(2 މާރިޗު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ވެފައިވާ ވަރުބައްޔާއެކު ތަނެއްގައި އިށީނދެވުމާއެކު އޭނާއަށް އެއްވެސް އިޚްތިޔާރަކާ ނުލައި ރޮވިއްޖެއެވެ. އޭނާ އެއް އަތުން ބޮލުގައި ހިފަހައްޓައިލިއެވެ. އެޔަށް ފަހު އިސްޖަހައިލައިގެން އިނދެ ރޯން ފަށައިފިއެވެ. އޭނާ ލަދެއް ނުގަނެއެވެ. އަދި ބާދްޝާ ޖާނީގެ ބަދަލުގައި މުއްސަނދި ޖަމްޝީދު އޭނާގެ ދަނބިދަރިއަކަށް ނުވާތީ ދެރަ ވަނީއެއްވެސް ނޫނެވެ. ފަރުޒާނާގެ ވާހަކައަކުން އޭނާއަކަށް އަސަރެއް ނުކުރެއެވެ. އަދި ފަރީދު އަޙްމަދުގެ އަޑުލުމަކުންވެސް މާ ބޮޑު އަސަރެއް ނުކުރެއެވެ. އޭނާގެ ހިތުގައި އޮތީ އެންމެ ހިތާމައެކެވެ. އެއީ އޭނާގެ މާމަދަރިފުޅުގެ ހިތާމައެވެ. އެ ކުއްޖާފުޅު ވީ ކޮންތާކުބާވައެވެ؟ މި ސުވާލު ހިތުގައި އުފެދުމާއެކު އޭނާއަށް ރޮއިގަނެވެއެވެ. ޖަމްޝީދުގެ ޚިޔާލުވެސް އެ ވަގުތު އޭނާގެ ހިތުން ފޮހެވިދެއެވެ. ކުޑައިރުކޮޅަކަށް މާމަދަރިފުޅުގެ މަތީން ހަނދާން ނެތުނު ކަމުގައި ވިޔަސް ލޯތްބަކީ އަބަދަކު ހަނދާން ނެތިފައި އޮންނަ ކަހަލަ އެއްޗެއް ނޫނެވެ. ކިތަންމެ ހަރުކަށި މީހަކަށް ވިޔަސް އެ މީހެއްގެ ހިތުގެ ކޮންމެވެސް ކަނެއްގައި ލޯބި އުފެދި މޫލައި ހެދެމުން ދެއެވެ. އެ ލޯބީގެ ސަބަބުން ބައެއް ފަހަރަށް ރޮއިގަންނާން މަޖުބޫރު ވެދެއެވެ.
* * *
ފަރުޒާނާ އާއި ފަރީދު އަޙްމަދާ ދެމީހުން ރެކިސާއެއްގައި ދިޔައީ ގަރާޖު ދޮށަށެވެ. އެ ތަނުން ބާދްޝާގެ އެކުވެރިންގެ ފަރާތުން މުސައްވިރު އުޅޭ ތަނެއް އޮޅުން ފިލުވައިފިއެވެ. އެޔަށް ފަހު ދިޔައީ ކަރީމްއާބާދަށެވެ. މުސައްވިރަކީ އެ ހިސާބުގަނޑުގެ މީހުންގެ މެދުގައި ވަރަށް މަޝްހޫރު މީހެކެވެ. އެހެންވީމާ އޭނާ ހޯދާކަށް އުނދަގުލެއް ނުވިއެވެ. މާ ގިނަ އިރުތަކެއް ނުވެ އޭނާޔާ ބައްދަލު ވެއްޖެއެވެ. އޭނާ އިނީ އޭނާގެ ކުޑަކުޑަ ފިހާރައިގައެވެ.
