ފަޅިމޫނު - 18

(28 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޚްސާނާ މޭޒުމަތީގައި އުޅަނބޮށި ވިއްދައިލުމަށް ފަހު ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ. އޭނާގެ ކުރިމަތީގައި އިމްތިހާނު ކަރުދާހާއި ގަލަން އޮތެވެ. އެ ކަރުދާހުން އޭނާއަށް ފެންނަނީ ބާދްޝާ ޖާނީގެ ހިނިތުންވެފައިވާ ސޫރައެވެ. އޭނާ އަދި ދަރިއަކު ހޯދާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ ކުރިމަތީގައި ވަނީ ފޮނި ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ. ދަރިއަކު ވެގެން ދާނީ އޭނާގެ ކުރިމަގުގެ އުއްމީދުތަކަށް އެޅޭ ހުރަހަކަށެވެ. ވުމާއެކު އަދި ދަރިއަކު ބޭނުމެއް ނޫނެވެ. އެކަމަކު އޭނާގެ ކުރިމަތީގައި ބާދްޝާގެ މޫނު އެނބުރެނީއެވެ. އެއީވެސް އޭނާއަށް އުފާވެރިކަން ލިބޭ އިހުސާސެކެވެ. އުދުހިފައި ގޮސް އޭނާގެ ލޯބިވާ ފިރިމީހާއަށް މި އުފާވެރި ޚަބަރު ދޭންވެސް ބޭނުން ވެއެވެ.

ހަވީރު އެ ޚަބަރު ދިނުމާއެކު ބާދްޝާ ޖާނީ އުފަލުން ފޮޅިއްޖެއެވެ. ރުޚްސާނާ އަތްދަނޑިމައްޗަށް އުފުލައިލިއެވެ. އަދި ގޭތެރޭގައި ނަށަމުން ލަވަކިޔަމުން ހިނގާން ފަށައިފިއެވެ. ދަރިފުޅަށް ކިޔާނޭ ނަންވެސް ކަނޑއަޅައިފިއެވެ.

"އަހަރެން ބާލަބަލަ..."

ބާދްޝާ ގޭތެރޭގައި އުފަލުން ދުވެ، ފުމެ ހެދުމަށް ފަހު މެޓާ ފޮށްޓެއް ހިފައިގެން ދިޔައީ ގަރާޖަށެވެ. ކާރުން ފޭބި ގޮތަށް ދުވެފައި ދިޔައީ އިންޖިނޭރުބޭބެ ގާތަށެވެ. އަދި ހަރު އަޑުން އެތާގައި ތިބި އެންމެންނަށް އިވޭ ވަރަށް ބުންޏެވެ. "އެންމެން މަސައްކަތް ހުއްޓާލާފައި މެޓާ ކާން އާދޭ. އަހަރެން ބަފަޔަކަށް ވެއްޖެ."

މި ވާހަކަ އިވިފައި އެންމެ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެކިޔާ އެއްޗެއް ޔަގީނެއް ނުކުރެވޭ ބުނާ ކަހަލަ ގޮތަކަށް އިންޖިނޭރުބޭބެ އޭނާޔާ ދިމާއަށް ބަލައިލިއެވެ. އޭނާ ބޭބެގެ ހުޅުވިފައި ހުރި އަނގަޔަށް މެޓާކޮޅެއް ލައްވައިފިއެވެ.

ބޭބެ އަވަސްއަވަހަށް މެޓާކޮޅު އަނގައިން ނެގުމަށް ފަހު ބުންޏެވެ. "ތިޔަ ދަމަނީ ކޮން ހާސަރެއް. ކަލޭގެ ކާވެންޏަށް އަދި ފަސްމަސް ދުވަސްވެސް ނުވޭ. ބަފަޔަކަށް ވާނީ ކިހިނެއް؟"

"ބޭބޭ. ބަފަޔަކަށް ނުވާންވީ ކީއްވެގެން؟ މި ޚަބަރު އަހަންނަށް ދިނީ ސީދާ ރުޚްސާނާ. ނުކެރިގެން އުޅޭ ވާހަކަ ބުނީ އޭނާ އަމިއްލައަށް."

"ކޮއިފުޅާ... ނުކެރިގެން އުޅުމެއް ނޫން. ނުކެރިއިނުން."

"އާނ... އާނ. އެވާހަކަ މިބުނީ. ނުވަ މަސްދުވަސް ފަހުން އަހަރެމެންގެ ގެއަށް ތުއްތު ކުއްޖަކު އުފަންވާނެ."

