ފަޅިމޫނު - 33

(11 ޖަނަވަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން މި ބުނަނީ ދޮގާއި މަކަރާ ނުލައި މި ދުނިޔެއަކު އެއްވެސް ކަމެއް ނުކުރެވޭނެއޭ. ދަރިފުޅު މީހަކާ ދެވާން ބޭނުމިއްޔާ ޖެހޭނީ ބުއްދި ގަބުވެފައި ހުރި ގޮލަޔަކު ހޯދަން. އޭނާޔާ ދެވާނީ އެ މަންޖެ ފޮރުވާފައި ބައިންދައިގެން. ދައްކާނީ ވަކި މީހަކު. ދެވާނީ އެ މަންޖެޔާ. ވިސްނިއްޖެތަ؟"

ފަރުޒާނާގެ މަންމަ ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "އާނ. ތިޔަ ދައްކާ ވާހަކަ ރަނގަޅުހެން އެބަ ހީވޭ. އަހަރެމެން އީމާންދާރުން ކަމުގައި ވެގެން އުޅޭތާ ލައްކަ ދުވަސްވެއްޖެ. އަހަރެމެންގެ އާއިލީ ގަދަރާއި އިއްޒަތުގެ ވާހަކަ އެމި މީސްމީހުން ގާތު ދައްކަމުން ދުވާތާ އެތައް އަހަރެއް ވެއްޖެ. ދަރިފުޅުގެ ރީތި ފޮޓޯތައް އެތައް ބަޔަކަށް ދެއްކިއްޖެ. އެކަމަކު އެކަކުވެސް އަހަރެމެންގެ މައްސަލަޔާމެދު ވިސްނައެއްނުލި. މިހާރު އަހަރެމެންނަށް ވިސްނެން ވެއްޖެ. މުދަލުގެ ފެންވަރު ކިތަންމެ ދެރަވިޔަސް މޮޅު، ރީތި ލޭބަލެއް ޖެހީމާ މޮޅު އެއްޗަކަށްވީ. މީހުން ގަންނާނެ. މިއީ ވިޔަފާރިވެރިން ކަންތައްކުރާ ގޮތް. އަހަރެމެން އެހެން ނުހަދައި ތިބެންވީ ކީއްވެގެން؟"

ރުޚްސާނާގެ މަންމަވެސް ބޯ ޖަހައިލިއެވެ. "ކަލޭމެން ދެމީހުން ތިޔަ ބުނަނީ ފިރިހެން ސޮރަށް ފަރުޒާނާ ދައްކާފައި، ރުޚްސާނާޔާ ދެވާށޭތަ؟"

"އާނ. އެނޫން ގޮތެއް ނެތް."

"އެކަމަކު އެއީ ކިހިނެއް ކުރެވޭނޭ ކަމެއް؟ ކުރެވޭނީ ރުޚްސާނާގެ ކާވެނި. ކާވެނި ކުރުމާ ހަމައަށް ސިއްރު ހިފެހެއްޓިދާނެ. އެކަމަކު ފިރިހެންމީހާއަށް އޭނާގެ މޫނު ފެނުމާއެކު ގިޔާމަތެއް ލައިގަންނާނެ. ފިރިހެންމީހާގެ އާއިލާގެ މީހުން އަހަރެންގެ ދަރިފުޅު ރޮލާ ކައިލާނެ."