ފަރީދު އަޙްމަދު ރެކިސާއިން ފައިބައިގެން ގޮސް އަހައިލިއެވެ. "ޅެން ހަދައި އުޅޭ މުސައްވިރަކީ ކަލޭތަ؟"
އޭނާ އުފަލުން ހިނިތުން ވެލައިފައި ކޮޅަށް ތެދުވެއްޖެއެވެ. "އަޅުގަނޑުގެ ޅެންތައް ވަރަށް މޮޅު ވާނެ. އަވަހަށް ބުނުއްވާ. ޅެން ބައިތެއް ލިޔަންވީ ކޮން ކަމަކާ ގުޅޭ ގޮތުންތޯ؟ ވަގުތުން ލިޔެލައިދޭނަން."
"އަހަރެން މި އައީ ޅެން ހައްދާކަށް ނޫން. ބާދްޝާ ޖާނީއަކީ އަހަރެންގެ ދަނބިދަރި. އަހަރެން މި އައީ އޭނަޔާ ބެހޭ ވާހަކައެއް ދައްކައިލާން ވެގެން."
މުސައްވިރު ކުރިމަތީގައި ހުރި ގޮނޑިއެއް ފޮތިގަނޑަކުން ފޮހެލުމަށް ފަހު ބުނެފިއެވެ. "އަވަހަށް އިށީންނަވާ."
އޭނާ އިށީނުމަށް ފަހު ބުނެލިއެވެ. "ޖާނީ އުޅެނީ އަހަރެމެން ދެކެ ރުޅި އައިސްގެން. ދަރިފުޅު ގޮވައިގެން އަހަރެމެންނަށް ފިލައިގެން ކޮންމެވެސް ތަނަކަށް ހިނގައްޖެ. އިއްޔެއެއްސުރެ އަހަރެމެން މި އުޅެނީ އޭނާ ނުފެނިގެން. ވީ ތަނެއް ނޭނގޭ. ކަލޭ އޭނާ ދުށިންތަ؟"
މުސައްވިރު ކަންފަތުފޫޅުގަނޑުގައި ހިފައިލިއެވެ. "ނޫން އަޅުގަނޑެއް ނުދެކެން. ދުށް ނަމަ ނަންގަތީމުސް."
"ކޮއިފުޅާ. ކަލޭ ދަންނަ ތަނަކު އޭނާ ފިލައިވެސް އޮވެދާނެ. ވީ ތަނެއް އަހަރެމެން ގާތު ނުބުނާށޭ ބުނެފައި އޮތީ ކަމުގައިވެސް ވެދާނެ."
"ނޫން. ނޫން. އެކަހަލަ އެއްވެސް ކަމެއް ވީއެއް ނޫން. އަޅުގަނޑުމެން މިއީ ބޭބެގެ ދަރިން ނޫންތޯ؟ ބޭބެ ގާތު ދޮގު ހަދަންވީ ކީއްވެގެން؟"
"އެހެން ސުވާލެއްވެސް އެބައޮތް. ޖާނީ ކަލޭ ލައްވައި ސިޓީ ލިޔުއްވާތަ؟"
"ލައްބަ. ލިޔުއްވާ. އަޅުގަނޑުގެ ލިޔުން ވަރަށް ރީތިވާނެ. އޭނާ ބުނެގެން ރުޚްސާނާފަހަރިއަށް އަޅުގަނޑު ސިޓީ ލިޔެދެން."
"އެހެންވެއްޖެއްޔާ އަހަރެމެންގެ ގޭގެ ހާލަތު އޮތްނެތްގޮތް ކަލެއަށް ވަރަށް ރަނގަޅަށް އެނގޭނެ."
ފަރުޒާނާ ރެކިސާގައި އިނދެފައި ފަރީދު އަޙްމަދަށް ގޮވައިލިއެވެ. އޭނާ ތެދުވެގެން ފަރުޒާނާގެ ގާތަށް ހިނގައްޖެއެވެ. "ބޭބޭ. އަހަރެން ކުލިނިކު ހުޅުވާ ގަޑި ޖެހެނީ. އެހެންވީމާ ދެން ދަނީ. މި މީހާ ހަވީރު ގެއަށް ގެނައުން ކިހިނެއް ވާނެ؟ ގޭގައި ތިބެގެން ވާހަކަ ދެއްކިދާނެ. މީނާ މެދުވެރިކޮށް ޖާނީގެ ނަމުގައި ރުޚްސާނާއަށް ސިޓީއެއް ލިޔާނީ."