އިންޖިނޭރުބޭބެ ފުން ނޭވައެއް ލިއެވެ. "އެހެންވެއްޖެއްޔާ ބަފަޔަކަށް ވީއެއް ނޫނެއްނު؟ ބަފަޔަކަށް ވާން އުޅެނީ. އަދި ނުއެއްވޭ."

"ނުވާންވީ ކީއްވެގެން؟ އަހަރެންގެ އަނބިމީހާ ދަރިއަކަށް ބަލިވެ އިނީމާ އަހަރެން ބަފަޔަކަށް ވީއެއްނު؟ މިއުޅޭ މީސްމީހުން ހިސާބުޖަހާ ގޮތެއް އަހަންނަކަށް ނުވިސްނޭ. ދަރިފުޅުގެ އުފަންދުވަސް ގުނަން ފަށަނީ އެ ކުއްޖާ ދުނިޔެއަށް އުފަންވާ ދުވަހުން ފެށިގެން. އޭގެ ކުރިއަށް ދިޔަ ނުވަ މަސްދުވަހުގެ މަތީން ހަނދާން ނައްތައިލާ. ވާންވީ އެހެންނެއް ނޫން. ކުއްޖާ ގަރުބަގަތުމާއެކު އެ ކުއްޖާގެ އުމުރު އެ ފެށުނީ. ގުނަންވާނީ އެ ދުވަހުން ފެށިގެން... ބޭބެގެ އުމުރުން މިހާރު ކިހައި ދުވަހެއް ވެއްޖެ؟"

އިންޖިނޭރުބޭބެ ބުންޏެވެ. "އަހަރެންގެ އުމުރުން މިހާރު ފަންސާސް އަހަރު ވެއްޖެ."

"ނުބައި. ބޭބެގެ އުމުރުން މިހާރުވީ ފަންސާސް އަހަރާއި ނުވަމަސް ދުވަސް. އަހަރެންގެ މިހާރުގެ އުމުރަކީ އަށާވީސް އަހަރާއި ނުވަމަސް ދުވަސް. އޭތް... ކުޑޭ... ކަލޭގެ އުމުރަކީ ކޮބާ؟"

އިންޖިނޭރުބޭބެ އޭނާގެ އަތުން މެޓާފޮށި އަތުލައިފިއެވެ. "މެޓާކާން ހިނގާ. ކަލޭގެ އަގަޔަކުން ނާރާނެ... ކުދިންނޭ އާދޭ..."

ބާދްޝާ ޖާނީ ރެޔާއިދުވާ ގުނާން ފަށައިފިއެވެ. ދުވަސްތައް ފާއިތުވަމުން ދަނީ ރެކިސާއާއި ކުލީކާރުގެ މީޓަރު ހިނގާހައި ހަލުވިކަމާ އެކީގައެވެ. ރުޚްސާނާ ކޮންމެ ރެޔަކު ނިދަނީ އޭނާގެ މޭމަތީގައި ބޯއަޅައިގެން އޮވެއެވެ. ހެނދުނު ތެދުވެގެން ދަނީ ކޮލެޖަށެވެ. ކޮލެޖަށް ދިއުމުގެ ކުރިން ބަދްޝާގެ މޫނަށް ބަލަން އެތައް އިރަކު ހުރެއެވެ. އެއް ދުވަހަކު ބާދްޝާ އަހައިލިއެވެ. "އެހައި ވަރަށް އަހަރެންގެ މޫނަށް ބަލަނީ ކީއްވެގެން؟"

"އަހަރެން ބޭނުންވަނީ އަހަރެމެންގެ ދަރިފުޅު ބާދްޝާއާ ވައްތަރުވާން. އަންހެންކުދިންގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވާ ކަހަލަ ފިރިހެންވަންތަ މޫނެއް ލިބިފައިވާ ކުއްޖަކަށް ވާން. ބާދްޝާ ދަންނަންތަ؟ އަންހެނަކު ބަލިވެ އިނީމާ އޭނާ އުފަންކުރާ ކުއްޖާ ވައްތަރު ވާނީ އެންމެ ގިނައިން އޭނާގެ ހިތާއި ސިކުނޑީގައި ތަސައްވަރުކުރާ ސިފަޔާ."

