ވެރިކަންކުރާ ކޯލިޝަނާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ދާންވެސް ތައްޔާރު: ޖާބިރު

ވެރިކަން ކުރާ ކޯލިޝަންގެ ޞައްޙަކަންކަނޑައެޅުމަށް މަޖިލީހަށް ވައްދައިފައިވާ މައްސައާ މެދު ނިމޭ ގޮތަކުން ކޯޓަށް  ވަޑައިގެންނެވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ރޭ ފޮނުވި "އަހާށޭ ބުނާން" ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖާބިރު ވިދާޅުވީ ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ އެއްޗެއް ނޫންކަމަށެވެ. ރިޔާސީ ނިޒާމުގައި ވެރިކަން ކުރަން ޖެހޭނީ ރައްޔުތުންގެ ވޯޓް ފަންސާސް އިންސަތަ އަށްވުރެ އިތުރަށް ލިބޭ މީހަކު ކަމަށެވެ. އިންތިޚާބުން ފަންސާސް އިންސައްތަ ނުލިބޭތީ އެންމެން ގުޅިގެން ކުންފުނި ހަދައިގެން ހިންގަން އުޅޭ ގޮތަށް ޤައުމުގެ ވެރިކަމެއް ނުހިންގޭނެކަމަށް މެމްބަރ ޖާބިރު ވިދާޅުވިއެވެ.

ކޯލިޝަންގެ ޞައްޙަކަން ކަނޑައެޅުމަށް މެމްބަރު ޖާބިރު މަޖިލީހަށް ވެއްދި މައްސަލަ ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ ކޮމެޓީން ބައްލަވަމުން ގެންދަވާކަމުގެ މަޢުލޫމާތު މަޖިލީހުގެ ރައީސް ދެއްވައިފައިވާކަމަށް ވެސް މެމްބަރ ޖާބިރު ވިދާޅުވިއެވެ. އެގްރިމެންޓެއް ހަދައިފައި އޮތިއްޔާ އެގްރިމެންޓްގައި އޮތީ ކޯއްޗެއްތޯވެސް ކޮމެޓީން ބައްލަވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

"ވެރިކަން ކުރަން އޮންނަ ނިޒާމު ނޫން ނިޒާމެއްގެ ތެރެއިން ވެރިކަމަށް އައިސް، ނޯންނަން ޖެހޭ ކޯލިޝަނެއް އުފައްދައިގެން ހަތަރު ބަޔަށް ޤައުމު ބަހައިލައިގެން ނާޤާބިލް މީހުން ތަކެއް ލައިގެން ޤައުމު ހިންގާތީ އަޅުގަނޑު ކަންބޮޑުވޭ" ޖާބިރު ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވިއިރު މަޝްވަރާތައް ކުރައްވަމުން ގެންދެވީ މެމްބަރ ޖާބިރު ޗެއަރއެއްގެ ގޮތުގައި ބަހަށްޓަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއްވެސް ކަމެއް އެނާގެ މަޝްވަރާގެ މަތިން ނޫނީ ނުނިންމަވާ ކަމަށްވެސް ވިދާޅުވިއެވެ.އަދި ކޯލިޝަންގެ ބައިވެރިންނަށް ވެވަޑައިގެންނެވި ފަދަ ވަޢުދުތައް ޖާބިރަށް ވެސް ވެވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އެގޮތުން އަނބި ކަނބަލުން، ދިޔާނާ ސައީދަށް ވަޒީރުކަން ދެއްވާނެކަމަށާއި ފަނޑިޔާރުކަން ދެއްވާނެކަމަށް ވެސް ވިދާޅިވިކަމަށް ޖާބިރު ފާހަގަ ކުރެއްވިއެވެ.  އެގޮތަށް ކަންތައް ނުކުރެއްވީ އެބޭފުޅުން ދަރަންޏަށް ޒިންމާ ނުވާތީ އާއި އަދި އޭރު މަޖިލީހުގެ ރައީސަކަށް އިންނެވީ ޤާސިމް އިބްރާހީމް ކަމުން ޤާސިމްގެ ބާރު ކޯލިޝަންގައި ގަދަވީމަކަމަށް ވެސް ޖާބިރު ވިދާޚުވިއެވެ.

"ޙަޤީޤަތުގައި ކޭކް އެޅީ އަޅުގަނޑު ލާރި ދީގެން. އަޅުގަނޑު ހުރިހާ ފައިނޭންސެއް ކުރީ. ކޭކް ފޮތިކޮށްލިއިރު ޖާބިރު ނުވެސް ލައްވާލާ. އެކަމު ޖާބަރަކީ ޗެއަރމަން" މެމްބަރ ޖާބިރު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.