ފަޅިމޫނު - 26

(3 ޑިސެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަނގަޅު ވާހަކައެކެވެ. ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓުނީމާ ލޯގަނޑެއް ނުފެނެއެވެ. ފެންނަނީ ލޯގަނޑުން ފެންނާން ހުންނަ ސޫރައެވެ. އެކަމަކު އޭނާ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓުނީމާ އަމިއްލަ ސޫރައެއް ނުފެނެއެވެ. އަމިއްލަ ސޫރަ ދެކެން ބޭނުންވާ ކޮންމެ ފަހަރަކު ފެންނަނީ ބާދްޝާ ޖާނީގެ ސޫރައެވެ. ލޯގަނޑުން ޖާނީގެ ސޫރަ ފޮހެލަން މަސައްކަތް ކުރީމާ ފެންނަނީ ކުލީކާރެވެ. އެ ކާރުގެ ފަހަތު ގޮނޑީގައި ހުރި ފިނިފެންމަލެވެ. އެ ޚިޔާލުތަކުން ސަލާމަތްވާން މަސައްކަތް ކުރިޔަސް ކާމިޔާބެއް ނުވެއެވެ. އެންމެ ފަހުން އޭނާ ލޯގަނޑާ ފެޔަށް ޖެހިލައެވެ. ކާން އިށީނުމާއެކު ކުރިމަތީގައި އެނބުރިގަންނަނީ ކްލިފްޓަންގެ ރެސްޓޯރަންޓެވެ. ބާދްޝާ ޖާނީގެ ފިރިހެންވަންތަ ސިފައާއި ޝަޚްސިއްޔަތުގެ ސަބަބުން ކޮލެޖުގެ އެހެން އެއްވެސް ފިރިހެނަކު ކަމުދާ ގޮތެއް ނުވެއެވެ.

މިއަދު މި ދިމާވީ ވަރަށް ދެރަ ގޮތެކެވެ. އެއް އަހަރާއި ދެމަސް ދުވަސް ވާންދެން ފިލައިގެން އުޅުމާއެކުވެސް މިއަދު ކުއްލިއަކަށް އެކަކު އަނެކަކަށް ފެނުނީއެވެ. އެ ސަރަހައްދުގައި އެހައި މީހުންނާއި ދުއްވާ އެއްޗެހި ގިނަވެފައި ރެކިސާ ދުއްވާ ދުއްވާ މީހާ ބާރަށް ނުދުއްވި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ބާދްޝާ އައިސް އޭނާގެ ކަރުގައި ހިފީހެވެ. އޭނާޔާ އެތައް ސުވާލެއް ކުރީހެވެ. އޭނާ ރެކިސާ މަޑު ނުކުރުވީ ބާދްޝާ ދެކެ ބިރުންނެވެ. އެހެން ނޫންނަމަ އޭނާގެ ހިތުގައި ޖަހާ ވިންދުވެސް ވަކިން ދެރައެއް ނޫނެވެ.

