އެން.ޑީ.އޭގެ މުވައްޒަފުންނަށް "އިންޓްރޮޑަކްޓަރީ މީޑިއާ ޓްރޭނިންގ" ޕްރޮގްރާމް ހިންގައިފި

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "އިންޓްރޮޑަކްޓަރީ މީޑިއާ ޓްރޭނިންގ"ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

މޫކައި ސުއިޓްސްގައި އިއްޔެ އިންތިޒާމުކުރެވުނު މި ޕްރޮގްރާމަކީ ކައިމޫ ރިޒޯޓްސް އެންޑް ހޮޓެލްސްއާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި، ދިވެހިބަހުގެ އެކެޑަމީއާއި ކްލިކް ކޮލެޖްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެން.ޑީ.އޭގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް ޢަބްދުލް ޙަމީދެވެ.

ޖުމުލަ 11 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ވިލަރެސްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު ރަޝީދާއި މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އަލްފާޟިލް އިބްރާހީމް މުޙައްމަދެވެ. ސެޝަންތައް ނަންގަވައިދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް އަލްފާޟިލާ މަރިޔަމް ވަހީދާއާއި، އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޙުސައިން ފިޔާޒް މޫސާއާއި، ދިވެހިބަހުގެ އެކެޑަމީގެ ޑިރެކްޓަރ އަލްފާޟިލާ ޝަހުމާ ޢަލީ އަދި ކްލިކް ކޮލެޖްގެ ބިޒްނަސް ޑެވަލޮޕްމަންޓް މެނޭޖަރ އަލްފާޟިލް މުޙައްމަދު ރޯޝަންއެވެ.

ބައިވެރިންނަށް މަޢުލޫމާތު ދެވުނު ބައިތަކުގެ ތެރޭގައި އިންޓަވިއު ދިނުމުގެ ހަމަތަކާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި، ދިވެހިބަހުގެ ގަވާއިދުގެ އިތުރުން ޑިޖިޓަލް މާކެޓިންގ ހިމެނެއެވެ.

މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާސިޙެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.