ފަޅިމޫނު - 158

(4 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކަލޭ އަހަރެންގެ ފިޔަވަޅުމަތީ ފިޔަވަޅު އަޅަމުން ތިޔަ އަންނަނީ އަހަރެންގެ ހިތާމައިގައި ބައިވެރިވާން ވެގެންތަ؟"

މުސައްވިރު އޭނާގެ އަތުގައި ހިފައިލިއެވެ. "ރުޚްސާނާފަހަރިޔާ މެދު ވިސްނާ ކަމަށް ވަންޏާ އަހަރެން އަބަދުވެސް އެންމެ ގާތުގައި ހުންނަ މީހަކަށް ވާނަން. ކޮންމެވެސް ރަނގަޅު ތަދުބީރެއް ކުރާ ކަމަށް ވަންޏާ އެހީތެރިވާން ފިޔަވަޅުމަތީ ފިޔަވަޅު އަޅަމުން ގެންދާނަން. އަހަރެން އެކަންޏެއް ނޫން. މުޅި ދުނިޔެވެސް އެހީތެރިވާނެ. އެކަމަކު ފަރުޒާނާ ދައްތަގެ ފަހަތުން ދުވާ ކަމަށް ވަންޏާ އަހަރެން އެކަންޏެއް ނޫން، މުޅި ދުނިޔެވެސް ބުނާނީ ވެރިޔާއަކީ ބޮޑު މޮޔައެކޭ. ނުބައި ކުރާނީވެސް ވެރިޔާ. އެއީ މިހާރު މީހަކާ އިނދެގެން އުޅޭ އަބުރުވެރި އަންހެނެއް. އެފަދަ މީހަކާ މެދު ވިސްނުމަކީވެސް ފާފައެއް."

"އަހަރެން ނުވިސްނާނަން." ފިނި އާހެއް ލުމަށް ފަހު ބާދްޝާ ބުނެލިއެވެ. "ސިކުނޑީގެ ބާރު ކެނޑި ވިސްނުމުގެ ގާބިލުކަން ނެތިގެން ދާނެ ގޮތެއް ނުވާނެތަ؟"

"ސިކުނޑި އަބަދުވެސް އޮންނަން ވާނީ ވިސްނުމުގެ މަސައްކަތުގައި. އެކަމަކު އަނބިމީހާއާއި ދަރިފުޅާ މެދު. އާނ… އަހަރެން މި ހުންނަނީ ހަނދާން ނެތިފައޭ. ކާމީ ކޮބާ؟"

"އަހަންނަކަށް ނޭނގޭ. މި ވަގުތު އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން."

"ބޭނުން ނޫނިއްޔާ ވާހަކަ ނުދައްކާ. އެކަމަކު އަހަރެން އެންމެ ފަހުގެ ވާހަކަ ބުނާނަން. ކާމީ ބޮޑު ވެގެން ސުވާލު ކުރާނެކަން ޔަގީން. އޭނާ އަހާނެ ބައްޕާއޭ އަހަރެންގެ މަންމަ އެތައް ހާސް މޭލެއްގެ ދުރުގައި އެއްވެސް އެހީތެރިޔަކާ ނުލައި އެކަނި އުޅެނިކޮށް އަމިއްލަ ދިފާއުގައި ވާހަކަވެސް ދައްކާނޭ ފުރުސަތުވެސް މަންމައަށް ނުދީ ދޫކޮށްލީ ކީއްވެގެން ހެއްޔޭ. އެ ދުވަހަކުން ދަރިފުޅުގެ ސުވާލަކަށް ވެރިޔާއަކަށް ދެވޭނޭ އެއްވެސް ޖަވާބެއް ނޯންނާނެ."

ބާދްޝާ އެނބުރި ހިނގައިގެންފިއެވެ.

"ކޮން ތަނަކަށް ތިޔަ ދަނީ؟"

"ކުރިންވެސް ދިޔަ ތަނަށް."

