ފަޅިމޫނު - 115

(1 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރުޚްސާނާގެ ބުއްދިވެރިކަން ހުންނަ ވަރެއް ފަރީދަކަށް ނޭނގޭނެ. އެއީ އަހަރެންގެ ދަރިއެއް. ފިރިހެނުން ކޮންޓުރޯލު ކުރަން ފިސާރި ރަނގަޅަށް ދަންނާނެ. ދަރިފުޅު ބުނެފައި ދިޔައީ ބާދްޝާ ކާން ނާންނަ ވަގުތެއް ވިއްޔާ ތަށިބަރި ހިފައިގެން ދާށޭ. މުސްކުޅި އަންހެނަކު ކޮންމެ ފަހަރަކު ތަށިބަރި ހިފައިގެން ދާތީ ކޮންމެވެސް އެއް ދުވަހަކުން އޭނާ ލަދު ގަންނާނެ."

"ތަށިބަރި ގެންދިއުމުގެ ފައިދާއަކީ ކޮބަޔޯ؟"

"މިގެއަށް ތިން އިރު ކާން އައީމާ އެ ހުންނަނީ އަހަރެމެންގެ ބެލުމުގެ ދަށުގައި. އޭނާ އުޅޭނޫޅޭ ގޮތް އެނގޭނެނު؟ މިގެއަށް ނާންނަ ވަގުތެއް ވިއްޔާ ތަށިބަރި ހިފައިގެން ދިޔައީމާވެސް އޭނާ އުޅޭނޫޅޭ ގޮތް އެނގޭނެނު؟ މަގުން ކައްސާލަންޏާވެސް އަހަންނަށް އެނގޭނެ."

ކުޑައިރުކޮޅެއް ފަހުން އޭނާ ތަށިބަރި ހިފައިގެން ބާދްޝާގެ ގެއަށް ދާން ނުކުމެއްޖެއެވެ. ބަހަށް އެރީ ނިޒާމްއާބާދުގެ ހަތް ނަންބަރު ބަސްހުއްޓާ ތަނުންނެވެ. ބަސް ނާގިންޗޯރަންގީއާ ދިމާއަށް ދުއްވާލައިފިއެވެ. ހަވީރުގެ ވަގުތެވެ. ބަސް އޮތީ ފުރިފައެވެ. އަންހެންނާއި ފިރިހެނުންނެވެ. ގިނައީ އަންހެނުންނެވެ. ބައެއް މީހުން ތިބީ ގެއަށް ބޭނުންވާ ސާމާނު ހިފައިގެންނެވެ. އަނެއް ބަޔަކު ދަރިން ގޮވައިގެންނެވެ. ކެސެޓު ރެކޯޑަރުން ބާރަށް ލަވަ ޖަހަމުން ދަނީއެވެ. ބަސް ދުއްވާފައި ދިޔައީވެސް އެހައި ބާރަށެވެ. އެއް ފަހަރު ދުވާރު މައްޗަށް އަރައިގެން ގޮސް ފާރެއްގައި ނުޖެހުނީ ކިރިޔާއެވެ. އެކަމަކު ދުއްވަން އިން މީހާ ބަސް ކޮންޓުރޯލު ކޮށްފިއެވެ. އަންހެނުން ހަޅޭއް ލަވައިގަތް އަޑު އިވުނެވެ. ފިރިހެނުން ޑިރައިވަރާ ދިމާއަށް ބަވަން ފަށައިފިއެވެ.

އެކަމަކު ބަސް ދުއްވާ މީހުންނަކީ މީހަކު ދައްކާ ވާހަކައެއް އަޑުއަހާ ބައެއް ނޫނެވެ. ބަވަން ފަށައިފިއްޔާ އަންނަ ރުޅި މާ ގަދަވެއެވެ. ދެން ދުއްވަން ފަށަނީ އިހަށްވުރެ ފަރުވާ ކުޑަކޮށެވެ. މި ފަހަރުވެސް ވީ އެހެންނެވެ. ވަކި ގޮތެއް ނުބަލައި ހޫރިގަތުމުގެ ސަބަބުން އަރިމަތީން ކުރިއަށް އަރަން އުޅުނު އެހެން ބަހެއްގައި ޖެހިއްޖެއެވެ. ދެބަސް އެކީގައި ކޭއްތެމުން ދުވާރު މައްޗަށް އަރައިގެން ގޮސް އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. އަނެއް ބަސް ދުވާރު ކައިރިއަށް ހުއްޓިއްޖެއެވެ. އަންހެނުން ރޯން ފަށައިފިއެވެ. ފަސިންޖަރުން ތިބީ ބަސްތާތަކެއް ހެން މަތިމައްޗަށް ޖެހިފައި ކަހަލަ ގޮތަކަށެވެ. ބައެއް މީހުންގެ ހެދުންގަނޑަށް ދާންދެން ހުރީ ވީދިފައެވެ.

