ފަޅިމޫނު - 1

"އަޖައިބެއް ކަހަލަ ކަމެއް. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޖަނަވާރެއް ވާނީ ޖަނަވާރަކަށް. އެހެރަ ފެންނަ ޖަނަވާރުގެ ކިބައިގައި މިވެނި ވަރަކަށް އިންސާނިއްޔަތުކަން އެބަހުއްޓެކޭ އަހަރެމެން ނުބުނަމު. ޖަނަވާރަކަށް ދުވަހަކުވެސް އިންސާނަކަށް ނުވެވޭނެ. އެކަމަކު އަހަރެމެން އާދަމުގެ ދަރިންނަށް ޖަނަވާރަށް ގޮވަމު. ކަލެއަކީ އާދަމުގެ ދަރިއެއްހޭ ނުވަތަ ޖަނަވާރެއްހޭ އަހައިލަނީ އެއްވެސް ޖެހިލުމަކާ ނުލައި."

ބާދްޝާ ޖާނީ އަމިއްލަ މޭގައި އަތުން ޖަހައިލުމަށް ފަހު ބުންޏެވެ. "ބޭބޭ. އަހަރެން މިއީ އާދަމުގެ ދަރިއަކީން. ޖަނަވާރެކޭ އެއްފަދަ ދިރިއުޅުމެއް އުޅުނު ކަމުގައި ވިޔަސް ސީދާ އާދަމުގެ ދަރިޔަކީން. ކުރާނީވެސް ކީއް؟ އާދަމުގެ ދަރިޔާ ގެރިއެއްހެން އުޑި ނާނބުރައި، ހިމާރެއްހެން ބުރަ ނުއުފުލައި، ބަކަރިއެއްހެން ހަފަހަފައިގެން ފަތް ނުކައި އާދަމުގެ ދަރިއަކަށް ވާނީ ކިހިނެއް؟ އެއްވެސް މީހަކު އެމީހެއްގެ ދަރިއަކު ކަންނެތް މީހަކާ ނުދެވާނެ."

ކުޑަ ޢަލީ ފަހަތު ފުރޮޅާ ދިމާގައި ދުންކަރާސް ޖަހަމުން ބުންޏެވެ. "ސާބަހޭ ބާދްޝާ ޖާނީ. ކޮންފަދަ ރީތި ވާހަކައެއް. ހިތް މިހިރަގެން ފުމެ ނަގަނީ. ކިޔަވައިގެން ހުރި މޮޅު މީހަކަށްވެސް އާދަމު ދަރިޔާގެ ތާރީފު ތިޔަ ކަހަލަ ގޮތަކަށް ކުރާކަށް ނޭނގޭނެ."

ބާދްޝާ ޖާނީގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން އިންޖިނޭރު ބޭބެ ބުންޏެވެ. "ބަލަ އަހަރެމެންގެ ބާދްޝާއަކީ ޖާހިލަކީތަ؟ އޭނާ އެހެރީ އަށްވަނަ ކުލާސް ނިންމާފައި. ވައިގެބަނދަރުންނާއި، ބަނދަރުމަތީންނާއި، ކްލިފްޓަނުން އިނގިރޭސިން އަރުވައިގެން ދުއްވާ. ބޮލިރަވައެއްހެން އިނގިރޭސި ބަސް ތަޅުވާ. ބާދްޝާ... ކޮންމެ މީހަކުވެސް ކަލެޔާ އެމީހެއްގެ ދަރިޔާ ދެވާން އެއްބަސް ވާނެ. ފުދޭވަރުގެ އާމްދަނީއެއް އެބަ ހޯދަމު. ދިރިއުޅެން ކުޑަވަރެއްގެ ގެއެއް އަޅައިފީމު. މަދީ ކޮން ކަމެއް؟ މަދީ އަނތްބެއް. ނޫންތަ؟"

ބާދްޝާ ފުން ނޭވައެއް ލިއެވެ. "ބޭބޭ. އަހަރެންގެ ކުލީ ކާރަށް އެތައް އަންހެން ކުއްޖަކު އަރައިފި. އެކަމަކު އަނތްބަކަށް ހަދައިގެން ގެންނަ ވަރުގެ ކުއްޖަކާ އަދި ދިމައެއް ނުވޭ. މި ހިތް ބޭނުން ވެގެން އުޅެނީ ކޯޗެއް ކަމެއްވެސް ނޭނގޭ. ލޯ މިހިރަގެން ހޯދަނީ ކާކު ކަމެއް ނޭނގޭ. ހޯދާ މީހާ ފެނުމާއެކު ވަގަށް ނަގައިގެން ގެންނާނަން."

