
އަންނައަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޑީއާރްޕީން ވާދަކުރަން ނިންމައި، އެ ޕާޓީގެ ރިޔާސީ ޓިކެޓް ކާށިދޫ ދާއިރާގެ މެމްބަރު އަބްދު ޖާބިރަށް ދޭން ނިންމައިފިއެވެ.
ޖާބިރަށް ރިޔާސީ ޓިކެޓު ދޭން ނިންމާފައިވަނީ އެ ޕާޓީން ބޭއްވި ޚާއްސަ ކައުންސިލް ބައްދަލުވުމެއްގައި ކަމަށާއި ޖާބިރުގެ ނަން ފާސްވީ ބައިވެރިވި ހުރިހާ މެމްބަރުންގެ ތާއީދާއި އެކުގައި ކަމަށް ޑީއާރްޕީން ބުނެއެވެ.
އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރޭކަން ރަސްމީކޮށް މިހައިތަނަށް ހާމަކޮށްފައިވަނީ ޕީޕީއެމްއިންނެވެ. އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވީނަމަވެސް އިންތިޚާބުގައި ވާދަ ކުރައްވާކަން އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެކަމަށް ބުނެފައިވީނަމަވެސް އެއީ ކޮން ކެންޑިޑޭޓެއްކަމެއް އަދިހާމައެއް ނުކުރެއެވެ. އަދި ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވެސް ވާދަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.