މި ވަގުތުވެސް އޭނާ އެހެރީ ބާދްޝާ ގާތުގައެވެ. ކޮޓަރިއަށް ވެރިވެފައި އޮތީ ކަނުއަނދިރިކަމެވެ. އެކަމަކު އޭނާގެ ތަސައްވުރުގެ ލޯ ހުރީ ދިއްލިފައެވެ. ބާދްޝާ ރެކިސާގެ ފަހަތުން ދުވެފައި އެބަ އާދެއެވެ. ބާރަށް އޭނާއަށް ގޮވަމުންނެވެ. ބާދްޝާގެ ހިތާމައާއި ކެތްތެރިކަން ނެތް ގޮތެއްގައި އުއްމީދާއެކު ދުވަމުން އައި ގޮތް ހަނދާނަށް އައުމާއެކު އޭނާގެ ހިތަށް ވަރަށް ފުން އަސަރެއް ކުރިއެވެ. ބާދްޝާ މީސްމީހުންގެ ތެރެއިން ވެއްޓެމުން ތެދުވަމުން ދުވެފައި އައި މަންޒަރު އޭނާގެ ހިތަކުން ފިލައިގެންނެއް ނުދިޔައެވެ. އޭގެ މާނައަކީ އަހަރަކާއި ދެ މަސް ދުވަސް ވީއިރުވެސް އޭނާގެ ހަނދާނަކަށް ކުޑަވެސް ފަނޑު ކަމެއް ނާންނަނީއެވެ. އޭނާ ފެނުމާއެކު ފަހަތުން ދުއްވައިގަންނަ ވަރަށް މިހާރުވެސް އޭނާ ދެކެ ލޯބިވަނީއެވެ. މަގުމަތީގައި އެންމެންގެ ކުރިމަތީގައި އެހެން އުޅުމަކީ ޚުދު އޭނާގެ އަގުވެސް ވެއްޓޭނޭ ކަމެކެވެ. އެކަމަކު ބާދްޝާ އެކަމަކާ ނުވިސްނައެވެ. ލޯތްބަކީ އަގު ވެއްޓޭތޯ ނުވަތަ އަގު އަރާތޯ ބަލާ ކަމެއް ނޫނެވެ.

ކުއްލިއަކަށް އެ ތަސައްވަރު ފަނޑު ވެއްޖެއެވެ. ކޮޓަރި ތެރެ އަލި ވެއްޖެއެވެ. ބާދްޝާ ޖާނީގެ ސޫރަ ގެއްލިއްޖެއެވެ. ވެރިވީ އަލިކަމުގެ ތެރެއިން ފެނުނީ އޭނާގެ މަންމައެވެ. މަންމަ ހައިރާން ވެފައި އަހައިލިއެވެ. "ފަރީ... އަނދިރީގައި އިންނަތާ މިހާރު ކޮން އިރެއް؟ ބޭރުގައި ބަލިމީހުން އިންތިޒާރުގައި އެބަތިބި."

އޭނާ އިނީ ގޮނޑީގައި އިށީނދެ ރަނގަޅަށް ލެނގިލައިގެންނެވެ. "މަންމާ. މިއަދު އަހަރެން އެހައި ރަނގަޅެއް ނޫން. އެހެންވީމާ މިއަދު ބަލިމީހުން ބަލާކަށް ނުދެވޭނެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އެމީހުން ފޮނުވައިލާ."

"ދަރިފުޅާ. ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ ދަރިފުޅަށް ޖެހޭނީ ބަލިމީހުންނަށް ޓަކައި އަމިއްލަ ބަލި ހަނދާން ނައްތައިލާން. ޑަކްޓަރެއްގެ ގޮތުގައި އަމަލީ ދިރިއުޅުމެއް އުޅެވޭނެ ގޮތަކީ އެއީ. ސިކުނޑިއަށް އުނދަގޫ ކުރާ ކަހަލަ ކަމަކާ އަނެއްކާވެސް ދިމާވީތަ؟ ރަނގަޅަށް ހުރެފައި ކުއްލިއަކަށް އަނެއްކާވެސް އޭނާ..."

ފަރީ ފުން ނޭވައެއް ލިއެވެ. "އާނ... މަންމާ. އަނެއްކާވެސް އޭނާ..."

"ދަރިފުޅާ. ތިޔައީ ކޮން ކަހަލަ މޮޔަ ކަމެއް. ދަރިފުޅު އޭނާގެ މަތީން ހަނދާން ނައްތައިލައިފީމެއްނު؟ އަމިއްލަ ފައިގައި ފުރޮއިން ޖެހީމެއްނު؟ އެ ފަޔަށް ބަލާފައި ހިތަށް ވިސްނައިދީ. މީގެ ފަހުން އެ ދިމާއަށް ފިޔަވަޅު ނާޅަން ނަސޭހަތް ދީ. ދަރިފުޅުގެ އުފާތައް ރުޚްސާނާއަށް ހަދިޔާ ކުރީ އަމިއްލަ އިޚުތިޔާރުގައެއްނު؟ އެކަމާ މިހާރު ހިތާމަ ކުރުމުގެ ފައިދާއަކީ ކޮބާ؟ އޭނާގެ ހަނދާން ނުކުރޭ ދަރިފުޅާ. އެއީ ވަރަށް ނުރައްކާތެރި އަލިފާނެއް."