ރުޚްސާނާގެ މަންމަ އޮތީ އެތައް ބައެއްގެ ދަށުގައިވެ ފިތިފައެވެ. އޭނާގެ ގައިމަތީގައި ތިބީ ކިތައް މީހުން ކަމެއްވެސް ނޭނގެއެވެ. އެއް ބަޔަކު ރޮއިރޮއިފައި ޑިރައިވަރާ ދިމާއަށް ބަވަނީއެވެ. އަނެއް ބަޔަކު ގެނައި ސާމާނު ވީތަނެއް ނޭނގިގެން ބަވަނީއެވެ. އެކަމަކު ގެނައި ރީނދޫ ވަށިގަނޑެއް އޮތީ އެމީހާގެ ބޮލަށް އެޅި ޚަރާބު ވެފައެވެ. ރުޚްސާނާގެ މަންމަ ތާށިވެފައި އޮތް ތަނުން ވަރަށް ދަތި ހާލުގައި ނުކުމެއްޖެއެވެ. އޭނާގެ ސިފަވެސް ފެންނަނީ އަޖައިބެއް ކަހަލަ ގޮތަކަށެވެ. މުޅި މޫނުގައި ހުރީ ޓޮމާޓޯ ސޯހެވެ. އަނގަޔަށް އޮތީ ކުކުޅުފައެއް ވަދެފައެވެ.

އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް ތަދުވަނީއެވެ. ހެދުންވެސް އޮތީ ދެ ތަނަކުން ވީދިފައެވެ. އޭނާ އެގޮތް މިގޮތަކުން ތަށިބަރި ހޯދައިފިއެވެ. އެއީ މިހާރު ގާތްގަނޑަކަށް ހުސް ތަށިބަރިއެކެވެ. އޭނާ ބަހުން ފައިބައިފިއެވެ. މުޅި ހިސާބުގަނޑަށް އޮތީ މީހުން އެއްވެފައެވެ. އެއް ބަޔަކު ޒަޚަމް ވެފައި ތިބި މީހުންނަށް އެހީތެރިވަނީއެވެ. އޭރުވެސް ޑިރައިވަރަށް ބަވާ މީހުން ބަވަމުން ގެންދެއެވެ. ގަޔަށް އަތްލައި އަނިޔާވެސް ކޮށްފިއެވެ.

ބާދްޝާގެ ގެ މިހާރު ހުރީ ވަރަށް ކައިރީގައެވެ. އެހެންވީމާ ރުޚްސާނާގެ މަންމަ ގަސްތުކުރީ ކުލީކާރެއްގައި އެގެޔަށް ދާށެވެ.

ބާދްޝާ ގޭގައި ހުރެގެން ތައްޔާރު ވަނީއެވެ. ލައިގެން ހުރީ ރީތި ގަމީހަކާއި ފަޓުލޫނެކެވެ. ތުނބުޅިވެސް ހުރީ ބާލައިފައެވެ. މިހާރު ލޯގަނޑު ދޮށުގައި ހުރެގެން ބޯ އޮމާން ކުރަނީއެވެ. ޚިޔާލީ އިސްކިރީނުގައި އެނބުރެނީ ފަރުޒާނާގެ ތަސްވީރެވެ. އަށެއް ޖަހާއިރު އެގެއަށް ދާނޭ ވާހަކަ ބާދްޝާ އޮތީ ބުނެފައެވެ. މިހާރު ފަހެއް ޖެހީއެވެ. އެކަމަކު ހިތުގެ ހިނގުން މިހާރުއްސުރެ ވަނީ އަވަސް ވެފައެވެ.