ބާދްޝާ ބިރުގެންފައިވާ ރާގެއްގައި އަހައިލިއެވެ. "އަހަރެމެންގެ ދަރިފުޅު ފުރިހަމަ ދަރިއަކަށް ވާނެ ދޯ؟"

"ތިޔައީ ކޮން ކަހަލަ ސުވާލެއް؟"

"އަހަރެން ކުޑަކޮށް ބިރުގަނޭ. ކާވެނީގެ ކުރިން އަހަރެމެން ވަނީ ފަޅިމޫނުގެ ބަހުސު ކޮށްފައި. ރުޚްސާނާއަށް ވީގޮތެއް ވެފައި ތިޔަހަރީ ކާވެނީގެ ކުރިން. އަހަރެމެންގެ ދަރިފުޅުވެސް ފަޅިމޫނަކާ އެކީގައި..."

ރުޚްސާނާ އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. "އިރާދަކުރެއްވިއްޔާ އެހެންނެއް ނުވާނެ. ﷲ ގެ ރަޙްމަތާއެކު އަހަރެމެންގެ ދަރިފުޅު ވާނީ އަހަރެމެން ހުވަފެނުގައި މިދެކޭ ވަރަށްވުރެވެސް ފުރިހަމަ އަދި ރީތި ކުއްޖަކަށް."

* * *

ކާވެންޏަށް އަހަރެއް ވެއްޖެއެވެ. ރުޚްސާނާ އެއްދުވަހަކު އޭނާގެ ބޭންކު އެކައުންޓުގެ ހިސާބު ބަލަން އިނދެފައި ބުންޏެވެ. "ޖާނީ. ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޖިނޭރުބޭބެގެ އަތުގައި ބާރަ ހާސް ފަސް ސަތޭކަ ރުފިޔާ ޖަމާ ކުރީމެއްނު؟ އަހަރެން އެއް އަހަރު ދުވަހުގެ ތެރޭގައި ފަނަރަ ހާސް ރުފިޔާ ޖަމާކޮށްފިން. އަހަރެން މިހާރު ބޭނުން ވަނީ މި ގޯތީގެ ވަށާ ފާރު ލައި ހަސްފަތާލުގެ ބިންގާ އަޅަން. މިހާރު އެވަރު ކުރެވޭނެ."

ބާދްޝާ ޖާނީ އަހައިލިއެވެ. "ވިހާން ކިހައި ދުވަހެއް އަދި އެބައޮތް؟"

"ބާކީ އޮތީ ދެމަސް ދުވަސް."

"އޭގެ މާނައަކީ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހު ރުޚްސާނާއަކަށް އެއްވެސް ކަމެއް ނުކުރެވޭނެއޭ. އުޅެން ޖެހޭނީ ދަރިފުޅުގެ ކަންތަކުގައި އަވަދިނެތި. އެހެންވީމާ އަތުގައި ހުރި ފައިސާކޮޅު މި ދުވަސްކޮޅު ތާށިވާ ގޮތް ހަދަނީ ކީއްކުރަން؟ ރުޚްސާނާގެ އަތުގައި ފަނަރަ ހާސް ރުފިޔާ އެބައޮތް. އަހަރެން އިންޖިނޭރުބޭބެގެ އަތުން ދަރަންޏަށް ދިހަ ހާސް ރުފިޔާ އަތުލައިފާނަން. ފަންސަވީސް ހާސް ރުފިޔާއަށް ކާރެއް ގަންނާނީ. އޭރުން އަހަރެމެންގެ އަތުގައި ދެ ކާރު އޮންނާނެ."

ރުޚްސާނާ އުފަލުން ފޮޅިފައި ބުނެފިއެވެ. "ޖާނީ. ތިޔަ ދެއްކީ ވަރަށް ބުއްދިވެރި ވާހަކައެއް. އަވަހަށް ގޮސް އިންޖިނޭރުބޭބެގެ އަތުން ދިހަ ހާސް ރުފިޔާ އަތުލާ. އަވަހަށް ކާރެއް ގަނޭ. ކުލީކާރު ދުއްވުމަކީ މިހާރުވެސް ހިނގަހިނގައި އޮތް ވިޔަފާރިއެއް. ކޮންމެ ދުވަހަކު އާމްދަނީ ލިބޭ ވިޔަފާރިއެއް."

ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އައު ކާރެއް ގެންފިއެވެ. ބާދްޝާ އަހައިލިއެވެ. "އާ ކާރަށްވެސް ޑިރައިވަރަކު ހޯދަންވީތަ؟"

ރުޚްސާނާ ބުންޏެވެ. "ނޫނޭ. އާ ކާރު ދުއްވާނީ ބާދްޝާ."

