(25 އޮކްޓޯބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ މިހެން ބުނީމާ އެންމެން އެކީގައި ހީނގެންފިއެވެ. ޙަސަން މުރާދު ކުޑަކޮށް ލަދުރަކި ގޮތަކަށް ބުނެފިއެވެ. "އަހަރެން މި ބުނީ ރުޚްސާނާ ވަރަށް އަވަހަށް ރީތިވާނޭ ވާހަކަ. މޮޑެލް ކުރުވާނީ އޭގެ ފަހުން. ނަސީބު ރަނގަޅުވާނީ އެ ވަގުތު."
"ތިޔަ ބުނަނީ އަހަރެންގެ ނަސީބުގެ މައްޗަކަށް ކުންފުނީގެ ޝައުގުވެރިކަމެއް ނެތޭ. ކުންފުނީގެ ޝައުގުވެރިކަން އޮތީ އަހަންނަށް ލިބެން އުޅޭ އަާ މޫނުގެމައްޗަށޭ."
"ދެ ގޮތަކަށް ދެކެވުނަސް މި ދެކެވުނީ އެއް ވާހަކައެއް."
"އެއް ވާހަކައަކަށް ވަނީ ކިހިނެއް؟ ލަންޑަނުގެ ބޮޑުސިންގާ ކޮސްމެޓިކު ކުންފުންޏަކުން ތިޔަ އުޅެނީ އަހަރެން ގޯނި ފުލަށް ލާން ވެގެން އަހަރެންގެ ނަސީބު ރަނގަޅުކަމުގެ ވާހަކަދައްކަން. އަހަރެން އެންމެ ފުރަތަމަވެސް އެއް ވާހަކައެއް ސާފުކޮށް ބުނެލަން ބޭނުން. އަހަރެން މިއީ ތިޔަ ކަހަލަ ފޮނި ވާހަކަތަކަށް ހެއްލޭ މީހަކީމެއް ނޫން."
ޙަސަން މުރާދު ބުންޏެވެ. "އެންމެ ރަނގަޅު. މުހިއްމު ކަންތައްތަކެއްގެ ވާހަކަ އަހަރެމެން ދެމީހުން މާދަރީ ބަހުން ދައްކައިލަމާ ހިނގާ."
ރުޚްސާނާ އަހައިލިއެވެ. "މުހިއްމު ވާހަކައަކީ ކޮބާ؟"
"މޮޑެލް ކުރުމާ ބެހޭ މުހިއްމު ވާހަކަ."
"އެންމެ ފުރަމަ ބުނެބަލަ… މުރާދާ މި ކުންފުންޏާ އޮތް ގުޅުމަކީ ކޮބާ؟"
"އަހަރެން ކުރާ މަސައްކަތަކީ މޮޑެލްކުރާނޭ ކުދިން ހޯދުން. ކުއްޖަކު ލިބުނީމާ ކުންފުނިތަކާ ގުޅުން."
"އެހެން ވެއްޖެއްޔާ ތިޔައީ މެދުވެރިއެއްތާ؟ ކުންފުނީގެ މީހުން އަހަރެންގެ ކުރިމަތީގައި ތިއްބާ މުރާދާ އަހަރެން ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބާ؟"
ޙަސަން މުރާދު ބުންޏެވެ. "ރުޚްސާނާއަކީ ބުއްވެރިއެއް ކަމަށް އަހަރެން ގަބޫލުކޮށްފިން. އެކަމަކު ވިސްނައިލާން ރަނގަޅު އެހެން ވާހަކައެއްވެސް ބުނެފާނަން. އަހަރެމެން ދެ މީހުން މިއީ އެއް ގައުމެއްގެ ދެ މީހުން . އަހަރެން ރުޚްސާނާއަށް ކޮށްދޭ ހެޔޮ ކަމެއް އެހެން ގައުމެއްގެ މީހަކު ކޮށެއް ނުދޭނެ."
