ފަޅިމޫނު - 25

(1 ޑިސެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މަންމަ ރުޅި އައިސްފައި ބުންޏެވެ. "އާނ... އާނ... އަހަރެމެން މިއީ ވިޔާނުދާ ބައެއް. ކަލެއަށް ކުރެވެން އޮތް ކަމެއް ކުރޭ. ރަނގަޅަށް މަޑުމައިތިރިކަމާއެކު ވިސްނައި ދީގެންނެއް ކަލޭގެ ބޮލަކަށް އެއްވެސް އެއްޗެއް ނުވަދޭ. ކަލެއަށް ކުރެވޭނީ ކޮން ކަމެއް؟ އަހަރެމެންގެ ދަރިފުޅު ވަރިކުރާނީތަ؟ އެވަރުގެ ހިތްވަރެއް އެބަހުރިތަ؟ ފަންސާސް ހާސް ރުފިޔާ އެބައޮތްތަ؟ ކަލެއަކަށް އަދިވެސް ނުވިސްނޭތަ؟ ބަލަގަ... މި ގެއާއި، ގޯތިވެސް މި އޮތީ އަހަރެމެންގެ ދަރިފުޅުގެ ނަމަށް ބަދަލު ކޮށްފައި. އަހަރެމެން ބޭނުމިއްޔާ ހަމަ މި ވަގުތު ކަލޭ މިގެއިން ނެރެލެވިދާނެ."

ރުޚްސާނާ ވަރަށް ބާރަށް ބުންޏެވެ. "މަންމާ. ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ އަހަރެންގެ ފިރިމީހާގެ އަގު ވައްޓައިލަނީތަ؟ ދަރިއަކަށް ވިޔަސް މި ޖެހެނީ މައިންބަފައިންނަށް ނަސޭހަތް ދޭން. ދެމަފިރިންގެ މެދުގައި ރުޅިއާއި ނަފުރަތު އުފެދޭ ކަހަލަ ވާހަކަ ދެއްކުމަކީ މައިންބަފައިން ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން."

ބާދްޝާވެސް ރުޅި އަތުވެއްޖެއެވެ. "އޭތް... ވިޔާނުދާ އަނގަނުތަޅާ. މައިންބަފައިންނާ ގުޅިގެން އަނެއްކާ އާ ޑްރާމާއެއް ކުޅެން މަސައްކަތް ނުކުރޭ. ފިރިމީހާއަށް މާ ބޮޑަށް ގަދަރު ކުރާ މީހަކަށް ހެދިގެން އުޅޭނެކަމެއް ނެތް. އަހަންނަށް ހުރިހައި ކަމެއް އެނގޭ. އަހަރެންގެ އަގު ވައްޓައިލުމަކީ އެހައި ކަންބޮޑުވާ ކަމެއް ކަމަށް ވަންޏާ އަހަރެންގެ ގެއާއި ގޯތި އަމިއްލަ ނަމަށް ބަދަލު ކުރަން އެއްބަސްވީ ކީއްވެގެން؟ ކާވެނީގެ ރަނަކަށް ފަންސާސް ހާސް ރުފިޔާ ހަމަޖެއްސުވީ ކީއްވެގެން؟ ކަލޭމެން އެންމެންނަކީވެސް ޑްރާމާކުޅޭ މީހުން. އަހަރެން ހަމަ މި ވަގުތުވެސް މި ގެއިން ނުކުމެގެން ހިނގައިދާނަން. މިއީ އަހަރެންގެ ގެއެއް ނޫންކަން ދެނަހުރިން."

ބާދްޝާ އެނބުރި ނުކުންނާން ހިނގައިގެންފިއެވެ. ރުޚްސާނާ ބުންޏެވެ. "ޖާނީ. ނުދޭ... ފުރަތަމަ އަހަރެންގެ ވާހަކަ އަޑުއަހާބަލަ."

