ފަޅިމޫނު - 51

(13 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ޖާނީވެސް ހަޅޭއް ލެވިއެވެ. މިހާރުވެސް އެ ގެންދަނީ ހަޅޭއް ލަވަމުންނެވެ. ފަރިޔާދު ކުރަމުންނެވެ. އޭނާ ގޮވައި ނަގަނީއެވެ. އަހަރެން ލޫޓުވައިފިއެވެ. އަހަރެންގެ ލޯބި ފޭރިގެންފިއެވެ. އަހަރެންގެ ލޯބި އަނބުރައި ދޭށެވެ. ލޯބީގެ އެޑްރެސް ބުނެދޭށެވެ. އޭނާ ލަވާ ހަޅޭއް މީހުން އަހައެވެ. އެނގިއްޖެއޭ ބުނާ ކަހަލަ ގޮތަކަށް ބޯޖަހައެވެ. ރުޚްސާނާ އޭނާގެ ހިތްހަމަ ޖައްސައިދޭން ވާހަކަ ދައްކައެވެ. އެއީ އޭނާގެ ލޯބި ސާބިތުކުރުމަށްޓަކައި ކުރާ ކަމެކެވެ. އިންޖިނޭރުބޭބެވެސް އޭނާގެ ވާހަކަ އަޑުއަހައެވެ. އަދި ވިސްނިއްޖެ ކަމުގެ އިޝާރާތްވެސް ކުރެއެވެ. އެކަމަކު ނުވިސްނޭކަން ކަށަވަރެވެ. މިއިން ކޮންމެ މީހަކުމެ މި އިންނަނީ އެމީހެއްގެ ހާލަތުގެ ރެކިސާއަށް ސަވާރުވެއެވެ. ބޭހިއްސީގެ އިންޖީނުގެ އަޑުގަދަކަމުން ބާދްޝާގެ ވާހަކަ އެއިން މީހެއްގެ ބޮލަކަށް ރަނގަޅަކަށް ނުވަދެއެވެ.

ރުޚްސާނާގެ މަންމަ ހިނިތުންވެފައި އިންޖިނޭރުބޭބެއަށް އިސްތިގުބާލުކުރިއެވެ. ގެންގޮސް ބޮޑުކޮޓަރީގެ ގޮނޑިއެއްގައި ބައިންދައިފިއެވެ. އެތާނގައި ފަރީދު އަޙްމަދު ތާސްބައެއް ހިފައިގެން އިނެވެ. އިންޖިނޭރުބޭބެ އޭނާޔާ ސަލާންކޮށްލުމަށް ފަހު ސުވާލުކޮށްލިއެވެ. "ފަރީދު ރެޔާއި ދުވާލު ތާސް ކުޅެނީތަ؟"

ރުޚްސާނާގެ މަންމަ ނުރުހުންވެފައި ބުންޏެވެ. "ބޭބޭ. ކީކޭ ބުނާނީ؟ އަހަރެންގެ ނަސީބު ހުރިގޮތް. އެނޫން ކަމެއް ނުކުރޭ. އަތުންފައިން ކުރާ މަސައްކަތެއް ހަރާން. ގޭތެރޭގެ މަސައްކަތެއްވެސް ކުރެވޭ ކަމަކަށް ނުވޭ. ގޭތެރޭގައި ވިޔަސް ބޭރުގައި ވިޔަސް ދެފައިއެއްތާ ނުޖަހައި ދުވަން މި ޖެހެނީ އަހަންނަށް."

އިންޖިނޭރުބޭބެ ވަރަށް ސީރިއަސް ރާގަކަށް ބުނެލިއެވެ. "ގޭތެރޭގެ މައްސަލަތަކަށް ސަމާލުކަން ނުދީ ހުރިހައި ކަމެއް އަންހެނުންނަށް ދޫކޮށްލާ ފިރިހެނުންގެ ފަރުވާ ކުޑަކަމުން ގޭގައި އުޅޭ އަންހެނުން ވަރުބަލިވުމުގެ ސަބަބުން ނުބައި ފައިސަލާ ކުރަން ޖެހޭ. އެކަހަލަ ގެއެއްގައި މައްސަލައެއް ހުހެއް ނުވާނެ. އެއް މައްސަލައަށްފަހު އަނެއް މައްސަލައެއް ބޯމަތިވާނެ."

