ފަޅިމޫނު - 52

(14 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޚްސާނާގެ މަންމަ ފުންމައިގެން ތެދުވެއްޖެއެވެ. "މުސްކުޅިވީ ދުވަހު ތިޔަ ދައްކަނީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް؟ ކާވެނިކޮށްދިނީވެސް މައުލަވީއެއް. ކާވެނީގެ ލިޔުން އެބައޮތް. އެއީ ދެމަފިރިންކަމަށް ހިސާބުގަނޑުގެ އެންމެން ހެކިވާނެ. އެހެންވީމާ ނާޖާއިޒު ގުޅުމަކަށް ވާނީ ކިހިނެއް؟ މިއީ ނާޖާއިޒު ގުޅުމެކޭ ބުނަން ބޭބެއަކީ ކާކު؟"

"އަހަރެން މިއީ އެއްވެސް މީހެއް ނޫން. އަހަރެންގެ ބުއްދިއަށް ފެނުނު ވާހަކައެއް ދެއްކީ. އަހަރެން ހަމައެކަނި ލަފައެއް ދިނީ. އަދިވެސް އަހަރެން ބުނާނީ ދަންނަބޭކަލަކާ ވާހަކަ ދައްކައިލާށޭ."

ރުޚްސާނާ އަހައިލިއެވެ. "ބޭބެ ތިޔަ ވާހަކަ ބާދްޝާ ޖާނީ ގާތު ދެއްކިންތަ؟"

"ނުދައްކަން. އަހަރެން ފުރަތަމަ މި އައީ ދަރިފުޅާއި ދަރިފުޅުގެ މައިންބަފައިންނާ ވާހަކަ ދައްކައިލާންވެގެން."

ރުޚްސާނާ ތެދުވެއްޖެއެވެ. އެ ދިޔަގޮތަށް ގޮސް އިށީނީ އިންޖިނޭރުބޭބެގެ ފައިބުޑުގައި ބިންމަތީގައެވެ. އޭނާގެ ދެފައިގައި ހިފައިފައި ބުންޏެވެ. ""ބޭބޭ. ﷲ އަށްޓަކައި އަހަރެންގެ މަޖުބޫރީއާއި އަހަރެންގެ އަނދައިފައިވާ މޫނާމެދު ވިސްނައިލާފައި ބާދްޝާ ގާތު ތިޔަ ވާހަކަ ނުދައްކާތި. އޭނާ ގާތު ބޭބެ ބުނެފިއްޔާާ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ވެގެން ހިނގައިދާނެ. މިހާރު އޭނާ ހިފެހެއްޓިފައި އެހެރަ މިންވަރަށް ހިފެހެއްޓިފައި އެހެރީވެސް ކާވެނީގެ ގުޅުމާއި ލިބިފައިވާ ދަރިޔާ ހެދި. ކާވެނީގެ ޖާއިޒު ނާޖާއިޒުގެ ސުވާލު އުފެދޭކަން އެނގުމާއެކު އޭނާގެ ލަގަން ދޫވެދާނެ. އޭގެ ފަހުން އެއްވެސް މީހަކަށް އޭނާ ކޮންޓުރޯލެއް ނުކުރެވޭނެ."

