
ހެޕީމާކެޓުން ހުޅުމާލޭގައި އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ. މިއީ ހެޕީމާކެޓުން ހުޅުވި 11 ވަނަ ފިހާރައެވެ.
ހެޕީމާކެޓުގެ މާކެޓިން ޑިޕާޓުމަންޓުން ބުނިގޮތުގައި އެ ފިހާރައަށް ޒިޔާރަތްކުރައްވާ ބޭފުޅުން ތަކެތި ބައްލަވައިގަތުމުގެ ކުރިން ރަހަބައްލަވައި އެތަކެތި ތަޖުރިބާކޮށްލެއްވުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ފިހާރައިން ހަމަޖެހިގެންދާނެއެވެ.
"މިއީ އެކްސްޕީރިއަންސް ސެންޓަރެއް. އެކަމަކު ކޮވިޑުގެ ކަންތަކާހެދި މިވަގުތު އެފުރުސަތު ތަނަވަސްކޮށް ނުދެވުނަސް ކުރިއަށް އޮތްތާނގައި އެފުރުސަތު ތަކެތި ބައްލަވައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެން އަރުވާނަން." މާކެޓިން ޑިޕާޓުމަންޓުގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
ހެޕީމާކެޓުގެ އެކްސްޕީރިއަންސް ސެންޓަރ ހޮނިހިރުދުވަހުގެ ހަވީރު ހުޅުއްވައިދެއްވީ ކުންފުނީގެ އެޑްވައިޒަރ ޓު ދަ ބޯޑު އަދި ޗީފް އިންޖިނިއަރ ޢަލީ ދީދީއެވެ. އޭނާގެ އަރިހުގައި ކުންފުނީގެ ސީއީއޯ ޢަލީ އިޙުސާން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ހުޅުމާލޭ ހައިވަކަރު މަގުގައި އިމާރާތްކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރަކީ ހެޕީމާކެޓުން މިހާތަނަށް ހުޅުވި އެންމެ ބޮޑު ފިހާރައެވެ. އެތަނުން ހޯލްސޭލް އަދި ރީޓެއިލްގެ ޚިދުމަތް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ހެޕީ މާކެޓުގެ ފިހާރަތަކުން ވިއްކަމުންދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އުފައްދާފައިވާ ކެއުންބުއިމަށް ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ތަކެއްޗާއި ދުނިޔޭގައި ވަރަށް މަގުބޫލު ސިންޓެކް ކެމިކަލެވެ.




އެކްސްޕީރިއަންސް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޕީމާކެޓުން ރާއްޖެއަށް ގެނެސްފައިވާ ތެލާއި ނުލައި ބެޓެރީން ދުއްވާ ވެހިކަލްތައް ރަސްމީގޮތުން ދުއްވަން ފެށުމުގެ ރަސްމިއްޔާތުވެސް ބޭއްވިއެވެ.
ޢަލީ އިޙުސާން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުންފުނިން ބޭނުންކުރާ 36 ވެހިކަލް ގްރީން ފްލީޓަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ މުޅި ފްލީޓް އެއްކޮށް ބެޓަރީ ވެހިކަލްތަކަށް ބަދަލުވެގެންދާނެ." އޭނާ ވިދާޅުވިއެވެ.
ޢަލީ އިޙުސާނު ވިދާޅުވިގޮތުގައި ގްރީން ފްލީޓުގައި ހިމެނޭ އުޅަނދުތަކަކީ ކުރިން ބޭނުން ކުރަމުންދިޔަ އުޅަނދުތަކަށް ވުރެ ކުދި އުޅަނދުތަކަށް ވުމުން، ޓްރެފިކްގައި އުޅަނދުތައް މަޑުކުރަން ޖެހުމުން ދިމާވާ ދަތިތަކަށް ވެސް ހައްލެއް ލިބިގެންދާނެއެވެ.
ހެޕީ މާކެޓަކީ ޒިންމާދާރު އަދި ރާއްޖޭގެ ރައްޔިތުންނާއި ތިމާވެއްޓާ ރައްޓެހި ކުންފުންޏެކެވެ.