
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާ ބައްދަ ކުރެއްވުމަށް އެދިވަޑައިގެން ހޯމް މިނިސްޓަރަށް ސިޓީ އެއް ފޮނުއްވަން ޑީއާރުޕީގެ ލީޑަރު ޢަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ މަނީލޯންޑަރކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.
އެމްޕީ ޖާބިރުގެ ސިޓީ ހޯމްމިނިސްޓަރަށް އަރުވާނީ މާދަމާއެވެ. އެހެންނަމަވެސް އެސިޓީ މިހާރުވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައެވެ. އެސިޓީގައި ވާގޮތުން ޖާބިރު ރައީސް ޔާމީނާ ބައްދަލު ކުރައްވަނީ ޑީއާރުޕީގެ ލީޑަރުގެ ޙައިސިއްޔަތުންނެވެ.
"ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރެވިފައިވާ ޖަލުގެ ޙުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ހުންނެވުމާއެކު، ޑީއާރުޕީގެ ލީޑަރުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ ޙާލު ބަލާލުމަށްޓަކައި އެމަނިކުފާނާއި ބައްދަލު ކުރުމަށް އަޅުގަނޑު ބޭނުންވާތީ އެފުރުސަތު ލިބިދެއްވުން އެދި ދެންނެވީމެވެ." އެސިޓީގައި ވިދާޅުވެފައިވެއެވެ.
ޢަބްދުﷲ ޖަބީރާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ވިދާޅުވީ ރައީސް ޔާމީނާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ކޮންމެގޮތަކަށް ވާހަކަ ދެއްކެވިޔަސް އެދެބޭފުޅުންނަކީ ވަރަށް ގާތް ދެބޭފުޅުން ކަމަށެވެ.
"ކޮންމެ މީހަކާ ވެސް ޤާނޫނު އަރާހަމަކުރާނެ. ރައީސް ޔާމީނާ ހަމައަށް ވެސް ޤާނޫނޫ ވާސިލްވީ. އެހިސާބުން އެކަން ނިމުނީ. ދެން ޖާބިރު ބޭނުންވެވަޑައިގަންނަވަނީ ރައީސް ޔާމީންގެ ޙާލުކޮޅު ބައްލަވާލެއްވުމަށް،" އޭނާ ވިދާޅުވިއެވެ.