އިންޖިނޭރުބޭބެ ރުޚްސާނާގެ ދެއަތުގައި ކޮޅަަށް ނަގައިފިއެވެ. "ދަރިފުޅާ. ބޭބެއަށް ﷲ އާ ކުރިމަތިލާންވެސް ޖެހޭނެ. ބޭބެ ބޭނުން ވަނީ ދަރިފުޅުގެ ދިރިއުޅުން ހަލާކުނުވެ ކާވެނިވެސް ޖާއިޒުވާނެ ގޮތެއް ހަދަން. ދަރިފުޅުގެ ހެވަށް ބޭބެ ނޭދޭނަމަ މި ވާހަކަ ފުރަތަމަ ދެއްކީހީ ބާދްޝާ ގާތު. އޭނާގެ ގޮތް ބޭބެ ވަރަށް ރަނގަޅަށް ދަންނަން. ބޭބެ މިވާހަކަ ދައްކައިފިއްޔާ ދަރިފުޅު ދޫކޮށްލާފައި ފަރުޒާނާގެ އުނގަށް ވެއްޓިގަންނާން އޭނާއަށް އުޒުރެއް ލިބިގެން ހިނގައިދާނެ. އޭނާގެ ލޯތްބަކާވެސް ބޭބެ ދެކޮޅެއް ނޫން. އޭނާއަށް ވަނީ އަނިޔާ ލިބިފައިކަމަށްވެސް ގަބޫލުކުރަން. ބޭބެ ދަރިފުޅަކާވެސް ދެކޮޅެއް ނޫން. ކަންތައް ކޮންމެ ގޮތަކަށް ހިނގި ކަމުގައި ވިޔަސް ދަރިފުޅަކީވެސް ގަދަރުވެރިކަމާއެކު ބަލަން ޖެހޭ ކުއްޖެއް. ދަރިފުޅުގެ ލޯތްބާއި ވަފާތެރިކަމާއި ޚިދުމަތްތެރިކަން ހުރި ވަރުން ބޭބެ ކަހަލަ މީހަކަށް ދަރިފުޅާ ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް ނުކެރޭނެ. ކަންބޮޑުނުވޭ. ބޭބެ އައީ ރަނގަޅު މަޝްވަރާއެއް ދޭން. ވިސްނައިދޭން. ދަންނަބޭކަލަކާ ވާހަކަދެއްކުމުގެ ފައިދާ އޮތީ ދަރިފުޅަށް. އަހަރެމެންނަކީ މުސްލިމުން. ނަމާދު ކުރާއިރުގައްޔާއި އެހެން ވަގުތުތަކުގައި އަހަރެމެން ސޫރަތުލްފާތިޙާ ކިޔަވަމު. އެ ސޫރަތަކީ ދުޢާއެއްވެސްމެ. އަހަރެމެން ދަންނަވަނީ ތެދު މަގު ދެއްކެވުމަށް. އެހެންވީމާ ބިރުގަންނާނޭ ކަމެއް ނެތް. ދަންނަބޭކަލަކާ ސުވާލު ކޮށްލީމާ ވާނީ ފައިދާ. ނުބައިކޮށް އެޅިފައި އޮތް ފިޔަވަޅެއް ރަނގަޅު ކުރާނޭ ގޮތް ކިޔައިދޭނެ."

ރުޚްސާނާގެ މަންމަ ކަންބޮޑުވެފައި ބުންޏެވެ. "ބޭބެ ތިޔަ ދައްކަނީ ވަރަށް ބުއްދިވެރި ވާހަކަ. އަބަދުވެސް ދައްކަނީ ތިޔަ ކަހަލަ އާރުލާ ވާހަކަ. އެހެންވީމާ ނިކަން ބުނެބަލަ. ދަންނަބޭކަލަކާ ސުވާލުކުރީމާ ރަނގަޅު ވާނީ ކޮން ކަމެއް؟ ވާނީ ކޮން ފައިދާއެއް؟ އަހަރެންގެ ދަރިފުޅުގެ ކާވެނި ސައްހައެއް ނޫނޭ އެ މީހަކު ބުނެފިއްޔާ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުވާނެ."

"ކޮއްކޯ. ބޭބެއަށް ވިސްނޭ ގޮތް ބުނެފާނަން. ކާވެނި ޖާއިޒު ނޫން ކަމަށް ބުނެފިއްޔާ އޭގެ މާނައަކީ ބާދްޝާއާއި ރުޚްސާނާއާ ކާވެންޏެއް ނުކުރެއޭ. އެހެންވީމާ އަލުން ކާވެނި ކުރެވިދާނެ. ދެވަނަ ފަހަރު ކުރާ ކާވެނި ޖާއިޒުވާނެ. ދެވަނަ ކާވެނި ވެގެންދާނީ ރުޚްސާނާއާއި ބާދްޝާއާ ދެމީހުން އެކަކު އަނެކަކަށް ރަނގަޅަށް ދަނެގެން ކުރާ ކާވެންޏަކަށް."

