ފަޅިމޫނު - 11

(13 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބޮޑެތި މީހުން އަޅުގަނޑުމެންނަށް ދެރަ ގޮތަކަށް ނުވިސްނަވާނެ. ތިޔަ ވާހަކަތައް އަޅުގަނޑު ގަބޫލު ކުރަން. ގެޔާ ޖެހިގެން އޮތް ގޯތި ގަތީވެސް ތިޔަ ވިސްނުމުގައި. އެތާގައި އަޅުގަނޑުމެން އަޅާނީ ހަސްފަތާލެއް."

"އަހަރެން ބޭނުން ވަނީ ވީހައިވެސް އަވަހަކަށް ދަރިފުޅުގެ ކާވެނި ކުރުވަން. މިހާރު ކަންތައްތައް ހަމަޖެހެމުންދާތީއާވެސް އެކު ގޭގެ އެއްވެސް ކަމެއް އަހަރެން ސިއްރެއް ނުކުރާނަން. އަހަރެމެންގެ މާލީ ހާލަތު ވަރަށް ދެރަ. ދަރިފުޅުގެ އެންމެ ފަހު އަހަރު ކިޔެވުމުގެ ޚަރަދުވެސް މި ދަނީ ކިރިޔާ އުފުލެމުން ނޫފުލެމުން ކަހަލަ ގޮތަކަށް. ކޮލެޖު ފީ ދައްކާ ދުވަސްވެސް ބޯމަތިވަނީ. އިތުރު ޚަރަދު ކުރުން މިހާރު މި ވަނީ ވަރަށް ދަތި ކަމަކަށް ވެފައި. އެހެންވީމާ އަހަރެމެންގެ ހިތަށް އެރީ މީހަކާ އިނީމާ ފިރިމީހާގެ ޚަރަދުގައި ކިޔަވައިފާނެއޭ. ވީހައިވެސް އަވަހަކަށް ކާވެނި ކުރުވަން ބޭނުންވާ އެއް ސަބަބަކީ އެއީ."

"ތިޔަ ދެއްކެވީ އަޅުގަނޑުގެ ހިތުގައި އޮތް ވާހަކަތައް. ބުނުއްވާ ދުވަހަކަށް އަޅުގަނޑު މިހިރީ ތައްޔާރަށް."

"ބޮޑެތި ޕާޓީ ބޭއްވުމަކީ އަހަރެން ރުހޭ ކަމެއް ނޫން. ބާދްޝާގެ ގާތްތިމާގެ މީހަކުވެސް ނެތެއްނު؟ އެހެންވީމާ ދެތިން އެކުވެރިން ގޮވައިގެން އާދޭ. އެމީހުން ހެކިވެރިންގެ ގޮތުގައި ތިބޭނެއެއްނު؟ ކާވެނީގެ ކަންތައްތައް ކުރިއަށް ގެންދާނީ ސާދާ ގޮތަކަށް. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ގޯއްޗާއި ގެ ރުޚްސާނާގެ ނަމަށް ބަދަލު ކޮށްލާ. ކާވެނި ކުރާނީ އަދި ހަފުތާއެއްހައި ދުވަސް ފަހުން."

ބާދްޝާ ޖާނީގެ އުފަލުގެ ހައްދެއް ނެތެވެ. ހަމަ މި ވަގުތު އުދުހިފައި ގޮސް ރުޚްސާނާ ގާތު މި ވާހަކަ ބުނެވޭނޭ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