"މިއަދު ނުދޭ. އަހަންނާ އެކީ ކާން ހިނގާ. މިރޭ އަހަންނާ އެކު އުޅޭ. އަހަރެން ވެރިޔާގެ ވާހަކަ އެއްވެސް މީހަކު ގާތު ނުބުނާނަން. ވެރިޔާއާ އެކީ އުޅޭ ކަމަށް ވަންޏާ މީހަކު ގާތު ބުނާނޭ ފުރުސަތެއްވެސް ނުލިބޭނެއެއްނު؟"

"ކަލޭ ތިޔަހަރީ އަހަރެންގެ ބަފައިބެމެންނާ އެކު. އެމީހުންނާ ބައިވެރި ވެގެން."

"ނޫން. އަހަރެން މި ހުންނަނީ ހައްގުގެ މަގުގައި. އެންމެ ފަހު ވަގުތާ ހަމައަށްވެސް ވެރިޔާއަށް ވިސްނައި ދެވޭތޯ އަހަރެން މަސައްކަތް ކުރާނަން. ފެންނަން ހުރި ހުރިހައި ވަގުތަކު ވެރިޔާއާ އެކު ހިނގާނަން."

ބާދްޝާ ބަހަކަށް އަރައިފިއެވެ. އޭނާގެ ފަހަތުން ގޮސް މުސްވިރުވެސް އެ ބަހަށް އަރައިފިއެވެ. ބަހުގައި ދިޔައީ ކެންޓް އިސްޓޭޝަނަށެވެ.

މުސައްވިރު އަހައިލިއެވެ. "ދާން ތިޔަ އުޅެނީ ކޮން ތަނަކަށް؟ މި ވަގުތު ވެރިޔާ ގޮވައިގެން ތަނަކަށް ދާނީ ކޯނޗެއް؟"

"ވަކި މަންޒިލެއް ނެތް މީހަކު ކޮންމެ ވަގުތަކު ކޮންމެ ރޭލަކަށް އަރައިފާނެ. ކޮންމެ މަގަކުންވެސް ހިނގައިގެންފާނެ. ކަލޭ އަހަރެންނާ މެދު ފިކުރު ނުކުރޭ. ދެން ދޭ."

"ވެރިޔާ ދޫކޮށްލާފައި އަހަރެން ދާނީ ކިހިނެއް. އަހަރެންވެސް ގޮވައިގެން ހިނގާ."

"ނޫނޭ. އެނބުރި ދޭ. އަހަރެންގެ ބަފައިބެގެ ދެމަފިރިން ޖަހާ ބުމަރަކަށް ވެގެން ހުރޭ."

"މީގެ ފަހުން އަހަރެން ފަހަރީގެ ނަންވެސް ނުގަންނާނަން. ވެރިޔާގެ ހުރިހައި ވާހަކައެއް އަޑު އަހާނަން. ތާކުންތާކު ނުޖެހޭ ވާހަކައެއް ދެއްކިޔަސް އެއްބަސް ވާނަން. ދެކޮޅެއް ނުހަދާނަން."

"އަހަރެންގެ ގެ ބަރުބާދުވެގެން ދާތަން ބަލަން ކަލޭ ނުރުހޭނޭކަން އަހަންނަށް އެނގޭ. ކަލޭ ތިޔަ އުޅެނީ ކޮންމެވެސް ގޮތަކުން އަހަރެން ދާ ތަނެއް އޮޅުންފިލުވަން. އަހަރެން އުޅޭ ތަނެއް ބަލަން. އެކަމަކު އެކަމުގައި ކަލެއަކަށް ކާމިޔާބީއެއް ނުލިބޭނެ. އަހަރެން ދިޔަދީ. އެހެން ނޫނީ ކަލޭގެ ގައިގައި ހަމަ މިހާރު ތަޅައިގެންފާނަން."