ރުޚްސާނާގެ މަންމަ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. "ބޭބޭ. އަންހެނުން ނުބައި ފައިސަލާ ކުރަނީ ވަރުބަލި ވެގެން ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެންގެ ގެއަށް ބަލާ. އަހަރެން ދުވަހަކުވެސް ނުބައި ފައިސަލާއެއް ނުކުރަން."

"ބޭބެ މި ބުނާ ވާހަކައަކީ ތިޔައީ. އަމިއްލަ ކުށެއް ކުށެއްގެ ގޮތުގައި ފެނިއްޖެއްޔާ އެ ކުށެއް އެއްވެސް މީހަކު ނުކުރާނެއެއްނު؟ ބާދްޝާ އިންނާން އުޅޭ ކުއްޖާ ބަދަލުކޮށްގެން ކޮއްކޮ ކުރީއަކީ ރަނގަޅު ކަމެއް ނޫނެއްނު؟ އެއީ ކުށެއް ނޫންތަ؟"

ރުޚްސާނާގެ މަންމަ އަނގަޔަކުން ނުބުންޏެވެ. އަނެއްކާވެސް ވާހަކަދެއްކީ އިންޖިނޭރުބޭބެއެވެ. "ބާދްޝާ ޖާނީއާމެދު ކަންތައް ކުރި ގޮތަށް ކުރީ ކީއްވެގެންތޯއެއް ބޭބެއެއް ނާހާނަން. ބޭބެގެވެސް ކުޑަނަމަވެސް ސިކުނޑިއެއް އެބައޮތް. ރުޚްސާނާގެ މޫނަށް ބަލާފައި ވެގެން އުޅޭގޮތް ރަނގަޅަށް އެނގޭ. އެފަދަ ހާލަތެއް މެދުވެރިވީމާ އިންނާނޭ މީހަކު ނުވުމަކީ ކިތަންމެ ދެރަ ކަމެއް ކަމުގައި ވިޔަސް ކަން އޮންނަ ގޮތް. އެފަދަ ދަނޑިވަޅެއްގައި ލިބޭނީ ބާދްޝާ ކަހަލަ މީހަކު."

ރުޚްސާނާ ދެރަވެފައި ބުންޏެވެ. "ބޭބޭ. ތިޔަ ކަހަލަ ވާހަކަ ނުދައްކާ. ތިޔައީ ބާދްޝާއަށް ކުރެވޭ ތައުހީނެއް. އެކަހަލަ މީހެކޭ ބުނީމާ ހީވަނީ ބާދްޝާއަކީ ވަރަށް ތާކުންތާކު ނުޖެހޭ އުރަޕްތެއް ނެތް މީހެކޭ. އެއީ ވަރަށް ރަނގަޅު މީހެއް. އެއްވެސް އުނިކަމެއް ނެތް. އައިބެއް ނެތް. އަހަރެން ލަދުގަންނާން ޖެހޭ ކަހަލަ އެއްވެސް ސިފައެއް އޭނާގެ ކިބަޔަކު ނެތް. އަހަރެން އޭނާޔާ ރުހުނީ ވަރަށް ބޮޑަށް ވިސްނައި ބަލާފައި."

އިންޖިނޭރުބޭބެ ހިނިތުންވެލިއެވެ. "ވަރަށް ރަނގަޅު ދަރިފުޅާ. ތިޔަވަރަށް ފިރިމީހާގެ ރައްކާތެރިކަމަށް ވިސްނުމަކީ ވަރަށް ރަނގަޅު ކަމެއް. ފިރިމީހާގެ އަގު ވެއްޓޭ ކަހަލަ ވާހަކައެއް އެއްވެސް މީހަކު ދައްކާ އަޑު އަހައިގެންވެސް ނުވާނެ. ދަރިފުޅު ނެތްތަންތާނގައިވެސް ބާދްޝާ ގާތު ބޭބެ އަބަދުވެސް ދަރިފުޅަށް ތާރީފުކުރަން. އެކަމަކު މިހާރު ކަންތައް ވެގެން މި އުޅެނީ ރަނގަޅު ގޮތަކަށް ނޫން."