"އައްދެ އައްދޭ... ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް. ރަނގަޅަށް ވިސްނާ. ހެޔޮ ވާހަކަ ދައްކާ. ހިލޭ އަންހެނުންގެވެސް އިއްޒަތަކާއި އަބުރެއް އޮންނާނެ."

"ތިޔަކަން އަހަރެންވެސް ދަންނަން. ކޮންމެ މީހެއްގެވެސް އިއްޒަތެއް އޮންނާނެ. މި ދުނިޔޭގައި ލެއްވި ހުރިހައި އަންހެނުންނަށް އަހަރެން ގަދަރު ކުރަން. ފަހަތު ގޮނޑީގައި އިށީނދެގެން އިން އަންހެނަކާ ދިމާއަށް އަހަރެން ދުވަހަކުވެސް ނުބަލަން. ފަހަތް ބަލަން ހުންނަ ލޯގަނޑުވެސް ހުންނާނީ އެމީހަކު ނުފެންނަ ގޮތަށް އަނބުރާފައި. އެއީ ހިލޭ އަންހެނުންނާ ދިމާއަށް ނުސިޔާނު ގޮތްގޮތަށް ނުބަލާން ވެގެން ހަދާފައި ހުންނަ ގޮތެއް. އެކަމަކު ބޭބޭ... ވާހަކައެއް ބުނަންތަ؟ ވަގަށް ނަގައިގެން ގެނައުމުގެ ހައްގު އަހަންނަށް ލިބިފައިވާ އެންމެ ކުއްޖަކު ނަމަވެސް މި ދުނިޔޭގައި އުޅެން ވާނެއެއްނު؟"

"ނޫނޭ. އެ ކުއްޖަކު ގެންނާނީ ގާނޫނީ ގޮތުން ކާވެނިކޮށްގެން. ތިޔަ ކަހަލަ ވިޔާނުދާ ވާހަކަ ނުދައްކާ. ތިޔައީ ވިޔާނުދާ މީހުން ދައްކާ ކަހަލަ ވާހަކަ."

"ކުލީ ކާރު ދުއްވާ މީހުންނަކީ ވިޔާދާ މީހުން ކަމަށް ބަލަނީ ކާކު؟ ރަނގަޅު، އަބުރުވެރި ކުއްޖަކު ފެނިއްޖެއްޔާ އެ ކުއްޖާގެ ގޭގެ މީހުން އަހަންނާ ދެވަން އެއްބަސް ވާނެތަ؟"

"ކޮއިފުޅާ. އަބުރުވެރި ކުއްޖަކު ހޯދާފައި އެ ކުއްޖާގެ ގޭގެ އެޑުރެސް ބުނެބަލަ. އެ ކުއްޖާގެ ގޭގެ މީހުންނާ ވާހަކަ ދައްކަން ދާނީ ސީދާ އަހަރެން."

ގަރާޖުގައި މަސައްކަތް ކުރަން ތިބި އެހެން މީހުންނާ ދިމާއަށް ބަލައިލާފައި ބާދްޝާ ބުނެލިއެވެ. "އެކުވެރިންނޭ. އަޑު އިވިއްޖެތަ؟ އެހެންވީމާ އިރާދަ ކުރެއްވިއްޔާ ލަހެއް ނުވެ އަހަރެންވެސް މީހަކާ އިންނާނަން. ހެޔޮ ދުޢާ ކުރޭ."