"މަންމާ. ހަނދާން ކުރުމަކީ އަމިއްލައަށް ކުރާ ކަމެއްނަމަ އަހަރެން އެކަމެއް ނުކުރީމުސް. އެކަމަކު ކީއް ކުރާނީ؟ ހަނދާނަކީ އެކަހަލަ އެއްޗެއް. އަމިއްލައަށް އައިސް އުނދަގޫ ކުރަނީ." އޭނާ މަންމަޔާ ދިމާއަށް ބަލައިލިއެވެ. "މިއަދު ވީ މުޅީން އެހެން ކަހަލަ ކަމެއް."

"ކިހިނެއްވީ؟"

"މިއަދު ހަނދާން ވީއެއް ނޫން؟ އޭނާޔާ ދިމާވީ."

"ކީކޭ؟" މަންމަ ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން އައިސް އޭނާ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ އޭނާގެ އަތުގައި ހިފައިލިއެވެ. "އަނެއްކާ އޭނާޔާ ދިމާވީއޭ؟"

ފަރީ ބޯ ޖަހައިލިއެވެ.

މަންމަ ބުންޏެވެ. "ދަރިފުޅާ. އެއް ރަށެއްގައި އުޅެގެން މިހެން ފިލައިގެން އަބަދު ނޫޅެވޭނެއޭ މަންމަ ކުރިންވެސް ބުނިން. މިއަދު ނޫނީ މާދަމާ... ނޫނީ އަހަރެއްހައި ދުވަސް ފަހުން ނަމަވެސް ދިމާވާނެއޭ ބުނީމެއްނު؟ އަނބިމީހާ ބަދަލު ވެއްޖެކަން އޭނާއަށް އޮންނާނީ މާ ކުރިން އެނގިފައި. އެހެންވީމާ އޭނާއަށް ފިލައިގެން އުޅުމުގެ ބޭނުމަކީ ކޮބާ؟ ރުޚްސާނާ މިހާރު އޮންނާނީ ހުރިހައި ވާހަކައެއް ކިޔައިދީފައި."

"ރުޚްސާނާއަށް އޭނާ ގަބޫލުކުރާ ކަހަލަ ގޮތަކަށް ވާހަކަ ކިޔައިދެވުނު ނަމަ އޭނާ މޮޔައެއްހެން މަގުމަތީގައި އަހަރެންގެ ފަހަތުން ނުދުވާނެ. ރެކިސާ ދުއްވާ މީހާ ބާރަށް ނުދުއްވި ނަމަ އޭނާ އައިސް އެޔަށް އެރީސް. އޭނާއާ ގާތުން ދިމާވީނަމަ އަހަރެން ބުނާނީ ކީކޭ؟ އޭނާޔާ ކުރިމަތިލާނީ ކިހިނެއް؟"

"ދަރިފުޅާ. ކަމެއް ބޮޑު ވަނީ އަމިއްލައަށް އެ ކަމެއް ބޮޑު ކުރީމާ. ނިންމަން ބޭނުމިއްޔާ ކޮންމެ ކަމެއްވެސް ނިންމިދާނެ. އަހަރެން ބާދްޝާ ޖާނީއާ ބައްދަލު ކޮށްފައި ހުރިހައި ވާހަކައެއް ތެދު ބަހުން ކިޔައި ދީފައި، ދަރިފުޅުގެ ފަހަތުން ހިނގުން ދޫކޮށްލާށޭ ބުނެ އާދޭސް ކޮށްފިއްޔާ..."

