(18 ޖަނަވަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި މީޓަރު ނުޖައްސާނޭ ކަމަށާއި ކުއްޔެއްވެސް ނުނަގާނޭ ކަމަށް ބާދްޝާ ބުންޏެވެ. އަދި ކޮލެޖު ނިމުނީމާ ގެއަށް ހިލޭ ގެންގޮސްދޭނޭ ކަމަށްވެސް ބުންޏެވެ. އެހައި ބޮޑު އުފަލެއް ލިބިގެން އުޅެނީ ކީއްވެގެން ހެއްޔޭ ފަރްޒާނާ އަހައިލިއެވެ.
ޖަވާބުގައި އޭނާ ބުނީ ވަރަށް އާދަޔާ ޚިލާފު އެއްޗެކޭއެވެ. އޭނާގެ ކާވެނި ވާން އުޅެނީ ކަމުގައެވެ. އޭނާގެ ވާހަކައިން ބައެއް ފަހަރު ލަފާ ކުރެވެނީ ކުޑަ ސޭކުކަމެއް ހުރި، މައުސޫމު މީހެއް ކަމުގައެވެ. އޭނާ އަންހެންކުއްޖާގެ ރުހުމެއް ނުހޯދައެވެ. އެކުއްޖާގެ ގެއެއް ނޭނގެއެވެ. އެކަމަކުވެސް އުފަލުން ފޮޅެނީއެވެ. އަބުރުވެރި ގެއެއްގެ ކުއްޖަކާ އިނދެވޭނޭ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.
އެ ދުވަހު ފަރްޒާނާއަށް ފުރަތަމަ އެނގުނު ކަމަކީ ބާދްޝާ ރަނގަޅު ކުއްޖަކާ އިންނާން ބޭނުންވާ ކަމާއި، އަމިއްލަ ކާރެއް އޮންނަކަމާއި، އަމިއްލަ ގެދޮރު ހުރިކަމެވެ. އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭކަންވެސް އެނގުނެވެ. އެކަމަކު އޭނާގެ އާދަތައް ހުންނަ ގޮތާއި، މިޒާޖާއި، އަޚްލާގާ ބެހޭ އެއްވެސް ކަމެއް ފުރަތަމަ ނޭނގެއެވެ. ބައެއް ފަހަރަށް ވަރަށް ޗާލާކު މީހެކޭ ހީވާގޮތް ވެއެވެ. އަނެއް ބައި ފަހަރަށް ބުއްދިވެރި، ވިސްނުން ތޫނު މީހެކޭ ހީކުރެވެއެވެ. އޭނާ ބުނި ގޮތުގައި ކުލީކާރަކީ އޭނާގެ ޔުނިވަރުސިޓީއެވެ. އަދި އެ ވާހަކައިގެ ތަފުސީލުވެސް ވަރަށް ރަނގަޅަށް ބަޔާން ކުރިއެވެ. ފަރްޒާނާ ވަރަށް ބޮޑަށް ޝައުގުވެރިވީ އެހެން ވާހަކައެއްވެސް އެ ދުވަހުގެ ވާހަކައިގެ ތެރޭގައި ބާދްޝާ ބުންޏެވެ. "ވަގުތު ޖެހުމުގެ ކުރިން ހޭނ މީހާއަކީ މޮޔައެއް ކަމަށް މީހުން ބުނޭ. އެކަމަކު އުއްމީދަކީ ފަހުން ރޮއްވައިލިޔަސް ވަގުތު ޖެހުމުގެ ކުރިން ހެއްވާ އެއްޗެއް."
