މިނިސްޓަރ މަހްލޫފުގެ އިތުރުބާރު ނެތްކަމުގެ މައްސަލައަކަށް މެމްބަރ ޢާޒިމް މަސަައްކަތް ކުރެއްވިކަމުގެ ތުހުމަތު

ޔޫތް އެންޑް ސްޕޯރޓްސް މިނިސްޓަރ އަޙްމަދު މަހްލޫފު އިތުރުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް  އެމްޑީޕީ ޕީޖީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް  ހިމެނޭ ގޮތަށް މަދު މެމްބަރުންކޮޅެއް މަސަައްކަތް ކުރެއްވިކަމުގެ ތުހުމަތު ، އެމަނިކުފާނު ކުރައްވައިފިއެވެ. 

ދިވެހި ރާއްޖޭގެ އަޑުން ރޭ ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމުން ރައްޔިތެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓރ މަޙްލޫފު  ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލައަކަށް، އެހެން މެންބަރުންގެ ސޮއިހޯއްދެވުމަށް މެމްބަރ ޢާޒިމު ހިިމެނޭގޮތަށް މަދު މެންބަރުންކޮޅެއް މަސައްކަތްޕުޅު ކުރެއްވިކަމަށެވެ. އެމަނިކުފާނުފެ މަސައްކަތް ޕުޅާ މެދު ހިތްހަމަ ނުޖެހޭ މަދު މެންބަރުންކޮޅެއް އެމްޑީޕީގެ ޕީޖީގެ ތެރޭގައި އުޅޭކަން މިނިސްޓަރ މަޙްލޫފް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމްގެ އިތުރުން ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަސަން ލަޠީފްގެ ނަންފުޅު  މިނިސްޓަރ މަޙްލޫފް ފާހަގަ ކުރެއްވިއެވެ. 

އެމްޑީޕީ ޕީޖީ ގްރޫޕްގެ ހަތަރު ފަސް ބޭފުޅަކަށް މިނިސްޓަރ މަޙްލޫފުގެ މަސައްކަތްޕުޅާމެދު، ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ތަފާތު ސަބަބުތައް ހުންނަކަން ވެސް މިނިސްޓަރ މަޙްލޫފު ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތްކުރެއްވީ، މަޤާމުގެ ދިފާޢުގައި އެފަދަ ބޭބޭފުޅުން ބޭނުންފުޅުވާ ގޮތަށް އެފެއޭއެމްގެ ތެރެއަށް ވަދެ ބޭނުންގޮތެއް ހެދުމަށް އެމަނިކުފާނު ރުހިވަޑައިގެން ހުންނަވާނެކަމަށް ހީފުޅުކޮށްގެން ކަމަށްވެސް މިނިސްޓަރ މަޙްލޫފު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނަކީ މަޤާމުގެ ބޭނުމުގައި ކޮންމެ ގޮތެއް ވަރިހަމަ ވެގެން ހުންނަވާނެ ބޭފުޅެއް ނޫންކަމަށްވެސް މިނިސްޓަރ މަޙްލޫފު ވިދާޅުވިއެވެ.  މަޤާމުގައި ހުންނަވަނީ މިއަދުވެސް އަދި މާދަމާވެސް މަޤާމު ދޫކޮށްލައްވަން ޖެހިދާނެކަން އެނގިވަޑައިގެންކަމަށްވެސް ވިދާޅުވިއެވެ.  

" އަޅުގަނޑަކީ މި މަޤާމު ދޫނުކޮށްލަން ބަގުޑި ބައްދައިގެން ހުންނާނެ ކަހަލަ މީހެއް ނޫން. މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއޭ ކިޔައިފައި، (ޗީފް އޮފް ސްޓާފް) އަލީ ޒާހިރު ގުޅުއްވައިފައި އަޅުގަނޑު  ގެއަށް ދާށޭ ވިދާޅުވެއްޖިއްޔާ އަޅުގަނޑު ޖެހޭނީ ދާން. މާދަމާވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކުރީމާ އަޅުގަނޑު ޖެހޭނީ ދާން. އެވަރު އެނގިގެން އަޅުގަނޑު އައިސް މިތަނަށް ވަދެ (މިނިސްޓްރުކަމުގައި) މިހިރީ." މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ. 