އޭނާ ދޮރުމަތީގައި ހުއްޓިފައި އެނބުރި ބަލައިލިއެވެ. "އެއްވެސް ވާހަކައެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން. އެކަމަކު ދިއުމުގެ ކުރިން އަހަރެން ވާހަކައެއް ބުނަން ބޭނުން. އަހަންނަކީ މޮޔައަކީމެއް ނޫން. މި ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ކާރު ދުއްވުމަކީ އަހަރެން ކޮންމެ ދުވަހަކު ކުރާ މަސައްކަތެއް. ކަލޭމެން ކަހަލަ މައްކާރު މީހުންނާ އެތައް ފަހަރަކު ބައްދަލު ވެއްޖެ. އެކަހަލަ މީސްމީހުންގެ ވާހަކަ އެތައް ފަހަރަކު އަހައިފިން. އަހަންނަށް މަކަރު ހެދި ސަބަބު ނުބަލައެއް އަހަރެން ދުލެއް ނުކުރާނަން. އަދި އަހަރެންގެ ލޯބި ކަލޭމެން ރައްކާ ކޮށްގެން ގެންގުޅޭ ތަނެއްވެސް ހޯދާނަން. އަހަރެންގެ ނަމަކީ ބާދްޝާ ޖާނީ. ކަލޭމެންގެ ގޮހޮރަށް އަތް ބާނައިގެން ވިޔަސް ހަގީގަތް ނެރޭނަން."

މިހެން ބުނެފައި އޭނާ ބާރަށް ހިނގާފައި ގޮސް ގެއިން ނުކުމެއްޖެއެވެ. އޭނާގެ ދެ ކާރުން އެއް ކާރު އޮތީ ގޯތި ތެރޭގައެވެ. އަނެއް ކާރު އޮތީ ބޭރުގައެވެ. އޭނާ ގޯތިތެރޭގައި އޮތް ކާރުވެސް ބޭރަށް ނެރެފިއެވެ. އެޔަށް ފަހު ދޮރުމަތީގައި ހުރެފައި ބާރަށް ބުންޏެވެ. "ބޭރަށް އައިސް ބަލާބަލަ. އަހަރެން މިހިރީ ކަލޭމެންގެ ގޯތިން ބޭރުގައި. މި ދެ ކާރަކީ ކަލޭމެންގެ އެއްޗެއް ނޫން. އެހެންވީމާ ދެ ކާރުވެސް މި އޮތީ ބޭރުގައި. އަހަރެން ރޭގަނޑު ހޭދަކުރާނީ މިތާނގައި. މާދަމާ ހެނދުނު ހަގީގަތް އަހަންނަށް ހާމަކޮށް ނުދިނިއްޔާ މި ދެ ކާރު ވިއްކާފައި ފަންސާސް ހާސް ރުފިޔާ ގެނެސް ކަލޭމެންގެ ދަރިފުޅުގެ މޫނުމައްޗަށް ޖަހާފައި ވަރިކޮށްލާނަން."

އޭނާ އެއް ކާރުގެ ފަހަތު ދޮރު ހުޅުވާފައި ކާރަށް އަރައިފިއެވެ. އަދި ގޭތެރޭގައި ތިބި މީހުންނަށް އިވޭވަރަށް ބާރަށް ދޮރު ލައްޕައިފިއެވެ.

އޭނާ ފަހަތު ގޮނޑީގައި އޮވެގެން އިރުއިރުކޮޅާ ފުރޮޅިލައެވެ. އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. އެއް ސަބަބަކީ އައިސްފައި ހުރި މާވަރުގަދަ ރުޅިއެކެވެ. އަނެއް ސަބަބަކީ ޚުދު ތިމާގެ މޮޔަކަމުގެ މައްޗަށް ވާ ދެރައެވެ. އަމިއްލަ ގެދޮރު ރުޚްސާނާގެ ނަންމައްޗަށް ބަދަލު ކުރެވުނީތީއާއި އިންޖިނޭރުބޭބެ މަނާ ކުރުމާއެކުވެސް ފަންސާސް ހާސް ރުފިޔާގެ ރަނަށް ރުހެވުނުކަމުގެ ދެރައެވެ.

އެހެން އޮވެގެން ވިސްނަމުން ގޮސް އެންމެ ފަހުން ރުޚްސާނާގެ ޚިޔާލު ކުރެވޭން ފަށައިފިއެވެ. ރުޚްސާނާ ކޮންމެ ރެޔަކު އޭނާގެ ބޯ މޮޑެދެމުން ބުނެއެވެ. "ޖާނީ މިހާރު ތިޔަހަރީ އަހަންނަށް ދެވި ހިފާފައި. ދެން އަހަންނާ ނުލައެއް ނޫޅެވޭނެ."