މުސައްވިރު އޭނާގެ މޫނަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރުމަށް ފަހު އެނބުރި މަޑުމަޑުން ހިނގައިގެންފިއެވެ. ބާދްޝާ އިސްޓޭޝަނުގެ ބޭރު ސިޑިމަތީގައި ހުރެގެން އޭނާޔާ ދިމާއަށް ބަލަނީއެވެ. އޭނާ މަޑުމަޑުން ގޮސް އިސްޓޭޝަނުގެ ބޭރުގައި އޮތް މިނީބަހަކަށް އަރައިފިއެވެ. އޭނާވެސް ބަހުގައި އިނދެގެން ބާދްޝާއާ ދިމާއަށް ބަލަނީއެވެ. ރޭގަނޑުގެ ވަގުތު ކަމުގައި ވާތީ މުސައްވިރު ބަލަހައްޓައިގެން އިން ކަމެއް ބާދްޝާއަކަށް ނޭނގެއެވެ. އޭނާ މަޑުމަޑުން ހިނގައިގެންފިއެވެ. ބޭރުގައި ހުރި ކުލީ ކާރުތަކާ ދިމާއަށެވެ. ކާރުތަކުގެ ފުރަގަހުން ލާފައި އޭނާ ހިނގައިގަތީ ބަސް ހުއްޓާ ތަނާ ދިމާއަށެވެ. އެ ވަގުތު މުސައްވިރު އަރައި އިން ބަސް އިސްޓާޓު ކޮށްފިއެވެ. އޭނާ އަވަސްއަވަހަށް ބަހުން ފައިބައިގެން ގޮސް ކުރިމަތީގައި ހުރި ސައިހޮޓަލަކަށް ވަދެއްޖެއެވެ.

ބާދްޝާ ބަސް ހުއްޓާ ތަނަށް އައިސް ބަލައިލީއިރު މުސައްވިރު އެރި ބަސް ދުއްވާލައިފިއެވެ. އެހެންވީމާ އޭނާ ބަހުގައި އެނބުރި ދިޔައީކަން ޔަގީން ވެއްޖެއެވެ. ކުޑަ އިރުކޮޅެއް ފަހުން އަނެއްކާވެސް މިނީބަހެއް އަތުވެއްޖެއެވެ. ބާދްޝާ އެ ބަހަށް އަރައިފިއެވެ. މުސައްވިރު އެ ބަހުގެ ނަންބަރަށް ބަލައިލިއެވެ. އެއީ އޯރަންގީއަށް ދާ ބަހެކެވެ. އެހެންވީމާ ބާދްޝާ މިރޭ އެހެން ތަނަކަށް ނުދާނެކަން ކަށަވަރުވެއްޖެއެވެ.

ބާދްޝާ ދިޔައީ ސީދާ ފަރުޒާނާގެ ކުލިނިކަށެވެ. އެކަމަކު އެތަން ހުރީ ތަޅުލައިފައެވެ. އޭރު ރޭގަނޑު އެގާރަ ޖަހަނީއެވެ. މުޅި ހިސާބުގަނޑަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ދޭތެރެއަކުން ފެންނަ ކާރެއް ފިޔަވައި އެއްވެސް ހިލަމެއް ނުވެއެވެ. އޭނާ ކައިރީގައި ހުރި ފިހާރައެއްގެ ސޭޓާ ސުވާލުކޮށްލިއެވެ. "ކުލިނިކުގައި މަސައްކަތްކުރާ ޑަކްޓަރު ކޮބާ؟"

ސޭޓު ޖަވާބު ދިނެވެ. "ކުލިނިކު ބަންދު ކޮށްފައި ހުންނަތާ ދެ ހަފުތާ ވެއްޖެ. އޭނާ މީހަކާ އިނީ. އެހެންވީމާ ދެމަފިރިންނަށް މަހެއްހައި ދުވަހުގެ ޗުއްޓީއެއް ލިބެންވާނެތާ ދޯ؟"

