(7 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިންޖިނޭރުބޭބެ އޭނާގެ ބުރަކަށިގައި ފިރުމައިލާފައި ލޯތްބާއެކު ބުންޏެވެ. "ތިޔައީ މޮޔަކަމެއް. ތިޔަ ކަހަލަ ކަންތައް ކުރަން އުޅުނީމާ ވާނެ ގޮތަކީ ނުލާހިކު ރަނގަޅަށް އާބާދުވެފައިވާ ދިރިއުޅުމެއް ހަލާކުވެގެން ދިއުން. ނިކަން ވިސްނައިލަބަލަ. ﷲ ތަޢާލާ ވަނީ ކަލެއަށް ނުލާހިކު ރީތި ދަރިއަކު ދެއްވާފައި. އިންތިހާއަށް ލޯބިވާ، އޯގާތެރި އަނތްބަކު ދެއްވާފައި. ތިޔަ ކުރެވޭ ކަމަކީ ﷲ ގެ ނިޢުމަތަށް ފުރަގަސް ދިނުން. ނާޝުކުރުވެރިވުން. މިހާރު ތިޔަ ދުވަނީ އެހެން އަންހެނެއްގެ ފަހަތުން."
"ބޭބޭ. އެއީ އެހެން އަންހެނެކޭ ނުބުނޭ. އެއީ އަހަރެންގެ ފުރަތަމަ ލޯބި. ދެވަނައަކީ ރުޚްސާނާ."
"ކޮންމެ ގޮތެއް ވިޔަސް މިހާރު ކަލޭގެ މީހަކަށް ހުރީ ހަމައެކަނި ރުޚްސާނާ. ފަރުޒާނާގެ ފަހަތުން ދުވަންޏާ ލިބޭނީ ބޮނޑި. ބާދްޝާ ޖާނީ. އަހަރެންގެ ތަޖުރިބާއިން ކަމެއް ދަސްވޭތޯ މަސައްކަތް ކުރޭ. ކަލެއަކަށް ރަނގަޅަކަށް ނުއެއް ވިސްނޭ. އެހެންވީމާ ލޯ މަރައިލާފައި އަހަރެން ބުނާ ގޮތަށް ކަންތައް ކުރޭ. ފަރުޒާނާގެ ވާހަކަ ދެއްކުން ހުއްޓައިލާ. އޭނާގެ ނަން ހަނދާން ނައްތައިލާ."
ބާދްޝާ ފުން ނޭވައެއް ލުމަށް ފަހު ކޮޅަށް ތެދުވެއްޖެއެވެ. އަދި އިންޖިނޭރުބޭބެޔާ ދިމާއަށް ފުންކޮށް ބަލާން ފަށައިފިއެވެ.
އިންޖިނޭރުބޭބެ އަހައިލިއެވެ. "ކިހިނެއްވީ؟"
"ކަމެއް ނުވޭ. މީގެ ފަހުން އޭނާގެ ވާހަކަ ނުދައްކަން އަހަރެން ވައުދުވަން. އޭނާގެ ނަންވެސް ނުގަންނާނަން."
މިހެން ބުނެފައި ބާދްޝާ ޖާނީ ހިނގައިގެންފިއެވެ.
"ބަލަ ދަނީތަ؟ އަހަންނާއެކު ނުކާނަންތަ؟"
އޭނާ ޖަވާބެއް ނުދީ އެ ދިޔަ ގޮތަށް ގޮސް ކާރަށް އަރައިފިއެވެ. އިންޖިނޭރުބޭބެ ހަމްދަރްދީގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. ކާރު ދުއްވައިލީމާ އޭނާ ބުނެލިއެވެ. "ކީއްކުރާނީ؟ ހަދާނެ ގޮތެއް އަހަންނަކަށްވެސް ނުވިސްނޭ. އެ ސޮރަކީ އަނިޔާ ލިބިފައިވާ ކުއްޖެއް. އެކަން އަހަންނަށް އެނގޭ. ލިބުނު އަނިޔާއަކީ މިންކުރަންވެސް ދަތި މިންވަރެއްގެ އަނިޔާއެއް. އެ އަނިޔާގެ ބަދަލު ހޯދަން އުޅެގެންފިއްޔާ ޖެހޭނީ އަނބިމީހާއާއި ދަރިފުޅުވެސް ހަނދާން ނައްތައިލާން. އަނބިމީހާގެ ލޯތްބާއި ދަރިފުޅުގެ ލޯބިވެސް ގެއްލޭނީ. ނުބައި ކަމެއްގެ ތެރެއަށް ވަދެވިއްޖެއްޔާ އެކަމުގެ ތެރޭގައި ނޫޅެ ފަރަކު ނުޖެއްސޭނެ. އެހެންވީމާ ކިތަންމެ ބޮޑު އަނިޔާއެއް ލިބިފައި ހުއްޓަސް ބާދްޝާއަށް އެހީތެރިވުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން."