އޭނާ ރުޅި އައިސް ފުފިފައި ހުރެގެން ކާރުން ފައިބައިފިއެވެ. އަދި ގޭތެރެއަށް އަޑު އިވޭވަރަށް ބާރަށް ބުންޏެވެ. "އޭތް... ކަލެޔާ ނުލައި އަހަންނަށް ނުނިދޭނެއޭ ހީނުކުރާތި. އަހަރެން މި ނިދަނީ."

އޭނާ އަނެއް ކާރުގެ ކައިރިއަށް އަތުވެއްޖެއެވެ. "ނޫނޭ... އަހަރެން މިހާރު ނިދައިފިން."

މިހެން ބުނެފައި އެ ކާރުގެ ފަހަތަށް އަރައި އޮށޯވެއްޖެއެވެ. ދެއްކުނު މޮޔަ ވާހަކަ އިހުސާސް ކުރެވެނީ ދެނެވެ. ނިދައިފީމޭ ބުނެވިއްޖެއެވެ. ނިދާފައި ތިބޭ މީހުން ވާހަކަ ދައްކާ ހެއްޔެވެ؟ މިހާރު މިއޮތީ އެހެން ބުނެވިފައެވެ. އެހެންވީމާ ދެން ޖެހޭނީ ނިދާށެވެ. އެހެންނޫނީ އޭނާ ބަލިވީއެވެ.

އޭނާ ރުޅި އަތުވެއްޖެނަމަ ރުޚްސާނާ އޭނާ ރަމަތަ ކުރުވައެވެ. ރުޅި އައިސްގެން ގެއިން ނުކުމެއްޖެއްޔާ ފަހަތުން އާދެއެވެ. އަދި މަޑުމަޑުން އޭނާގެ ގައިގައި ބައްދައިލައެވެ. ރުޚްސާނާގެ އެ ގާތްކަމަކީ އޭނާގެ ހަނދާނުން ފުހެލެވޭނޭ ކަހަލަ ގާތްކަމެއް ނޫނެވެ. އެހެންވީމާ މިހާރުވެސް އެކަންކަން ހަނދާން އެބަވެއެވެ. ރުޚްސާނާގެ ދޮގުގެ ސަބަބުން ރުޅި އާދެއެވެ. އެކަމަކުވެސް އެކީގައި އުޅެވުނު އުފާވެރި ވަގުތުތަކުގެ މަތީން ހަނދާނެއް ނުނެތެއެވެ. އެކަނި ނިދަން ޖެހުނީމާ ހަނދާން ވަނީ އަދި މާ ވަރަކަށެވެ.

ކުއްލިއަކަށް އަލިކަމެއްގެ އިހުސާސް ކުރެވިގެން އޭނާ ބޯ ހިއްލައި ބަލައިލިއެވެ. ގޭގެ ބޭރުގައި އޮތް ބޮކި ހުރީ ދިއްލިފައެވެ. ދޮރުކަނީގައި ހިފަހައްޓައިގެން އެހެރީ ރުޚްސާނާއެވެ. ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި އޭނާ މަޑުމަޑުން ކުރިއަށް ހިނގައިގެންފިއެވެ. އަންނަނީ ކާރާ ދިމާއަށެވެ.

ބާދްޝާ ކަންބޮޑު ވާން ފަށައިފިއެވެ. ވިހައިގެން އަދި ތެދުވެ އުޅެވޭ ވަރެއް ނުވެއެވެ. އެކަމަކުވެސް އޭނާ އެ އަންނަނީ ބާދްޝާއަށްޓަކައެވެ. ބާދްޝާ މިހާރު ހުރީ ޚުޝާމަދަށް ހޭނިފައެވެ. ރުޚްސާނާ ހުރީ އޭނާ ރުއްސަން އާދަވެފައެވެ. ފިރިމީހާ ރުއްސައިގެން ނޫނީ ނުނިދާން އާދަވެފައެވެ. އެހެންވީމާ ދެމީހުންވެސް މިހާރު އެތިބީ އާދަޔަކާ ހެދި މަޖުބޫރުގެ ހާލަތަކަށް ވެއްޓިފައެވެ.