"ބޭބޭ. އުނދަގޫ ކަމަކީ ތިޔައީ. ކާވެނީ ނާޖާއިޒުކަން ބާދްޝާއަށް އެނގުނީމާ އޭނާ ދުއްވައިގަންނާނީ ފަރުޒާނާއާ އިންނާން. އަހަރެމެންނަށް ޖެހޭނީ ހަޅޭއްލަވަލަވައި ތިބެން."

"އަހަރެން ބާދްޝާ ގާތު ފުރަތަމަ މި ވާހަކަ ނުދެއްކި ސަބަބަކީ ތިޔައީ. އޭނާއަށް ނާންގާ ދަންނަބޭކަލަކާ ވާހަކަދައްކާނީ. ކަންތައް ކުރާނޭ ގޮތެއް ކަނޑައަޅާނީ އޭގެ ފަހުން. ފުރަތަމަ ކަމަކީ މިހާރު ކޮށްފައި މިވާ ކާވެނި ޖާއިޒުތޯ ބެލުން. ނާޖާއިޒު ކަމުގައި ވާނަމަ މިއީ ދީންވެސް އަދި މުޖުތަމައުވެސް ގަބޫލު ކުރާނޭ ކަމެއް ނޫން. އަހަރެމެން މި ތިބެނީ ތިމަންމެން މިއީ މުސްލިމުންނޭ ކިޔައިގެން. އެހެންވީމާ ދީނުގެ ނިވަލުގައި ތިބެގެން މިކަހަލަ ނާާޖާއިޒު ކަންތައްތައް ކުރުމަކީ ކިހިނެއް ހެޔޮވާނޭ ކަމެއް؟ އަހަރެންގެ އެންމެ ފަހުގެ އެދުމަކީވެސް އަހަރެން މި ބުނާ ގޮތަށް ހެދުން."

މިހެން ބުނެފައި އިންޖިނޭރުބޭބެ ތެދުވެއްޖެއެވެ. ފަރީދު އަޙްމަދު ބުންޏެވެ. "މާ އަވަހަކަށް ދަނީތަ؟ ސައިތަށްޓެއް ނަމަވެސް ބޮއިލާން ވާނެއެއްނު؟"

"ނޫނޭ. އެހެން ވަގުތަކުން ސައި ބޯނީ. އަހަރެން މާދަމާ ހެނދުނު އަންނާނަން. އެންމެން އެކީގައި ދަންނަބޭކަލެއްގެ ގާތަށް ދާނީ. އަހަންނާ އެކީ ދާން ރުހެންޏާ ދާނީ. އެކަކު ނުދިޔަޔަސް އަހަރެން ގޮސް ވާހަކަ ދައްކާނަން. ސިކުނޑިއަށް ތުރާކުރާ ކަމެއްގެ ހައްލު ނުހޯދެނީހެއް އަހަރެންގެ ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބޭނެ."

އިންޖިނޭރު ބޭބެ ނުކުމެގެން ހިނގައްޖެއެވެ. އެޔަށް ފަހު އިރުކޮޅެއް ވާންދެން ގޭތެރެއަށް ހިމޭންކަން ވެރިވެފައި އޮތެވެ. ރުޚްސާނާގެ މަންމަ އިނީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. އިންޖިނޭރުބޭބެ ހިނގައްޖެކަން މުޅީން ޔަގީންވީމާ ދަތްކުނޑި ވިކައިލިއެވެ. "މުސްކުޅި ޝައިތާނު. މިހާރު އެ އައީ ދީނީ މައްސަލަ ހިފައިގެން. އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން މިހާރު ވަނީ ހަމަޔަކަށް އެޅިފައި. ދަރިއަކު ލިބިއްޖެ. ޖާއިޒު ނާޖާއިޒުގެ ވާހަކަ ދައްކަންވީ މިއަދުތަ؟ ޖެހިޖެހީނުން ދަތްޕިލާ ދުއްވައިލާފައި ދޫވެސް ދަމައިގަންނާނަމޭ ހިތަށް އަރާ. ވާހަކަ ނުދެއްކޭނީ އޭރުންނެއްނު؟"