ފަރީދު އަޙްމަދު އަތް ހިއްލައިލިއެވެ. "އަހަރެން މިހިރީ ތިޔަ ހުރިހައި ކަމަކަށް ވިސްނައި، ރާވައިގެން. އަހަރެން މިހެން ތާސްބަޔާ ކުޅެން އިންނައިރުވެސް ކުރިމަތީގައި ސިފަވަނީ ދަރިފުޅުގެ ފަޅިމޫނު. އަހަރެން ހިއްސު ކެނޑިފައި ހުރި މީހަކަށް ވިޔަސް އަދި މަސައްކަތް ނުކުރާ މީހަކަށް ވިޔަސް އަހަރެން މިއީ އޭނާގެ ބައްޕަ. ދަރިފުޅުގެ ހިތާމަ އަހަންނަށް ވަޒަން ކުރެވޭ. އަހަންނަށް ވިސްނޭ ގޮތުގައި މިހާރު މި އޮތީ ކޮންމެވެސް މީހަކަށް މަކަރު ހަދަން ޖެހޭ ދަނޑިވަޅު އައިސްފައި. ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ އެކަނިމާއެކަނި ދިރިއުޅޭ މީހަކު ހޯދުން. އެމީހެއްގެ އާއިލާގެ އިތުރު މީހަކު ހުރެގެން ނުވާނެ. ކާވެނީގެ ހަފުލާއަށް އަންހެނަކު އައިސްގެން ނުވާނެ. އަންހެނުން ގެނެސްފިއްޔާ ބުރުގާ ހިއްލައިގެން މޫނު ބަލާނެ. އެހެންވީމާ ބަލަން ވާނީ އެކަނިމާއެކަނި ދިރިއުޅޭ މީހަކު ލިބޭތޯ. އެމީހަކު ވާން ވާނީ އެކަށީގެންވާ އާމްދަނީއެއް ހޯދައި، ހަމަޖެހިގެން ދިރިއުޅޭ މީހަކަށް. ދިރިއުޅޭނޭ އަމިއްލަ ގެއެއް ހުންނާން ވާނެ. އަބުރުވެރިއަކަށް ވާންވާނެ. މިޒާޖު ރަނގަޅު ޚުލްގު ހެއު މީހަކަށް ވާންވާނެ. ވަންހައާއި އާއިލާ ގަދަރުވެރިވުމަކީ އެހައި މުހިއްމު ކަމެއް ނޫން. ކޮންމެ ދަރަޖައެއްގެ މީހަކަށް ވިޔަސް އެންމެ ރަނގަޅު ވާނެ. ބަލަންވީ ރަނގަޅު މީހަކުތޯ."

ރޭގަނޑު ނިދަން އަރައި އޮވެގެން ފަރްޒާނާ އާއި ރުޚްސާނާއާ ދެމީހުން މަޝްވަރާ ކުރަނީއެވެ. ފަރްޒާނާ ސުވާލު ކޮށްލިއެވެ. "ރުޚްސާނާ. އަހަރެމެންގެ މައިންބަފައިން އެ ދައްކާ ވާހަކައަކީ ރުހޭ ވާހަކައެއްތަ؟"

ރުޚްސާނާ އަހައިފިއެވެ. "ފަރީގެ ޚިޔާލަކީ ކޮބާ؟"

"އަހަރެން ދެކޭ ގޮތުގައި ސީދާ ފިޔަވަޅަކުން ކަމެއް ކުރެވޭގޮތް ނުވިއްޔާ ކަތި ފިޔަވަޅެއް އަޅަން ޖެހޭ. އަހަރެން ވަރަށް ބޮޑަށް ވިސްނައިފިން. އިންސާނާ ނުބައި މީހަކަށް، ދޮގުވެރިއަކަށް، މުޖުރިމަކަށް ވަނީ ކީއްވެގެން؟ އެއްވެސް މީހަކީ އުފެދުމުގައި ވިޔާނުދާ މީހެއް ނޫން. އިންސާނާ ހުރިހައި ކަމެއް ދަސްކުރަނީ މި ދުނިޔެއިން. އޭގެ ފަހުން އެހެން މީހުންނަށް ދަސްކޮށްވެސް ދެނީ."

ރުޚްސާނާ ބުންޏެވެ. "އެންމެ ރަނގަޅު. ދެން އޮތީ ބައްޕަ އެބުނާ ގޮތްހެން ހީވަނީ. އެކަމަކު ގަދަކަމުން އެއްވެސް މީހަކާ އިނުމަކީ އަހަރެންގެ ހިތް ހަމަ ޖެހޭ ކަމެއް ނޫން."

ފަރްޒާނާ ބުންޏެވެ. "އަހަރެމެންގެ މުޖުތަމައަށް ނިކަން ކަޅި ހިންގައިލަބަލަ. ގިނައިން ފެންނަނީ ގަދަކަމުން ދެވައިފައި ތިބި މީހުން. އަންހެންކުއްޖާއާއި ފިރިހެންކުއްޖާ އެކަކު އަނެކަކު ނުދެކޭ. ފެންނަނީ އިންނަ ފަހުން. އެޔާއެކު އެކަކު އަނެކަކާ ރުހިގެން، ގަބޫލުކޮށްގެން ދިރިއުޅެން ފަށްޓަނީ. ރުޚްސާނާއަށްވެސް ވާނީ އެހެން. ފިރިމީހާއަކަށް ފުރަތަމަ ރުޚްސާނާއެއް ނުފެންނާނެ. ރުޚްސާނާއަށް ހާލަތާ ކުރިމަތިލާން ކެރޭނެތަ؟"