ރުޚްސާނާ ހިނގަނީ ވަރަށް މަޑުމަޑުންނެވެ. ހިނގަން އުނދަގޫކަން ރަނގަޅަށް އެނގެއެވެ. ބާދްޝާގެ ހިތް ނުތަނަވަސް ވާން ފަށައިފިއެވެ. ދޮރު ހުޅުވާފައި ކާރުން ފައިބައި އޭނާ ހިނގިޔަ ނުދީ ހިފަހައްޓައިފާނަމޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އަތްދަނޑިމައްޗަށް ނަގައިގެން ގެންގޮސް ގޭތެރެއަށް ވައްދައިފާނަމޭ ހިތަށް އެރިއެވެ. އެކަމަކު މިހާރު ތިމަން ނިދައިފީމޭ އޭނާ އޮތީ ވަރަށް ބާރަށް ބުނެފައެވެ. އެހެންވީމާ އަނެއްކާވެސް އޮށޯވެއްޖެއެވެ.

އޮށޯވެގެން އޮތުމާއެކީ ރުޚްސާނާ އަންނަ ތަނެއް އޭނާއަކަށް ނުފެނެއެވެ. އެކަމަކު އަންނަކަމުގެ އިހުސާސް ވަރަށް ބޮޑަށް އެބަ ކުރެވެއެވެ. އޭނާ އެހައި ދަތި ހާލުގައި އޮވެފައިވެސް އެ އަންނަނީ ހަމައެކަނި ބާދްޝާއަށްޓަކައެވެ. އެހެން ހިތަށް އެރީމާ ބާދްޝާގެ ހިތް ލޯބިން ފުރުނެވެ. އެޔާއެކު އެ ލޯބި ދެކެ ރުޅި އަންނާން ފަށައިފިއެވެ. މިއީ ކިހައި ބޮޑު ނުފޮރުއްޕާނެއް ހެއްޔެވެ. އެއް ސިކުންތުގައި ވަނީ ލޯތްބެވެ. ދެވަނަ ސިކުންތުގައި މިހިރަގެން އަންނަނީ މާ ވަރުގަދަ ރުޅިއެކެވެ. މި އަންހެންމީހާ އޭނާ މޮޔަކޮށްލާނެއެވެ.

ރުޚްސާނާ ކާރުގެ ކައިރިއަށް އަތުވެއްޖެއެވެ. ބިއްލޫރިގަނޑުން ރީތިކޮށް އޭނާ އެބަފެނެއެވެ. ހުރީ މާނޭވާ ލެވިފައެވެ. "ޖާނީ... ތިޔަހެން ނިދާ ކަމަށް ހެދިގެން ނޯވޭ. ތިޔަ އޮތީ ހޭލާކަން އަހަންނަށް އެނގޭ. ކުޑަކުއްޖަކަށްވެސް ތިޔަހައި އަވަހަކަށް ނުނިދޭނެ. ޖާނީއަކީ ކުޑަކުއްޖަކަށް ވުރެވެސް ކުޑަކުއްޖަކަށް ވެއްޖެ. ތެދުވޭ. ބަލާބަލަ. އަހަރެން މިހިރީ މިހައި ދުރަށް އައިސްފައި."

އޭނާ އަނގައިންވެސް ނުބުނެ އޮތީއެވެ. އެތެރެ އޮތީ އަނދިރިކޮށް ކަމުގައި ވާތީ ރުޚްސާނާއަކަށް އެތެރެއެއް ނުފެނެއެވެ. އޭނާ އޮތީ ލޯ މަރައިލައިގެން ކަމެއް ހުޅުވައިގެން ކަމެއް ނޭނގެއެވެ. ރުޚްސާނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަންނަށް ލިބެންވާ އަދަބަކީ މިއީ. މި ހާލުގައިވެސް ޖާނީގެ ފަހަތުން ދުވުން. ޖާނީ... އަހަރެމެންގެ ގުޅުމަކީ ވަރިންވެސް އަދި ފަންސާސް ހާސް ރުފިޔާއިންވެސް ކެނޑިގެން ދާ ވަރުގެ ބަލިކަށި ގުޅުމެއް ނޫން. އެޔަށްވުރެ މާ ބަދަހި ގުޅުމެއް."

