(11 ނޮވެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުޑައިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ޖެހިލުންވެފައި ހުރެގެން ބާދްޝާ ބުނެލިއެވެ. "ނޫނޭ. އެއްގޮތަކަށްވެސް ބައްދަލެއް ނުކުރަން. އަހަރެން އޭނާޔާ ބައްދަލު ކުރާނީ ކިހިނެއް؟ އަހަރެން އޭނާ ނުވެސް ދެކެން. އޭނާ އުޅޭ ތަނެއް އަހަންނަށް އެނގޭނީ ކިހިނެއް؟"
"ޖާނީ އަހަރެން ގާތު ދުވަހަކުވެސް ދޮގެއް ނުހަދަމެއްނު ދޯ؟"
"އާނ. ނުހަދަން."
"އެހެން ވެއްޖެއްޔާ ހުވައި ކޮށްފައި ބުނޭ."
"ހުވާ. ފަރުޒާނާއަކާ އަހަރެން ބައްދަލެއް ނުކުރަން."
"އަހަރެމެން ދެމީހުންގެ ދަރީގެ ނަމުގައި ހުވައި ކޮށްފައި ބުނޭ."
"ކޮން ހުރިހައި ހުވައެއް. އަހަރެން ފަރުޒާނާއަކާ ބައްދަލެއް ނުކުރަމޭ. ގަބޫލު ކޮށްބަލަ."
"ނޫނޭ ޖާނީ. ހުވައި ކުރޭ."
ބާދްޝާ އަޅައަޅައިގެންފައި ކަހަލަ ގޮތަކަށް ބުންޏެވެ. "ހުވައި ކޮށްފައި މި ބުނަނީ އަހަންނަކަށް އޭނާޔާ ބައްދަލެއް ނުކުރެވޭނެ. އޭނާގެ ގެ ހުރީ ތަޅު…"
ބާދްޝާ ވާހަކަ ދެއްކުން ހުއްޓައިލީމާ ރުޚްސާނާ ބުންޏެވެ. "އާނ. ފަރުޒާނާ ކޮންމެވެސް ތަނަކަށް ދިޔައީ ކަމަށް ވެދާނެ. ސައްކަރުގައި އޭނާގެ ބޮޑުބޭބެއަކު އުޅޭ. ގެ ތަޅުލާފައި ހުރީ އެހެންވީމާ ކަމަށް ވެދާނެ."
"ނޫނޭ. އަހަރެން މި ދައްކަނީ ފަރުޒާނާގެ ވާހަކައެއް ނޫން. ތަޅު…"
"އާނ. ދެން ދޮގު ހަދާ. ޖާނީ… ފިސާރި ތެދެއް މި ބުނަނީ… އަހަރެން ރޮއިރޮއި މަރުވެދާނެ. އޭނާ ފެނިއްޖެއްޔާ… އޭނާޔާ އެކީ އުޅެން ބޭނުމިއްޔާ ސާފުކޮށް އަހަރެން ގާތު އެ ވާހަކަ ބުނޭ. އަހަރެން މި އުޅެނީ އެތައް މޭލެއް ދުރުގައި. މިތާގައި އިނދެގެން އަމިއްލައަށް މަރު ވެގެން ޖާނީއަށް މަގު ހުޅުވައި ދީފާނަން. ޖާނީގެ ބޮލުގައި މީހަކު ތުހުމަތެއްވެސް ނާޅުވާނެ."