އޭނާގެ ވާހަކައިން ބައެއް ފަހަރަށް ފާހަގަ ކުރެވެނީ މޮޔަކަމެވެ. ތިމަން މިދަނީ ޖަހާންގީރް ރޯޑްގައި ހުންނަ ރައްޓެއްސެއްގެ ގެއަށް ނޯޓު ބަލައޭ ބުނީމާ ބާދްޝާ ދެއްކި ވާހަކައަކީ އަޖައިބެއް ކަހަލަ ވާހަކައެކެވެ. ނޯޓު (ނޫޓު) ގެ ވާހަކަ އޭނާއަށް ވިސްނުނީ ތަފާތު ގޮތަކަށެވެ. ތިމަންގެ އަތުގައިވެސް ސަތޭކައިގެ ނޫޓާއި، ފަންސާހުގެ ނޫޓާއި ހާހުގެ ނޫޓުވެސް އެބަހުއްޓޭ ބުނީމާ ފަރްޒާނާއަށް ބާރަށް ހީނގަނެވުނެވެ. ވާހަކައިގެ ތެރެއިން ގޮސް އެންމެ ފަހުން ބުޅާ ގޯނިން ބޭރުވެއްޖެއެވެ. ބާދްޝާ އޭނާޔާ ގަޔާވެއްޖެކަން ރަނގަޅަށް އެނގިއްޖެއެވެ. ބާދްޝާއަކީ މާ ރަނގަޅަށް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. މާދުރަށް ވިސްނާ މީހެއްވެސް ނޫނެވެ. ވާހަކައިގެ ރާގު ބަދަލުވެ، މާތް ބަހުރުވައިން އާދައިގެ ބަހުރުވައަށް ވަރަށް އަވަހަށް ބަދަލު ވެއްޖެއެވެ.
ކާރުގައި ކުރި ދަތުރުގައި ވާހަކަ ދިޔައީ ކުރިލައި ހެދެމުންނެވެ. ފަރްޒާނާގެ ހިތަށް އެރިއެވެ. އަމިއްލައަށް އަހަންނާ ދިމާއަށް ލެނބުނީމާ ކޮލެޖުން ގެއަށް ބާދްޝާއާއެކު ދާން އިންކާރު ކުރާނޭ ކަމެއް ނެތެވެ.
އެކަމަކު ބާދްޝާ އެ ވާހަކަ ބުނީމާ ގޮތް ދައްކައިލާން ވެގެން އޭނާ އިންކާރު ކުރިއެވެ. ކޮލެޖަށް ވަދެގެން ދިޔައީ ތިމަން މިއީ ކުލީކާރުގައި ދަތުރުކުރާ ހިތްވާ މީހަކީމެއް ނޫނޭ ބުނެފައެވެ. ދޭއް ޖަހާއިރު ބާދްޝާ އަންނާނޭކަން އޭނާއަށް ޔަގީނެވެ.
ކޮލެޖުގެ ގޯތިތެރެއަށް ވަދެ ފާރެއްގެ ނިވަލުގައި ހުރެގެން އޭނާ ބޭރު ބަލައިލިއެވެ. ބާދްޝާއަކަށް އޭނާ ނުފެންނާނެއެވެ. ބާދްޝާ އިރުކޮޅަކު މަޑުކޮށްގެން އޮވެފައި ހިނގައްޖެއެވެ. ދޭއް ޖަހާއިރު އޭނާ އެނބުރި އަންނާނޭކަން ކަށަވަރެވެ. ފަރްޒާނާ އެނބުރިލީ ވަގުތު ކުރިމަތީގައި ހުއްޓައި ފެނުނީ ރުޚްސާނާއެވެ.
ރުޚްސާނާ ހުރީ މޫނު ބުރުގާ އަޅައިގެންނެވެ. ފަރްޒާނާ ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ބަލިވެ އޮތް މީހާ ކޮލެޖަށް އައީ ކީއްވެގެން؟"
"ކީއްކުރާނީ؟ ފަރީ އައީމާ ފޫހިވާން ފެށްޓީ. ކޮލެޖުގެ ބަސް އައިތަން ފެނުނީމާ ފޮތްތައް ހިފައިގެން އައިސް އެރީ. ބޭރުން ތިޔަ ހޯދަނީ ކޯނޗެއް؟"
"ރުޚްސާނާ... ރުޚްސާނާ. ކުޑައިރުކޮޅެއް ކުރިން އައި ނަމަ ފެނުނީސް. އެއީ ކުލީކާރު ދުއްވާ މީހެއް. އެ ކާރުގެ ވެރިޔަކީވެސް އޭނާ. އެހެންވީމާ ކުލީކާރު ދުއްވާ މީހެކޭ ނުބުނެވޭނެ. އެއީ އޭނާގެ އަމިއްލަ ކާރެއް."