"އެންމެ ރަނގަޅު. ކޮއިފުޅު ކުލިނިކަށް ދޭ. އަހަރެން މި މުސައްވިރާއި ދައްތަޔާ ގޮވައިގެން ހަވީރު ކުލިނިކަށް އަންނާނަން. ހައެއް ޖަހާއިރު ކޮއިފުޅު އަނެއްކާވެސް މަސައްކަތް ކުރަން ޖެހެއެއްނު؟ ބޭބެ މި ދެމީހުން ގޮވައިގެން ހަވީރު ހަތަރެއް ޖަހާއިރު އަންނާނަން."
ފަރުޒާނާ ރެކިސާގައި ކުލިނިކަށް އަތުވެއްޖެއެވެ. އެ ވަގުތުވެސް އެތާނގައި ބަލިމީހުން އިންތިޒާރުގައި ތިއްބެވެ. އޭނާ ބަލިމީހުން ބަލަން ފަށައިފިއެވެ. ކިރިޔާވެސް ނޭވައެއް ލެވޭވަރުވީ އެކެއް ޖެހީމައެވެ.
ދަނޑިވަޅު ބަލައިފައި އަރުޝަދު ބުނެފިއެވެ. "ދައްތާ. ދައްތަ ކުލިނިކުގެ މަސައްކަތްވެސް އެބަ ކުރައްވާ. ބޭރަށް ދުރުވެ އެހެން މަސައްކަތްވެސް އެބަކުރައްވާ. ކައްކަވާނޭ ވަގުތެއްވެސް ލިބިއެއް ނުލައްވާ. އެހެންވީމާ މިއަދު އަޅުގަނޑު ގެވެސް ފޮޅައި ސާފު ކޮށްފިން. އޭގެ ފަހުން ދައްތަ ކާން ކައްކައިވެސްފިން."
ފަރުޒާނާ ލޯތްބާއެކު އަރުޝަދާ ދިމާއަށް ބަލައިލިއެވެ. "އަރުޝަދު. އަހަރެންގެ ކަންކަމަށް ތިޔަ ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ޝުކުރު އަދާކުރަން. އެކަމަކު ތިޔަހައި ބޮޑު ބުރައެއް އުފުލާނެ ކަމެއް ނެތް. ގޭގެ މަސައްކަތް ކުރުމަކީ އަރުޝަދުގެ ކަމެއް ނޫން. ތިޔައީ ހަމައެކަނި ކުލިނިކުގެ މަސައްކަތަށް ހުރި މީހެއް."
"ނޫނޭ ދައްތާ. ކުލިނިކުގެ ވަގުތަކީ ކުލިނިކުގެ ވަގުތު. އޭގެ ފަހުން އޮންނަނީ އަޅުގަނޑުގެ ދައްތަގެ ވަގުތު. ދައްތައަށް ފަސޭހަ ވާނޭ ކޮންމެ ކަމެއް ކުރުމަކީ އަޅުގަނޑުގެ ވާޖިބެއް. ފަހަކަށް އައިސް އަޅުގަނޑަށް ފެންނަނީ ދައްތަ ވަރަށް ކަންބޮޑު ވެލައްވާފައި ހުންނަވާތީ. އަޅުގަނޑަށް ކޮށްދެވޭނޭ ކަމެއް އޮތިއްޔާ ބުނުއްވާ. އިރާދަކުރެއްވިއްޔާ ފަހެއް ނުޖެހޭނަން."
ފަރުޒާނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. "ނޫނޭ ކޮއްކޯ. ދައްތަ އެއްވެސް ކަމަކާ ކަންބޮޑެއް ނުވޭ. މާ ގިނައިން ތަންތަނަށް ދާން ޖެހުނީމާ ވަރުބަލިވީ."
"ދައްތާ. އަޅުގަނޑު ވާހަކައެއް ނަންގަތިއްޔާ ރުޅި ދުރުވާނަންތޯ؟"
"ނޫނޭ. ތިޔައީ އަހަރެންގެ ކޮއްކޮއެއްނު؟ ބުނޭ. ކޮން ވާހަކައެއް؟"
"އަޅުގަނޑުގެ ވާހަކައެއް ނޫން. މަންމަ ދައްކާ ވާހަކައެއް. މަންމަ ބުނީ ތަންގަނޑު މީހުން ވަރަށް އަހައޭ ދައްތަ މީހަކާ ކާވެނި ނުކުރައްވައި އިންނަވަނީ ކީއްވެގެން ހެއްޔޭ."
ފަރުޒާނާ ސިހިފައި އޭނަޔާ ދިމާއަށް ބަލައިލިއެވެ. އަރުޝަދު ހުރީ އޭނާގެ ކުރިމަތީގައި އިސްދަށަށް ޖަހައިލައިގެންނެވެ. "ތަންގަނޑު މީހުން ދެން ކިޔަނީ ކީކޭޔޯ؟"
"އަންހެނުން އެކަންޏެއް ނޫން. ފިރިހެނުންވެސް ހަދަހަދައިގެން ވާހަކަދައްކާ. ބައެއް މީހުން ބުނޭ ކުލީކާރު ދުއްވާ މީހަކު މި ހިސާބުގަނޑުން ފެނެއޭ. އިއްޔެ ވަރަށް ބޮޑު ކާރެއްގައި މުއްސަނދި ޒުވާނަކު އައި ވާހަކަވެސް އެބަދައްކާ. ގިނަ މީހުންނަކީ މީސްމީހުން ބަދުނާމުކުރަން ވަރަށް ފަރިތަ މީހުން. އެމީހުން އަހަނީ އެ އަންނަ މީސްމީހުންނާއި ދައްތަޔާ އޮތީ ކޮން ގުޅުމެއް ހެއްޔޭ. މިތަނަށް އަންނަނީ ކީއްކުރަން ހެއްޔޭ. އަންނަ ކަމަށް ވާނަމަ އޮތް ގުޅުމެއް އެނގެން ވާނެއޭ."
ފަރުޒާނާ ހިމޭނުން އަޑުއަހަން އިނީއެވެ. "ދައްތާ. ހުރިހައި މައްސަލައެއް ކުރިމަތިވަނީ އެކަނި އިންނަވާތީ. ދައްތަގެ މަންމަ ދުނިޔޭގައި އިންނެވިނަމަ މި ގޮތަށް ދައްތަ ބަދުނާމެއް ނުވީސް. އަޅުގަނޑުގެ މަންމަ ބުނީ އެންމެ ރަނގަޅު ގޮތަކީ ދައްތަ އަވަހަށް ކާވެނި ކުރެއްވުމޭ."
އޭނާ ލޯ މަރައިލިއެވެ. ދެ އަތުން ބޮލުގައި ހިފަހައްޓައިލިއެވެ. ނިތްކުރީގައި މަޑުމަޑުން ފިރުމާން ފަށައިފިއެވެ. ބޮލަށް ބުރަވެގެން ދިޔަވަރުން ހީވަނީ ކަނދުރާއިން ވަކިވެގެން ވެއްޓިދާނެ ހެންނެވެ. އެހެން އިނދެފައި މަޑުމަޑުން ބުނެލިއެވެ. "އަރުޝަދު ދެން ގެއަށް ދޭ."
އަރުޝަދު އިސް ޖަހައިލައިގެން ހުރެ ނުކުމެގެން ހިނގައްޖެއެވެ.
