ފަޅިމޫނު - 89

(6 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޚްސާނާ ވަރަށް ބޮޑަށް އުފާ ވެއްޖެއެވެ. ކަރުނަޔާއެކު ލޮލުން ވިދުވަރެއް ފާޅުވިއެވެ. "ހުވާ ކުރޭ."

"ފިރިހެނަކު މިހައި ވަރުގަދަ ޔަގީންކަމަކާއެކު ވާހަކައެއް ބުނެފިނަމަ އެއީ ހުވައެއް ވަރުގެ ކަމެއް. ހިނިތުންވެ ހުރެގެން ފުރައިގެން ދޭ. ހިނިތުންވެގެން ހުރެ އެނބުރި އާދޭ. އަހަރެން ރުޚްސާނާގެ އިންތިޒާރުގައި އެކަނި ހުންނާނަން."

ދެމަފިރިން އިރުކޮޅެއް ވާންދެން އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓާލައިގެން އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ތިއްބެވެ. މިއީ ދަތުރު ކުރުން އޮންނަ ގޮތެވެ. އެކަކު މަޑުކޮށްގެން ހުންނާނީއެވެ. އަނެކަކު ފުރައިގެން ދާނީއެވެ. އަތާއި އަތް ވަކިވީމާ ލޮލާއި ލޮލުގެ ގުޅުންވެސް ކެނޑިދާނެއެވެ. އަތާއި އަތް ވަކިވެއްޖެއެވެ. ރުޚްސާނާ އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ. އިރުއިރުކޮޅާ އެނބުރި ބަލައިލައެވެ. ލޮލާއި ލޮލުގެ ގުޅުން އުފެދެމުން ކެނޑެމުން ދިޔައެވެ. ދެން ފެނުނީ ބޯޓަށް އެރިތަނެވެ. އެހައިތަނުން ލޮލަށް ގެއްލުނީއެވެ.

މިހާރަކު އޭނައެއް ނުފެނެއެވެ. ޖާނީ ކާމްރާން އުރައިލިއެވެ. ދަރިފުޅަށް ދޮނެއް ދިނުމަށް ފަހު ބޯޓާ ދިމާއަށް ބަލައިލިއެވެ. ދިރިއުޅުމުގައި އަހަރެމެން ކުރާ ކޮންމެ ކަމެއްވެސް ކުރަނީ ހަނދާންތައް ދެމެހެއްޓުމުގެ ބޭނުމުގައި ބާވައެވެ؟ ބޯޓު އުދުއްސާލައިފިއެވެ. ރުޚްސާނާ ދިޔައީމާ ހަނދާންތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

* * *

ފަރުޒާނާގެ އަތުގައި މަލެއް އޮތެވެ. އަޅައިގެން އިނީ ކަޅު ކުލައިގެ މޫނުބުރުގާއެކެވެ. ހީވަނީ ފާރުގައި ދަފަންކުރެވުނު އަނާރުކަލީ ހެންނެވެ. ޝެހެޒާދާ ސަލީމަކަށް އަނާރުކަލީއެއް ނުފެނެއެވެ. އެކަމަކު ފަރުޒާނާ އެއާޕޯޓަށް އައީ އޭނާ ދެކިލާށެވެ.

ފިލައިގެން އުޅުން ލާޒިމު ކަމަކަށް ވެފައިވާއިރު ސިއްރުން ދެކެން އައީ ކީއްކުރަން ހެއްޔެވެ؟ އޭނާ އައީ އެކުވެރިޔާއަށް ސިއްރުސިއްރުން އަލްވަދާއު ކިޔަން ހެއްޔެވެ؟ ނުވަތަ ރުޚްސާނާ ފުރުމާއެކު ބާދްޝާ ޖާނީއާ ދިމާއަށް ދާން އޮތް މަގު ސާފުވީ ކަމުގައި ދެކިގެން އައީ ހެއްޔެވެ؟ ނުވަތަ ބާދްޝާ އޭނާޔާ ދިމާއަށް މުޅީން އެނބުރޭނޭ ކަމަށް ފެންނަނީ ހެއްޔެވެ؟ ރުޚްސާނާއާއި ރުޚްސާނާގެ މަންމައަށް މި ވަގުތު އޭނާ ފެނިއްޖެ ނަމަ މި ކަހަލަ ސުވާލުތަކެއް ހިތަށް ވަންނާނޭކަން ކަށަވަރެވެ. ބޭޒާރު ވެއްޖެނަމަ ފުކަކަށްވެސް ދޫނުކުރާން އޭނާ ހުރީ ނިންމައިގެންނެވެ. އޭނާ އަހާނެއެވެ. "އެންމެ ރަނގަޅު. ނިކަން ބުނެބަލަ. ޖާނީއަށް އަނެއްކާ މަކަރު ހަދަނީ ކީއްވެގެން؟ މީހަކާ އިނދެގެން ހުރެމެ، ހުސްހަށިބައި މީހަކަށް ހެދިގެން އުޅެނީ ކީއްވެގެން؟"