"ރުޚްސާނާ. ތިޔަ ކަހަލަ ވާހަކަ ނުދައްކާ. އަހަރެން ބޭނުން ވަނީ ރުޚްސާނާ ދުނިޔޭގައި ހުންނާން. އަހަރެން އުފާވަނީ ރުޚްސާނާ އުފާވީމާ. ތިޔަހައި ދުރުގައި ހުރެގެން އަމިއްލަ ނަފުސަށް ގެއްލުން ދީފިއްޔާ ކާމީއަށް ވާނޭ ގޮތަކާމެދު ވިސްނާލަބަލަ. މަންމަޔާ ވަކިން އެ ސޮރަށް އުޅެވޭނެތަ؟ ތިޔަ ބުނާ ކަހަލަ އެއްވެސް ކަމެއް ނުކުރާތި. އަހަރެން މިއީ ރުޚްސާނާގެ މީހެއް. އަހަރެން އިންތިޒާރުގައި ހުންނާނަން."
"ތިޔައީ ތެދެއްތަ؟ ޖާނީއަކީ އަހަރެންގެ މީހެއްތަ؟"
"އެންމެ ފުރަތަމަ ކަތި ފިޔަވަޅެއް ނާޅާނެ ކަމަށް ވައުދުވޭ. ރައްކާތެރިކަމާއެކު އަމިއްލަ ސިއްހަތަށް ފަރުވާތެރިވެގެން އުޅޭނެ ކަމަށް ހުވައިކުރޭ. އަދި އަހަރެން ތެދަށް ބުނީމާ ރުޅި ނާންނާނެ ކަމަށްވެސް ހުވައިކުރޭ."
"އަހަންނަކަށް ޖާނީ ދެކެ ރުޅިއެއް ނާދެވޭނެ."
"އެހެން ވެއްޖެއްޔާ އަޑުއަހާ. އަހަންނާއި ފަރުޒާނާއާ ބައްދަލުވި. އެކަމަކު އެއީ މީގެ ތިން ހަފުތާ ކުރިން. މިހާރު އޭނާގެ ގެ ހުރީ ތަޅުލައިފައި. ދިޔައީ ކޮން ތަނަކަށް ކަމެއް ނޭނގޭ."
"އޭނާއަށް އުނދަގޫކުރީ ދޯ؟"
އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު ބާދްޝާ ބުންޏެވެ. "ނޫނޭ. އޭނާ އެ ދިޔަ ތަނަކަށް ދިޔައީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގޭ."
"އެއީ ކޮން ކަހަލަ ކުއްޖެއްކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ޖާނީ އޭނާޔާ ބައްދަލުކުރަން އުޅުނީމާ އޭނާ އެ ގޮތް ބޭނުން ނުވީކަން ގައިމު. އޭނާއަށް މަޖުބޫރު ކުރީ ދޯ؟"
"ރުޚްސާނާއަކީ އަހަންނަށްވުރެ މާ ވިސްނުންތެރި މީހެއް. ތިޔަހައި ދުރުގައި ހުރެގެންވެސް ހުރިހައި ކަމެއް ރަނގަޅަށް އަންދާސާ ކުރެވެނީ އެހެންވެގެން. އަސްލު ވީ ގޮތަކީ އޭނާ އަހަރެން ދެކެ ބިރުގަންނަނީ. އަހަރެން އޭނާގެ ފަހަތުން އަޅުވައިލީ. އެގޭ ދޮރުމަތީގައި ކާރުގައި ހަރޭ އަހަރެން ހޭދަކުރިން. އެންމެ ފަހުން ހަދާނެ ގޮތް ބޮޑުވެގެން އަހަންނާ ބައްދަލުކޮށްފައި އަނެއް ދުވަހު އޭނާ ގެއްލިއްޖެ."
"ޖާނީ. ތިޔައީ ވަރަށް ދެރަ ކަމެއް. އެއީ ވަރަށް ރަނގަޅު ކުއްޖެއް. އޭނާ ޖާނީއަށް ގަސްތުގައި މަކަރު ހެދީއެއް ނޫން. ގަސްތުގައި މަކަރު ހެއްޖަސް އެއީ ކިހައި ރީތި މަކަރެއް. ނޫންތަ؟ އަހަރެމެން ދެމީހުން ގުޅުވައިދިނީ އޭނައެއްނު؟"
"އެންމެ ރަނގަޅު. މީގެ ފަހުން އަހަރެން އެގޭ ދޮށަކަށް ނުދާނަން. އޭނާއަށް އުނދަގުލެއް ނުކުރާނަން."