އޭނާ އިރުކޮޅެއް ވާންދެން އިށީނދެގެން އިނެވެ. ވިސްނުމާއި ވަކި ގޮތަކަށް ފައިސަލާ ކުރުމުގައެވެ. ވިސްނި ވަރަކަށް ކަންބޮޑުވުންވެސް ދިޔައީ ބޮޑު ވަމުންނެވެ. ކުޑަ އިރުކޮޅަކަށް ފަހު އޭނާ ތެދުވެގެން ގޮސް ބޭރުން ކުލިނިކަށް ވަންނާން ހުންނަ ދޮރު ލައްޕައި ތަޅު ލައިފިއެވެ. އެޔަށް ފަހު ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. އަރުޝަދު ހުރީ އޭނާއަށް ކައްކައިފައެވެ. އެކަމަކު ކާ ހިތެއް ނުވެއެވެ. ގަދަކަމުން ދެ ސުވައެއް ދިރުވައިލުމަށް ފަހު ފެން ބޮއިގެން ގޮސް އެނދުގައި އޮށޯވެއްޖެއެވެ.
އެނދުގައި އޮވެގެން އޭނާ ފުރޮޅެނީއެވެ. އެއް އަތަށް ފުރޮޅިލީމާ ފެންނަނީ އިންނާށޭ ކިޔައިގެން ޖަމްޝީދު ވާހަކަދައްކާ ތަނެވެ. އަނެއް އަތަށް ފުރޮޅިލީމާ ފެންނަނީ ރުޚްސާނާ އާދޭސްކުރާ ތަނެވެ. އަރުޝަދު ބުނާ އަޑުވެސް އިވެއެވެ. އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. މަންމަ ދައްކާ ވާހަކައެކެވެ. އޭނާގެ މަންމަ ބުނާ އަޑު އިވެއެވެ. ދަރިފުޅާއެވެ. މިއީ މަންމަ ދައްކާ ވާހަކައެއް ނޫނެވެ. އަވަށްޓެރިން ދައްކާ ވާހަކައެވެ. އަވަށްޓެރިޔާ ބުނާ އަޑު އިވެއެވެ. ކޮއްކޯއެވެ. މިއީ ތަންގަނޑު މީހުން ދައްކާ ވާހަކައެވެ. ތަންގަނޑު މީހުންނާ އަހަރެމެންނާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ މިއީ ދުނިޔޭގެ މީހުން ދައްކާ ވާހަކައެވެ.
އެންމެން ވާހަކަ ދައްކަނީއެވެ. އެކަމަކު އެކަކުވެސް ކުރިމައްޗަށް ނުކުމެ ފާޅުގައި ވާހަކައެއް ނުދައްކައެވެ. މުޅި މުޖުތަމައު އެކީގައި ގަބޫލުކުރާ ހަމައެއް އޮވެއެވެ. ޒުވާން އަދި ރީތި އަންހެނަކު އެކަނި ދިރިއުޅުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެކަނި އުޅޭ ކަމަށް ވަންޏާ ބަދުނާމު ވާނެއެވެ. ކޮންމެވެސް މީހަކުގެ ފިރިޔަކު އޭނާގެ ފަހަތުން އަންނާނެއެވެ. ކާ އެއްޗެހި ދެކެވެސް މީހުން ލޯބިވެއެވެ. އެކަމަކު މީހަކުގެ އަނގައިގައި އޮންނަ ބަތްސުވާ ޖަހައިގަތުމަކީ ލޯތްބެއް ނޫނެވެ. އެއީ އިންސާނީ އަމަލެއް ނޫނެވެ. އެކަމަކު އޭނާ މަޑުމަޑުން ވަދެގެން އެ ދަނީ އެ އަމަލުގެ ތެރެއަށެވެ.