"ފަރީ. އަހަރެންގެ އެންމެ ބޮޑު ރައުސުމާލަކީ އަހަރެންގެ މޫނު. މޫނު ހުތުރުވީ ފަހުން އަހަރެން މި ގެންދަނީ ހާލަތާ ކުރިމަތިލާން ދަސް ކުރަމުން. ހިތްވަރު ހޯދަމުން."

ފަރީދު އަޙްމަދު ސިފަކުރި "މޮޔަމީހާ" ހޯދުމުގެ މަސައްކަތް ފެށިއްޖެއެވެ. އެންމެން އެއްބަސްވީ ގޮތުގައި އެކަހަލަ މީހަކު ހޯދާން އެންމެ ފަސޭހަ ވާނީ ފަރީދަށެވެ. އޭނާއަކީ ހައްދަވައިގެން ކަމެއް ކުރާ މީހެއް ނޫނެވެ. ތަންގަނޑުގެ އާވާރާ މީހުންނާއެކީ ތާސްކުޅުމަކީ އޭނާގެ މަސައްކަތެވެ. އެހެންވީމާ އެކަހަލަ މީހަކު ފާހަގަ ކުރާން އެނގޭނީވެސް އޭނާއަށެވެ.

އެކަމަކު ފަރީދު އަޙްމަދަކީ އެހެން ހުރެފައި އެކި ކަހަލަ ލަފާދޭ މީހެކެވެ. ކަމަކާ ޖެހޭ ދުވަހު ފިލާނެއެވެ. އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވާނެއެވެ. މި އުޅެނީ ކުއްޖަކު ހޯދާށޭ ކިޔައިފައި ގެއިން ނުކުމެއެވެ. އެދާ ގޮތަށް ގޮސް ތާސް ކުޅެން ހުރެފައި އެނބުރި ގެއަށް އަންނަނީއެވެ. ގެއަށް އައިސް އަނބިމީހާ ގާތު ހަދަހަދައިގެން ވާހަކަ ދައްކައެވެ. މިވެނި އެވެނި ތަނަކަށް ދިޔައީމޭ، ލައެްކަ މީހުންނާ ވާހަކަ ދައްކައިފީމޭ ބުނެއެވެ. އަނެއް ދުވަހު އަނެއްކާވެސް ރެކިސާއަށް ދޭން ފައިސާކޮޅެއް ބޭނުމޭ ކިޔައި، އަނބިމީހާ އަތުން ވިއްސަކަށް ތިރީހަކަށް ރުފިޔާ އަތުލައިގެން ނުކުމެގެން ހިނގައިދެއެވެ.

ރުޚްސާނާގެ މަންމައާއި ފަރްޒާނާގެ މަންމަވެސް އެންމެ ފަހުން މަސައްކަތް ފަށައިފިއެވެ. ފަރްޒާނާއާއި ރުޚްސާނާއާ ދެމީހުން ކޮލެޖަށް ދާން ފަށައިފިއެވެ. މަޑުމަޑުން ގޮސް ދެމީހުންގެ ކިޔެވުމުގެ އެންމެ ފަހު އަހަރު ފެށިއްޖެއެވެ.

ކޮލެޖަށް ދާ ގަޑި ޖެހުމުގެ ދެގަޑިއިރު ކުރިން ފަރްޒާނާ ގެއިން ނުކުމެއްޖެއެވެ. އެ ދުވަހު ރުޚްސާނާ ކުޑަކޮށް ބަލިވެ އުޅޭތީ ކޮލެޖަކަށް ނުދެއެވެ. ފަރްޒާނާ މާކުރިން ގެއިން ނުކުތީ ކޮލެޖަށް ދިއުމުގެ ކުރިން ރައްޓެއްސެއްގެ އަތުން ފޮތެއް އަތުލާން ޖެހޭތީއެވެ. އޭނާއަށް ބާދްޝާ ޖާނީ ފެނުނީ ދިޔަ މަގުމަތީގައި ގަރާޖެއްގެ ދޮށުންނެވެ.