* * *
ބާދްޝާ ޖާނީގެ އުޅުމަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ރުޚްސާނާޔާ ވާހަކަދައްކައި ހީނ ސަމާސާކޮށް އުޅޭން ފަށައިފިއެވެ. ދަރިފުޅު އުރައި ލޯބިކޮށް އުޅޭން ފަށައިފިއެވެ. ގޭގައި އުޅޭ ހުރިހައި ވަގުތެއް އުފާވެރިކަމާއެކު ރުޚްސާނާއާއި ދަރިފުޅާއެކު ވޭތުކުރާން ފަށައިފިއެވެ. އިންޖިނޭރު ބޭބެޔާ ދިމާވީމާވެސް ކަންތައް ކުރަނީ އެކަހަލަ ގޮތަކަށެވެ. ހީވާ ގޮތުގައި އޭނާގެ ސިކުނޑިން ފަރުޒާނާގެ ނަން މުޅީން ފޮހެވިއްޖެއެވެ.
އެކަމަކު ދީވާނާއިންނަކީ ހިތާމައިގެ ސަހަރާގައި އާވާރާވެގެން ހިނގުން ނޫން ކަމެއް ދަންނަ ބައެއް ނޫނެވެ. ވާހަކައިގައި ބުނާ ގޮތުގައި ގޭގެ ހަތަރު ފާރުން އެތެރޭގައި ބަންދުކޮށްފައި ހުރި ލައިލާއަކަށް މަޖުނޫނުގެ އެއްވެސް ޚަބަރެއް ނުލިބެއެވެ. އެކަމަކު މީހަކު އޭނާ ކޮބައިހޭ އަހައިފިއްޔާ އޭނާ ފެންނާނީ ސަހަރާތެރެއިންނޭ ބުނާ ކަމަށް ވެއެވެ. އަޅުގަނޑުމެންގެ ދީވާނާއަށްވެސް އޭނާގެ ލައިލާއަކީ އަންހެން ޑަކްޓަރެއް ކަމާއި އުޅޭނީ ހަސްފަތާލެއްގައިކަން އެނގެއެވެ. އޭނާ ކުލީކާރުގައި ދަތުރު ކުރަމުންދާއިރު ހަސްފަތާލަކާ އަރައި ހަމަވެއްޖެނަމަ މަޑުކުރެއެވެ. އަދި ކާރުގައި ތިބި ފަސިންޖަރުން ގާތު ބުނެއެވެ. "އަހަރެންގެ ވަރަށް ތިމާގެ މީހަކު ބަލިވެގެން މިތާނގައި ބާއްވައިފައި އެބައޮތް. ޚަބަރު ބަލައިލާފައި އަންނާނަން."
ގިނަ ފަސިންޖަރުން އެކަމާ ދެކޮޅު ހަދައެވެ. "މިއީ ބަލިމީހުންނަށް ގޮވައިލާ ގަޑިތަ؟ ކަލޭ ހަސްފަތާލަށް ވަދެފައި ނުކުންނައިރު މީޓަރަށް އެތައް ރުފިޔާއެއް އިތުރަށް އަރައިދާނެ."
ޖަވާބުގައި އޭނާ މީޓަރަށް އިޝާރާތްކޮށްފައި ބުނެއެވެ. "މީޓަރު ބަލައިލާ. މިހާރު އެހެރީ ހަތް ރުފިޔާ ބައެއްނު؟ އެ އަދަދު ހަނދާންކޮށްގެން އިނދޭ."