ރުޚްސާނާ ދެބައިކުޅަ އެއްބަޔަށް ތިރިކޮށްފައި ހުރި ބިއްލޫރިގަނޑުން އެތެރެއަށް އަތް ކޮށްޕާފައި ބާދްޝާގެ ފައިގައި ހިފައިލިއެވެ. "ޖާނީ... ތެދުވޭ. އަހަރެން އަނބުރައިގަންނަ ގޮތް ވާން ފަށައިފި. ވަރަށް ބޮޑަށް ވަރުބަލިވެއްޖެ. އަހަރެން ވެއްޓިދާނެ. ފަންސާސް ހާހަކީ ކޯނޗެއް؟ ޖާނީ އަހަރެން އަތުލަފިކޮށްލިޔަސް މުޅި ދުނިޔޭގެ ހުރިހައި ފައިސާއެއް އަހަންނަށް އެ ލިބުނީ."

ވަގުތުން ތެދުވެ ރުޚްސާނާ އަތުލަފިކުރުމަށް ފަހު އޭނާގެ ހުރިހައި ވަރުބަލިކަމެއް ފިލާވަރަށް ލޯބި ދީފާނަމޭ ބާދްޝާގެ ހިތަށް އެރިއެވެ. އެކަމަކު އަނެއްކާވެސް ހިތަށް އެރިއެވެ. އަހަރެން މި އޮތީ ރުޅި އައިސްފައެވެ. އެހެންވީމާ އެހައި އަވަހަށް އުށްބައްތިއެއްހެން ވިރިގެން ދާކަށް ނުވާނެއެވެ. އެހެން ހަދައިފިއްޔާ އަންހެނުން ބޮލަށް އަރާނެއެވެ.

ދޮރު ހުޅުވިއްޖެއެވެ. ދޮރު ނުހުޅުވުނު ނަމަ ރުޚްސާނާ ވެއްޓުނީހެވެ. ހުޅުވުމާއެކު އޭނާއަށް މަޑުމަޑުން ގޮނޑީގައި އިށީނދެވިއްޖެއެވެ. އޭނާ މަޑުމަޑުން ބާދްޝާގެ ފައިގައި ބޯ ޖައްސައިލިއެވެ.

ބާދްޝާއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ކުއްލިއަކަށް ތެދުވެ ލޯތްބާއި ރުޅި އެކުލެވިފައިވާ ރާގެއްގައި ބުންޏެވެ. "މިތަނަށް އައީ ކީއްކުރަން؟ ތިޔަ ހާލަތުގައި އެނދުން ތެދުވެ ހިނގައި އުޅޭކަށް ނުވާނެ. ތިޔަ އުޅެނީ މަރުވާން ވެގެންތަ؟"

"ޖާނީ ރުޅި އައުމަކީ މަރުވާ ކަހަލަ ކަމެއް."

"ދެން ހެޔޮ. ވިޔާނުދާ އަނގަނުތަޅާ. ރުޚްސާނާގެ ގެއަށް ދޭ. ގެޔާއި ގޯތި އެ އޮތީ ދީފައި. އަހަންނަށް މި ކާރުގަނޑުން ފުދޭނެ."

"ޖާނީ. ތިޔަހެން ނުބުނޭ. އެއީ ޖާނީގެ ގެއެއް. އަހަރެންގެވެސް ގެއެއް. ދެމީހުންގެ ގެއެއް. މި ހުރިހައި އެއްޗަކީ އަހަރެމެންގެ ދަރިފުޅުގެ އެއްޗެހި. މަންމަ ރުޅި އައިސްގެން ދައްކާ ވާހަކައަކާ ހެދި ރުޅި އަންނާކަށް ނުވާނެ. އެއީ ޖާނީ އެ ދެމީހުން މަގުމައްޗަށް ދޫކޮށްލާފައި އައީތީ ރުޅި އައިސްގެން ދެއްކި ވާހަކައެއް. އެއީ ނުބައި ބައެއް ނޫން. އަހަރެންގެ ހުރިހައިވެސް މީހަކީ... ހުރިހައިވެސް ކަމަކީ ޖާނީ. އެހެންވީމާ އެމީހުން ޖާނީ ދެކެ ރުޅި އަންނާނީ ކިހިނެއް؟ ދެރައެއް ދޭން ވިސްނާނީ ކިހިނެއް؟ ހިނގާ... ގެއަށް ހިނގާ."