އޭނާ ބޯ އޮމާންކޮށް ނިމިގެން ލޯގަނޑުން ފަރި ބަލައިލިއެވެ. އެ ވަގުތުން ފުނަލުން އިވުނީ ރުޚްސާނާގެ އަޑެވެ. "އަހަރެންގެ ފުނާ ބޭނުން ނުކުރާށޭ ކިތައް ފަހަރު ބުނެފިން. ޖާނީގެ ބޮލުންވެސް ހަން ފޮޅެން ފަށައިފާނެ."

ލޯގަނޑުން ފެންނާން ހުރީ އޭނާގެ ސިފަ އެއް ފަރާތް ވެއްޖެއެވެ. މިހާރު ފެންނަނީ ރުޚްސާނާއެވެ. ރުޚްސާނާއަކީ ސާފުތާހިރުކަމަށް ވަރަށް ލޯބިކުރާ މީހެކެވެ. އޭނާ އަހައިލިއެވެ. "ޖާނީ. މާ ރީތި ވެގެން ތިޔަ އުޅެނީ ކޮން ތަނަކަށް ދާން؟"

ބާދްޝާ ކުޑަކޮށް ހާސް ވެއްޖެއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވައިލީތަނާ އަނެއްކާވެސް ރުޚްސާނާ ބުންޏެވެ. "ޖާނީ. ދޮގު ނުހަދާތި. ދޮގު ނުހަދާނޭ ކަމަށް އޮތީ ވައުދު ވެފައެއްނު؟"

ބާދްޝާ ބުންޏެވެ. "އަހަރެން ހުވައި ކޮށްފައި މި ބުނަނީ. އަހަރެން ގަސްތުގައި އޭނާޔާ ބައްދަލު ކުރަން ދިޔައީއެއް ނޫން. ތަގުދީރުން އަހަރެމެން ދެމީހުން ބައްދަލު ކުރުވީ."

"ޖާނީ. އަނބިމީހާގެ ތަގުދީރު ލިޔަނީ އޭނާގެ ފިރިމީހާ. އެކަމަކު ޖާނީ ތިޔަ ދަނީ އަންހެނަކު ލައްވައި ޖާނީގެ ތަގުދީރު ލިޔުއްވަން. އެއީ ރަނގަޅު ކަމެއްތަ؟ އެ އަންހެންމީހާއަށް އަހަރެންގެ ޖާގަ ދެނީތަ؟"

ބާދްޝާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ނޫން. އަހަރެން އޮންނާނީ މީގެ ކުރިންވެސް ބުނެފައި. ރުޚްސާނާއަކީ ނުލާހިކު ހެޔޮ، ނުލާހިކު ރަނގަޅު މީހެއް. އެހެންވީމާ ރުޚްސާނާގެ ޖާގަ އެހެން މީހަކަށް ދުވަހަކުވެސް ނުދޭނަން."

"އަހަރެން ގާތު ވީ ވައުދުގެ މަތީން އަދިވެސް އެއް ފަހަރު ހަނދާން ކޮށްލާ. އަހަރެން އެނބުރި އަންނަންދެން އެހެން މީހަކާ އިނުމުގެ ޚިޔާލުވެސް ނުކުރާނެ ކަމަށް ހުވައި ކުރީމެއްނު؟ އަހަރެންގެ ޖާގަ އެހެން މީހަކަށް ނުދޭނޭ ކަމަށް ވައުދުވީމެއްނު؟"

"އަހަރެން ހަނދާން އެބަހުރި. ރުުޚްސާނާ އެދުނީ ފަސް އަހަރު ދުވަސް ވާންދެން އެހެން މީހަކާ އިނުމުގެ ޚިޔާލުވެސް ނުކުރަން. އަހަރެން ވައުދުވީ ރުޚްސާނާ އަހަރެންގެ އަނތްބެއްގެ ގޮތުގައި އިންހައި ދުވަހަކު އެހެން މީހަކާ ނީންނަންކަމަށް. އެ ޖާގަ އެހެން މީހަކަށް ނުދޭން ކަމަށް."

"ޖާނީ. ނިކަން ދެކިބަލަ. އޭނާ އަހަރެންގެ ޖާގަ އަތުލަނީނު؟ ލޯގަނޑުންވެސް ޖާނީއަށް ފެންނަނީ އޭނާ. އަހަންނެއް ނޫން."

"ﷲ ގަންދީ ހުވާކޮށްފައި މި ބުނަނީ. އަހަރެން މި ދެކެނީ ރުޚްސާނާ. ދުނިޔޭގެ ހުރިހައި ތަސްވީރެއް، ހުރިހައި އެދުމެއް، ހުރިހައި ލޯތްބެއް، ހުރިހައި ގުޅުމެއް ފުހެވިގެން ހިނގައްޖެ. ފެންނަނީ ހަމައެކަނި ރުޚްސާނާ."

