ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ 60 އަށްވުރެ ގިނަ ވޮލީ ކޯޓުގެ މަސައްކަތް އެބަކުރޭ: މަހްލޫފް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ 60 އަށްވުރެ ގިނަ ވޮލީ ކޯޓުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ޕީއެންސީގެ މެންބަރު މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ސައީދުގެ ސުވާލަކީ ލ. މާވަށުގައި ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ފުޓްސަލް ދަނޑުގެ ޓަރފް، އެއްކޮށް ހަލާކުވެފައިވާތީ އެކަން ހައްލު ކޮށްދޭނީ ކޮށް އިރަކުންތޯ އެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި އެރަށުގައި ހައްދަވައިދެއްވި ދެ ވޮލީ ކޯޓާއި ފުޓްސަލް ދަނޑުގެ ލައިޓުތައް ހަލާކުވެ، ނުދިއްލޭތީ އެ ލައިޓްތައް އަލުން ހަދައިދެވޭނީ ކިހާ ތާކުތޯއެވެ.

މީގެ އިތުރުން މާވަށު ޔޫތު ސެންޓަރު މަރާމާތު ނުކުރެވި ވީރާނާވެ، އިންޑޯ ކުޅިވަރުގެ ސާމާނުތައް ހަލާކުވަމުންދާތީ ޔޫތު ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް އޮޅުން ފިލުވުމަށް ވެސް ވަނީ ސުވާލުކުރައްވާފައެވެ.

މިނިސްޓަރ މަހްލޫފު ވިދާޅުވީ މާވަށު ފުޓްސަލް ދަނޑު މަރާމާތު ކުރަން ބޭނުންވާކަމަށް އެރަށު ކައުންސިލުން އެންގީ މެއި މަހުގެ 10 ގައި ކަމަށެވެ. އެކަމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އެއީ ތަންކޮޅެއް ބޮޑު މަސައްކަތަކަށް ވާތީ، އެއަށް ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވާ ވޮލީ ކޯޓަކީ ވެލީގައި ނަނެއް ދަމާލައިގެން އަޅައިފަ އޮތް ކޯޓެއް ކަމަށާއި އެފަދަ ކޯޓަކަކީ، ކޯޓުގެ ގޮތުގައި މިހާރު ނުބަލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ 60 އަށްވުރެން ގިނަ ވޮލީ ކޯޓުގެ މަސައްކަތް އެބަ ކުރޭ. 10 އިންޑޯ ދަނޑުގެ މަސައްކަތް، އެބަ ކުރޭ. އެ މަސައްކަތްތަކުގެ ތެރޭގައި މާވަށް ހިމެނޭތޯ ބަލާނަން." މިނިސްޓަރ މަހްލޫފު ވިދާޅުވިއެވެ.

އެހެންނަމަވެސް ލައިޓެއް ނުދިއްލިގެން ކުޅިވަރާ ބެހޭ މިނިސްޓަރު މަޖިލީހަށް ގެނެސް ކުރާ ސުވާލުތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.