ފަރީދު އަޙްމަދު ބުންޏެވެ. "މަގޭ ގާތަށްވެސް ރުޅި އައި. އެކަމަކު ދީނީ ވާހަކަ ފަށައިގަތީމާ ރުޅިއެއް ނުދެއްކޭނެތާ. ދީނީ ކަމެއްގައި މާ ގިނަ ވާހަކަ ދައްކާން ފަށައިފިއްޔާ ކަންކަށިމައްޗަށް ދެތިން އެތިފަހަރު އެރުން ނޫން ކަމެއް ނުވާނެ. އަހަރެމެން މި ދިރިއުޅޭ ދުނިޔޭގައި ނާޖާއިޒު ކަންތައް މި ހުންނަނީ ތާއަބަދު ހިނގަހިނގައި. އެކަމަކު މީސްމީހުން ނާޖާއިޒު ކަންތައް ކުރަނީ ސިއްރުން. އެހެންވީމާ އެ ހުރިހައި ކަމެއް ވެފައި ވަނީ ޖާއިޒު ކަންކަމަށް."

ރުޚްސާނާގެ މަންމަ ބުންޏެވެ. "ސިއްރު ކުރަނީ ކޮން ކަމެއް. ނާޖާއިޒު ކަންތައް ކުރަމުން އެތިބަގެން ދަނީ ފާޅުގައި. އެއިން މީހަކު ހުއްޓުވަން މަސައްކަތް ކުރާ މީހަކު ނެތް. ރަށްރަށުގައި ފާޅުގައި އެތިބަގެން ރާވިއްކާ ތަންތަނާއި ޖުވާ ކުޅޭ ތަންތަނާއި ހަށިވިއްކާ ތަންތަން ހިންގަނީ. ރިޝްވަތު ދެނީ. ރިޝްވަތުގައި ހިފަނީ. ވަގުމުދާ އެތެރެކުރަނީ. ބޭރު ކުރަނީ. ވަގު މުދަލުގެ ބާޒާރު ހިންގަނީ. ނާޖާއިޒު ފައިދާ ލިބިގަންނަނީ. އެއިން ކަމަކާ އަޅައިލާ މީހަކު ނެތް. ހައްޔަރު ކުރިއްޔާ ކުރަނީ އަހަރެމެން ކަހަލަ ފަގީރު ނިކަމެތި މީހުން. އަހަރެމެން ކުރި ކަމަކީ ދަރިފުޅު މީހަކާ ދެވުން. ކުއްޖަކަށް ހިސްޓީރިއާގެ ހަމަލާއެއް އައިސްގެން ލައިގެން ހުރި ހެދުން ވީދައި ބަރަހަނާ ވެގެން ބޭރަށް ނުކުންނަނީ. އަނެއް ކޮޅުން ބަޔަކު މި ކުރާ ކަމަކީ އެފަދަ ހާލަތެއް މެދުވެރި ވިޔަ ނުދޭން ކުޑަކުޑަ މަކަރެއް ހަދައިގެން އެ ކުއްޖާ މީހަކާ ދެވަނީ. މި ދެ ކުޅިވަރުންކުރެ މޮޅު ކުޅިވަރަކީ ކޮބައިކަމެއް އެއްވެސް ކަހަލަ އިޖުތިމާއީ ދީނީ ޒަރީއާއަކުން ކަނޑައެއް ނޭޅޭނެ. އެއީ ބައްޔަކަށް ކުރި ބޭހެއް. އޮތް ހަމައެކަނި ބޭހަކީ އެއީ. އަހަރެންގެ ދަރިފުޅު ފަދައިން މޫނެއް ނެތް ކުދިންނަށް އޮންނަ ހަމައެކަނި ގޮތަކީ މަކަރުހެދުން. އެކަމަކު އެއީ އެހެން ބަޔަކަށް ވިސްނޭނޭ ކަމެއް ނޫން. އިންޖިނޭރުބޭބެ މި ގެއަށް އައީ ހަމައެކަނި ދީނާއި އީމާންކަމުގެ ވާހަކަ ދައްކާން. ބަލަން ތިބޭތި. އަހަރެމެން ކޮންމެވެސް ދަންނަބޭކަލެއްގެ ގާތަށް ގެންގޮސްގެން ކޮންމެވެސް މަޅިއެއްގައި ޖައްސާނެކަން ގައިމު. އަހަރެމެން ފާފަވެރިންނަށް ހަދާނެ. އެއީ ފާފައެއް ކަމުގައި ވެއްޖެއްޔާ އެ ފާފަ ފޮހެލުމަށް ފަހު ދަރިފުޅުގެ ގެ އާބާދު ކުރެވޭނޭ މަގެއް... އެކަހަލަ އެއްވެސް މަގެއް ފެންނާކަށް ނެތް. މި ފަހަރު އަހަރެމެންގެ ދުވަސް ދާނެ."