އެއީ ރުޚްސާނާއާއި ބާދްޝާގެ ޒާތީ މައުލޫމާތު ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެ ދެމަފިރިންގެ ކަމަކާމެދު ވާހަކަ ދެއްކުމަކީ ފަރުޒާނާއަށް ލިބިގެންވާ ހައްގެއް ނޫނެވެ. އެކަމަކު ރުޚްސާނާއާ ދިމާއަށް ބުނެވިދާނޭ ވާހަކައެއް އެބައޮތެވެ. ކަލޭމެންގެ ޒާތީ މައްސަލައެއްގެ ސަބަބުން އަހަރެން މޫނުބުރުގާ އަޅާކަށް ނުޖެހޭނެއެވެ. މޫނުބުރުގާ ނާޅައި އުޅުމަކީ އަހަންނަށް ލިބިފައިވާ ހައްގެކެވެ. އެހެންވީމާ ކަލޭ އަހަރެންގެ ފަހަތުން އާދޭސް ކުރަމުން ދުވަނީ ކީއްވެގެން ހެއްޔެވެ؟

ރުޚްސާނާގެ ހަރަކާތްތައް ފެނުނު ގޮތުން އޭނާއަށް ޝައްކު ކުރެވިއްޖެއެވެ. ހިތަށް އެރިއެވެ. ޖަމްޝީދާއި ޖާނީއާ ދެމީހުން މޮޔަހައްދައިގެން ކުޅެން އެ އުޅެނީ ކޮން ކުޅިއެއް ބާވައެވެ. ލަންޑަނަށް އެ ދަނީ ހުސްހަށިބައި މީހެއް ކަމުގައި ހެދިގެން ކަމަށް ވަންޏާ ޕާސްޕޯޓުން އެކަން އެނގޭން އޮންނާނެއެވެ. ޖާނީ ޕާސްޕޯޓު ބެލި ބާވައެވެ؟ ރުޚްސާނާއި އޭނާއާ ދެމީހުންގެ ނަން ޕާސްޕޯޓުގައި އޮތްކަން އެނގޭވަރަށް ބާދްޝާ އިނގިރޭސި ދަނެއެވެ. މީހަކާ އިނދެގެން އުޅޭކަން ޕާސްޕޯޓުގައި އެނގެން ނެތީ ކީއްވެގެންތޯ ޖާނީ ނޭހީ ކީއްވެގެން ބާވައެވެ؟

މީހަކާ އިނދެގެން އުޅޭކަން ޕާސްޕޯޓުން އެނގޭން އޮތް ކަމުގައި ވަނީވިއްޔާ ލަންޑަނަށް ދިޔައީމާ ޖަމްޝީދުގެ ކުރިމަތީގައި ބޭޒާރު ވާނެއެވެ. ޕާސްޕޯޓު ބަލައިލާން ފަރުޒާނާ ބޭނުންވިއެވެ. އެކަމަކު ރުޚްސާނާ ޕާސްޕޯޓު ގެންގުޅުނީ ވަރަށް ބޮޑަށް ފޮރުވައިގެންނެވެ.

އެއް އަންހެނެއްގެ ކުރިމަތީގައި އަނެއް އަންހެންމީހާ ބޮޑު ސިއްރަކަށް ވެއްޖެނަމަ އެ އަންހެންމީހާގެ ސުކޫން ބަރުބާދު ވެގެން ހިނގައިދެއެވެ. އެ އަންހެންމީހާގެ ސިއްރު ދެނެގަތުމަށްޓަކައި ރެޔާދުވާލު މަސައްކަތް ކުރާން ފަށްޓައެވެ. ކެއިންބުއިމާއި ނިދުމަށް ދާންދެން ދޫކޮށްލައެވެ. ފަރުޒާނާއަށްވެސް ވެގެން އުޅެނީ އެކަހަލަ ގޮތެކެވެ. ހޭލައި އިންނަ އިރުގައްޔާއި ނިދައިފައި އޮންނައިރުވެސް ކުރެވެނީ އެއް ޚިޔާލެކެވެ. މީހަކާ އިނދެގެން އުޅޭ އަންހެނަކު އެހެން ފިރިހެނެއްގެ ކުރިމަތީގައި މީހަކާ ނީންނަ ކަމުގައި ހެދިގެން މާ ރަނގަޅު އަބުރުވެރިއެއް ކަމުގައި ދެއްކިގެން އުޅޭ ނަމަ އެފަދަ މީހެއްގެ ނިޔަތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ރުޚްސާނާ ފުރައިގެން އެ ދަނީ އެކަހަލަ ނުބައި ނިޔަތަކާ އެކުގައެވެ. އެހެންވީމާ ފަރުޒާނާއާއި ބާދްޝާއާ ދެމީހުންގެ ނިޔަތާ މެދު ސުވާލު އުފެއްދުމަކީ ރުޚްސާނާއަށް ލިބިގެންވާ ހައްގެއް ނޫނެވެ. އެހެނީ އޭނާ އެ ދަނީ ޚުދު ތިމާގެ އަމިއްލަ ފިރިމީހާ ތުންފުހެފައި އެއްލައިލީ ކަރުދާސްކޮޅަކަށް ހަދައިފައެވެ. ބިންމަތީގައި އޮންނަ ކަރުދާސްކޮޅެއް ކޮންމެ މީހަކުވެސް ނަގައިފާނެއެވެ.