ކުޑައިރުކޮޅެއް ފަހުން ބާދްޝާ އޮތީ ކޮލެޖު ދޮށުގައެވެ. އޭރު އަދި ދޭއް ނުޖަހައެވެ. އެހެންވީމާ އޭނާ ކާރުން ފައިބައިގެން ދޮރާށި ދޮށުގައި ކުރުކާލި ކަނޑަން ފަށައިފިއެވެ. އަނެއްކޮޅުންވެސް ފެނުނީ ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ އަލާމާތެވެ. ދޭއް ނުޖަހަނީސް ރުޚްސާނާ ބޭރަށް ނުކުމެއްޖެއެވެ. މޫނުމަތީން ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. އިއްޔެވެސް އޭނާ ހުރީ ހަމަ މިކަހަލަ ގޮތަކަށް ކަންބޮޑުވެފައެވެ. ބާދްޝާ ޖާނީއަށް އޭނާ ފެނުނީމާ އަހައިފިއެވެ. "ކިހިނެއްވީ؟ މިއަދު އަނެއްކާ ގަބުރަކާ ހިފީތަ؟"

އޭނާ ބޯ ހޫރައިލިއެވެ. "އަހަރެން ކުޑަކޮށް ބަލިވެއްޖެހެން އެބަ ހީވޭ."

މިހެން ބުނެފައި ގޮސް ކާރުގެ ކުރިއަށް އަރައިފިއެވެ. ބާދްޝާވެސް ގޮސް ކުރިއަށް އަރައި ހަމަޖެހިލައިފިއެވެ. "މާގިނަ ވާހަކަ ނުދައްކައި އުފާވެރި ޚަބަރު ދިނުމަކީ އެންމެ މޮޅު ގޮތް. މަންމަ އެއްބަސް ވެއްޖެ. އަންނަ ހަފުތާގައި އިރާދަކުރެއްވިއްޔާ ދެމީހުންގެ ކާވެނި ކުރެވޭނެ."

ރުޚްސާނާއަށް ބާދްޝާ ދެއްކި ވާހަކައިގެ އަޑު ރަނގަޅަށް އިވުނެވެ. އަދި ކުއްލިއަކަށް އޭނާގެ މޫނަށް ބަލައިލިއެވެ. މިއީ އޭނާ ލަދުވެތިވާން ޖެހޭ ދަނޑިވަޅެކެވެ. ކުޑަކޮށް ހިނިތުންވެލާން ޖެހޭ ދަނޑިވަޅެކެވެ. އިސްޖަހައިލާން ޖެހޭ ދަނޑިވަޅެކެވެ. މިއިން އެއްވެސް ކަމެއް ނުކުރާނަމަ ކާވެނީގެ ވާހަކަ ބުނީމާ އުފާވާން ވާނެއެވެ. އެކަމަކު އޭނާގެ މޫނުމަތީން މިފަދަ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އަސަރެއް ފެންނާން ހުރިނަމަވެސް އެއީ ކޮން ކަހަލަ އަސަރެއް ކަމެއް ބާދްޝާއަކަށް ނޭނގުނެވެ.

ބާދްޝާ ހައިރާން ވެފައި އަހައިލިއެވެ. "އުފަލެއް ނުވޭތަ؟"

"އޭނ..." ފުން ޚިޔާލެއްގެ ތެރެއިން ނުކުމެވުނު ކަހަލަ ގޮތަކަށް އޭނާ ސިއްސައިގެން ދިޔައެވެ. އެޔަށް ފަހު އިސްޖަހައިލިއެވެ. ދެވަނަ ސިކުންތުގެ ތެރޭގައި ކުރިއަށް، މަގުމައްޗަށް ނަޒަރު ސީދާކޮށްލިއެވެ. ހިނދުކޮޅަކު އެހެން އިނުމަށް ފަހު ބުނެފިއެވެ. "މަންމަޔާ ދެއްކި ވާހަކަ އަހަންނަށް ކިޔައިދީ."

ބާދްޝާ ކާރު އިސްޓާޓު ކުރުމަށް ފަހު ދުއްވައިލިއެވެ. އަދި ރުޚްސާނާގެ ބައްޕަޔާ ދިމާވީ ހިސާބުން ފެށިގެން އެނބުރި ގެއަށް އައިސް މަންމަޔާ ބައްދަލުކޮށް ހުރިހައި މުއާމަލާތެއް ނިންމައި ކަނޑައެޅުނު ގޮތް ކިޔައިދީ ނިންމައިފިއެވެ.

