ލަސްވީ ކީއްވެގެން؟"

އޭނާ އެއްވެސް ޖަވާބެއް ނުދީ ކާރު ދުއްވައިލިއެވެ. އަދި ފަހަތް ފެންނަ ގޮތަށް ހުންނަ ލޯގަނޑު ހެޔޮވަރު ކޮށްލުމަށް ފަހު އެ ލޯގަނޑުން ފަހަތް ބަލައިލިއެވެ. ލޯގަނޑުން ފެންނަނީ ކަޅު މޫނުބުރުގާ އެޅި މީހާއެވެ. އެމީހާ މިހާރުވެސް އެހެރީ ބާދްޝާގެ ކާރާ ދިމާއަށް ބަލަހައްޓައިގެންނެވެ.

އޭނާގެ އަތް ލޯގަނޑުގައި ތަތްލީ ކަހަލައެވެ. ހިތް ތެޅިގަތެވެ. "އެއީ ފަރުޒާނާއެވެ. އޭނާ އެ ބަލަނީ އަހަންނާ ދިމާއަށެވެ. އޭނާގެ ގާތަށް ދާންވީއެވެ."

ފަހަތު ގޮނޑީގައި ތިބޭ މީހުންނަށް އެ ލޯގަނޑުން ބާދްޝާއަށް ފެންނަ މަންޒަރެއް ނުފެންނާނެއެވެ. އެހެންވީމާ މައިދައިތަ ލޯތްބާއެކު އަހައިލިއެވެ. "ދަރިފުޅާ. މޫނު ބަލައި ނުނިމެނީތަ؟ ކުރިއަށް ބަލައިގެން ދުއްވާ."

ބާދްޝާ ހިތްހަމަ ނުޖެހިފައި ބުންޏެވެ. "ދަރިފުޅު ފުރުމާއެކު ޖާސޫސު ކުރާން ފެށްޓީ ދޯ؟ ލޯގަނޑުން ކޮންމެ އެއްޗެއް ބެއްޔަސް އެކަމާ ބެހެނީ ކީއްކުރަން؟"

ފަރީދު އަޙްމަދު ބުންޏެވެ. "ކަލޭމެން ދެމީހުން އެއްގަލަކަށް ނާރަންޏާ ކަލޭ އަނގަ ނުހުޅުވައި އިނދެބަލަ." ދެން އޭނާ މުޚާތަބުކުރީ ބާދްޝާއާއެވެ. "ދަރިފުޅާ. ލޯގަނޑުން މޫނު ބަލަންޏާ ބޯވެސް އޮމާންކޮށްލާ."

ބާދްޝާ ކާރު ހުއްޓައިލުމަށް ފަހު ފައިބައިފިއެވެ. އޭނާ ބޭނުންވީ އެ އަންހެންމީހާ ގާތަށް ދާށެވެ. އެކަމަކު އެ ވަގުތު ފުލުހަކު ގޮސް ފަރުޒާނާއާ ވާހަކަ ދައްކާން ފަށައިފިއެވެ. ޖާނީ ހުއްޓި ހުރެއްޖެއެވެ. ކުޑަ އިރުކޮޅަކުން ފުލުސްމީހާ އެ އަންހެންމީހާ ގޮވައިގެން ރެކިސާތައް ހުރި ދިމާއަށް ހިނގައިގެންފިއެވެ.

ފުލުސްމީހާ ބުންޏެވެ. "ތިޔަ ވިދާޅުވީ ހަމަ ރަނގަޅަށް. މިތަނަށް އަންނަ ރެކިސާ ދުއްވާ މީހުންނާއި ކުލީކާރު ދުއްވާ މީހުން އަންނަނީ ގިނަ ފައިސާ ދޭ މީހުންނަށް ދަތުރުކޮށްދޭން. އެމީހުން ބަލާނީ ފަތުރުވެރިއަކު އަތު ޖެހޭތޯ. ގިނަ ފައިސާ ހޯދޭނީ އޭރުން ނޫންތޯ."

ފަރުޒާނާ ބުންޏެވެ. "އަޅުގަނޑު ހުންނަތާ މިހާރު އެތައް އިރެއް ވެއްޖެ. އެއްވެސް މީހަކު އަޅުގަނޑު ގޮވައިގެން ދާކަށް ނޫޅޭ."

ފުލުސްމީހާ މޭ ފުއްޕައިލިއެވެ. "އެހެން ނުގޮހެއް ފަރަކު ނުޖެއްސޭނެ... އޭތް އާދެބަލަ." އޭނާ ރެކިސާ ދުއްވާ މީހަކަށް ގޮވައިލިއެވެ.

އެމީހާ ދުވެފައި ކަހަލަ ގޮތަކަށް ކައިރިއަށް އަތުވެއްޖެއެވެ. "މި ބޭފުޅާ ގޮވައިގެން ދޭ. މީޓަރު ޖައްސައިގެން ދުއްވާތި. ހަނދާން ކުރާތި. އެންމެ ލާރިއެއްވެސް އިތުރަށް އަތުލައިގެން ނުވާނެ."

ފުލުސްމީހާއަށް ޝައްކު ކުރެވޭ ކަހަލަ ކަމެއް ކުރާކަށް ފަރުޒާނާ ބޭނުމެއް ނުވިއެވެ. އެހެންވީމާ މަޑުމަޑުން ގޮސް ރެކިސާއަށް އަރައިފިއެވެ. ބާދްޝާވެސް އަވަސްއަވަހަށް ކާރަށް އަރައިފިއެވެ. ރެކިސާ ދުއްވައިލީމާ އޭނާވެސް ރެކިސާގެ ފަހަތުން މަޑުމަޑުން ދުއްވައިލިއެވެ. ފަހަތުން ދުއްވެން އޮތީ ފުލުސްމީހާގެ ކައިރިން ލާފައި ގޮހެވެ. އެމީހާއާ އަރައި ހަމަވުމާއެކު ކާރު ހުއްޓުވުމަށްޓަކައި އަތް އުފުލައިލިއެވެ. ބާދްޝާ ދަތްކުނޑި ވިކައިލިއެވެ. އަޅާނުލައި ހިނގައިދާނަމޭވެސް ހިތަށް އެރިއެވެ. އެކަމަކު އެތައް ދުވަހަކު ކުލީކާރު ދުއްވުނީމާ ހުންނާނީ އެތައް ކަމެއް ތަޖުރިބާ ކުރެވިފައިތާއެވެ. މަޑުނުކޮށް ހިނގައްޖެއްޔާ ވާނެ ގޮތް އެނގޭތީ މަޑުކޮށްފިއެވެ. ކުރީ ގޮނޑިއާ ދިމާއަށް ގުދުވެލައިފައި ފުލުސްމީހާ ބުންޏެވެ. "ކަލޭމެން މިތަނަށް އަންނަނީ މުސާފިރުން ލޫޓުވަންތަ؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.