"ރުޚްސާނާގެ އާއިލާގެ މީހުންނާއި އެ އުޅޭ މަތީފެންވަރުގެ މީސްމީހުން ބުނާނީ ކީކޭ؟"

"އެމީހުން ދައްކާނޭ ވާހަކައެއް ދެއްކިޔަދީ. ބާދްޝާ ތިޔަ ކުރަނީ ވައްކަމެއް ނޫނެއްނު؟ ކުލީކާރު ދުއްވުމަކީ ނުބައި ކަމެއް ނޫން. ބާދްޝާ ދުއްވާނީ އަމިއްލަ ކާރެއް. ކުރަނީ އަމިއްލަ މަސައްކަތެއް. އަބުރުވެރި މަސައްކަތެއް. މީހެއްގެ އަޅަކަށް ވަނީއެއް ނޫން. އެހެންވީމާ ބިރުގަންނާންވީ ކާކު ދެކެ؟ އަހަރެމެން ބަލަންވީ ހަމައެކަނި ލިބޭ އާމްދަނީއަށް."

ބާދްޝާ ހޭން ފަށައިފިއެވެ. ހާލަތު ބަދަލުވީމާ މީސްމީހުން ދެކޭގޮތްވެސް މިހިރަގެން ދަނީ ބަދަލުވަމުންނެވެ. ވަށައިގެން ފައިސާ އެނބުރެން ފެށީމާ ނިކަމެތި މަސައްކަތްވެސް އަބުރުވެރި، އިއްޒަތްތެރި މަސައްކަތަށް ވެގެން ހިނގައިދެއެވެ. މުޖުތަމައުގެ ނަޒަރު ބަދަލުވެގެން ހިނގައިދެއެވެ. ނިކަމެތިކަމާއި އިއްޒަތްތެރިކަން ބަދަލު ވެގެން ހިނގައިދެއެވެ. ނިކަމެތިމީހާ އިއްޒަތެރިންގެ ތެރޭގައި ހިމެނގެން ހިނގައިދެއެވެ. ހިމެނެނީ ކިހައި ވަރަކަށް ހެއްޔެވެ؟ އިއްޒަތްތެރި އާއިލާތަކުގެ ދަރިން އެމީހަކާ ދެވަން ތައްޔާރުވާ ވަރަށެވެ. ބާދްޝާ ހެނީއެވެ.

އެ ދެމަސް ދުވަސްވެސް ފާއިތު ވެގެން ހިނގައްޖެއެވެ. ވިހެއުމުގެ ވަގުތު ޖެހިއްޖެއެވެ. ރުޚްސާނާގެ ބަނޑުގައި ރިއްސައިގެންފިއެވެ. ވަގުތުން ހަސްފަތާލަށް ގެންދާން ޖެހިއްޖެއެވެ. ނާޒިމްއާބާދުގެ ކުލިނިކަކަށް ގެންދިޔައީމާ އިރުކޮޅަކު އެތާގައި ބާއްވައިފައި ގެއަށް ފޮނުވާލައިފިއެވެ.

ދެވަނަ ދުވަހަކު އަނެއްކާވެސް ބަނޑުގައި ރިއްސައިގެންފިއެވެ. މި ފަހަރު ރިއްސަނީ މާ ބޮޑަށެވެ. ބާދްޝާގެ މައިދައިތަ ބުނި ގޮތުގައި މިއީ ވިހެއުމުގެ ތަދެވެ. އެކަމަކު މި ފަހަރަކުވެސް އެހެންނެއް ނުވިއެވެ. ވިހެއުމުގެ ކަންތަކުގައި ކަންބޮޑުވާ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ބާދްޝާގެ އެއް ކާރު އަބަދުވެސް ގޭދޮށުގައި ތައްޔާރަށް އޮވެއެވެ. އިންޖިނޭރުބޭބެ އަންގާފައި އޮންނަނީ ގަރާޖުގެ އެކަކު އަބަދުވެސް ތައްޔާރަށް އެގޭ ދޮށުގައި ހުންނާށެވެ.