ފަރީ ބޯ ހޫރައިލިއެވެ. "ތިޔަހެން ހަދައިގެން ވާނޭ އެއްވެސް ކަމެއް ނޯންނާނެ. ރުޚްސާނާއަކީ ތަންދޮރު ދަންނަ ކުއްޖެއް. ބުއްދިވެރިއެއް. އެވަރުގެ ކުއްޖަކަށް ނުކުރެވުނު ކަމެއް މަންމައަށް ކުރެވޭނީ ކިހިނެއް. ރުޚްސާނާއަށް އޭނާގެ ފިރިމީހާގެ ހިތްހަމަ ޖައްސައެއް ނުދެވުނެއްނު؟ އެކަން ކުރެވުނު ނަމަ އަހަރެންގެ ފަހަތަކުން ނުދުވާނެ. އޭނާގެ ހަރަކާތްތައް ފެނިފައި ވިސްނުނީ އެންމެ ކަމެއް. ސީދާ ސާދާ މީހުންނަކީ ތެދުވެރިވެސް ބައެއްކަން. އޭނާ މިހާރުވެސް ހުރީ އިހަށް ހުރިހެން ހަމަ އެ ތެދުވެރިކަންމަތީގައި. އަހަރެން ކަންބޮޑު ވަނީ އޭނާގެ އެ ތެދުވެރިކަމާ ހެދި."

"ފަރީ. އަހަރެން މިއީ ދަރިފުޅުގެ މަންމަ. އެކަމަކު ދަރިފުޅުގެ ހިތާމަތަކުގެ ހިއްސާދާރަކަށް ވަނީ އަބަދުވެސް އެކުވެރިއެއްގެ ގޮތުގައި. ދަރިފުޅަށް އެކި ކަހަލަ ލަފާ ދެނީވެސް ހެޔޮ އެދިގެން. މިފަހަރުވެސް މި ދެނީ މަންމައެއްގެ ލަފާ. މަންމަ ދައްކާ ވާހަކަ ގަބޫލު ކުރޭ. ބޮޑެތި މީހުންގެ ތަޖުރިބާއަކީ ވަރަށް އަގުހުރި އެއްޗެއް. ދަރިފުޅު މީހަކާ އިނދެގެން ހުރިނަމަ އެ ބާދްޝާގެ ހަނދާނެއް ނުކުރީސް. ސިކުނޑިއާއި ހިތުން އޭނާގެ ހުރިހައި ޚިޔާލެއް ނުކުމެގެން ހިނގައްޖައީސް. މީހަކާ އިނދެގެން ހުރި ނަމަ ބާދްޝާ ކުރާ އެއްވެސް ކަމަކުން މިހާރު ތިޔަ ކުރާ ވަރަކަށް އަސަރެއް ނުކުރާނެ."

ފަރީ އެއްވެސް ޖަވާބެއް ނުދީ ލޯ މަރައިލިއެވެ.

މަންމަ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ދަރިފުޅާ. މިކަމާ ބެހޭ ގޮތުން އެހެން ފަހަރަކުންވެސް ވާހަކަ ދެއްކިދާނެ. ބަލިމީހުން އަނބުރާ ފޮނުވައިނުލާ. އެމީހުންގެ ބަލީގެ ވާހަކަތައް އަޑު އެހީމާ އަމިއްލަ ހިތާމައަށް ލުއިކަމެއް ލިބޭނެ. އަވަހަށް ދޭ."

ފަރީ ލޯ ހުޅުވައިލިއެވެ. އަދި ވަރުބަލިކަމާއެކު މަޑުމަޑުން ތެދުވެއްޖެއެވެ. އަދި ޖެހިގެން ހުރި ދޮރު ހުޅުވާފައި ނުކުމެއްޖެއެވެ. އެ ދޮރުން ނުކުމެވެނީ އޭނާގެ ކުލިނިކަށެވެ. އެ ކޮޓަރީގައި ހުރީ މޭޒަކާއި ދެ ގޮނޑިއެވެ. އޭނާ ބަލިމީހުން ބަލަނީ އެ ކޮޓަރީގައި އިނދެގެންނެވެ. އެ ކޮޓަރިއާ ޖެހިގެން ހުންނަނީ ބަލިމީހުން އިންތިޒާރުގައި ތިބޭ ތަނެވެ. އެތާގައި އޭނާގެ އެހީތެރިއަކު ހުރެއެވެ. އެއީ ނަން ގޮވައި ބަލިމީހުން އޭނާ އިންނަ ކޮޓަރިއަށް ވެއްދުމާ ހަވާލުވެ ހުންނަ މީހާއެވެ.

