ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ހޮލިޑޭ ޕްރޮގްރާމްތަކެއް ހިންގައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަ ހޮލިޑޭ ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހިންގައިފިއެވެ. މި ޕްރޮގްރާމްތައް ހިންގިފައި ވަނީ ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށެވެ.

މި ޕްރޮގްރާމްތަކުގެ ބޭނުމަކީ ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ޝައުޤުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރުތައް ތަރައްޤީކުރުން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ފިޔަވަތީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ކިޑްސް ބޭކިންގ ޕްރޮގްރާމަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގި "ޕޮލިސް ކޭމްޕު" ހިމެނެއެވެ.

ކުޑަކުދިންގެ ހިޔާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ބާބެކިއުއަކާއި، ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއެކު ހިންގި މުނިފޫހިފިލުވުމުގެ ހަރަކާތަކާއި، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ކ.ހުރާގައި އިންތިޒާމުކުރި ފިކްނިކާއި، ތާޖް އެކްޒޮކްޓިކާ ރިސޯޓް އެންޑް ސްޕާއާ ގުޅިގެން އިންތިޒާމުކުރި ރިސޯޓް ޓުއަރ ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 149 ކުދިން ދިރިއުޅެމުންދެއެވެ. އެ ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތީގައެވެ. އަދި 12 އަހަރުން މަތީގެ 43 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.