ބާދްޝާއަށް އިހުސާސް ކުރެވުނީ އޭނާގެ ގައިގައި ސޭޓު ގަލުން ތަޅަން ފެށި ކަމުގައެވެ. އޭނާ އިސް ޖަހައިލައިގެން ހުރެ ދުރަށް ދާން ހިނގައިގެންފިއެވެ. ސިކުނޑިއަށް އެކި ކަހަލަ ޚިޔާލުތައް ވެރިވާން ފަށައިފިއެވެ. އޭނާ ދިޔައީ ކޮން ތަނަކަށް ބާވައެވެ؟ މިހާރު އުޅޭނީ ފިރިމީހާއާ އެކުގައެވެ. ކޮންމެވެސް ބައިސްކޯފުގެއެއްގައި ކަމުގައިވެސް ވެދާނެއެވެ. ނޫނީ ހިތްފަސޭހަ ކޮށްލަން ކޮންމެވެސް ތަނަކަށް ދިޔައީ ކަމުގައިވެސް ވެދާނެއެވެ. މިހާރު ފިރިމީހާއާއެކު ހީނ ސަމާސާ ކުރާނެއެވެ. ދެ މީހުން ތިބޭނީ އަތުގުޅުވާލައިގެންނެވެ. އޭނާ ވިސްނަމުން އޯރަންގީން ފެށިގެން ނާގިން ޗޯރަންގީއާ ހަމައަށް އަތުވެއްޖެއެވެ. ގެއާ ހަމައަށް އާދެވުނުއިރު ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. ސިކުނޑިއާއި ހަށިގަނޑަށްވެސް ވަނީ ވަރުބަލިކަން ވެރިވެފައެވެ. ބޮލަށް ބަރުވެފައިވާ ވަރުން ހީވަނީ ބޮލުގެ ބަދަލުގައި ކަނދުރާޔާ ގުޅިފައި ހުރީ ބޮޑު ފަރުބަދައެއް ހެންނެވެ. އޭނާ ގޭތެރެއަށް ވަދެގެން ގޮސް ހަތަރު މަސް ދުވަސް ވާންދެން ފަޅަށް ހުރި އެނދު މައްޗަށް ވެއްޓިގެންފިއެވެ. އިރުކޮޅެއް ވާންދެން ދެ އަތަކަށް ފުރޮޅިލަފުރޮޅިލައި އޮތެވެ. އޭގެ ފަހުން ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގުނެވެ.

ހެނދުނު ހޭލެވުނީ ބޭރު ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. އޭނާ ލޯ ހުޅުވައިލާފައި ބަލައިލިއެވެ. ގޭ ބޭރު ދޮރު ތަޅުނުލާ ބެހެއްޓުނު ހަނދާންވީ ދެނެވެ. ހުޅުވިފައި ހުރި ދޮރުމަތީގައި މީހަކު ހުއްޓެވެ. އޭނާ އަވަސްއަވަހަށް ތެދުވެގެން ގޮސް އެމީހާ ކުރެން އަހައިފިއެވެ. "ކިހިނެއްވީ؟ ތިޔައީ ކާކު؟"

އެމީހާ ސަލާން ކުރަން އަތްދިއްކޮށްލުމަށް ފަހު ބުނެލިއެވެ. "އަހަރެންގެ ނަމަކީ ރަޖަބު ޢަލީ." ބައެއް ފަހަރު ހަމައެކަނި ނަން ބުނެލުމަކުން މީހާ ފާހަގަ ކުރެވޭ ގޮތެއް ނުވޭ. އެކަމަކު އެހެން މީހަކުގެ ނަމާ ގުޅުވައިގެން ބުނެލީމާ އެނގޭ ގޮތްވޭ. ފަރުޒާނާގެ ނަމާ ގުޅުވީމާ ބާދްޝާއަށް އަހަރެން އެނގިދާނެ. ފަރުޒާނާއަކީ އަހަރެންގެ އަނބިމީހާ."