ފަރީގެ ޚިޔާލުގައި އަދިވެސް އެނބުރެނީ އިމްޕްރެސް މާކެޓުގެ ސަރަހައްދެވެ. އޭނާއަށް ފެންނަނީ ބާދްޝާ ވެއްޓެމުން ތެދުވަމުން އޭނާގެ ފަހަތުން ދުވެފައި އަންނަ ތަނެވެ. މިއަދު ބަލިމީހުން މަތިމަތިން ބަލާފައި އެހެން ދުވަހަކު އަންނާށޭ ބުނާނީއޭ ފަރީގެ ހިތަށް އެރިއެވެ. އޭނާގެ ސިކުނޑި މަސައްކަތާ ދިމާއަށް އަނބުރައިލެވޭ ގޮތެއް ނުވިއެވެ. އެކަމަކުވެސް ބަލިމީހާ އެތެރެއަށް ވަނީމާ ހިތުގައި އޮތް ގޮތަކަށް ކަމެއް ނުކުރެވުނެވެ. ފަހަރަކު މީހަކު ވަރަށް ރަނގަޅަށް މުއާއިނާކޮށް ނުބަލައެއް ހިތެއް ހަމައެއް ނުޖެހުނެވެ. ބަލިމީހަކު ބަލަމުން ދަނިކޮށް ބޭރުން އިވުނީ ކާރެއް މަޑުކުރި އަޑެވެ.

ފަރީ ބުންޏެވެ. "ކާކު އައީ؟ ނިކަން ބަލާލަބަލަ."

އެހީތެރިޔާ ބޭރު ބަލައިފައި އައިސް ބުންޏެވެ. "ކުލީ ކާރެއްގައި ކޮންމެވެސް މީހަކު އައީ."

ކުލީކާރުގެ ވާހަކަ ބުނުމާއެކު ފަރީ ބިރުގެންފިއެވެ. އަދި ބަލިމީހާޔާ މުޚާތަބުކޮށް ބުންޏެވެ. "އަހަރެން އެބަ އަންނަން. މަޑުކޮށްލާ."

އޭނާ ގޮސް ވަނީ ގޭގައި ދިރިއުޅޭ ބަޔަށެވެ. ކޮޓަރި ތެރެއަކުން މަންމައެއް ނުފެނުނެވެ. ހޯދަމުން ގޮސް މަންމަ ފެނުނީ ބަދިގެއިންނެވެ. "ދަރިފުޅާ... ކިހިނެއްވީ؟ ބަލިމީހުން ބަލައި ނިމުނީތަ؟"

"ބާކީ އިނީ އެންމެ މީހެއް. އެކަމަކު ބޭރުގައި ކުލީކާރެއެއް އެބައޮތް."

މަންމަވެސް ބިރުގެންފައި އަހައިލިއެވެ. "އޭނާ މި ގެއަށް އައީތަ؟"

ފަރީ ބުންޏެވެ. "ނޭނގޭ. އަހަރެން ނުބަލަން."

މަންމަ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. "އަމިއްލައަށްވެސް ބިރުގެންފައި އަހަރެންވެސް ބިރު ގަންނަވައިިފި. ކުލީކާރުގައި އައީ ކާކުތޯ ބަލައިލާން ވާނެއެއްނު؟ މަޑުކޮށްލާ. އަހަރެން ބަލާފައި އަންނާނަން. އުދާފައި އެހެރަ ރިހަ އެތި ބަލައިލާތި."