އެ ވަގުތު ރުޚްސާނާގެ ސޫރަ ފުހެވިގެން ހިނގައްޖެއެވެ. މިހާރު ފެންނާން އެހެރީ މައިދައިތައެވެ. އޭނާ އެނބުރި ދޮރާ ދިމާއަށް ބަލައިލިއެވެ. މައިދައިތަ ހުރީ ވަރަށް ދެރަވަރު ހާލަތެއްގައެވެ. ހީވަނީ ދެންމެދެންމެ ރޮއިގެންފާނެ ހެންނެވެ. ބާދްޝާ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ކައިރިއަށް ގޮސް ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ނަޒަރު ހިންގައިލިއެވެ. ކުއްލިއަކަށް ހިތަށް އައީ ފަންޑިތަވެރިޔާގެ ވާހަކައެވެ. މިއަދު އިރުއޮއްސުމުގެ ކުރިން އެ އިސްތަށީގެ ވެރިޔާ ވަރަށް ދެރަވަރު ހާލަތެއްގައި ކަލޭގެ ގެއަށް އަންނާނެއެވެ.

މައިދައިތަ ކުކުރައިލާފައި ބުންޏެވެ. "ދަރިފުޅާ. މަންމައަށް މިވަނީ ވަރަށް ބޮޑަށް އަނިޔާވެފައި. ބަހުގެ ހާދިސާއެއް ހިނގީ. މަންމަ ގޮވައިގެން އަވަހަށް ޑަކްޓަރެއްގެ ގާތަށް ހިނގާ."

ބާދްޝާގެ ނަޒަރު ގޮސް ހުއްޓުނީ މައިދައިތަގެ ބޮލަށެވެ. ބޮލުގައި ޖަހާފައި ހުރި ދަތީގައި ހަރުލާފައި އޮތީ މަސްކޮޅެކެވެ. އޭނާގެ ހިތަށް އަނެއްކާވެސް އައީ ފަންޑިތަވެރިޔާގެ ވާހަކައެވެ. އެ އިސްތަށީގެ ވެރިޔާ އުޅޭހައި ތަނަކަށް ބަކަރިމަސް އުކާނޭ ވާހަކައެވެ. އެޔާއެކު އޭނާ އަންނާނޭ ވާހަކައެވެ. މި ވަޑައިގަތީ އިއްޒަތްތެރި މައިދައިތާފުޅެވެ.

މައިދައިތަ އަހައިލިއެވެ. "ދަރިފުޅާ. ތިޔަވަރަށް ބަލަނީ ކީއްވެގެން؟"

ބާދްޝާ ޚިޔާލީ ދުނިޔެއިން ނުކުމެއްޖެއެވެ. "މަންމަގެ ހާލު ފެނިފައި ވަރަށް ދެރަވެއްޖެ. ހިނގާ އަވަހަށް ޑަކްޓަރަކަށް ދައްކަން." ބާދްޝާ ހިނގައިގެންފައި އެނބުރި ބަލައިލިއެވެ. "މަޑުމަޑުން ހިނގާފައި އާދޭ. މާ ބާރަށް ހިނގާކަށް ނުވާނެ."

"އެއީ ކީއްވެގެން؟"

ބޮލުގައި ހަރުލައިފައި އޮތް މަސްކޮޅަށް ބަލައިލާފައި އޭނާ ބުންޏެވެ. "ހިނގަމުން ގޮސް އަރާ ލޮޅުމަކުން ފަހަރެއްގައި ވެއްޓިވެސް ދާނެ."

މައިދައިތަ ހައިރާން ވެފައި އަހައިލިއެވެ. "ލޮޅުމޭ؟ ކޯނޗެއް ވެއްޓޭނީ؟"

"މި ބުނީ... މަންމައަށް ތިޔަހަރީ ވަރަށް ބޮޑަށް އަނިޔާވެފައޭ... ފަހަރެއްގައި ވެއްޓިވެސްދާނެ... އެހެންވީމާ މަޑުމަޑުން ބަލައިގެން ހިނގާށޭ. އަހަރެންގެ އަތުގައި ހިފައިގެން އާދޭ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.