ރުޚްސާނާ ސަމާސާ ރާގަކަށް ބުނެލިއެވެ. "ކާރުގެ ވެރިޔަކީ އޭނާއޭ އެއް ފަހަރު ބުނެފީމެއްނު؟ ދެން އަނެއްކާ އެއީ އޭނާގެ ކާރެކޭ ބުނީ ކީއްކުރަން؟ ތިޔަ އުޅެނީ އަމިއްލަ އިހުސާސްތައް ކޮންޓްރޯލު ނުވެގެންހެން އަހަންނަށް އެބަ ހީވޭ."
ފަރްޒާނާ ސަމާލުވެލިއެވެ. "މާބޮޑަށް ހޫނު ވާތީ ދޫ އޮޅުނީ. ހިނގާ ކެންޓީނަށް. ފިނި އެއްޗެއް ބޮއިގެން ހުރިހައި ވާހަކައެއް ތަފުސީލުކޮށް ކިޔައިދޭނަން."
ދެމީހުން އެކީގައި ގޮސް ކެންޓީނުގައި އިށީނދެއްޖެއެވެ. ފަރްޒާނާ ވާހަކަ ފަށައިފިއެވެ. ބާދްޝާ ޖާނީއަކީ ކޮން ކަހަލަ މީހެއް ކަމާއި، މިޒާޖަކީ ކޮބައިކަމާއި، ވާހަކަ ދައްކަނީ ކިހިނެއްކަން ބުނެދީފިއެވެ. އަދި ރުޚްސާނާ އިންނާން އޭނާ ރަނގަޅު ވާހަކަވެސް ބުނެފިއެވެ.
"ތިޔަ ބުނާ މީހާއަކީ ކުލީކާރު ދުއްވާ މީހެއް ކަމަށް ވަންޏާ ބޮޑު މަތިމަހެއް ހުންނާނެ. ކޯ ހުންނާނީ ދެ ފުއްޕާހަންހެން ފުފިފައި. ލޯ ހުންނާނީ ދެކާށިކިބަހެން ބޮޑުކޮށް. ރަތްކުލައިގައި."
ފަރްޒާނާ ބޯ ހޫރައިލިއެވެ. "އަހަރެން ބުނަން އުޅޭ ވާހަކައަކީ ތިޔައީ. ރުޚްސާނާ ތިޔަ ބުނާ ކަހަލަ އެއްވެސް ސިފައެއް އޭނާގެ ކިބަޔަކު ނެތް. އެއީ ކުލީކާރު ދުއްވާ މީހެއްހެން ހިއެއްވެސް ނުވޭ. އޭނާގެ އޮތީ ކުޑަކުޑަ އެންމެ މައްސަލައެއް. އެއީ މާ މޮޅަށް ކިޔަވައިގެން ހުރި މީހެއް ނޫން."
ރުޚްސާނާ ބުންޏެވެ. "އޮތީ ތިޔަ މައްސަލަ އެކަންޏެއް ނޫން. އެއީ ކުލީކާރު ދުއްވާ މީހެއް. މަންމަމެން ވިސްނާނީ ކިހިނެއް ކަމެއްވެސް ނޭނގޭ."
"އެކަމާ ވިސްނުމަކީ ރުޚްސާނާގެ ކަމެއް. އެއީ މަންމަޔާ ބެހޭ ކަމެއް ނޫން. ވިސްނުމަށް ފަހު ވަކި ގޮތެއް މިއަދު ކަނޑައަޅަން ވާނެ. އޭނާ ދޭއް ޖަހާއިރު އަންނާނެ. މިއަދު ކޮލެޖަށް އައިކަން ރަނގަޅު. އޭނާ އައީމާ ބަލައިލާތި. އަހަރެން މިއަދު ގެއަށް ދާނީ އޭނާޔާއެކު ވަގުތުކޮޅެއް ހޭދަ ކުރުމަށް ފަހު. އޭނާޔާ ވާހަކަ ދައްކައި، އޭނާގެ އާދަތަކާއި، މިޒާޖު ދެނެގަނެވޭތޯ އަހަރެން މަސައްކަތް ކުރާނަން. އޭގެ ފަހުން އޭނާ ގެއަށް ގެންނާނީ. ރުޚްސާނާ ގެއަށް ގޮސް މަންމަމެން ގާތު ބުނޭ."