މިނިސްޓަރ މަޙްލޫފު ވިދާޅުވީ، މިނިސްޓަރކަމާ ޙަވާލުވެވަޑައިގެން ހުންނެވީ އެދާއިރާއިން އޭނާއަށް ލިބިވަޑައިގެން ހުންނެވި ގިނަ ތަޖްރިބާތަކުގެ ޢަލީގައި ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް މަސައްކަތްތަކެއް ކޮށްދެވުމަށް ބޭނުން ފުޅުވާތީކަމަށެވެ.  ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި ނަމަ ކުރީ ފަހަރަށް ވުރެވެސް ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބުވެގެން މަޖިލީހަށް ވަޑައިގެންނެވޭނެކަމުގެ ޔަޤީންކަންއޮތްކަންވެސް މިނިސްޓަރ މަޙްލޫފަ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މެންބަރުކަމަށް ވަޑައިނުގެން މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެންނެވީ އެދާއިރާ ޚިދުމަތްތަކެއް ކޮށްދެވި ދާނެކަމަށް ޤަބޫލުފުޅު ކުރައްވާތީކަމަށް ވިދާޅުވިއެވެ.  މިނިސްޓަރު ކަމަށް ވުރެ މެމްބަރުކަމުން ލިބޭ މުސާރަވެސް ބޮޑުކަން މިނިސްޓަރ މަޙްލޫފު ފާހަގަ ކުރެއްވިއެވެ. މިނިސްޓަރުކަމުގެ މަޤާމުގެ ހައިސިއްޔަތުން އޮންނަ ހުރިހާ އިނާޔަތްތައް ބޭނުންފުޅު ނުކުރައްވާކަންވެސް ފާހަގަ ކުރެއްވިއެެވެ. އެގޮތުން އެމަނިކުފާނަކީ ސެކިއުރިޓީ ވެސް ބޭނުންފުޅު ކުރައްވާ ބޭފުޅެއް ނޫންކަން ފާހަގަ ކުރެއްވިއެވެ. އަދި ކާރުކޮޅުވެސް ބޭނުންކުރައްވަނީ ވަރަށް މަދުންކަން ފާހަގަ ކުރެއްވިއެވެ. އަދި އޮފީހުގައި ވެސް ކޮޓަރިކޮޅު ހުރިކަމުގައިވިއަސް މަސައްކަތްޕުޅު ކުރައްވަނީ ކޮންފަރެންސްމޭޒުގެ ކައިރީގައި ހުންނަވައިގެންކަން ފާހަގަ ކުރެއްވިއެވެ. 

މިނިސްޓަރ މަޙްލޫފު ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް ޙާޒިރުކޮށް ދެފަހަރެއްގެ މަތިން ސުވާލުކޮށް ހަދައިފައިވާއިރު އެމަނިކުފާނު ގެ މަސައްކަތްޕުޅާމެދު ހިތްހަމަ ނުޖެހިގެން އިދިކޮޅުން އެއްވެސް މެމްބަރަކު ސުވާލުކުރައްވައިފައި ނުވާކަމަށެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުޅެނީ އެމްޑީޕީގެ މަދު މެންބަރުން ކޮޅެއްްކަމަށެވެ. 

 ސަރުކާރުހިންގުމަށްވެސް މަޖިލީހުގެ ތެރެއިން ދަތިތައް ކުރިމަތި ކުރައްވާ ބައެއް މެމްބަރުން ތިއްބެވިކަން މިނިސްޓަރ މަޙްލޫފު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއްކަން ފާހަގައެއް ނުކުރައްވައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.