ވައުދުވެފައިވާ ފަދައިން ހަވީރު ފަރީދު އަޙްމަދު މުސައްވިރާއި އޭނާގެ އަނބިމީހާޔާ ގޮވައިގެން އަތުވެއްޖެއެވެ. ތިން މީހުން ވަރަށް ރަނގަޅަށް މުސައްވިރާ ވާހަކަދެއްކުމަށް ފަހު އޭނާ ލައްވައި ޖާނީގެ ނަމުގައި ރުޚްސާނާއަށް ސިޓީއެއް ލިޔުއްވައިފިއެވެ. ސިޓީގައިވާ ގޮތުގައި ގޭގެ ކަންތައް އޮތީ ވަރަށް ރަނގަޅަށެވެ. އެއްވެސް ކަހަލަ މައްސަލައެއް ހާސްކަމެއް ނެތެވެ. ޖާނީ ބަރާބަރަށް ތިންއިރު ކާން މަންމަގެއަށް ދެއެވެ. ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ. އޭނާ ހުރީ ރުޚްސާނާގެ އިންތިޒާރުގައެވެ.
މި ވަގުތަށް ކަންތައްތައް ހަމަޖެހުނީ މުސައްވިރުގެ ސަބަބުންނެވެ. ރުޚްސާނާގެ މަންމަވެސް ސިޓީއެއް ލިޔުނެވެ. އެ ސިޓީގައި ޚާއްސަ ގޮތެއްގައި ޖަމްޝީދުގެ ވާހަކަ ލިޔުނެވެ. ޖަމްޝީދު އެ ގެއަށް އައިސް ގެއަށް އައިސްފައިވާ ހަމަޖެހުން ނަގައިލާން މަސައްކަތްކުރި ވާހަކަ ލިޔުނެވެ. ޖާނީގެ ހިތުގައި ޝައްކު އުފައްދަން މަސައްކަތް ކުރި ވާހަކައާއި އެ ރޭވުން ނާކާމިޔާބުކުރި ވާހަކައާއި އެގެއަށް އައުން މަނާކުރި ވާހަކަވެސް ލިޔުނެވެ. އަދި ރުޚްސާނާވެސް އޭނާޔާ ދުރުގައި އުޅުމަށް ނަސޭހަތްތެރިވިއެވެ.
މި ހުރިހައި ކަމެއް ވަރަށް ރަނގަޅަށް ފުރިހަމަ ކުރެވިއްޖެއެވެ. މާހައުލު އޮތީ އުފާވެރި ގޮތަކަށެވެ. އެންމެ ފަހުން ރުޚްސާނާގެ މަންމަ ފަރުޒާނާގެ ގައިގައި ބައްދައިލިއެވެ. އަދި ނިތްކުރިއަށް ބޮސްދީފައި ބުންޏެވެ. "ދަރިފުޅާ. ދައްތައަކީ ވަރަށް ވިޔާނުދާ މީހަކީން. ޖާނީ ބުނަނީ ހަމަ ތެދު ވާހަކައެއް. ދައްތަ މިއީ ޑައިނެއް. ދައްތައަށް ވެފައި ހުރީ ކިހިނެއް؟ ޖަމްޝީދުގެ ފޮނި ވާހަކައިގެ އަވައިގައި ޖެހި އަމިއްލަ ދަރިފުޅުގެ ގެ ބަރުބާދުކޮށްލަން އުޅެވުނީ. އެކަހަލަ ކަމެއް ކުރަން އުޅުމުގެ ކުރިން ދައްތަ މަރުގެންނެވިނަމަ މާ ރަނގަޅުވީސް."
"ދައްތާ. ދައްތަމެން ތިޔައީ ބޮޑެތި މީހުން. އަހަރެމެންގެ މައިންބަފައިން. އައި ރުޅީގައި ކަތި ފިޔަވަޅުތަކެއް އެޅުނީ. މީގެ ފަހުން ވިސްނައިގެން ފިޔަވަޅު އަޅާ. އަހަންނަށް އެއްބާރުލުންދީ. އެންމެން ވެގެން މި މަސައްކަތް ކުރަނީ ރުޚްސާނާގެ އުފަލަށްޓަކައި. ބޭނުމަކީ އޭނާ ވީހައިވެސް ބޮޑަކަށް އުފަލުގައި ހުންނާނޭގޮތް ހެދުން."