ބާދްޝާގެ ކިބައިގައި ހުރީ ކޮން ކަހަލަ ދަމާބާރެއް ކަމެއް ނޭނގެއެވެ. ފަރްޒާނާއަށް ހުއްޓެވިއްޖެއެވެ. އެއީ ރީތި ޒުވާނެކެވެ. ހަށިގަނޑު ރަނގަޅު، އިސްކޮޅުން ދިގު މީހެކެވެ. އޭނާގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ހިތްގައިމު ކަމުން ފަރްޒާނާ އަޑުއަހާން އެތައް އިރަކު ހުއްޓެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. "ބޭބޭ. އަހަރެން މިއީ އާދަމުގެ ދަރިއަކީން. ޖަނަވާރެކޭ އެއްފަދަ ދިރިއުޅުމެއް އުޅުނު ކަމުގައި ވިޔަސް ސީދާ އާދަމުގެ ދަރިޔަކީން. ކުރާނީވެސް ކީއް؟ އާދަމުގެ ދަރިޔާ ގެރިއެއްހެން އުޑި ނާނބުރައި، ހިމާރެއްހެން ބުރަ ނުއުފުލައި، ބަކަރިއެއްހެން ހަފަހަފައިގެން ފަތް ނުކައި އާދަމުގެ ދަރިއަކަށް ވާނީ ކިހިނެއް؟ އެއްވެސް މީހަކު އެމީހެއްގެ ދަރިއަކު ކަންނެތް މީހަކާ ނުދެވާނެ."

ބާދްޝާ ޖާނީގެ ވާހަކަ ދެއްކުމުގެ ރާގާއި ބޭނުންކުރާ އިބާރާތްތައް ވަރަށް ޝައުގުވެރިއެވެ. ފަރްޒާނާ ކުރިއަށް ހިނގައިގަންނާން އުޅުނު ވަގުތު އިންޖިނޭރު ބޭބެ އެ ފެއްޓި ވާހަކައަކުން އަނެއްކާވެސް ހުއްޓި ހުރީއެވެ. "އޭނާ އެހެރީ އަށްވަނަ ކުލާސް ނިންމާފައި. ވައިގެބަނދަރުންނާއި، ބަނދަރުމަތީންނާއި، ކްލިފްޓަނުން އިނގިރޭސިން އަރުވައިގެން ދުއްވާ. ބޮލިރަވައެއްހެން އިނގިރޭސި ބަސް ތަޅުވާ. ބާދްޝާ... ކޮންމެ މީހަކުވެސް ކަލެޔާ އެމީހެއްގެ ދަރިޔާ ދެވާން އެއްބަސް ވާނެ. ފުދޭވަރުގެ އާމްދަނީއެއް އެބަ ހޯދަމު. ދިރިއުޅެން ކުޑަވަރެއްގެ ގެއެއް އަޅައިފީމު. މަދީ ކޮން ކަމެއް؟ މަދީ އަނތްބެއް. ނޫންތަ؟" އެ އިވެނީ ބާދްޝާގެ ވަނަވަރެވެ.

އެއީ ފަރްޒާނާއާއި ރުޚްސާނާގެ ގޭގެ މީހުންގެ ހިތްހަމަ ޖެހިދާނޭފަދަ ވާހަކަތަކެކެވެ. މިހާރު މި އޮތީ ޝިކާރަ ކުރަން ރަނގަޅު މީހަކު އަތުޖެހިފައެވެ. އެކަމަކު އޭގެ ކުރިން ކުރަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ މިމީހާ ރަނގަޅަށް ދެނަގުތެމެވެ. ދެނެގަނެވޭނީ އޭނާޔާއެކު ވަގުތުކޮޅެއް ހޭދަކޮށްގެންނެވެ. ބަހުގައި ދިއުމުގެ ބަދަލުގައި ބާދްޝާ ޖާނީގެ ކާރުގައި ކޮލެޖަށް ދާން ފަރްޒާނާ ކަނޑައަޅައި ނިންމައިފިއެވެ. އޭނާ ދެނެގަނެވޭން އޮތް އެންމެ މޮޅު ގޮތަކީ އެއީއެވެ.