"ބާދްޝާ އެއްބަސްވީތަ؟" ރުޚްސާނާ ފުން ނޭވައެއް ލިއެވެ. "އެއްބަސްވީ ކީއްވެގެން؟ އެހައި އަގު ބޮޑު މުއާމަލާތަކަށް އާނ ބަސް ބުނީ ކީއްވެގެން؟ އަހަރެން ދެކެ އެހައި ބޮޑަށް ލޯބިވަނީ ކީއްވެގެން؟"

"ތިޔައީ ކުޑަކުދިން ކުރާ ކަހަލަ ސުވާލު. އަހަރެން ނޭވާ ލަނީ ކީއްވެގެން ހެއްޔޭ އެހުމާއި ތިޔަ ކުރާ ސުވާލަކާ އެއްވެސް ތަފާތެއް ނެތް. ތިޔައީ ހޭން ޖެހޭ ކަހަލަ ސުވާލެއް. އަހަރެން ރުޚްސާނާ ދެކެ ލޯބިވޭ. އަހަރެންގެ އަތުގައި ހުރިއްޔާ ހުރިހައި އެއްޗެއް ރުޚްސާނާއަށްޓަކައި ގުރުބާން ކޮށްލަން މިހިރީ ތައްޔާރަށް. ސަބަބަކީ ކޮބައިކަން އެނގޭތަ؟ އަހަރެން ދުނިޔެއަށް އައީވެސް ރުޚްސާނާއަށްޓަކައި. ދިރިއުޅުމުގައި މިހައިތަނަށް ކުރި ހުރިހައި ކަމަކީ ރުޚްސާނާއަށްޓަކައި ކުރި ކަންތައްތަކެއް. މިހާރު މިކުރާ ކަމަކީ އެ ހުރިހައި ކަމެއް ރުޚްސާނާއަށް ވަގުފު ކުރަނީ. މިކަމުގައި އާދަޔާ ޚިލާފު ކަމަކަށް އޮތީ ކޮން ކަމެއް؟ މިއީ އާ ކަމެއްވެސް ނޫން... ދާންވީ ކޮން ތަނަކަށް؟"

"ވަރަށް ދުރަށް." ރުޚްސާނާގެ ނަޒަރު އަދިވެސް ހުއްޓިފައި ހުރީ ކުރިމަތީން ފެންނާން އޮތް ސަރާސަރު މަގަށެވެ. "މިއަދުގެ ބައްދަލުވުން ނުނިމޭހައި ދުރަށް ހިނގާ."

"ނިމެންޏާ ނިމިޔަދީ." ބާދްޝާ ހީނގަތެވެ. "މާދަމާ އަނެއްކާ ދެމީހުން ބައްދަލުވާނެނު؟"

ރުޚްސާނާ ބޯ ހޫރައިލިއެވެ. "ނޫން. މާދައިން ފެށިގެން އަހަރެމެން ދެމީހުން ބައްދަލެއް ނުވާނެ. މަންމަ ބުނެފައި އޮތީ ކާވެނީގެ ކަންތައް ހަމަޖެހުނީމާ ހުރިހައި ކަމެއް ނިމި ހަމަޖެހެދެން ކޮލެޖަކަށް ނުދެވޭނެއޭ. އަދި ބާދްޝާއަކާ ބައްދަލެއްވެސް ނުކުރެވޭނެއޭ. ބާދްޝާއަކަށް މަންމަޔަކާވެސް ބައްދަލެއް ނުވާނެއޭ. މިއަދުވެސް..." އޭނާ ވާހަކަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. އަދި ހިތާވެރި ރާގަކަށް ބުންޏެވެ. "މިއަދު މިއީ އެންމެ ފަހުގެ ބައްދަލުވުން."

"މިއަދު މިއީ ވަގުތީ ގޮތުން ބައްދަލުވާ އެންމެ ފަހުގެ ބައްދަލުވުން ކަމުގައި ވެދާނެ. އެކަމަކު ކާވެނީގެ ފަހުން ދެމީހުން އަބަދަށްޓަކައި އެކުގައި އުޅޭ ދެމީހުންނަށް ވެދާނެ."