ރުޚްސާނާާ މަންމަ އަތް ހޫރައިލިއެވެ. "ބޭބޭ. މި ހުރިހައި ކަމަކީ މިހިރަ ފަރީދުގެ ކަންތައް. އަހަރެން އެއްވެސް ކަމެއް ނުބައިކޮށެއް ނުކުރަން. އެ ނުބައި ޚިޔާލު ގެނައީ މީހަކި މިއީ. ވަކި މީހަކު ބާދްޝާއަށް ދައްކާފައި އެހެން މީހަކާ ދެވުމުގެ ޚިޔާލަކީ ފަރީދުގެ ޚިޔާލެއް. އަހަރެމެންނަކަށް އެނޫން ގޮތެއް ފެންނާކަށްވެސް ނެތް. އެހެންވީމާ އެގޮތާ ރުހުނީ."

ފަރީދު އަޙްމަދު ތާސްބައި މޭޒުމަތީގައި ބާއްވާފައި އިންޖިނޭރުބޭބެޔާ ދިމާއަށް ބަލައިލިއެވެ. "ލައްކަ ވާހަކަ ދެއްކިއްޖެއެއްނު؟ ދެން އަހަރެންގެ ވާހަކަވެސް އަޑުއަހައިލާ. ގޭގެ އެންމެން ތިބީ ކަންބޮޑުވެ ހަދާނެ ގޮތް ހުސްވެފައި. އަހަރެންގެ ދަރިފުޅުގެ މޫނަށް އެވީ ގޮތަކީ މުޅި އުމުރަށް ދެމިގެންދާނެ ކަމެއްކަން އެންމެންނަށްވެސް އެނގޭ. އަހަރެމެން މި ދިރިއުޅޭ ދުނިޔޭގައި ވަކި ހަމައެއް އޮވޭ. ހިތުގެ ލައްތަކެއް ނުއެއް ފެންނާނެ. އަޚުލާގުގެ ލައްތަކަކަށް ސަމާލުކަމެއް ނުދޭނެ. އެކަމަކު މޫނުގައި ލަކެއް ޖެހިއްޖެއްޔާ އެއީ ނުދިންނަވާވަރުގެ ކަމަކަށް ވެގެން ހިނގައިދޭ. މޫނު ވެގެން ދަނީ ނަންބޯޑަކަށް. އެ ބޯޑުގައި ކިރިޔާވެސް ލަކެއް ޖެހިއްޖެއްޔާ އެ ނިމުނީ. ދެނެއް ފިލުވައެއް ނުލެވޭނެ. މަލަން އަޅައިގެން ވަގުތީގޮތުން ފޮރުވައިލެވިދާނެ. އަހަރެމެންގެ ދަރިފުޅުވެސް ކަންތައް ކުރާ ގޮތަކީ އެއީ. އެކަމަކުވެސް ދަރިފުޅުގެ ފަހަތުން އަޅައިގެންފައިވާ ލައްތަކެއް ނުއެއް ފިލާ. މޫނު ފޮރުވޭ ގޮތެއް ނުވި. އެހެންވީމާ އަހަރެމެން ހެދި ގޮތަކީ ދަރިފުޅުގެ މޫނުގެ ބަދަލުގައި އަވަށްޓެރިއެއްގެ މޫނު ދެއްކީ. ފަރުޒާނާގެ ބޭނުން އަހަރެމެން ކުރީ ނަންބޯޑެއްގެ ގޮތުގައި. ކާވެނި ކުރުވީ ރުޚްސާނާއާ. އަހަރެން މިއީ ތާސް ކުޅޭ މީހެއް. ބަލިވާ އަތަށް އަޅައިލީމާ ގަނޑު ބަދަލުކުރުމަކީ އަހަރެމެންގެ އާދަ. އަހަރެންގެ ވިސްނުމަށް އެ ދުވަސްވަރު އައި ބުއްދިއަކީ އެއީ. އެހެންވީމާ އަވަހަށް ގަނޑު ބަދަލުކުރީ."

