ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލައެއް ހުސްވި ޖޫން މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފި

ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލައެއް ހުސްވި ޖޫން މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 13 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 11 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ހަޟާނާތުގެ ދެ މައްސަލަ ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 20 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މި ބާވަތުގެ މައްސަލަތަކުގެ ގޮތުގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ 11 މައްސަލައާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 8 މައްސަލަ އަދި އަމިއްލައަށް މަރުވާން ޚިޔާލުއައުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން އިތުރަށް ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ވެސް މެއި، ޖޫން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 15 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަތަރު މައްސަލައެއް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 12 މައްސަލައެއް ޖޫން މަހު ހުށަހަޅާފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 7 މައްސަލަ ހިމެނޭ ކަމަށެވެ. އަދި ރުޅިއިސްކުރުން/ރުޅިގަދަވެގެން އުޅުމުގެ ތިން މައްސަލަ އާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ ދެ މައްސަލަ ވެސް ހިމެނޭ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.