ރުޚްސާނާގެ މަންމަ އޭނާއަށް ހެޔޮ ދުޢާ ކުރުމަށް ފަހު އެގެއިން ނުކުމެއްޖެއެވެ. ތިން މީހުން އެ ދިޔައީއެވެ. އެޔާއެކު އަނެއްކާވެސް އެކަނިވީއެވެ. ހާސްކަން ވެރިވީއެވެ. ފިކުރު ބޮޑުވީއެވެ. މާ ގިނަ އިރުތަކެއް ނުވެ ބަލިމީހުން އަންނާން ފަށައިފިއެވެ. ރޭގަނޑު ދިހައެއް ޖަހަންދެން އުޅުނީ މަސައްކަތުގައެވެ. ފިކުރު ކުރާނޭ ވަގުތެއް ނުލިބެއެވެ. އޭގެ ފަހުން އަނެއްކާވެސް އެކަނިވެރިކަމުގެ ވަގުތު ޖެހުނީއެވެ. ރޭގަނޑެވެ. ހިމޭންކަމެވެ. ކަންބޮޑުވުމެވެ. ފިކުރުކުރުމެވެ. އޭނާ ކޮޓަރި ތެރޭގައި ކުރުކާލި ކަނޑަނީއެވެ. ނިންމުންތަކެއް ނިންމަނީއެވެ. އެންމެ ފަހުން މެންދަމުން އަލިވެ އެކެއް ޖެހީމާ އިށީނދެ ރުޚްސާނާއަށް ސިޓީއެއް ލިޔަން ފަށައިފިއެވެ.
"އަހަރެންގެ ލޯބިވާ ކޮއްކޮއަށް،
އަހަރެން ރުޚްސާނާއަށްޓަކައި ކުރި ކަންތައްތަކުގައި ކޮންމެވެސް ވަރެއްގެ އުނިކަމެއް ހުރި ކަމަށް ގަބޫލު ކުރަމެވެ. ހަގީގަތުގައި އަހަރެމެން ކުރާ ހެޔޮ ކަންތަކުގެވެސް ދެމޫނެއް ހުރެއެވެ. ދެފަޅިއެއް އޮވެއެވެ. އެއް ފަޅި ރަނގަޅެވެ. އަނެއް ފަޅީގައި ހުންނަނީ އަހަރެމެންގެ އަމިއްލަ އެދުމާއި ޖަޒުބާތާއި އެދުންތަކުގެ އަލިފާން އާތްވެވެ.
މިހައި ތަނަށް އަހަރެން މިހިރީ މީހަކާ އިންނަންވީ ކީއްވެގެން ހެއްޔޭ ކިޔަކިޔައެވެ. ގޮތް ދޫނުކުރުމުގައެވެ. އަހަރެން ދުށް ގޮތުގައި އެއީ އަހަރެންގެ ޒާތީ މައްސަލައެކެވެ. ރުޚްސާނާއަށްޓަކައި ހެޔޮ ކަމެއް ކޮށްދެވުނީމާ އަހަރެންގެ މަސައްކަތް ނިމުނީއެވެ. އެކަމަކު ކަންތައް އޮތީ އެހެން ނޫންކަން ވިސްނެނީ މިހާރުއެވެ. ހެޔޮ އަމަލަކީ ނިމޭ އަމަލެއް ނޫނެވެ. ހެޔޮ އަމަލަކީ ގުޅެމުން މެހެމުން ކުރިއަށް ދާންޖެހޭ އަމަލެކެވެ. ވަކި ނަތީޖާއަކާ ހަމައަށް ގެންދަން ޖެހޭ ކަމެކެވެ. އަހަރެން ރުޚްސާނާއަށްޓަކައި ކުރި ހެޔޮ ކަމުގެ ނަތީޖާ ނެރެވޭނީ އަހަރެން މީހަކާ އިނީމައެވެ. އަމަލުގެ ނިމުމަކީ އެއީއެވެ.