އެންމެން އެކީގައި ދެއަތް އުފުލައިލަމުން "އާމީން" ކިޔައިފިއެވެ. އާމީންގެ އަޑުގެ ތެރެއިން އަންހެން އަޑެއްވެސް އިވިގެން ދިޔައެވެ. "ކާރު ހުސްތަ؟"

އަޑު ކެނޑި ހިމޭން ވެއްޖެއެވެ. އެންމެންގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި ހުރި އަންހެންކުއްޖާއަށެވެ. ބާދްޝާ ގަނޑުވީ ކަހަލައެވެ. ދުލުން ދުޢާ ނުކުތުމާއެކު އުޑާ ހަމައަށް އުފުލި ބިންމަތީގައި އިޖާބައިގެ ހަރަކާތް ފެށިދާނޭ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ކުރިމަތީގައި ފެންނާން އެހެރީ ރީތި އަންހެންކުއްޖެކެވެ.

އެއީ ކޮން ކުއްޖެއް ބާވައެވެ؟ ކޮންމެ ކުއްޖަކު ކަމުގައި ވިޔަސް އެއީ އޭނާގެ ދުޢާގެ ނަތީޖާއެވެ. އިޖާބަ ކުރެއްވުމެވެ. ބާދްޝާގެ ހިތް ތެޅެން ފަށައިފިއެވެ. އެ ކުއްޖާ ހާސިލު ކުރުމުގެ އެދުން ހަމަ އެ ވަގުތު ހިތުގައި ހިނގައިގެންފިއެވެ. އެ ކުއްޖާ ހުރީ ފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމެއް ލައިގެން އެ ހެދުމުގެ މަތިން ޑަކްޓަރުން ލާ ކަހަލަ ހުދު ކުލައިގެ ކޯޓެއް ލައިގެންނެވެ. އެއް އަތުގައި އޮތީ ބަލިބަލާ ކަށިގަނޑެކެވެ. އަނެއް އަތުގައި ހުރީ ފޮތެވެ. "އަހަރެން ބޭނުން ވަނީ މެޑިކަލް ކޮލެޖަށް ދާން."

ބާދްޝާ ތެޅިގެންފައި ގޮސް ކާރުގެ ފަހަތު ދޮރު ހުޅުވައިލިއެވެ. "ލައްބަ... ލައްބަ. އަވަހަށް ދުރުވޭ. އަރުއްވާ."

ކާރުގެ ފަހަތުން ކުޑަ ޢަލީ ބޯ ހިއްލައިލިއެވެ. "ވެރިޔާ. މިއަދު ކާރު ދުއްވާނީ ފުރޮޅަކާ ނުލައިތަ؟ މި ފުރޮޅު ބަދަލު ކޮށްލަންދެން މަޑުކޮށްލާ."

ބާދްޝާ ރުޅި އައިސްފައި ބުނެލިއެވެ. "ކަލެއަށް ފުރޮޅެއް ބަދަލު ކުރެވެނީވެސް ދުވާލު ހަތަރުދަމުންތަ؟ ތިޔަވަރުން އަނބިދަރިންނަށް ކާންބޯން ދޭނީ ކިހިނެއް؟"

މިހެން ބުނެފައި އޭނާ ބަލައިލީ އަންހެންކުއްޖާއާ ދިމާއަށެވެ. ވަރަށް ދެރަވެފައި ބުނެލިއެވެ. "މިއީ ވަރަށް ކަންނެތް ބައެއް. ތާއަބަދުގެ ކަމަކީ ފޮނިކެނޑުން. މަސައްކަތަކަށް ސަމާލުކަމެއް ނުދޭނެ. ކަންބޮޑުވެ ނުލައްވާ. އިސާހިތަކު ފުރޮޅު ބަދަލުކޮށް ނިމިދާނެ."

އަންހެންކުއްޖާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. "އޯހ. އައި އޭމް ގެޓިންގ ލޭޓް."