އޭނާ މަޑުމަޑުން ހިނގާފައި ގޮސް ކާރުދޮށަށް ހުއްޓިފައި އަހައިލިއެވެ. "ކާރު ހުސްތަ؟"

ދެން އޭނާއަށް ފެނުނީ ބާދްޝާ ޖާނީ ގަނޑުވީތަނެވެ. އޭނާޔާ ދިމާއަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުރި ތަނެވެ. ބާދްޝާގެ ކޮންމެ ހަރަކާތެއް އޭނާ ދިޔައީ މަހުސޫސު ކުރަމުންނެވެ. އެކަމަކު ނޭނގޭ ކަމުގައި ހެދިގެން ހުރެއެވެ. އޭނާ ހުރީ އިސްޖަހައިލައިގެންނެވެ. ގުދުރަތުން ވަނީ އަންހެނުންގެ ލޮލުގައި ލަދުރަކިކަން ލައްވައިފައެވެ. ލަދުނުގަނެ އެއްވެސް މީހަކުގެ ކުރިމަތީގައި އިސްއުފުލައި ސީދާ ބެލުމަކީ އަންހެނުން ކުރާ ކަމެއް ނޫނެވެ. އިސްޖަހައިލީމާ ކުރިމަތީގައި ހިނގާ ކަންކަމެއް ނުފެންނާނޭތާއެވެ. އެކަމަކު އެހެންނެއް ނޫނެވެ. އަންހެންމީހާ ލޯމަރައިލުމާއެކު އޭނާގެ ސިކުނޑީގައިވާ ސިއްރުލޯ ހުޅުވިދެއެވެ. އެ ލޮލުން ހުރިހައި ތަނެއް ފެނެއެވެ. ފަރްޒާނާއަށްވެސް ފެނުނެވެ. ބާދްޝާ ޖާނީ ހިނގައިފައި އައީ ކިހައި ފަރިގޮތަކަށް ކަމާއި، ކާރުގެ ދޮރު ހުޅުވައިލަދިނީ ކިހައި ރީތިކޮށްކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އޭނާ ވާހަކަ ދައްކާން ފެށްޓީމާ ފަރްޒާނާއަށް ހީވީ މާ މަތިން ނިދާއެއްގެ އަޑު އިވޭހެންނެވެ.

ކާރުގެ ފަހަތު ގޮނޑީގައި އިށީނދެގެން އިންއިރު އޭނާގެ ހިތަށް އަރައެވެ. އަހަރެން ބާދްޝާ މި ބަލަނީ ހިތުގެ ލޮލުންނެވެ. ބަލަން ޖެހެނީ ސިކުނޑީގެ ލޮލުންނެވެ. އަހަރެން މިފަދަ ކުށެއް މިކުރަނީ ކީއްވެގެން ބާވައެވެ؟ ދިރިއުޅުމަކީ ފިލްމެއް ނޫނެވެ. އާދައިގެ ކުލީކާރު ދުއްވާ މީހެއްގެ ކާރުގެ ފަހަތު ގޮނޑީގައި އިނދެގެން އެމީހާގެ ހުވަފެން ދެކޭން ފެށްޓުމަކީ ފިލްމީ ކަމެކެވެ. އޭނާގެ މި ކުށުގެ ފަސްމަންޒަރު އޮތީ ވަރަށް ދުރުގައެވެ. ހަމަޖެހުނީ ރުޚްސާނާއަށްޓަކައި އާދައިގެ މީހަކު ހޯދާށެވެ. މިހާރު ކުރަމުން ގެންދާ މަސައްކަތަކީ އެއީއެވެ. އެކަމަކު އާދައިގެ މީސްމީހުން ފެންނާން ފެށީމާ އާދައިގެ މީހުންނަކީވެސް ރަނގަޅު ބަޔަކަށް ވާން ފަށައިފިއެވެ. އެމީހުންނަކީވެސް އިންސާނުން ކަމުގައި ފެންނާން ފަށައިފިއެވެ. މަތީ ފެންވަރުގެ މީސްމީހުން ހަމަޖެހިލައިގެން ދިރިއުޅެނީ އާދައިގެ މީހުންގެ މަސައްކަތުގެ ސަބަބުން ކަމުގައި ފެންނާން ފަށައިފިއެވެ. ގަދަރުވެރި އިއްޒަތްތެރިން ދައްކާ މަސްނޫއީ އިއްޒަތަށްވުރެ އާދައިގެ މީހުންގެ އަގު މާ ބޮޑުވާން ފަށައިފިއެވެ. ކޮލެޖާއި ގޭގައި ރުޚްސާނާއާ ދެމީހުން ދައްކާ ވާހަކައިގެ މައިގަނޑު މައުޟޫއަކީ އާދައިގެ މީހުންނެވެ. މިހާރު އެންމެ ރަނގަޅު ބަޔަކީ އާދައިގެ މީހުންނެވެ. ނިކަމެތިންނެވެ. އާދައިގެ މީހުންގެ ހައިސިއްޔަތު ގަބޫލު ކުރުމުގެ ހިތްވަރު ޖެހިއްޖެއެވެ. ބާދްޝާ ޖާނީއާ ދިމާއަށް ސިކުނޑިން ބެލުމުގެ ބަދަލުގައި ހިތުން ބެލޭން ފެށި ސަބަބަކީ މިއީއެވެ.