* * *

ރުޚްސާނާ ދެއަތުން މޫނު ފޮރުވައިގެން އިނދެ ރޯން ފަށައިފިއެވެ. "އަހަރެން ދެން ހަދާނީ ކިހިނެއް؟ އަޅޭ... އަހަރެން ހަދާނީ ކިހިނެއް؟ އަހަރެން މަރުވެގަންނާނީ. އެކަމަކު އަހަރެންގެ ދަރިފުޅުގެ އަމާ މަރައިލާނީވެސް ކިހިނެއް؟ މިހާރު މިއުޅެނީ އެކަންޏެއް ނޫން. އަހަރެން މަރު ވެގެން ދާނީ ހަމައެކަނި އަހަރެންގެ މަރަކަށް ނޫން. އަހަރެންގެ ދިރިއުޅުން މިހާރު ވަގުފުވެފައި މި އޮތީ އަހަރެންގެ ދަރިފުޅަށް. އަހަރެންގެ ފިރިމީހާއަށް. ފިރިމީހާއަށް އަހަރެން ވިސްނައިދޭނީ ކިހިނެއް؟ ދުނިޔެއަށް ވިސްނައިދޭނީ ކިހިނެއް؟ އެއްވެސް ގުޅުމެއް ހެޔޮހިތުން ގަބޫލުކޮށް ޚިދުމަތުގެ އެހީގައި ދަމަހައްޓައިފިއްޔާ އެ ގުޅުމެއް ނާޖާއިޒު ގުޅުމަކަށް ނުވާނެ. އެކަމަކު މިއީ އެއްވެސް މީހަކަށް ވިސްނޭނޭ ކަމެއް ނޫން. އެހެންވީމާ އަހަރެންގެ ދިރިއުޅުން ހަލާކުވެގެން ދާނީ. އިންޖިނޭރުބޭބެ އެ ދެއްކި ވާހަކަ އެ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ އަހަރެން އަނތްބަކަށްވެސް ނުވާނެ. ހުވަފަތް އަންހެނަކަށްވެސް ނުވާނެ. އަހަރެންގެ ފަޅި މޫނު ބަދަލު ވެގެން ގޮސް މޫނެއް އަމުދުން ނުވެސް ނެތް މީހަކަށް ވެދާނެ. ނަމެއް ނެތް މީހަކަށް ވެދާނެ. ޖާނީއާ އަހަންނާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ."

މިހެން ބުނެފައި ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. އަދި މޭގައި އަތުން ޖަހައިލުމަށް ފަހު ބުންޏެވެ. "ނޯންނާންވީ ކީއްވެގެން؟ އަހަރެން ދަންނަބޭކަލެއްގެ ގާތަށް ދާނަން. އެއްވެސް މީހަކު ދެކެ އަހަރެން ބިރެއް ނުގަނޭ. އަހަރެން ބަލަން ހުންނާނަން. އަހަރެމެންގެ ގުޅުން ނާޖާއިޒު ކަމަށް ކަނޑައެޅުމަށް ފަހު މަޔަކާއި އެ މައިމީހާގެ ދަރިޔާ ދެމެދު އޮތް ގުޅުމަކީވެސް ނާޖާއިޒު ގުޅުމެއް ކަމަށް މި ދުނިޔެއިން ކަނޑައަޅަނީ ކިހިނެއްތޯ އަހަރެން ބަލާނަން. އަހަންނަކީ މަޔަކީން. ދަރިފުޅު އުރައިގެން ހުރެ ޖާނީއަށްޓަކައި އަހަރެން މުޅި ދުނިޔެއާ ހަނގުރާމަ ކުރާނަން."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.