
މިއަހަރުގެ ރޯދަމަހާ ދިމާކޮށް ހެޕީމާކެޓުން އައު ފިހާރައެއް ކ. ހިންމަފުށީގައި އިއްޔެ ހުޅުވައިފިއެވެ.
"ހެޕީމާކެޓު ޝޮޕް 7" ގެ ނަން ދީފައިވާ މިފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ހިންމަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިއެއްކަމަށްވާ ޙުސައިން ޢަބްދުއްރަޙުމާނެވެ.
ހެޕީމާކެޓުގެ މާކެޓިން އެގްޒެކެޓިވް ފާތިމަތު އައިރީން ވިދާޅުވީ ހެޕީމާކެޓުން މާކެޓުކޮށް ޑިސްޓްރިބިޔުޓުކުރާ ހުރިހާ މުދަލެއް މާލެއާ އެއް އަގެއްގައި އެ ފިހާރައިން ލިބޭނެ ކަމަށެވެ. މިއީ ހިންމަފުށީ ފަދަ ރަށެއްގައި ހެޕީމާކެޓުން ހުޅުވި ފުރަތަމަ ފިހާރައެވެ.

ހެޕީމާކެޓުގެ ފެން އުފައްދާ ކުންފުނި ލައިފް ވޯޓަރ ބޮޓްލިން ފެކްޓްރީ ވެސް ހިންގަނީ ހިންމަފުށީގައެވެ. މިފަދަ ފިހާރައެއް އެރަށުގައި ހުޅުވުމުގެ މުހިންމު އެއް މަޤުސަދަކީ އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ އަގުވަޒަން ކުރުން ކަމަށް ވެސް ހެޕީމާކެޓުން ވިދާޅުވެފައިވެއެވެ. އަދި ހެޕީމާކެޓުން ވިއްކާ ހުރިހާ މުދަލެއް (ޚާއްސަކޮށް ފިނުކުރި މުދާ) އޭގެ އެންމެ ތާޒާކަންމަތީ ހިންމަފުށީ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވެސް މުހިންމު މަޤުސަދެއް ކަމަށް ހެޕީމާކެޓުން ވިދާޅުވިއެވެ.

އައިރީން ވިދާޅުވީ އެފިހާރައިގައި މަސައްކަތް ކުރާނީ މުޅިން ވެސް ހިންމަފުށީ ޒުވާނުން ކަމަށެވެ. އެހެންނަމަވެސް އެފިހާރައިން ވަޒީފާ ލިބިފައިވަނީ އެރަށުގެ ކިތައް މީހުންނަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
"ހެޕީމާކެޓުގެ އަމާޒަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު ގިނަ ޢަދަދެއްގެ ކެއިންބުއިމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އެތަކެތި ރާއްޖެއިން ލިބޭނެގޮތް ހެދުމެވެ." ހެޕީމާކެޓުން ވިދާޅުވެފައިވެއެވެ.