ރުޚްސާނާ ލޯ މަރައިލިއެވެ. ހަގީގަތާ ކުރިމަތިލާން ބޭނުން ނުވަނީ ކަހަލައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ލޯ ހުޅުވައިލީއިރު އިނީ ފެންކަޅިވެފައެވެ. "އިންޖިނޭރުބޭބެއެއްގެ ވާހަކަ ބުނީމެއްނު؟ އެއީ ތަޖުރިބާކާރު މީހެއްތަ؟"

"އާނ. ވަރަށް ބޮޑު ތަޖުރިބާކާރެއް. އަހަރެމެންނަށް ވިސްނައިނުގަނެވޭ ވަރުގެ ފުން ވާހަކަ ދައްކާ މީހެއް."

"އެކަހަލަ ތަޖުރިބާކާރަކު ހުއްޓައި އަމިއްލައަށް ހުރިހައި ކަމެއް ނިންމައިލީ ކީއްވެގެން؟ އަހަރެމެން މިއީ އަދި ޒުވާނުން. އަމިއްލައަށް މާ މޮޅު އަދި މާ ވިސްނުންތެރި ބަޔަކު ކަމުގައި ގަބޫލުކޮށްގެން ތިބި ނަމަވެސް އަހަރެމެންނަށް ކަތި ފިޔަވަޅު އެޅޭނެ. މި މައްސަލައިގެ ބައިވެރިއަކަށް އިންޖިނޭރުބޭބެ ހެދިނަމަ ވީހީ ކޮން ގެއްލުމެއް؟"

"އަހަރެން އުޅުނީ ބޭބެ ގެންދަން. އެކަމަކު ރުޚްސާނާގެ މަންމަ އެކަމަކާ އެއްބަހެއް ނުވި. ބުނީ އަހަންނާ ލޭގެ ގުޅުން ހުރި މީހަކު ނެތެއް ނޫންހޭ. އެހެންވީމާ ހަމައެކަނި ދުލުކުރީގެ ތިމާގެ ކަމެއް އޮތް ބަޔަކު ގޮވައިގެން ދިއުމުގައި އޮތީ ކޮން ފައިދާއެއްހޭ. މަންމަޔާ ބަހުސުކުރާކަށް އަހަރެން ބޭނުމެއް ނުވި. އެއީ މިހާރު ހަމައެކަނި ރުޚްސާނާގެ މަންމައެއް ނޫން. އަހަރެންގެވެސް މަންމަ. މަންމަގެ ވާހަކައަށް އެއްބަސް ވުމަކީ އަހަރެން ކުރި ކަމުނުދާ ކަމަކީތަ؟"

ރުޚްސާނާ ކުޑައިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "ދިރިއުޅުމުގައި ކުރާ އެއްވެސް ކަމެއް މާ ބޮޑަށް ގުދުވެގެން އޮވެ ނުކުރާތި. މާ އަގުބޮޑު ނިންމުމެއްވެސް ނުނިންމާތި. އަދި އަމިއްލަ ނަފުސަށް އާދަޔާ ޚިލާފަށް ބޮޑަށް އިތުބާރުވެސް ނުކުރާތި. އަތްފޯރާ ފަށުގައި ތަޖުރިބާކާރު ބަޔަކު ތިބިއްޔާ އެބައެއްގެ މަޝްވަރާއާއި ތަޖުރިބާގެ އެހީތެރިކަން އަބަދުވެސް ހޯދަންވާނެ. އަހަރެން މި ދައްކަނީ އުސޫލުގެ ވާހަކަ. މިއިން އެއްވެސް ވާހަކައެއް މަންމަ ގާތު ނުދައްކާތި. ރުޅި އަތުވެދާނެ."