އެއީ އޭނާގެ ކުށެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު އެއީ ގަސްތުގައި ކުރި ކުށެއް ނޫނެވެ. ކުށަކީ ގިނަ ފަހަރަށް ގަސްތުގައި ކުރެވޭ ކަމެއް ނޫނެވެ. ބާދްޝާ ޖާނީއާ ދިމާއަށް އޭނާ އަދި ރަނގަޅަކަށް ބަލައެއްވެސް ނުލައެވެ. އެކަމަކު މި ވަގުތު ކުރިމަތީގައި ހިނގަމުންދާ ކަންތައްތައް އޭނާއަށް ވިސްނެއެވެ. މީގެ ކުރިން ފެންނަ މިކަހަލަ ކަންތައްތައްވެސް ފެންނަނީ މުޅީން އެހެން މަފުހޫމެއްގައެވެ. މިސާލަކަށް ބާދްޝާ ޖާނީ ކާރާ ދިމާއަށް އައި ތަނާއި، ދޮރު ހުޅުވިތަން އޭނާގެ ސިއްރު ލޮލުން ބެލީ އެހެން މަފުހޫމެއްގައެވެ. އެކަމަކު މިހާރު ހަމަ އެ މަންޒަރު އޭނާއަށް ފެންނަނީ ތަފާތު ގޮތަކަށެވެ. ކާރާ ދިމާއަށް އައި ރީތި، އަސަރުގަދަ ޒުވާނާއެވެ. އޭނާގެ ފިރިހެންވަންތަ ހަރަކާތްތަކެވެ. ހީވަނީ އޭނާގެ ފައި އަޅަމުން އައީ މަޑު ބިމެއްގައި ކަމުގައެވެ. ކޮންމެ ފިޔަވަޅަކާއެކު އެ ބިމަށް ދިޔައީ ލޮޅުން އަރަމުންނެވެ. އޭނާގެ ފިރިހެން އަތުން ދޮރުފަތުގެ އުޅަކުގައި ހިފައިލީ ވަގުތު ފަރްޒާނާގެ ހިތް ހުއްޓުނު ކަހަލައެވެ. ހަށިގަނޑަށް ބާވަތެއްގެ ތުރުތުރެއް ވެރިވެގެން ދިޔައެވެ.

އެއީ ގަސްތުގައި ކުރެވުނު އިހުސާސްތަކެއް ނޫނެވެ. ގަސްތުގައި ކުރެވުނު އިހުސާސެއް ނަމަ ކުރިން އޭނާއަށް އެނގުނީހެވެ. އެކަމަކު ވެގެން ދިޔަ ގޮތް އޭނާއަށް އެނގުނީ އެކަމެއް ވީ ފަހުންނެވެ. އޭނާގެ ސިކުނޑި ސިއްރުސިއްރުން ކުރަމުން ދިޔަ އިހުސާސްތަކުގެ ޚަބަރު އޭނާއަށްވީ ތަންކޮޅެއް ފަހުންނެވެ.

ކާރު ދުއްވާލައިފިއެވެ. އޭނާއަށް ޚިޔާލުތަކުގެ ތެރެއިން ނުކުމެވިއްޖެއެވެ. ކުރިއަށް ބަލައިލިއެވެ. ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ ކާރުގެ ކުލިމީޓަރެވެ. "ކާރުގެ މީޓަރެއް ނުޖައްސަމެއްނު؟"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.