ރުޚްސާނާ އަހައިލިއެވެ. "އޭނާގެ ސިފަ ނިކަން ކިޔައިދީބަލަ. ރީތި މީހެއްތަ؟ އަޑު ރީތިތަ؟"
ފަރްޒާނާ ވިސްނާން ފަށައިފިއެވެ. ރުޚްސާނާ ބޭނުންވަނީ ބާދްޝާ ޖާނީގެ ސިފަ އޮޅުންފިލުވާށެވެ. ފަރްޒާނާ ޖައްވުގެ ތެރޭގައި ބާދްޝާގެ ސިފަ ކުރަހާން ފަށައިފިއެވެ. ރުޚްސާނާގެ ދެވަނަ ސުވާލަކީ އޭނާގެ އަޑު ކިހިނެއްތޯ ކުރި ސުވާލެވެ. އޭނާ ވާހަކަ ދައްކާން ފެށްޓީމާ ހިތުގެ ހިނގުން އަވަސް ވެގެން ހިނގައިދެއެވެ. ރުޚްސާނާ އަހައިލިއެވެ. "ޖައްވުން ތިޔަ ހޯދަނީ ކޯނޗެއް؟ އޭނާގެ ޚިޔާލުގެ ތެރެއަށް ގެއްލުނީތަ؟"
ފަރްޒާނާ ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަދި ހިނިތުންވެލުމަށް ފަހު ބުންޏެވެ. "އާނ. އަހަރެން މި ވިސްނަނީ އޭނާޔާ މެދު. ބުނާނީ ކީކޭ ބާވައޭ ހިތައި ވިސްނައިލީ. ފަށާނީ ކިހައި ހިސާބަކުން ބާވައޭ ހިތައި ފިކުރު ކޮށްލީ. އެއީ ވަރަށް ދިލްޗަސްޕު މީހެއް."
ފަރްޒާނާ ހުރިހައި ވާހަކައެއް ތަފުސީލުކޮށް ކިޔައިދޭން ފަށައިފިއެވެ. އޭނާއާއި ބާދްޝާގެ ބައްދަލުވުން އެއީ ގަޑިއެއްހައި އިރުގެ ކަމެކެވެ. އެކަމަކު ބާދްޝާގެ ވާހަކަ އޭނާ ހަތަރު ގަޑިއިރު ވާންދެން ކިޔައިދިނެވެ. އާއްމު އުސޫލަށް ބަލާނަމަ ކުލީކާރު ދުއްވާ މީހެއްގެ ވާހަކަ ފޫހި ރާގަކަށް ބުނެލާ "ހުނ..." އަކުން ނިންމައިލެވެއެވެ. އެ "ހުނ..." ގައި ހުރިހައި ތަފުސީލެއް އެކުލެވެއެވެ. އެއީ ވާހަކަ ދެއްކުންވެސް ހެޔޮނުވާ ވަރުގެ ނިކަމެތި ބައެކޭ ބުނެލެވެއެވެ. އެކަމަކު ބާދްޝާގެ ވާހަކަ ފަތިހު ފަށައިފިއްޔާ ދާ ގޮތަށް ގޮސް އަނެއް ރޭގެ ފަތިހަށް އަލިވިލޭއިރުވެސް ހުހެއް ނުވާނެއެވެ. ފަރްޒާނާ ދިޔައީ ވާހަކަ ދައްކަމުންނެވެ. އިރުއިރުކޮޅާ އޭނާގެ ކަރު ހިކޭ ކަމުގައި އިހުސާސް ކުރެވުނެވެ. ވާހަކަ ކަރުގައި އަޅައިގަންނަ ގޮތް ވެއެވެ. އޭނާ ވާހަކަ ކުރިއަށް ގެންދިޔައީ ރުޚްސާނާއަށްޓަކައެވެ. އޭނާގެ ކުށުގެ ބަދަލެއްގެ ގޮތުގައިވެސް މެއެވެ. އޭނާގެ ކުރިމަތީގައި ރުޚްސާނާގެ އަނދައިފައިވާ ފަޅިމޫނު ނެތް ނަމަ މިއަދުގެ ބައްދަލުވުން އޭނާގެ ހިތުގެ އެންމެ އަޑީގައި ސިއްރެއްގެ ގޮތުގައި ފޮރުވާފައި ބޭއްވީހެވެ. އަމިއްލަ ނަފުސަށްވެސް ސިއްރު ކޮށްފައެވެ. އަދި ދޭތެރެ ދޭތެރެއިން އެ ސިއްރު އަމިއްލަ ނަފުސަށް ހާމަ ކުރަމުން ގެންދިޔައީހެވެ.