"އާނ. ޖާނީ. އަހަންނަށް އިންތިޒާރުކުރޭ. ދަރިފުޅަށްޓަކައި ނިކަން ފުންކޮށް ވިސްނައިލަބަލަ. ޖާނީ އަޅާ ކޮންމެ ކަތި ފިޔަވަޅެއްގެ އަސަރު އަހަރެމެންގެ ދަރިފުޅުގެ މުސްތަގުބަލަށް ކުރާނެ."
ދެން ރުޚްސާނާ ވާހަކަދެއްކީ މަންމަޔާއެވެ. "މަންމާ. އަހަންނަށް މިހާރު ހުރިހައި ކަމެއް ރަނގަޅަށް އެނގިއްޖެ. މަންމަ ތިޔަ ހުންނަނީ ވަރަށް ގިނަ ކަންތައް އަހަންނަށް ސިއްރު ކޮށްގެން. ފޯނަކުން ހުރިހައި ވާހަކައެއް ނުދެއްކޭނެ. ޖާނީވެސް ކައިރީގައި އެބަހުއްޓެއްނު؟ އެހެންވީމާ ހުރިހައި ވާހަކައެއް ތެދު ބަހުން ލިޔެފައި އަހަންނަށް ސިޓީއެއް ފޮނުވާ. އެއްވެސް ކަމެއް ސިއްރު ނުކުރާތި. ކާމީއަށް އަހަރެންގެ ފަރާތުން ލޯބިކޮށްލާތި. ބައްޕައަށް ވަރަށް ގިނައިން ސަލާން."
ފޯނުގެ ގުޅުން ކެނޑިއްޖެއެވެ.
އަނެއް ދުވަހު ރުޚްސާނާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރުޚްސާނާގެ ހުރިހައި ޝަރުތެއް ކުންފުނިން ގަބޫލު ކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރާ ވަގުތު އެއްހާސް ޕައުންޑު ދޭ ގޮތަށް އޮތީ ލިޔެފައެވެ. ޑޮކްޓަރ ލުއިސް ބުނެފައިވާ ގޮތަށް ސާޖަރީއަށްފަހު ރުޚްސާނާ ރިތީ ނުވެއްޖެނަމަ އެއްބަސްވުން ބާތިލުވާނެއެވެ. އެކަމަކު ކުރިން ދީފައިވާ ފައިސާ އަނބުރައި ރައްދުކުރާކަށް ނުޖެހޭނެއެވެ. މޫނު ރީތި ވެއްޖެނަމަ މޮޑެލް ކުރަން ފެށުމުގެ ކުރިން ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި ފައިސާ ރުޚްސާނާއަށް ދޭން ވާނެއެވެ. ބާކީ ދެބައިކުޅަ އެއްބައި މަސައްކަތުގެ ތެރޭގައި ދޭނެއެވެ. އެހެންވީމާ މިހާރު ހުރިހައި ކަމެއް ބިނާވެފައި އޮތީ އޭނާގެ ސާޖަރީގެ މައްޗަށެވެ.
މިހާރު އޭނާ އެ އޮތީ ހަސްފަތާލުގެ އެނދެއްގައެވެ. ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ މަރުހަލާ ނިމިއްޖެއެވެ. ޑޮކްޓަރ ލުއިސް ބުނި ގޮތަށް އޭނާގެ މޫނު ފުރިހަމަވިކަން ނުވަތަ ނޫންކަން ދެނެވޮޑިގެންވަނީ ﷲ އެވެ. އޭނާ ޑޮކްޓަރަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. އެހެންވީމާ މޫނުގެ މާ ބޮޑު ފިކުރެއް ނެތެވެ. މި ވަގުތު އޭނާ ވިސްނަމުން ގެންދަނީ ފަރުޒާނާއާއި ބާދްޝާ ޖާނީގެ ބައްދަލުވުމާ ބެހޭ ގޮތުންނެވެ.