ފަރުޒާނާ ދައުވާ ކުރާ ގޮތުގައި ބާދްޝާ ޖާނީ ހޯދީ އޭނާއެވެ. ފުރަތަމަ ފެނުނީ އޭނާއަށެވެ. ފުރަތަމަ ލޯބިވީވެސް އޭނާއެވެ. އަމިއްލަ ލޯބި ރުޚްސާނާއާ ހަވާލު ކުރީ އޭނާގެ ހިތްވަރުގަދަކަމުންނެވެ. އަމިއްލަ ހިތް ޒަޚަމްކޮށްގަތީ ހިތްތިރިކަމުންނެވެ. ރުޚްސާނާގެ ޒަވާޖީ ހަޔާތް ސަލާމަތް ކުރުމަށްޓަކައި އެތައް ހިސާބެއްގެ ދުރަށް އޭނާ ދިޔައެވެ. ހަތްފަރުދާގެ ނިވަލަށް ވަދެ ފިލިއެވެ. އަވަށް ދޫކޮށްލިއެވެ. މިހާރު ގަސްތު ކޮށްފައި ވަނީ ގައުމުވެސް ދޫކޮށްލާށެވެ. މިއީ ކީއްކުރަން އޭނާ ކުރިހައި ކަމެއް ހެއްޔެވެ؟ ކާކަށްޓަކައި ކުރި ކަންތައްތަކެއް ހެއްޔެވެ؟

ފުރަތަމަ ސުވާލަކީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ބާދްޝާ ރުޚްސާނާގެ ފިރިއަކަށް ވެފައި އެހެރީ ރުޚްސާނާއަށް މެދުވެރިވީ ހާލަތެއްގެ ސަބަބުންނެވެ. ފަރުޒާނާ ކުޅަ ކަމަކީ ހާލަތާ ރުހުނީއެވެ. އޭނާ ހީކޮށްގެން އިނީ ބާދްޝާއަށް ކުރަންވާ ވަރަށް ރުޚްސާނާ ގަދަރު ކުރާނޭ ކަމުގައެވެ. އެކަމަކު ކަންތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ. ފަޅިމޫނުގައި ހުސްހަށިބައިކަމުގެ ލޭބަލް ޖަހައިގެން ފުރައިގެން ދިއުމަކީ ބާދްޝާއަށް ކުރެވުނު ބޮޑު ތައުހީނެކެވެ. ގަދަރު ވައްޓައިލުމެކެވެ.

ދެވަނަ ސުވާލަކީ އޭނާ މި ހުރިހައި ގުރުބާނީއެއް މިވީ ކާކަށްޓަކައި ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ފަރުޒާނާއަށް ވިސްނުނީ އަދި ކިރިޔާއެވެ. އޭނާ މި ހުރިހައި ކަމެއް ކުރީއަކީ ރުޚްސާނާއަށްޓަކައެއް ނޫނެވެ. ޖާނީއަށްޓަކައެވެ. މިހާރު މި ފެންނަނީ ރުޚްސާނާ ޖާނީއަށް ގަދަރު ނުކުރި ތަނެވެ. ފިރިއެއްގެ ހަގީގީ މަގާމުން ވައްޓައިލީތަނެވެ. އެހެންވީމާ އޭނާގެ ހައްގު ލޯބި އަނބުރައި ލިބިގަތުމަކީ ފަރުޒާނާއަށް ލިބިގެންވާ ހައްގެއް ނޫން ހެއްޔެވެ؟

އޭނާ އެއާޕޯޓަށް އައީ އެހެން ވެގެންނެވެ. މަންމައަށް އެނގުނު ނަމަ އޭނާ ދާން ހުއްދައެއް ނުދިނީހެވެ. ނަސީބަކުން މަންމަ މިއަދު ގެއަކު ނެތެވެ. ވީ ސައްކަރަށް ގޮހެވެ. އަންނާނީ ދެ ދުވަސް ފަހުންނެވެ. ތިމަން މިހާރު މިނިވަން ވެއްޖެއޭ ފަރުޒާނާގެ ހިތަށް އެރީ މަންމަ ދިޔައީމައެވެ. ބޭނުންހައި ގޮތަކަށް މިހާރު އުޅެވިދާނެއެވެ. އަގުވެއްޓުނުކަން ބާދްޝާއަށް އެނގޭތޯ ނުވަތަ ނޫންތޯ މިހާރު އޭނާއަށް ޔަގީން ކުރެވިދާނެއެވެ.

