ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
މިއީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓަރ ސްވިމިންގ މުބާރާތެވެ.
މި އޯގަސްޓް މަހުގެ 21 އިން 22 އަށް މާލޭ ރަސްފަންނު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގައި ފެނިގެންދިޔަ ފޯރިގަދަ ރޭސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ފެތުމުގެ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
އުމުރުން 6 އަހަރާއި 79 އަހަރާ ދެމެދުގެ އެކި ފެންވަރުގެ ފެތުންތެރިން ވާދަކުރި މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ 1 ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ. މީގެ އިތުރުން، މިއަހަރުގެ މުބާރާތުގައި އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ ވެގެންދިޔައީ ރަހުމަތްތެރިންނާއި، އާއިލާއާއެކު، އަދި ފެތުމުގެ ކްލަބުތަކަށް އެކުގައި ޓީމެއްގެ ގޮތުގައި ވާދަކޮށްލަން ލިބުނު ފުރުސަތަކަށެވެ.
ސްވިމް މޯލްޑިވްސްގެ އަމާޒާ އެއްގޮތަށް، މި މުބާރާތް ވެސް ފަރުމާކޮށްފައިވަނީ ތަފާތު ގާބިލިއްޔަތުކަން ހުންނަ ފަރާތްތަކާއި އެކި އުމުރުފުރާތަކުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. މި ގޮތުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލީޓުންނާއި ޕެރަ-ސްވިމަރުން ވެސް ވަނީ އެހެން ބައިވެރިންނާ އެކު އެކި ދުރުމިންތަކުގެ ރޭސްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ޒުވާން އަދި ތަޖުރިބާކާރު ގިނަ ފެތުންތެރިންތަކެއް ފެނިގެންދިޔަ މި އަހަރުގެ ދިރާގު މާލެ އޯޕަން މުބާރާތުން ވަނީ ރާއްޖޭގައި މޫދު ކުޅިވަރުތަކަށް އޮތް ލޯތްބާއި ޝައުގުވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މިންވަރު ދައްކުވައިދީފައެވެ.
ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