"އެންމެ ރަނގަޅު. މުރާދު އަހަންނަށް ކޮށްދޭން ތިޔަ އުޅޭ ހެޔޮކަމެއްގެ ވާހަކަ ނިކަން ބުނެބަލަ."
"ރުޚްސާނާ ތިޔަ އިނީ ގައުމާ އެތައް ހާސް މޭލު ދުރު ތަނަކަށް އައިސް. މި ރަށުގައި ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑު ވާނެ. އަހަރެން ޑޮކްޓަރު ގާތު އަހައިގެން މައުލޫމާތު ހޯދައިފިން. ޕްލާސްޓިކް ސާޖަރީއަށް ލައްކައެއްހައި ރުފިޔާ ޚަރަދު ވާނެ. އެއީ މި ރަށުގެ ފައިސާއިން ބަލާނަމަ ފަސްހާސް ނުވަތަ ހަހާސް ޕައުންޑު. އަހަރެން ހަހާސް ޕައުންޑަށް އެއްބަސްވުން ހައްދަފާނަން. އަހަރެންގެ ކޮމިޝަނުގެ ވާހަކަ ފަހުން ދައްކާނީ."
"ފަހުން ކީއްވެގެން؟ މިހާރު ހަމަޖައްސާ. ކަންތައް އޮންނަ ގޮތް މުޅީން ދެނެގަންނާން އަހަރެން ބޭނުން."
ޙަސަން މުރާދު ކުޑަކޮށް ޖެހިލުންވެފައި ހުރެ ހިނިތުންވެލިއެވެ. "އަހަރެމެން ދެ މީހުންނަކީ އެއް ގައުމެއްގެ ދެމީހުން. އެހެންވީމާ އެ ވާހަކަ ދެމީހުން އެކަނި ދެއްކުން މާ ރަނގަޅު ވާނެ."
ރުޚްސާނާ ބުންޏެވެ. "ދެމީހުން މިއީ އެއް ގައުމެއް މީހުންނޭ ނުކިޔާ. އެހެން ކިޔާނަމަ އަހަރެންގެ އަތުން އެއްވެސް އެއްޗެއް އަތުލާން އުޅެގެން ނުވާނެ. އޭގެ ބަދަލުގައި އިތުރު އެހީއެއް ވެވޭތޯ ބަލާނެ."
"ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ އަހަރެންވެސް ދިރިއުޅެނީ ލަންޑަނުގައި. އަހަރެންގެ އަމިއްލަ ޚަރަދުވެސް ހުންނާނެ. އަހަރެން އާމްދަނީ ހޯދާ ގޮތަކީ މިއީ."
"އާމްދަނީ ހޯދާނެކަން އަހަންނަށްވެސް އެނގޭ. އެކަމަކު އެކަމާއި އަހަންނާ އޮތް ގުޅުމަކީ ކޮބާ؟ އަހަރެންގެ ކަމެއްގެ ތެރެއަށް މުރާދު ވައްދާން އަހަރެން އުޅުމުގެ ބޭނުމެއް ނެތެއްނު؟ ކަމިޝަނަކީ އެއް ޕެނީ ކަމުގައި ވިޔަސް އެއްހާސް ޕައުންޑު ކަމުގައި ވިޔަސް އަހަންނާއި ކުންފުނީގެ މީހުންގެ މުއާމަލާތެއްގައި މުރާދު ބައިވެރިކުރުމުގެ ބޭނުމެއް ނެތެއްނު؟"
އޭނާ ފަޚުރުވެރިކަމާއެކު ހިނިތުންވެލިއެވެ. "އަހަންނާ ނުލައި މި މުއާމަލާތެއް ފުރިހަމައެއް ނުކުރެވޭނެ."
"އެންމެ ރަނގަޅު. އެހެންވެއްޖެއްޔާ މި މީހުން ގޮވައިގެން ދޭ."
އޭނާ ކަންބޮޑުވެފައި ބުންޏެވެ. "ތިޔައީ ކޮން ކަހަލަ ވާހަކައެއް؟ ހަހާސް ޕައުންޑުގެ ފުރުސަތެއް ނަގައިލަނީތަ؟ މިތާނގައި ދިރިއުޅެން ފައިސާ ބޭނުންވާނެ."