ބާދްޝާ ބޯ ކަހައިލިއެވެ. "ލޭޓު... ލައްބަ... ލައްބަ. ލޭޓު އަޅުގަނޑަށް އެނގޭ. އަޅުގަނޑު އިނގިރޭސި ބަސް ދަންނަން. އަށްވަނަ ކުލާހާ ހަމައަށް އަޅުގަނޑު ކިޔެވިން. އިނގިރޭސިއަކު ކާރަށް އަރައިފިއްޔާ މީޓަރު ޖައްސައިގެން ނުދާނަމޭ، އެގޮތާ ރުހެންޏާ ކަމް އޭ އެހެން ނޫނިއްޔާ ގޯ އޭ އަޅުގަނޑު ބުނަން."

އޭނާގެ އިނގިރޭސި އަހައިފައި އަންހެންކުއްޖާގެ ގާތަށްވެސް ހިނިއަތުވެއްޖެއެވެ.

ބާދްޝާ ދުވެފައި އިންޖިނޭރުބޭބެގެ ގާތަށް ހިނގައްޖެއެވެ. "ބޭބެއަށް ފެނުނުތަ؟ އެ ކުއްޖާ ހިނިތުންވެލައިފި. އޭގެ މާނައަކީ ސަމުސަލަށް އެރީއޭ. އަހަންނަށް އިންތިޒާރު ކުރާތި. އަހަރެން މިދަނީ އެ ކުއްޖާ ގޮވައިގެން. އެނބުރި އަންނާނީ ފުރިހަމަ ނަމާއި ގޭގެ ޚަބަރާއި މައިންބަފައިންގެ ވަނަވަރު އޮޅުންފިލުވައިގެން. ބޭބެގެ ވައުދު ހަނދާން އެބަހުރިތަ؟ އަހަރެން ވަރަށް އަވަހަށް އަންނާނަން."

މިހެން ބުނެފައި އޭނާ ދުވެފައި ދިޔައީ ކާރާ ދިމާއަށެވެ. "ކުޑައައްޔާ. އަހަރެންގެ މަސައްކަތަށް ހުރަސް ނާޅައި އަވަހަށް ތިޔަކަންތައް ނިންމަބަލަ."

ކުޑަ ޢަލީގެ އަޑު އިވުނެވެ. "މިހާރު މި ބާރު ކުރަނީ އެންމެ ފަހުގެ އިސްކުރު. އަވަހަށް އަރައި އިސްޓާޓު ކުރޭ."

ބާދްޝާ ފަހަތު ދޮރަށް އިޝާރާތް ކޮށްފައި ބުނެލިއެވެ. "ޑަކްޓަރު ސާހިބާ. އަވަހަށް އަރުއްވާ. ކަންބޮޑުވެ ނުލައްވާ. އަޅުގަނޑު ރޭހަށް ފިތައިލުމާއެކު ކާރު އޮންނާނީ މެޑިކަލް ކޮލެޖް ދޮށުގައި. މިއަދު ދުއްވާނީ މަތިންދާބޯޓުގެ ދުވެލީގައި."

އަންހެންކުއްޖާ އަރައި އިށީނދެއްޖެއެވެ. "ބާރަށް ދުއްވީމާ އަހަރެން ބިރުގަނޭ. އަވަހަށް ދާން ބޭނުން. އެކަމަކު މަރުވާކަށް ބޭނުމެއް ނޫން. އެހެންވީމާ ބަލައިގެން ދުއްވާތި."

ބާދްޝާ ކާރު އިސްޓާޓުކޮށްލިއެވެ. "އަޅުގަނޑުވެސް ބޭނުންވާ ގޮތަކީ ތިޔައީ. މަޑުމަޑުން ވާހަކަދައްކަމުން ދިއުމަކީ އެންމެ މޮޅު ގޮތް."

ކާރު ދުއްވައިލީމާ އަންހެންކުއްޖާ ބުނެލިއެވެ. "ކާރުގެ މީޓަރެއް ނުޖައްސަމެއްނު؟"

"ނުޖައްސަން. ކީއްކުރާ މީޓަރެއްތޯ؟"

އަންހެންކުއްޖާ ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެފިއެވެ. "ތިޔައީ ކުލީކާރު ދުއްވާ މީހުންގެ އާދަ. ދަތުރުވެރިން  ލޫޓުވުމުގެ އައު ގޮތެއް. މީޓަރު ނުޖައްސަނީ ކީއްވެގެން؟"

"ތިޔަ ހީކުރެއްވީއަކީ ރަނގަޅަކަށް ނޫން. މިއަދު އަޅުގަނޑު މީޓަރެއް ނުޖައްސާނަން. ކުއްޔެއްވެސް ނުނަގާނަން."