"ތިޔަ ދައްކަނީ ވަރަށް ރަނގަޅު ވާހަކަ. ގުދުވެގެން އޮވެ މުއާމަލާތެއް ނިންމާކަށް ނުވާނެ. އެކަމަކު ބުނަންތަ؟ އަހަރެން މިކަހަލަ ގޮތަކަށް ގުދުވީ ފުރަތަމަ ފަހަރަކީ މިއީ. މިއީ ލޯތްބަށްޓަކައި ގުދުވީ ގުދުވުމެއް. އެހެން ނޫންނަމަ އަހަރެންގެ ބޯ ތިރިކޮށްލުމަކީ އެއްވެސް މީހަކަށް މިހައިތަނަކަށް ކުރެވުނު ކަމެއް ނޫން. އަދި ކުރެވޭނޭ ކަމެއްވެސް ނޫން. ވެދިޔަ ކަންތައް ވެދިޔައީ. ދެކެވުނު ވާހަކައަކީ ފިރިހެނެއްގެ ދުލުން ނުކުތް ވާހަކަތަކެއް. އަހަރެން އެވާހަކަޔާ ޚިލާފެއް ނުވާނަން. ޚިލާފުވާންވީ ސަބަބެއްވެސް ނެތް. ކުރިއްޔާ ކުރި ކަމެއް މި ކުރީ ރުޚްސާނާއަށްޓަކައި. ކާވެނި ކުރެވޭއިރު އަހަރެންގެ ހުރިއްޔާ ހުރި އެއްޗެއް ހުންނާނީ ރުޚްސާނާގެ ނަން މައްޗަށް ބަދަލުވެފައި. އެކަމަކު ރުޚްސާނާ ހުންނާނީ އަހަރެންގެ ނަންމައްޗަށް ބަދަލުވެފައެއްނު؟ އެހެންވީމާ ގެއްލުމެއް ނެތެއްނު؟"

ރުޚްސާނާ ވާހަކައިގެ މަވްޟޫޢު ބަދަލުކޮށްލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ބާދްޝާ އެ ވާހަކައިގެ ތެރެއަށް ގެއްލިއްޖެއެވެ. ދުއްވަމުން ގޮސް ޕާކެއްގެ ތެރެއަށް ވަދެއްޖެއެވެ. އެތަނުން ނުކުމެގެން ގޮސް ވަނީ ރެސްޓޯރަންޓަކަށެވެ. ކެއުމުގެ ވާހަކަ ދެއްކީމާ ބަލި އުޅޭ ކަމުގެ ބަހަނާ ދައްކައިގެން ރުޚްސާނާ ކެއުމާ ދުރުވެގެންފިއެވެ. އެކަމަކު ހަވީރު ބާދްޝާ އޭނާއަށް ފިނިކުރި ފުޅިއަކާއި ބަނަހެއް ދިނެވެ. ނިޒާމްއާބާދަށް މިސްރާބު ޖެހީ ހަވީރު ފަހެއް ޖެހީމައެވެ. ނިޒާމްއާބާދުގެ ސަރަހައްދަށް ވަދެވުމާއެކު ދޯޕައްޓާއިން މޫނު ފޮރުވައިގެން އިނދެ ރުޚްސާނާ ރޯން ފަށައިފިއެވެ.

ބާދްޝާ ކަންބޮޑުވެފައި އަހައިލިއެވެ. "ރޮނީ ކީއްވެގެން؟"

ރުޚްސާނާ ބޯ ހޫރައިލިއެވެ. "ކަމެއް ނުވޭ."

"ކަމެއް ނުވެ މީހުން ރޮއި އުޅޭތަ؟ ކޮންމެވެސް ކަމެއް ވެއްޖެ. ކިހިނެއްވީ؟"

"ބާދްޝާގެ ރަނގަޅުކަން ހިތަށް އެރީމާ ރޮވުނީ. އަހަރެންގެ އަމިއްލަ ނަފުސުގެ މަތީން ހަނދާން ނައްތާލައިގެންވެސް އަހަރެން ބާދްޝާގެ ހަނދާންތައް ދަމަހައްޓާނަން."