އޭނާ މީޓަރު ބަންދުކޮށްލުމަށް ފަހު ކާރުން ފައިބަމުން ބުނެއެވެ. "ދެން މީޓަރު ޖައްސާނީ އަހަރެން އެނބުރި އައިސް. އެންމެ ރަނގަޅުތަ؟"
ގިނަ މީހުން ކުލީކާރަށް އަރަނީ އެ ދާ ތަނަކަށް އަވަހަށް ދާން ވެގެންނެވެ. އެހެންވީމާ އެއްބަހެއް ނުވެއެވެ. "ނޫނޭ. ފުރަތަމަ އަހަރެމެން ގެންގޮސްދީ. އޭގެ ފަހުން ތިޔަ ބުނާ ބަލިމީހާއަށް ގޮވައިލާން އާދޭ."
އެކަހަލަ ދަނޑިވަޅުތަކުގައި ބާދްޝާ ޖާނީ ބުނެއެވެ. "މީޓަރަށް މިހާރު އަރާފައި ހުރި ވަރަށް ފައިސާ ދީފައި ކާރުން ފައިބާ. އެހެން ކާރެއް ލިބޭތޯ ބަލާ. އަހަރެން އެނބުރި އަންނައިރު ކަލޭމެން މިތާނގައި ތިބިއްޔާ ތިޔަ ދާން އުޅޭ ތަނަށް ގެންގޮސް ދޭނަން."
ފަރުޒާނާ ފެނޭތޯ ކުރާ މަސައްކަތުގައި އޭނާ ދުވާލަކު އެތައް ފަސިންޖަރަކާ އަރައިރުންވެއެވެ. އެކަމަކު ހަސްފަތާލެއް ހުރަސް ކުރާނަމަ އެތަނަށް ނުވަދެއެއް ނުދެއެވެ. ހަސްފަތާލަށް ވަދެ ނަރުހެއް ގާތު ނުވަތަ އެތާނގެ ކޮންމެވެސް މީހަކު ގާތު އަހައެވެ. "މި ހަސްފަތާލުގައި ޑަކްޓަރު ފަރުޒާނާ ނަމަކަށް ކިޔާ މީހަކު އުޅޭތަ؟"
އޭނާ ލިބޭ ޖަވާބަކީ ނޫނެކޭއެވެ. ހަތަރު ދުވަހުގެ ތެރޭގައި އޭނާ ރަށުގެ ކުދި ބޮޑު ދިހަ ހަސްފަތާލަށް ވަދެ އެ ސުވާލު ކޮށްފިއެވެ. ފަސްވަނަ ދުވަހު ވަން ހަސްފަތާލުން ބުނި ގޮތުގައި އެ ހަސްފަތާލަށް އަލަށް އައި ޑަކްޓަރަކަށް ކިޔާ ނަމަކީ ފަރުޒާނާއެވެ.
ބާދްޝާ ވަރަށް އުފާވެފައި ބުންޏެވެ. "ލައްބަ... ލައްބަ. އޭނާ ކިޔަވައި ނިމުނީ އިހަކަށް ދުވަހު. ވަރަށް ރީތި ކުއްޖެއް. ވަރަށް ދޮން ވާނެ. ކަޅު ލޮލެއް... އަނދުނަށްވުރެވެސް ލޯ ކަޅު ވާނެ. ދެން ބުނާނީވެސް ކީކޭ..."
އޭނާ ލަދުން ވާހަކަ ހުއްޓައިލިއެވެ. ކުރިމަތީގައި ހުރި ނަރުސްކުއްޖާ ހިނިތުންވެލައިފައި އޭނާޔާ ދިމާއަށް ބޯޖަހައިލިއެވެ. "ޑޮކްޓަރ ފަރުޒާނާ އަބަދު ފިކުރެއްގެ ތެރެއަށް ގެއްލިފައި އިންނަ ސަބަބު މި އެނގުނީތާ. އަޅުގަނޑު ނަންގަންނާާނީ ކޮން ބޭކަލެކޭތޯ؟"
ބާދްޝާ ޖާނީ ނަން ބުނަން އުޅެފައިމެ ހުއްޓައިލިއެވެ. "އަޅުގަނޑުގެ ނަން ބުނުއްވައިފިއްޔާ ބައްދަލެއް ނުކުރާނެ. އަޅުގަނޑުމެން ދެމީހުންގެ މެދުގައި ކުޑަކުޑަ ލޯބީގެ އަރައިރުމެއް ހިނގާފައި އޮތީމާ ކުޑަކޮށް ރުޅި އައިސްފައި ހުރީ. އެހެންވީމާ ނާންނާނެ. ދުރުވެ ބުނުއްވާ އޭނާގެ މަންމަ އައިސް އެބައިނޭ. އޭރުން ވަރަށް އަވަހަށް އަތުވެދާނެ."