މިހެން ބުނެފައި މަންމަ ނުކުމެގެން ހިނގައްޖެއެވެ. ފަރީ އުނދުން ކައިރިއަށް ޖެހިލިއެވެ. އޭނާގެ ސިކުނޑި އަދިވެސް ރަނގަޅަކަށް މަސައްކަތް ނުކުރެއެވެ. ތަސައްވަރު ކުރެވެނީ ބޭރުގައި އޮތް ކާރެވެ. އެ ކާރުން ފައިބައިގެން އައިސް ބާދްޝާ އޭނާގެ ކުލިނިކު ދޮރުމައްޗަށް ހުއްޓޭ މަންޒަރެވެ. "ބޭރަށް ނުކުމޭ. އަހަރެން ކަލޭ ނުފެނިގެން ހޯދާތާ އެތައް ދުވަހެއް ވެއްޖެ. ހަމަ މިހާރު ނުކުމޭ."

ކުޑަ އިރުކޮޅެއް ފަހުން އޭނާގެ މަންމަ އެނބުރި އަތުވެއްޖެއެވެ. "ދަރިފުޅާ. ކުލިނިކަށް ދޭ. އެ ކާރުގައި އައީ އުމުރުން ދުވަސްވީ ބަލިމީހެއް. ވަރަށް ހާލު ދެރަ. ދަރިފުޅު ބިރުން ތިޔަ އުޅެނީ އެއްވެސް ކަމަކާ ނުލައި. މި ގެއަށް އަންނާން އޭނާއަށް އެނގޭނީ ކިހިނެއް؟ އަޔަސް އޭނާ ބޭރުގައި ހުންނާނީ. ދަރިފުޅު ބޭސް ކުރަނީ ހަމައެކަނި އަންހެނުންނާއި ކުޑަކުދިންނަކަށްނު؟ އޭނާ އެތެރެއަކަށް ނުވަންނާނެ."

އޭނާ ހިތްހަމަ ޖައްސާލައިގެން ކުލިނިކާ ދިމާއަށް ހިނގައިގެންފިއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. ލޯބި މަކަރަކަށް ބަދަލު ވެއްޖެއްޔާ އެ މަކަރުގެ ސަބަބުން އުފެދޭ ބިރު ދުވަހަކުވެސް ފިލައިގެންނެއް ނުދާނެއެވެ. މަގުމަތީން ކުލީކާރެއް ފެންނަ ކޮންމެ ފަހަރަކު އޭނާގެ މޭގަނޑު އަނގަޔަށް އާދެއެވެ. ހީވަނީ ބާދްޝާ އޭނާގެ ފަހަތުން އަންނަ ހެންނެވެ. ގޭތެރޭގައި ހުއްޓާ ބޭރަށް ކާރެއް ހުއްޓައިލީ އަޑު އިވުނަސް ހުންނަނީ ބިރުން ވިރިވިރިއެވެ.

އޭނާ ކުލިނިކުގެ މަސައްކަތް ނިންމުމަށް ފަހު އޭނާ ދިރިއުޅޭ ބަޔަށް ވަދެއްޖެއެވެ.

"އަތްފައި ދޮވެގެން އާދޭ. އަހަރެން ކާން ހަދާނަން."

"މަންމާ. އަހަރެން ބަނޑުހައެއް ނުވޭ. ނުކެވޭނެ."

"އެންމެ ރަނގަޅު. އެކަމަކު ދަރިފުޅު ނުކަނީހެއް މަންމައެއް ނުކާނަން. އެކަން އެނގެއެއްނު؟ މިއަދު ދެމީހުންވެސް ބަނޑަށް ތިބޭނީ. މޮޅު ގޮތެއްނު؟"

"މަންމާ. މަންމަގެ ލޯބިވެސް ބައެއް ފަހަރަށް ތުރާލަކަށް އެބަވޭ. ތިޔައީ ކޮން ކަމެއް؟ މަންމަ ދޭ ކާން."

"ތިޔަ ސުވާލު އަހަރެންވެސް ކުރަން ބޭނުން. ތިޔައީ ކޮން ކަމެއް؟ ދަރިފުޅަކީ ޑަކްޓަރެއް. ދުނިޔޭގެ އެންމެންނަށް ބޭސްކުރާ މީހެއް. ދަރިފުޅުގެ އަތުގައި ދަރިފުޅުގެ ބަލީގެ ބޭހެއް ނެތިއްޔާ މަންމަ ބުނާ ގޮތަކަށް ހަދާ."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.