"ތިޔައީ ކޮން ކަހަލަ ވާހަކައެއް؟ ތިޔައީ ހިތާމަކޮށް ރޯން ޖެހޭ ވަރުގެ ކަމެއް ނޫން. ކަންބޮޑުނުވޭ. ހަފުތާއެއް ފަހުން ދެމީހުން ތިބޭނީ އެކަކަށް ވެފައި."

އޭނާ އަދިވެސް އިނީ މޫނު ފޮރުވައިގެންނެވެ. އޭނާގެ އަނގައިން އާހެއްގެ އަޑު ނުކުތެވެ.

* * *

އެ ހަފުތާ ފާއިތު ވެގެން ދިޔައީ ވަރަށް ބުރަކޮށެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ބާދްޝާ ޖާނީ ދެކަމެއް ކުރިއެވެ. އެއް ކަމަކީ އޭނާގެ ދެ ގޯއްޗާއި، ގެ ރުޚްސާނާއަށް ހިބަކޮށް ދިނުމެވެ. ދެވަނަ ކަމަކީ މަހު ޚަރަދަށް މަހަކު ދެހާސް ރުފިޔާ ރުޚްސާނާއަށް ދޭނޭ ކަމަށް ލިޔެ ސޮއި ކުރުމެވެ. ކުރިއަށް ދާން ރުޚްސާނާ ކުރާ މަސައްކަތުގެ ހުރަހަކަށް ނުވާނޭ ކަމަށްވެސް އެ ލިޔުމުގައި އޮތެވެ. އަވަދިނެތި އުޅުނު ނަމަވެސް ރުޚްސާނާ ފެނިދާނޭ ކަމުގެ އުއްމީދުގައި އޭނާ ޢައްބާސީ ހަސްފަތާލު ދޮށަށް ދެއެވެ. ބައެއް ފަހަރަށް ކޮލެޖު ކުރިމަތީގައި މަޑުކޮށްގެން އޮވެއެވެ. ދޭއް ޖެހީމާ ނުކުންނަ ކުދިންގެ ތެރޭގައި ރުޚްސާނާ ހުރެދާނޭ ކަމުގެ އުއްމީދުގައެވެ. އެކަމަކު އެ ނަސީބެއް ނުލިބެއެވެ. މައިންބަފައިން އޭނާ ކޮލެޖަށް ނުފޮނުވަނީ ކަމުގައި ވެދާނެއެވެ. މިފަދަ ހާލަތުގައި އަންހެން ދަރިން ގެއިން ބޭރަށް ނުކުތުން މަނާ ކުރުމަކީ އާދަޔާ ޚިލާފު ކަމެއް ނޫނެވެ.

ދެން އޭނާ މަސައްކަތް ފެށީ ގެ މަރާމާތުކޮށް ޒީނަތްތެރި ކުރާށެވެ. ފަރުނީޗަރާއި ގެއަށް ބޭނުންވާ އެހެނިހެން ސާމާނު ގެންފިއެވެ. ގެއަކަށް ކޮންމެހެން ބޭނުންވާނޭ ހުރިހައި ތަކެއްޗެއް ގެއަށް ވައްދައި ފުރިހަމަ ކޮށްފިއެވެ. ގޭގެ ފާރުތަކުގައި ކުލަ ލައި ރީތިކޮށްފިއެވެ. އިންޖިނޭރުބޭބެ ހުރީ ކަންތައް ދާގޮތާމެދު ނުރުހިފައެވެ. އޭނާޔާ ބައްދަލުވާ ކޮންމެ ފަހަރަކު ބުނެއެވެ. "މި ހުރިހައި މުއާމަލާތަކާ ދުރުގައި އަހަރެން ބެހެއްޓުމަކީ ކަލޭ ކުރި ވަރަށް މޮޔަ ކަމެއް. އަހަންނަށް އިތުބާރު ނުކުރެވޭތީ ނުގެންދިޔައީ ކަމަށް ވީނަމަ ހަރު އެހެން މީހަކު ގެންދިޔަނަމަ ރަނގަޅުވީސް. ނޫނީ ބުއްދީގައި އުރަތްޕެއްހުރި އެކުވެރިޔަކު ގެންދިޔަ ނަމަ..."