އެއާޕޯޓު އޮތީ ފުރިފައެވެ. ގާތް މީސްމީހުން ފުރުވާން އައިސް ތިބި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ވަރަށް ގިނައެވެ. ފަރުޒާނާ އެމީހުންގަނޑުގެ ތެރޭގައި ހުރެގެން ބާދްޝާ ޖާނީއާއި ރުޚްސާނާއާ ދެމީހުންނާ ދިމާއަށް ބަލަނީއެވެ. އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓައިގެން ލޮލުގެ ތެރެއަށް ގެއްލިފައި ތިބިތަން އޭނާ ދުށްޓެވެ. ވަށައިގެން ހިނގާ ކަންކަމުގެ ޚަބަރެއް އެ ދެމީހުންނަކަށް ނުވެއެވެ. ޚާއްސަކޮށް ބާދްޝާ ހުރީ ވަރަށް ރަނގަޅަށް ސިހުރުގައި ޖެހިފައެވެ. ރުޚްސާނާގެ ޖާދޫގެ ވަރުގަދަކަން ކިތަންމެހައިވެސް ރަނގަޅަކަށް ފެނުނެވެ.

ފިރިހެނުން މޮޔަ ހެއްދުމަކީ ރުޚްސާނާ ވަރަށް ރަނގަޅަށް ދަންނަ ކަމެއްކަން ފަރުޒާނާއަށް އެނގިއްޖެއެވެ. ލަންޑަނުގައި ތިބި މީހުންވެސް ފިސާރި މޮޅަށް މޮޔަ ހައްދާނެއެވެ. ރުޚްސާނާ ބޯޓަށް އެރީމާވެސް ބާދްޝާ ދަރިފުޅު އުރައިގެން ބޯޓާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. ބޯޓު އުދުއްސާލައިފިއެވެ. ލޯމަތީން ގެއްލޭންދެން ބާދްޝާ ހުރީ ދަރިފުޅު މޭގައި ޖައްސައިލައިގެން ބޯޓާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަނތްބެއްގެ ނަޒަރުން ބަލާނަމަ ބާދްޝާ އެހެރީ އަނބިމީހާގެ ހިތުގެ އެތިކޮޅެއް ކަމުގައިވާ ދަރިފުޅު އޭނާގެ ހިތުގައި ޖައްސައި ބާރުކޮށްލައިގެންނެވެ. ފަރުޒާނާގެ ނަޒަރުން ބަލާއިރު ފެންނަނީ ބާދްޝާ ހައްލައިލާން އަތަށް ބުދެއް ދީފައި ދިޔަ ކަހަލަ ގޮތަކަށެވެ.

މީހުންގަނޑު އެނބުރި ދާން ފަށައިފިއެވެ. އޭނާ މޫނުބުރުގާގެ ތެރޭގައި ފޮރުވިގެން ހުރެ ގޮސް ހުއްޓުނީ ކާރު ޕާކުކޮށްފައި ހުންނަ ތަނާ ދިމާއަށް ދާން ނުކުންނަ ދޮރުމަތީގައެވެ. ދަރިފުޅު އުރައިގެން މިހާރު ހުރީ ދަރިފުޅުގެ މާމައެވެ. ކާފަވެސް މާމަޔާ އެއްވަރަށް ހިނގާފައި އެބަ އާދެއެވެ. ބާދްޝާ އަންނަނީ އެ ދެމީހުންގެ ފަހަތުންނެވެ. އިސްޖަހައިލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ބަރު ފިޔަވަޅުތަކެއް އަޅަމުންނެވެ. ހީވަނީ އަތުގައި ހުރިއްޔާ ހުރިހައި އެއްޗެއް ލޫޓުވިގެން އަންނަ މީހެއް ހެންނެވެ. ލޫޓުވިއްޖެކަމުގެ ޚަބަރެއްވެސް އޭނާއަކަށް ނުވެއެވެ. އެކަމަކުވެސް ހީވަނީ މުޅި ދިރިއުޅުން ބަރުބާދުވެފައިވާ މީހަކު ހެންނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.