ބާދްޝާ ރަޖަބު ޢަލީގެ އަތުގައި ހިފަހައްޓައިގެން ހުރީ ވަރަށް ބާރަށެވެ. ފަރުޒާނާގެ ވާހަކަ ދެއްކުމާއެކު ހިފެހެއްޓުން ދޫ ވެގެން ހިނގައްޖެއެވެ.

ރަޖަބު ޢަލީ ބުންޏެވެ. "އަހަރެން މި އައީ އަނބިމީހާޔާ އެކު. ބޭރުގައި އެ އޮތް ރެކިސާގައި އޭނާ އެބައިން. މި ގެ ހުންނަތަން އަހަންނަށް ކިޔައިދިނީ އޭނާ."

ބާދްޝާ ކުއްލިއަކަށް ބޭރަށް ނުކުމެ ބަލައިލިއެވެ. ބޭރުގައި އޮތް ރެކިސާގައި އަންހެނަކު އިންކަން އެނގެއެވެ. ހެދުމުން ބައެއް ހުރީ ފެންނާށެވެ. އޭނާ ބުނެލިއެވެ. "އަނބިމީހާ ގޮވައިގެން އާދޭ."

ރަޖަބު ޢަލީ ބުންޏެވެ. "މިހާރަކު ނޫން. އަހަރެމެން އަދި މި ގެއަށް އަންނާނަން. ފަރީދުބޭބެ އޮތީ އަހަރެމެން ދެމަފިރިންނަށް ދައުވަތު ދީފައި. ބާދްޝާގެ އަނބިމީހާ ލަންޑަނުން އެނބުރި އައީމާ އަހަރެމެން އަންނާން ވާނެއޭ ފަރީދުބޭބެ އޮތީ ބުނެފައި. އަންނާނީ ރަސްމީކޮށް. ދައުވަތުގެ އުފާ ހާސިލު ކުރެވޭނީ އޭރުންތާ."

ބާދްޝާ އަހައިލިއެވެ. "އަހަރެން މި ދެއްކި ވާހަކައަކީ ރަސްމީ ނޫން ގޮތަކަށް ދެކެވުނު ވާހަކައެއް ކަމަށް ވަންޏާ އަނބިމީހާ ގޮވައިގެން މިތަނަށް އައީ ކީއްކުރަން؟"

"ފަރުޒާނާ އައީ އަހަންނަށް މި ގެ ދައްކާށޭ އަހަރެން ބުނެފީމެއްނު؟ އަހަންނަށް ގެ އެނގޭނަމަ އައީހީ އެކަނި."

"މި ގެއަށް އައި ސަބަބެއް އޮންނާނެތާ."

"އިށީންނާށޭވެސް ނުބުނާނަންތަ؟"

ބާދްޝާ އަނެއްކާވެސް ރެކިސާއާ ދިމާއަށް ބަލައިލިއެވެ. "ރެކިސާގައި އަނބިމީހާ ބައިންދާފައި ފިރިމީހާ އައިސް މިތާނގައި އިށީނދެގެން އިނުމަކީ ރަނގަޅު ގޮތަކަށް ނުވާނެ. އެހެންވީމާ އަނބިމީހާ ގޮވައިގެން އައިސް ދެމަފިރިންވެސް އިށީނދޭ. އެހެން ނޫނީ އައި ބޭނުމެއްގެ ވާހަކަ އަވަހަށް ބުނެލާފައި ދޭ. ދެމަފިރިން މި ގެއަށް ގެނައުމުގެ ގާބިލުކަން އަހަންނަށް ލިބުނު ދުވަހަކުން މި ގެއަށް އައުމުގެ ދައުތަު ފޮނުވާނަން."

"އެންމެ ރަނގަޅު. އަހަރެން ވަރަށް ކުރުކޮށް ބުނެލާނަން. އަހަރެން މިއީ ފަރުޒާނާގެ ބޮޑުބޭބެގެ ދަރިއެއް."

"އަހަރެން ދެނަހުރިން. ދެން އޮތް ވާހަކައަކީ ކޮބާ؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.