"ބަލިވާން ފެށުމަކީ އަހަރެމެންގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫން. އެއީ ތަގުދީރުގެ ނިޔާ. ބާދްޝާ ޖާނީއަށް މިހާރު ހުރިހައި ކަމެއް އެނގިއްޖެ. ފަރީދުގެ ދަރިފުޅު މިހާރު އެއިނީ ބޮމެއްގެ މަތީގައި އިށީނދެގެން. ގޮވާނީ ކޮން އިރަކުކަމެއް ނޭނގޭ. ޒަވާޖީ ހަޔާތް އަަދި މުޅިއަކުން ހަލާކެއް ނުވޭ. އެކަމަކު އުފާވެރިކަމެއްވެސް ނެތް. މިހާރު ކުރިމަތިވެފައިވާ މައްސަލައިގެ ފަރުވާއަކީ ކޮބާ؟ ބާދްޝާ ޖާނީ ހަމަޔަކަށް އަޅުވާނީ ކިހިނެއް؟ ފަރުޒާނާގެ ފަހަތުން އޭނާ އެދުވާ ދުވުން ހުއްޓުވާނީ ކިހިނެއް؟ އޭނާގެ އޮތީވެސް ކޮން ކުށެއް. އޭނާ އެ ދުވަނީ ފަރީދުމެން އޭނާއަށް ދެއްކި ސިފައިގެ ފަހަތުން."

ރުޚްސާނާގެ މަންމަ ބުންޏެވެ. "އަނދިރީގައި ހިނގާއިރު ކޮންމެ މީހަކުވެސް އަތުޖެހޭ ކޮންމެ އެއްޗެގެ އެހީތެރިކަން ލިބިގަންނާނެ. އަހަރެމެންވެސް ދިޔައީ އަނދިރީގައި ހިނގަމުން. އަލިކަމެއް ފެންނާކަށް ނެތް. އެ ދަނޑިވަޅުގައި އެހީތެރިއަކަށް ފެނުނީ ބާދްޝާ ޖާނީ. އަހަރެމެން އަވަހަށް ހިފީ. އަތުގައި ޖެހުނު އެހީތެރިކަމުގައި ހުރި ބާރެއް އެނގޭނީ އަލީވީމަތާ."

ރުޚްސާނާ ބުންޏެވެ. "ބޭބޭ. އެއީ ނުބައި މީހެއް ނޫން. އަހަރެމެންގެ ދޮގާއި މަކަރުހެދުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް އެރި ލޮޅުމުން އަދިވެސް ސަލާމަތް ނުވަނީ. ބޭބެ ބޭނުމިއްޔާ ހުރިހައި ކަމެއް ރަނގަޅު ކުރެވިދާނެ. ބޭބެއަށް އޭނާ ވަރަށް ގަދަރު ކުރޭ. ބޭބެ ދައްކާ ކޮންމެ ވާހަކައެއް ގަބޫލުކުރާނެ."

"އެހެން މީހެއްގެ ވާހަކަ އަޑުއަހާ މީހަކު މިހާރު އުޅޭތަ؟ އިންސާނާ ދުނިޔެއަށް އުފަންވީއްސުރެ މިހައިތަނަށް ކިތައް ނަބީބޭކަލުން ފޮނުއްވައިފި؟ ކިތައް ވަލީވެރިން އުފަންވެއްޖެ؟ ކިތައް މުޞްލިޙުން ފެނިއްޖެ؟ އެ ހުރިހައި ބޭކަލުންވެސް ކުރެއްވި މަސައްކަތްޕުޅަކީ އިންސާނުންނަށް ހެޔޮގޮތް ވިސްނައިދެއްވުން. އެކަމަކު އިންސާނުންނަކީ ގޮތް ދޫނުކުރާ ބައެއް. އެއީ އިިންސާނާގެ ޠަބީޢީ ސިފައެއް. ހުއްޓުވާން އުޅޭ ކޮންމެ ކަމެއް ކުރަން ގަދަހެދުމަކީ އިންސާނީ ސިފައެއް. ޖާނީއަށް ފަރުޒާނާއާ ބައްދަލުކުރުން މަނާ ކުރާ ވަރަކަށް އޭނާގެ ގޮތް ދޫނުކުރުން ދާނީ ބޮޑުވަމުން. މިހައިތަނަށް ވީވެސް އެހެން. ދެން އެވާހަކަ ބާއްވަމާ ހިނގާ... އަހަރެން މިގެއަށް އައީ އެހެން މީހުންގެ ކުށް ދައްކާށާއި ބާދްޝާ ޖާނީގެ ދިފާޢުގައި ވާހަކަ ދައްކާކަށް ނޫން. ދަރިފުޅުގެ ޒަވާޖީ ހަޔާތް ބަރުބާދުވުމަކީ ބޭބެ އެއްގޮތަކަށްވެސް އެދޭނޭ ކަމެއް ނޫން. އެކަމަކު މިއަދު މި އައީ ވަރަށް ހިތި ވާހަކައެއް ދަައްކާން. ދަރިފުޅަށާއި ދަރިފުޅުގެ މައިންބަފައިންނަށް ބޭބެގެ ވާހަކަ ކަމުނުދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް. ބޭބެ ދައްކާންވާ ވާހަކަ ދައްކައި ނިންމާފައި ނުކުމެގެން ހިނގައިދާނަން. އެ ވާހަކައިގެ މައްޗަށް އަމަލު ކުރުމާއި ނުކުރުމާމެދު ރަނގަޅަށް ވިސްނައިލުމަށް ފަހު ވަކި ނަތީޖާއަކާ ދިއުމަކީ ދަރިފުޅުމެންގެ ކަމެއް. ބޭބެއަށް ކުރެވޭނޭ ކަމަކީ މަގު ދެއްކުން."