ބާދްޝާގެ ހާލަތު ޚަރާބުވާން ފަށައިފިއެވެ. އެއްކޮޅުން ރުޚްސާނާގެ ހާލަތު ފެނުނީމާ ކަންބޮޑުވަނީއެވެ. އަނެއްކޮޅުން ބަފަޔަކަށް ވާން އުޅުމުގެ އިހުސާސް ކުރެވުނީމާ އުފާ ކުރަނީއެވެ. އޭނާގެ ސިކުނޑިއަށް ބާވަތްބާވަތުގެ ނުބައި ޚިޔާލުވެސް ވަންނާން ފަށައިފިއެވެ. ދަރިފުޅާއި މަންމަޔާ ދެމީހުންކުރެ ސަލާމަތް ކުރަންވީ ކާކުހޭ ޑަކްޓަރު އޭނާ ގާތު ސުވާލު ކުރަނީއޭ ހިތަށް އަރާން ފަށައިފިއެވެ. އެހެން ވެއްޖެއްޔާ އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާގެ ހިތަށް ބިރުވެރިކަން ވަންނާން ފަށައިފިއެވެ. އޭނާ އުޑާ ދިމާއަށް ބަލައިލިއެވެ. މިފަދަ އިމްތިހާނަކާ ކުރިމަތި ނުކުރައްވާށިއެވެ. ރުޚްސާނާއަކީ އަހަރެންގެ ލޯތްބެވެ. އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާ އެ އުޅެނީ އަހަރެންގެ ދަރިއެއްގެ މަޔަކަށް ވާށެވެ. ވިހެއުމާއެކު އަހަރެންގެ ގެއަށް އައު ފުރާނައެއް އިތުރުވެ، ދެމީހުން ތިން މީހުންނަށް ވެދާނެއެވެ. އަހަރެމެން ތިން މީހުންގެ ގުޅުން ނުލާހިކު ބަދަހި ވާނެއެވެ. އެ ގުޅުން ކަނޑުއްވައިލެއްވޭނީ ހަމައެކަނި ﷲ އަށެވެ. ﷲ އެފަދަ ގޮތެއް މެދުވެރި ނުކުރައްވާށިއެވެ.

އެ ދުވަހު ހަވީރު ބާދްޝާ ކާރުގައި ދަތުރެއް ލިބޭތޯ ނުކުންނާން އުޅުނު ވަގުތު ރުޚްސާނާގެ ބަނޑުގައި ކުޑަކޮށް ރިހޭ ވާހަކަ ބުނެފިއެވެ.

"އަހަރެން ނުގޮސް މަޑުކުރަންތަ؟"

ރުޚްސާނާ ބުންޏެވެ. "ނޫނޭ. މިގޭގައި ގަރާޖުގެ ކުއްޖަކު އެބަހުއްޓެއްނު؟ މާބޮޑަށް ރިއްސާން ފަށައިފިއްޔާ އަހަރެން އެހެން ކާރެއްގައި ހަސްފަތާލަށް ހިނގައިދާނަން. ތަންކޮޅެއް އަވަހަށް އެނބުރި އަންނާތި."

ބާދްޝާ ކާރުގައި ބޭރަށް ހިނގައްޖެއެވެ. ފަސިންޖަރުން އަރުވައިގެން ކާރު ދުއްވަމުން ދިޔައިރުވެސް އޭނާގެ ޚިޔާޅުހުރީ ރުޚްސާނާގެ މައްޗަށް ހުއްޓިފައެވެ. ދަރިފުޅުގެ ޚިޔާލު ކުރެވެނީވެސް މާ ވަރަކަށެވެ. ކާރަށް ކުޑަ ކުއްޖަކު އަރައިފިނަމަ އޭނާ ކުލި ނަގަނީވެސް މީޓަރަށް އަރާ ވަރަށްވުރެވެސް މަދުންނެވެ. އޭނާ އިމްޕްރެސް މާކެޓާ ހަމައަށް ގޮސްފައި މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްފިއެވެ. އެ ވަގުތު ޓުރެފިކު ފުލުހަކު އައިސް ހަރުކަށި ރާގަކަށް އަހައިލިއެވެ. "މިއީ ކާރު ޕާކު ކުރަން ކަނޑައަޅާފައި ހުރި ތަނެއްތަ؟"

ބާދްޝާ ޖީބުން އެއް ރުފިޔާގެ ދެ ނޫޓު ނަގައި އޭނާގެ އަތަށް ދީފިއެވެ. "އަހަރެން މި ދަނީ ކުރިމަތީގައި އެހެރަ ހޮޓަލަށް ސައިތަށްޓެއް ބޯން. މާ ގިނަ އިރެއް ނުވާނެ."

މިހެން ބުނެފައި އޭނާ މަގު ހުރަސްކޮށްފައި ހޮޓަލާ ދިމާއަށް ހިނގައިގެންފިއެވެ. އެވަގުތު އޭނާގެ ގައިގައި ޖެހޭހައި ކައިރިން މަޑުމަޑުން ދުއްވާފައި ދިޔަ ރެކިސާއަކަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. އެ ރެކިސާގެ ފަހަތު ގޮނޑީގައި އިންދައި ފެނުނީ ރުޚްސާނާއެވެ.

ކޮން ރުޚްސާނާއެއް ހެއްޔެވެ؟

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.