ފޯނުން ވާހަކަ ދެކެވުނުކަން ރަނގަޅެވެ. ބާދްޝާގެ ދޮގު ބޭޒާރުވީ އެހެންވެގެންނެވެ. ފަރުޒާނާގެ ފަހަތުން ނުދުވާނޭ ކަމަށް ބާދްޝާ ވައުދުވެއްޖެއެވެ. އެކަމަކު ރުޚްސާނާއަކަށް ޔަގީނެއް ނުކުރެވެއެވެ. އޭނާ މިހާރު އެކަހަލަ އެތައް ވައުދެއް ވެއްޖެއެވެ. އެކަމަކު ފަރުޒާނާގެ ފަހަތުން ދުވުން ހުއްޓައެއް ނުލައެވެ. މިހާރު އޭނާއަށް ފަރުޒާނާގެ ގެވެސް އެނގިއްޖެއެވެ.
ކޮންމެ ގޮތަކަށް ކަންތައް ދިޔަނަމަވެސް ރުޚްސާނާގެ ހިތުގައި ފަރުޒާނާގެ މައްޗަށް ލޯބި އުފެދިއްޖެއެވެ. ގެ ތަޅުލާފާއި ފަރުޒާނާ ދިޔައީ ސައްކަރަށްކަން އޭނާއަށް ޔަގީނެވެ. އެ ފަކީރު ދާނޭ އެހެން ތަނެއް ނުހުންނާނެއެވެ. ޖާނީގެ އުނދަގުލުން ސަލާމަތް ވެވޭނޭ ގޮތެއް އޭނާ ހޯދީއެވެ. މި ރަށަށް އައިސް ވަޒީފާ އަދާކުރާނޭ ނަމަ މާ ރަނގަޅެވެ. ސަލްމާ ޤާދިރު ކައިރީގައި އޭނާ އަދާ ކުރާ ވަޒީފާ ފަރުޒާނާއަށް ދޭން މިހާރުވެސް އޭނާ ތައްޔާރެވެ. މިހާރަކު ފައިސާގެ ދަތިކަމެއް ނެތެވެ. ސޮއި ކުރެވުނު އެއްބަސްވުމުން އެ އޮތީ މައްސަލަ ހައްލު ވެފައެވެ.
ރުޚްސާނާއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ޖަމްޝީދުގެ އަޑަށެވެ. އޭނާ އަވަސްއަވަހަށް ގައިމަތީގައި އޮތް ފޮތިގަނޑު ރަނގަޅު ކޮށްލިއެވެ. އެކަމަކު ޖަމްޝީދާ ދިމާއަށް ބަލައެއް ނުލިއެވެ.
"އަހަރެން މިހިރީ ވަރަށް ބޮޑަށް ލަދުގެންފައި. މި އައީ މާފަށް އެދެންވެގެން. ކުރިންވެސް އަހަރެން އަންނާން އުޅުނިން. ބައްޕަ މަނާ ކުރެއްވީމާ ނާދެވުނީ. ބައްޕަ ބުނުއްވީ ރުޚްސާނާ އިނީ ވަރަށް ބޮޑަށް ރުޅި އައިސްފައޭ، އެހެންވީމާ އައުން ރަނގަޅެއް ނުވާނެއޭ. ލައްކަ ދުވަހު އަހަރެން ކެތްކޮށްފިން. ވަރަށް ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެ. އަހަންނަށް މާފު ކުރާނަންތަ؟"
(ނުނިމޭ)
މިފަހަރު ވ. އަވަހަށް ކިޔާލަން ލިބުނީތީ ވވ.ޝުކުރު