ރުޚްސާނާގެ މަންމަ ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. "ބޭބޭ. ބޭބެ ދައްކާނީ ރަނގަޅު މަގުކަން އަހަރެމެންނަށް އެނގޭ."

"ރަނގަޅު ގޮތް ދެނެގަންނާން ބޭނުން ނުވާނީ ކާކު؟ އެކަމަކު ބޭބެ ދައްކާ މަގުން ހިނގާން ކެރޭނެތަ؟"

"ކަށަވަރެއްނު؟"

"އެހެންވެއްޖެއްޔާ ހިތްވަރުކޮށްފައި އަޑު އަހާ. އަހަންނަށް ހީވާ ގޮތުގައި ދަރިފުޅުގެ ކާވެންޏަކީ ޖާއިޒު ކާވެންޏެއް ނޫން. އެއް އަހަރާއި ދެމަސް ދުވަސް ހޭދަކޮށްފައި ތިޔަވަނީ ނާޖާއިޒު ގުޅުމެއްގެ ތެރޭގައި."

ރުޚްސާނާގެ މަންމަ ނުރުހުން ވެއްޖެއެވެ. "ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟"

"އަހަރެން މި ދައްކަނީ ރަނގަޅު ވާހަކައެއް؟ އަހަރެމެންގެ މައްޗަށް އޮތް ވާޖިބަކީ ދަންނަބޭކަލަކާ ވާހަކަދެއްކުން. ފިރިހެން ކުއްޖާއަށް ވަކި އަންހެންކުއްޖަކު ދައްކާފައި އެހެން ކުއްޖަކާ ދެވީމާ އެ ކާވެނި ރަނގަޅުވާނެތޯ އަހައިލާން ވާނެ."

ރުޚްސާނާގެ މަންމަ ބުންޏެވެ. "ޖާއިޒު ނުވާންވީ ކީއްވެގެން؟ ކާވެނި ކުރެވުނީ ކުރަން ޖެހޭ ހުރިހައި ކަމެއް ކޮށް ނިންމުމަށް ފަހު ޝަރީއަތުގެ ހަމަތަކާ އެއްގޮތަކަށްނު؟"

"ތިޔައީ ތެދެއް. ގާނޫނީ ޝަރުއީ ހުރިހައި ކަމެއް ފުރިހަމަކުރިކަން އެނގޭ. އެކަމަކު އެ ކާވެނި ރަނގަޅު ކާވެންޏަކަށް ވާނެތޯ ދަންނަބޭކަލަކާ ސުވާލު ކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެކަން ނިންމަން އެނގޭނީ ދީން ކިޔަވައިގެން ހުރި މީހަކަށް. އެހެންވީމާ އަވަހަށް ދަންނަބޭކަލަކާ ވާހަކަ ދައްކާ. އެހެން ނޫނީ ތިބެވޭނީ ވަރަށް ބޮޑު ފާފައެއްގެ މަތީގައި."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.