ސީރިޔާގެ ހަނގުރާމައިގައި ފާއިތުވި އަހަރު 6800 މީހުން މަރުވެފައިވޭ

އިދްލިބްގެ އަވަށަކަށް ފާއިތުވި ހަފުތާގެ ތެރޭގައި ރަޝިޔާގެ މަތިންދާބޯޓުތަކުން ބޮންއެޅުމުން ދުންއަރަނީ. އިދްލިބަކީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ޕްރޮވިންސު.

2011 ވަނަ އަހަރުން ފެށިގެން ސީރިޔާ (ސޫރިޔާ) ގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ފާއިތުވި 2020 ވަނަ އަހަރު މަރުވެފައި ވަނީ ހަހާާސް އަށްސަތޭކަ މީހުންނެވެ. މިއީ މި ހަނގުރާމަ ފެށުނު ފަހުން އެއް އަހަރު ތެރޭަަގައި މަރުވި އެންމެ މަދު އަދަދެވެ.

ހަނގުރާމާއިގެ ހާލަތު އެންމެ ގާތުން ބަލައި ދިރާސާކުރާ އަމިއްލަ ޖަމާއަތް، ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތުގައި، ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ނުކުތުމުން ބައްޝާރުގެ ސަރުކާރުން އެ މީހުންނާ ދެކޮޅަށް ހަތިޔާރާއެކު ސަފައިން ނެރުމުން ފެށުނު މި ހަނގުރާމައިގައި 2019 ވަނަ އަަހަރު 10 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ސީރިޔާގެ ބޮޑުބައި ސުންނާފަތިކޮށްފައިވާ މި ހަނގުރާމައިގައި ލޭ އޮހޮރުވުން އެންމެ ބޮޑު އަހަރަކީ 2014 އެވެ. އެ އަަަހަރު 76 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް، ހަނގުރާމައިގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވެއެެވެ.

ހަނގުރާމައިގެ ކުރީކޮޅު އިދިކޮޅު ފަރާތްތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދިނަމަވެސް އީރާނާއި، ރަޝިޔާ ބައްޝާރުގެ ދިފާއުގައި ނުކުތުމާއި، އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމައިގެ ތެރެއަށް ވަނުމާއި، އިދިކޮޅު ފަރާތްތައް ބައިބައިވެ މިސްރާބު ގެއްލުމުގެ ސަބަބުން، ބައްޝާރު ސަރުކާރުން ގާތްގަނޑަކަށް މުޅި ސީރިޔާގެ ކޮންޓްރޯލް އަތުލާފައި ވާއިރު، ހަނގުރާމަ މިހާރަު ވަނީ ވަރަށް ބޮޑަށް މައިތިރިވެފައެވެ. އެހެނަސް، މިހާރުވެސް ކޮންމެ ހަފުތާއަކު އެތައް ބަޔަކު މަރެވެއެވެ.

ސީރިޔާގެ ރައްޔިތުންގެ ދެބައިކުޅަ އެއްބައި އެމީހުންގެ ވަޒަން ދޫކޮށް ހިޖުރަކުރަން މަޖުބޫރުކުރި މިހަނގުރާމައަަށް 20 އަހަރުވާން ކައިރިވެފައިވާއިރު، ހަނގުރާމައިގައި މިހާތަަނަށް 3 ލައްކަ 87 ހާސް މީހުން މަރުވެެފައި ވެއެވެ. އޭގެ ތެރޭގައި އާއްމުންެގެ 1 ލައްކަ 17 ހާސް މީހުންވެސް ހިމެނެއެވެ.

ސީރިޔާއަށް އައު ގާނޫނު އަސާސީއެއް އެކުލަވާލުމާ ބެހޭ ވާހަކަަތައް އދ. ގެ ބެލުމުގެ ދަށުން ކުރިއަށް ދިޔައަސް، ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު ޚިޔާލުތަފާތުވުން ބޮޑުކަމުން އަދި ވަނީ އެދެވޭ ނަތީޖާއަކާ ހަމައަށް ނާދެވިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.