"އަހަރެން ނުދާން. އަހަރެމެން ދެމީހުންގެ ދެމެދުގައި ދޮގުގެ ފާރެއް އެބަހުރި. ކަންތައް ތިޔަ ކުރަނީ ވަރަށް ހެއްވާ ގޮތަކަށް. އެއްކޮޅުން ވައްކަން ކުރަނީ. އަނެއްކޮޅުން ވަގުތު ނާޅައި ނަމާދު ކުރަނީ. ދެން ހީކުރަނީ ފާފަ ފޮހެވުނީއޭ. ރުޚްސާނާ އެއްކޮޅުން އަހަންނަށް މަކަރު ހަދަނީ. އަނެއްކޮޅުން އިންތިހާއަށް ލޯބިވަނީ. ތިޔަ ވަރުގަދަ ލޯބީގެ ސަބަބުން އަހަރެން ރުޚްސާނާއާ ދިމާއަށް ލެނބެނީ. އެކަމަކު އެއްކަލަ ކަށިވެސް އެބަހެރޭ. ރުޚްސާނާ ހެދި މަކަރު އަހަރެން ގަބޫލު ކުރާނީ ކިހިނެއް؟ އެކަމާ ރުހެވޭނީ ކިހިނެއް؟ ދެމީހުންގެ މެދުގައި ހެޔޮ ގުޅުމެއް އުފެދޭނީ ރުޚްސާނާގެ ހަގީގަތް އަހަންނަށް ކިޔައި ދިނީމާ. ނުބުނާ ކަމަށް ވަންޏާ އަހަރެން ރުޚްސާނާގެ ގެއަކަށް ދުވަހަކުވެސް ނުވަންނާނަން."

"ޖާނީ. މިއީ އަހަރެންގެ ގެއެކޭ ނުބުނޭ. މިއީ އަހަރެމެން ދެމީހުންގެ ގެ. އަހަރެން މި އައީ ޖާނީއަށް އެއްވެސް ކަމެއް ސިއްރު ނުކުރާން ނިންމައިގެން. ދޮގާއި މަކަރުގެ ސަބަބުން އަހަރެމެން ދެމީހުން މި ދަނީ ދުރުވަމުން. ދެމީހުން ދުރުކުރާ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން. ގެއަށް ހިނގާ. އަހަރެން ހުރިހައި ވާހަކައެއް ތަފުސީލުކޮށް ކިޔައިދޭނަން."

ޖާނީ ވީ އުފަލެއްގެ ބޮޑުކަމުން ކާރުން ފައިބައިފިއެވެ. އަދި ރުޚްސާނާ އަތުލަފިކޮށްލުމަށް ފަހު އޭނާޔާ ދިމާއަށް ބަލައިލިއެވެ. ދެމީހުން ހިނިތުންވަނީއެވެ. ދެމީހުންގެ މޫނަށް ހުރީ ހަނދުވަރުގެ ރީތި އަލި އެޅިފައެވެ.

* * *

ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓުނީމާ ފެންނަނީ ލޯގަނޑެއް ނޫނެވެ. ފެންނަނީ ތިމާގެ ސޫރައެވެ. އޭނާ އެހެރީ އޭނާގެ ސޫރައަށް ބަލަހައްޓައިގެންނެވެ. ބޮލުން ފެށިގެން ފައިތިލަޔާ ހަމައަށް އެއްވެސް އައިބެއް ނެތެވެ. މޫނަކީ ފަޅި މޫނެއް ނޫނެވެ. ފުރިހަމަ މޫނެކެވެ. އެ މޫނަކީ ހިމޭނުން ހުރެގެންވެސް ވާހަކަދައްކާ މޫނެކެވެ. ސީރިއަސް ވެފައި ހުރިނަމަވެސް ހިނިތުންވަނީއެވެ. އެ ސޫރައަކީ ލޯމަތީން ގެއްލުނުކަމުގައި ވިޔަސް ބާދްޝާ ޖާނީއަށް ފެންނަ ސޫރައެކެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.