"އަހަރެންގެ ބޭނުންތައް ހުރި މިންވަރު އަހަންނަށް އެނގޭ. މޮޑެލްކުރާ ހިތްނުވާ ވާހަކަ އަހަރެން އޮންނާނީ ކުރިންވެސް ޑޮކްޓަރ ލުއިސް ގާތު ބުނެފައި."
ދެން ރުޚްސާނާ އެނބުރިލީ އިނގިރޭސިންނާ ދިމާއަށެވެ. އެމީހުންނާ އޭނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. "މިސްޓަރ ހޮކް. ވަރަށް ހިތާމަޔާއެކު ބުނަން ޖެހެނީ މިސްޓަރ ޙަސަން މުރާދު އެ ބުނާ ގޮތަށް އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނުވެއޭ. އެހެންވީމާ މި ވާހަކަ އިތުރަށް ކުރިއަށް ގެންދާކަށް އަހަރެން ބޭނުމެއް ނޫން."
މިސްޒް ހޮކާއި އެހެން މެހުމާނުން ހައިރާން ވެފައި ޙަސަން މުރާދާ ދިމާއަށް ބަލައިލިއެވެ. ޙަސަން މުރާދު ކަންބޮޑުވެފައި ބުނެލިއެވެ. "މިސް ރުޚްސާނާ ކުޑަކޮށް ނުރުހުންވީ. އަހަރެން އޭނާ އެއްބަސް ކުރުވައިފާނަން."
މިސިޒް ހޮކް ބުންޏެވެ. "އަމިއްލަ ބަހުން ވާހަކަދައްކައިގެން އޭނާ އެއްބަސް ކުރުވަން ތިޔަ އުޅެނީ ކީއްވެގެން؟ އިނގިރޭސި ބަހުން ވާހަކަދައްކާ. ދެކެވޭ ވާހަކަ އަހަރެމެންނަށްވެސް އެނގެން ވާނެ."
ރުޚްސާނާ ބުންޏެވެ. "ތިޔައީ ރަނގަޅު ވާހަކައެއް. އެންމެންވެސް ވާހަކަދައްކަންވީ އިނގިރޭސި ބަހބުން."
މިސްޓަރ ރިޗަޑް ބުންޏެވެ. "އަހަރެމެން ޙަސަން މުރާދު ގެނައީ ރުޚްސާނާއަށް ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަދައްކަން ނޭނގޭނެ ކަމަށް ހިތައި. އެކަމަކު ރުޚްސާނާ ފަރިތަކޮށް އެބަ ވާހަކަދައްކަމު."
މިސިޒް ހޮކް ބުންޏެވެ. "އެންމެ ރަނގަޅު. ވާހަކަ ފަށަމާ ހިނގާ. އަހަރެމެން ބޭނުންވަނީ އިޝްތިހާރުގެ މަސައްކަތަށް ރުޚްސާނާ ކުއްޔަށް ހިފަން. ހިފުމުގައި ފުރަތަމަ ކުރާނޭ ކަމަކީ އަގެއް ކަނޑައެޅުން. އަގަކަށް އެއްބަސްވެ ސޮއި ކުރެވުނީމާ ރުޚްސާނާގެ ހުރިހައި އިޚްތިޔާރެއް އަހަރެމެންނަށް ލިބުނީ. ކެމެރާގެ ބޭނުން ކޮށްގެން އަހަރެމެން ބޭނުން ގޮތަކަށް ރުޚްސާނާ ދެއްކުމުގެ އިޚްތިޔާރު އޮންނާނެ."
ރުޚްސާނާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ފުރަތަމަ ކަމަކަށް އަހަރެން އަދި މޮޑެލަ ކުރާކަށް އެއްބަހެއް ނުވަން. އަހަންނަށް ޖެހޭނީ ފިރިމީހާގެ ހުއްދަ ހޯދަން. އާނއެކޭ ބުނާނީ އޭގެ ފަހުން. އާނއެކޭ ބުނުމަށް ފަހު އަހަރެންގެ ޝަރުތުތަކެއްވެސް ހުންނާނެ. އެ ޝަރުތުތައް އެންމެ ފުރަތަމަ ކިޔައިދޭނަން. ފުރަތަމަ ޝަރުތަކީ އަހަރެން ލަދުހަޔާތް ކުޑަކަން ފެންނަ ކަހަލަ އެއްވެސް ހެދުމެއް ނާޅާނަން. ދެވަނައަށް އަހަރެން އަމިއްލައަށް ލަދު ގަންނަ ކަހަލަ ހަރަކާތެއްގައި ހުރެގެން ފޮޓޯ ނުނަންގާނަން. ތިންވަނަ ކަމަކަށް އަހަރެންގެ ފޮޓޯ ނަގަނީ ފިރިހެނަކާ އެކުގައި ކަމަށް ވަންޏާ އެމީހަކާއެކު ތަނެއްގައި އިށީނދެގެން އިނދެގެން ނުވަތަ ކޮޅަށް ހުރެގެން ފޮޓޯ ނަގައިފާނަން. އެކަމަކު އެ މީހަކު އަހަރެންގެ ގައިގެ އެއްވެސް ތަނެއްގައި އިނގިލިކުރި ޖައްސައިލާންވެސް އެއްބަހެއް ނުވާނަން. ވިސްނައިލާ. އަހަރެންގެ ޝަރުތުތަކަށް އެއްބަސްވާ ކަމަށް ވަންޏާ ވާހަކަދެއްކިދާނެ. އެހެންނޫނީ މިހައިތަނުން ވާހަކަ ނިމުނީ."
ޙަސަން މުރާދު ބުންޏެވެ. "ކޮންމެ އަގެއް ދީގެންވެސް ރުޚްސާނާ ލައްވައި މޮޑެލް ކުރުވުން މި ކުންފުނިން ބޭނުންވާ ވާހަކަ ޑޮކްޓަރ ލުއިސް ބުނެފައި އޮތީހެން ހީވޭ. ތިޔަ ކަހަލަ އުނދަގޫ ޝަރުތު ކަނޑައަޅަނީ އެހެން ވެގެން. އަޅައިގެން ހުންނަ ހެދުމާއި ހަރަކާތާއި އަދާއާއެކު މޮޑެލް ކޮށްގެން އަސަރު ދައްކައިދޭން އެއްބަސް ނުވަންޏާ މޮޑެލް ކުރުމުގެ މަގުސަދު އޮންނާނީ ގެއްލިފައި."
"މިސްޓަރ މުރާދު. އަސަރުދެއްކުމޭ ތިޔަ ބުނާ ބަހުގެ މާނައަކީ ކޮބާ؟ އަހަންނަށް އެނގިފައިވާ ގޮތުގައި ހުޅަނގުގެ މޮޑެލްކުރުން މިހާރު ވަނީ އޮރިޔާންކަމުގެ ތެރެއަށް ވަދެގެން ގޮސްފައި."
"މިސް ރުޚްސާނާ…"
"އަހަރެން ބުނެފިން ފިރިމީހާގެ ހުއްދަ ހޯދަން ޖެހޭނެއޭ. އެހެންވީމާ އަހަރެން މިއީ މިސްްއެއް ނޫންކަމާއި މިސިޒެއްކަން މިހާރު އޮޅިފައި އޮވެގެން ނުވާނެ."
"މާފުކުރޭ މިސިޒް ރުޚްސާނާ. ރުޚްސާނާ އޮރިޔާންކަމޭ ތިޔަ ކިޔާ ކަންކަމަކީ މިޒަމާނުގެ އުސޫލު. އެއީ ހުނަރެއް. އެ ހުނަރަށް އޮރިޔާންކަމޭ ކިޔަނީ ބޯދާ ޒަމާނުގެ ކަޓު ޚިޔާލުގެ މީހުން."
(ނުނިމޭ)
މާލަހީ އަޕްވާލެއް..............