ނަރުސްކުއްޖާ އެއް ފަރާތުގައި ހުރި ކޮޓަރިއަކަށް އިޝާރާތްކޮށްލިއެވެ. "އެހެރީ ޑޮކްޓަރ ފަރުޒާނާގެ ކޮޓަރި. ވަންނަވާ. މި ވަގުތު އޭނާވީ ވޯޑަށް ދުރުވެ. އަޅުގަނޑު ގޮސް ނަންގަނެލާނަން."
ނަރުސްކުއްޖާ ހިނގައްޖެއެވެ. އޭނާ ޑޮކްޓަރ ފަރުޒާނާގެ ކޮޓަރިއަށް ވަދެ އިށީނދެއްޖެއެވެ. އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. އުފާވެސް އެވަރަށް ވެއެވެ. އޭނާ ނިންމައިގެން ހުރީ މި ފަހަރު ފަރުޒާނާއަށް ރެކިގަނެގެން ދިޔަ ނުދޭށެވެ. ހަސްފަތާލުގެ އެތެރޭގެ ތަނަކަށް ވަދެ ފިލަން މަސައްކަތް ކޮށްފިއްޔާ އޭނާ ފަރުޒާނާގެ ފަހަތުން ދާނެއެވެ. ފިލައިގެން ދާނޭ އެއްވެސް ފުރުސަތެއް ނުދޭނެއެވެ. ނަޒަރުން ސިކުންތަކަށްވެސް ކައްސައިލިޔަ ނުދޭނެއެވެ.
އޭނާ ގޮނޑީގައި އިނދެގެން ކެތްތެރިކަމެއް ނެތި ދެއަތަކަށް ކިރެނީއެވެ. ދޭތެރެދޭތެރެއިން ދޮރާ ދިމާއަށް ބަލައިލައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ބޭރުން ފައިވާނެއްގެ އަޑު އިވޭން ފަށައިފިއެވެ. ހީވަނީ އުސް ފައިވާނަކަށް އަރައިގެން ހުރި މީހަކު ކޮޓަރީގެ ކައިރީގައި ހިނގާހެންނެވެ. އޭނާ ތެދުވެއްޖެއެވެ. ދޮރާ ދިމާއަށް ބަލާކަށް ބޭނުމެއް ނުވެއެވެ. އެހެންވީމާ އަނެއްކާވެސް އިށީނދެއްޖެއެވެ. އޭނާ އިނީ ދޮރަށް ފުރަގަސް ދީގެންނެވެ. ފުރަގަހުން ފެނިގެން އޭނާ ފާހަގަ ކުރަން ފަރުޒާނާއަށް އެނގޭތޯ ބަލާން ބޭނުން ވަނީއެވެ.
ކޮޓަރީގެ ދޮރާ ހަމައަށް އައިސްފައި ފައިވާނުގެ އަޑު ކެނޑިއްޖެއެވެ. އޭނާވެސް ސަމާލުވެލިއެވެ. ހަށިގަނޑު ސީދާކޮށްލިއެވެ. އޭނާ އިންތިޒާރު ކުރަނީއެވެ. އެތައް މައްސަރެއްގެ އިންތިޒާރުގެ ނިމުން އަންނަނީއެވެ. ފަހަތުން ބުނާ އަޑު އިވޭ ކަހަލައެވެ. "އަހަރެއްހައި ދުވަސް ކުރިން އަހަރެންގެ މަންމަ ނިޔާވެއްޖެ. ނަރުސްކުއްޖާ ގާތު ދޮގު ހަދައިގެން އަހަރެން ގެނުވީ ކީއްވެގެން؟ އަހަރެންގެ ފަހަތުން އަޅައިގަތް ގޮތަށް ނުނެއްޓިގެން ތިޔަ އުޅެނީ ކީއްވެގެން؟ ބައްދަލު ކުރާކަށް އަހަރެން ބޭނުމެއް ނޫން. މިއީ އަހަރެން މަސައްކަތްކުރާ ތަން. މިތަނަށް އައިސް ތިޔަހެން އުޅެން ލަދުގަންނަން ޖެހޭނެ."
(ނުނިމޭ)
V salhi ???