މިފަދަ ކޮންމެ ދަނޑިވަޅަކު ބާދްޝާ އިންޖިނޭރުބޭބެގެ ފައިމޮޑެދީ، ވައިޖަހާ ހަދައެވެ. "ބޭބޭ. ރުޅި ނާދޭ. އަހަރެން މިއީ ކަނު މީހެއް ކަމަށް ބަލާ. ނޫނީ ތަނެއްދޮރެއް ނޭނގޭ މޮޔައެއް ކަމަށް ބަލާ. ކަންތައް ކުރާނޭ ގޮތެއް އަހަންނަކަށް އެ ވަގުތަކު ރަނގަޅަކަށް ނުވިސްނޭ. އަހަރެންގެ ހިތުގައި އޮތީ އެންމެ ކަމެއް. އެއީ ރުޚްސާނާ ހާސިލުކުރުން. އަހަރެންގެ ގެދޮރު އަތުން ބީވެގެން ހިނގައިދާނޭފަދަ ކަމެއް ކުރީވެސް އެހެން ވެގެން. އަހަރެން މިއީ މޮޔައަކަށް ވިޔަސް ބޭބެގެ އެހީތެރިކަން ބޭނުން. ދައްތައާއި ކުދިންވެސް ގެންނާތި. އަހަރެން ދޫކޮށްނުލާ."

"ނޫނޭ ދަރިފުޅާ. އަންހެންކުއްޖާގެ ގޭގެ މީހުން އޮތީ ތިޔަކަން މަނާކޮށްފައި. އަންނާން ވާނީ ދެތިން އެކުވެރިންނާއެކީގައޭ އޮތީ ބުނެފައެއްނު؟ އެހެންވީމާ އަހަރެމެންގެ ތެރެއިން އެކަކުވެސް އަނބިދަރިން ގޮވައިގެންނެއް ނުދާނެ. އެކަމަކު ވިދިގެން އަންނަ ދުވަހު ވަލީމާއެއް ބާއްވައިފިއްޔާ މުޅި އާއިލާ ގޮވައިގެން ދާނަން. އަދި ޅީދަރިފުޅަށް ހެޔޮ ދުޢާކޮށް ހަދިޔާވެސް ދޭނަން."

* * *

ކާވެނީގެ ދުވަސް ވެގެން ދިޔައީ އޭނާގެ ގެއަށް އައި ފަޅު ދުވަހަކަށެވެ. ކޮޓަރި އޮތީ މަލުން ޒީންތެރިކޮށްފައެވެ. ބޭރުގައި އޮތް ކުލީކާރުވެސް އޮތީ މަލުން ޒީނަތްތެރިކޮށްފައެވެ. އެކަމަކުވެސް ބާވަތެއްގެ ފަޅުކަމެއް ފާހަގަ ކުރެވެއެވެ. ކާވެނީގެ ގެއެއްގައި އަންހެންވެރިންނާއި ކުޑަކުދިންގެ ހަރަކާތްތައް ނެތްކަމުގައި ވަނީނަމަ ފެންނާނީ ފަޅު ގެއެއްގެ ގޮތުގައެވެ. ރުޚްސާނާގެ ގެއަށް އޭނާޔާއެކު ދިޔައީ އެކުވެރިންގެ ފަސް މީހުންނެވެ. ހަރު ބަޔަކަށް ދިޔައީ އިންޖިނޭރުބޭބެއާއި، ކުލީކާރު ދުއްވާ ދެމީހަކާއި، ބަސް ކޮންޑަކްޓަރަކާއި، ޕޮލިސް އިންސްޕެކްޓަރެކެވެ. އިންސްޕެކްޓަރަކީ އޭނާގެ ޒަމާންވީ އެކުވެރިއެކެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.