އެހެންވީމާ އަހަރެން މިހާރު ވަކި ގޮތަކަށް ކަނޑައަޅައި ނިންމައިފީމެވެ. އަހަންނާ އިންނަ ހިތުން އުޅޭ ތިމާގެ މީހަކު ސައްކަރުގައި އެބައުޅެއެވެ. އެއީ އަހަރެންގެ ބޮޑޫބޭބެގެ ދަރިއެކެވެ. އަހަރެންގެ ކާވެނީގެ ދައުވަތު ކާޑު ވަރަށް އަވަހަށް ރުޚްސާނާއަށް ލިބޭނެއެވެ. ރުޚްސާނާއަށް ބައިވެރި ނުވެވޭނެކަން އަހަންނަށް އެނގެއެވެ. އެކަމަކު ކާޑު ފެނުނީމާ އުފާވާނެކަމާއި ހިތްހަމަ ޖެހޭނެކަން އެނގޭތީ ފޮނުވާނީއެވެ."
ލިޔެލިޔެ އިނދެފައި އޭނާ ހުއްޓައިލިއެވެ. އަތް ތުރުތުރު އަޅާން ފަށައިފިއެވެ. ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ކުރިމަތީން ފެންނަ އެއްޗެހި ފުސްވާން ފަށައިފިއެވެ. އަތުން ގަލަން ދޫވެއްޖެއެވެ. އޭނާ މޭގައި އަތް އަޅައިލިއެވެ. ގެނބެމުންދާ ހިތުގައި ހިފަހައްޓައިލީ ކަހަލައެވެ.
އޭނާގެ ވަށައިގެން ވަނީ ރޭގަނޑުގެ އަނދިރިކަމެވެ. ކަނު އަނދިރިކަމެވެ. ހިމޭންކަމެވެ. "އާހ… ލޯބި ފަދައިން އަނދިރި ރެއެކެވެ. ލޯތްބަކީ ކުށެއް ކަމުގައި ވަނީނަމަ ކުށްވެރިޔާގެ މޫނުފަދަ އަނދިރި ރެއެކެވެ. އަހަރެންގެ ގޮތް ދޫނުކުރުމާއި ޣީރަތްތެރިކަން ވެއްޔާ މޮޑެލި ރެއެކެވެ. އަހަރެންގެ ފައިސަލާގައި އެންމެ ފަހުގެ ސިއްކަ ޖެހި ރެއެވެ. މިއީ އަހަރެންގެ އެންމެ ފަހުގެ ރެއަށް ނުވާނެ ހެއްޔެވެ؟"
* * *
ރޭލު ފަތުއަޑު ކިޔައިފައި ދުވަމުން ދިޔައެވެ. ދަރިފުޅު އަޑުގައި ނެތް ތަނަށް ރޮނީއެވެ. ފުޅިން ބުއް ދެވޭތޯ ބާދްޝާ ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. އުނގުގައި ބާއްވައިގެން މަސަލަސް ކުރެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވީމާ އުރާލައިގެން ކޮޅަށް ތެދުވެއްޖެއެވެ. ކުރުކާލި ކަނޑަން ފަށައިފިއެވެ. އެކަމަކު ދަރިފުޅު ހުއްޓައެއް ނުލިއެވެ. ރޭލުގެ އެ ވަތްގަނޑުގައި ތިބި މީހުން ބަލަހައްޓައިގެން ތިބީއެވެ. އެތަނުން އެކަކު އަހައިލިއެވެ. "ތިޔަ ކުއްޖާގެ މަންމަ ކޮބާ؟ ދަރިފުޅު މަންމަގެ އަތަށް ދޭންވީނު؟"
(ނުނިމޭ)