އޭނާ އަންނާން އޮތީ ދޭއް ޖަހާއިރަށެވެ. ދޭއް ޖަހާއިރަށް ކުރަމުން ގެންދިޔަ އިންތިޒާރަކީ ދެމީހުންނަށްވެސް އަޖައިބެއް ކަހަލަ އިހުސާސްތަކެއް ކުރެވެމުން ދިޔަ އިންތިޒާރެކެވެ. އެކަކު ޝައުގުވެރިކަމާއެކު އޭނާގެ ވާހަކަ އަޑުއަހަނީއެވެ. އަނެކަކު އަޅައަޅައިގެންފައި އޭނާގެ ވާހަކަ ކިޔައިދެނީއެވެ. ކުލީކާރު ދުއްވާ މީހަކުގެ ކިބައިގައި އެފަދަ ކަޝިޝެއް ހުރެދާނެ ބާވައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އެއީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟ އޭނާގެ ކިބައިގައި ހުރީ ކޮން ކަހަލަ އަސަރެއް ހެއްޔެވެ؟ އެއީ ފިލްމީތަރިއެއް ހެއްޔެވެ؟ މަތިން ފޭބި މީހެއް ހެއްޔެވެ؟ އެންމެ ގަޑިއެއްހައި އިރުގެ ތެރޭގައި ސިކުނޑީގައި ޖާގަ ޖެހީ ކިހިނެއް ހެއްޔެވެ؟
ސިކުނޑީގައި ޖާގަ ޖެހީ ހެއްޔެވެ؟ ނުވަތަ ދެމީހުން އަމިއްލައަށް ސިކުނޑިން ޖާގައެއް ދިނީ ހެއްޔެވެ؟ ދެމީހުން ވެގެން އޭނާއަށް މާ ބޮޑު އަހުމިއްޔަތުކަމެއް ދެނީއެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އެވަރުގެ ނިކަމެތި، އާދައިގެ މީހަކު މާ މުހިއްމު މީހަކަށް ވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ އޭނާގެ ބޭނުން މި ވަގުތަށް ޖެހިފައި އޮތް ބޮޑުކަމެވެ. ބޭނުން ޖެހިފައި އޮތީ ރުޚްސާނާއަށެވެ. އެއީ އެވަރުގެ އެހެން މީހަކު މި ވަގުތު ލިބެން ނެތުމާއެކުގައެވެ. ފަރްޒާނާގެ ކަންތައް އޮތީ އެހެންނެއް ނޫނެވެ. އޭނާ ބޭނުމިއްޔާ ނުލާހިކު ރަނގަޅު، ރީތި މީހުން ލިބިދާނެއެވެ. އެހެން ވެއްޖެއްޔާ އޭނާގެ ހިތް ފުމެނަގަނީ ކީއްވެގެން ހެއްޔެވެ؟ ބިންމަތީން ކިލާ ނަގައި އަމިއްލަ ބޮލަށް އަޅަނީ ކީއްވެގެން ހެއްޔެވެ؟ މޮޔަ މީހާ ހޭން ފަށައިފިއެވެ. އެ ހުނުމުގައި ވާނީ ފުން އަދި މާނައިން ފުރިފައިވާ ޖަވާބެކެވެ. އެ ޖަވާބަކީ ކޮބައި ހެއްޔެވެ؟ އޭނާ ބުނާނެއެވެ. އޭ މޮޔަޔާއެވެ. މޮޔަކަމަކީ ކޮބައިކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟ އެއީ ދަރަޖައަކަށް ބަލާ ކަމެއް ނޫނެވެ. ހުޅަނގެއް އިރުމައްޗެއް ބަލާ ކަމެއް ނޫނެވެ. މޮޔަކަމަކީ ގުދުވާން ދަސްކޮށްދޭ ކަމެކެވެ. މޮޔަމީހާ ގުދުވެފައި ބިންމަތީން އެއްޗެއް ނަގައި އޭނާގެ ބޮލާ ހަމައަށް އުފުލައިލައެވެ. އެއީ މޮޔަމީހާގެ އެދުމެވެ. މޮޔަމީހާގެ އުސޫލެވެ.
ދެމީހުންކުރެ މީހަކު އެ ދުވަހުގެ ފަހު ކުލާހަކަށް ނުވަދެއެވެ. އެކެއް ޖެހުމާއެކު ދެ މީހުން މަތީ ބުރިއަށް އަރައިފިއެވެ. އެތާނގައި ތިބެގެން ބޭރު ބަލާން ފަށައިފިއެވެ. ބައިގަޑިއެއްހައި އިރު ވީތަނާ ކާރު އަތުވެއްޖެއެވެ. ބުނެފައިވާ ގަޑި ޖެހުމުގެ ބައިގަޑިއިރު ކުރިން ބާދްޝާ އަތުވެއްޖެއެވެ. ފަރްޒާނާ ބުންޏެވެ. "ބަލާބަލަ. އެ އައީ ކާރު. އެއީ ހަމަ އެ ކާރު. އޭގާއި އެ އިނީ އޭނާ. އެހެރަގެން ކާރުން ފައިބަނީ. ރުޚްސާނާ ބޭރަށް ދޭ. ކައިރިއަށް ގޮސް އޭނާ ރަނގަޅަށް ބަލައިލާ. އެޔަށް ފަހު ބަހަށް އަރައިގެން ގެއަށް ދޭ. އަހަރެން ނުކުންނާނީ ތަންކޮޅެއް ފަހުން."
ރުޚްސާނާ ހިނގައްޖެއެވެ. އޭނާ ދިއުމާއެކު ފަރްޒާނާގެ ހިތަށް އެރިއެވެ. ބާދްޝާ ޖާނީއާ މެދު ކަންތައް މި ކުރެވެނީ ރަނގަޅަކަށް ނޫނެވެ. ރުޚްސާނާއަށް މި ވަގުތު އެހީތެރިއަކު ބޭނުންވާ ކަމާ މެދަކު ޝައްކެއް ނެތެވެ. އަދި އޭނާގެ ބަލީގެ ބޭހަކީ މީހަކާ އިނުންކަންވެސް ޔަގީނެވެ. އެކަމަކު އޭނާގެ ބޭހަށްޓަކައި ކުށެއް ނެތް މީހަކު އަނދަވަޅަކަށް ވައްޓައިލުމަކީ ރަނގަޅު ކަމެއް ނޫނެވެ. ފަރްޒާނާގެ ހިތަށް ވެރިވީ ބާދްޝާގެ މައުސޫމުކަމާއި ތެދުވެރިކަމެވެ. އެފަދަ މައުސޫމު މީހަކަށް މަކަރު ހެދުމަކީ ކޮންފަދަ ވިޔާނުދާ ކަމަކަށް ވާނެ ހެއްޔެވެ؟ އޭނާއަށް އެ ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟
(ނުނިމޭ)