އެ ކުއްޖާ ހައިރާންވިއެވެ. "ކީކޭ؟ ކުލި ނުނަގާންވީ ކީއްވެގެން؟"

"ނަންގަންނާނީވެސް ކީކޭތޯ؟ މިއަދު އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް އުފާވެފައި. އުފާވީވަރު ބޮޑުކަމުން އަޅުގަނޑު ނިންމައިގެން މިހިރީ ދެކޮޅު ދަތުރުވެސް ހިލޭ ކޮށްދޭން. ކޮލެޖުން ގެޔާ ހަމައަށްވެސް ގެންގޮސްދޭނީ ހިލޭ."

"އަޖައިބެއް. ތިޔަވަރުގެ އުފަލެއް ލިބުނީ ކޮން ކަމެއް ވެގެންތަ؟"

ކުރިއަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ހިތަށް އަރައެވެ. އެ ސުވާލަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ހުވަފެނުގެ ރާނީ ލިބުނީމައޭ ސީދާ ބުނާކަށް ނުކެރޭނެއެވެ. ލިބޭނޭ ކަމެއް އަދި މުޅިއަކުން ޔަގީނެއްވެސް ނޫނެވެ. ހިތަކީވެސް ވަރަށް މޮޔަ އެއްޗެކެވެ. ރަނގަޅު އެއްޗެއް ނުވަތަ ގަޔާވާ މީހަކު ފެނުމާއެކު ވަކި ގޮތެއް ނުބަލައި ފުމެން ފަށައިފާނެއެވެ.

އަންހެންކުއްޖާ އަނެއްކާވެސް އަހައިލިއެވެ. "ޖަވާބެއް ނުދިނީ ކީއްވެގެން؟ ލިބިގެން އުޅޭ އުފަލަކީ ކޮބައިތަ؟"

"ވެގެން އުޅޭ ގޮތަކީ... އެ އުޅެނީނޫންތޯ... އަޅުގަނޑުމެންގެ އިންޖިނޭރުބޭބެ؟ އެތާ... ގަރާޖުގައި ހުއްޓެއް ނޫންތޯ؟ ތުބުޅިއެއް ލާފައި ހުރި މީހަކު އެތާ..."

އަންހެންކުއްޖާ ބުންޏެވެ. "އާނ... އާނ. އަހަރެން ދުށިން. ވާހަކަ ކުރިއަށް ގެންދޭ."

"ދެން ނަންގަންނާނީ ކީކޭތޯ؟ އަޅުގަނޑު ލަދު ގަނޭ."

އަންހެން ކުއްޖާ ހައިރާންވިއެވެ. "ލަދު ގަނެއޭ؟ ފިރިހެނަކަށް ވެހުރެ ލަދުވެސް ގަންނަނީތަ؟ ކިހިނެއްވީ؟"

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ ކުލީކާރު ދުއްވާ މީހެއް. އެކަމަކު އިންޖިނޭރުބޭބެ ބުނާ ގޮތުގައި އަޅުގަނޑަކީވެސް އިންސާނެއް. އަބުރުވެރިއެއް. އެހެންވީމާ އަބުރުވެރި އާއިލާއެއްގެ ކުއްޖަކާ އަޅުގަނޑު ރުހިއްޖެއްޔާ އެ ކުއްޖާގެ އާއިލާގެ މީހުން އަޅުގަނޑާއި އެ ކުއްޖާޔާ ދެވާކަށް ދެކޮޅެއް ނުހަދާނެ. އަޅުގަނޑު ބުނީ އެހެންނެއް ނުވާނެއޭ. އިންޖިނޭރުބޭބެ ބުނީ ވާނެއޭ... މި ވާހަކަޔާ ގުޅިގެން އިންޖިނޭރުބޭބެ ބުނީ އަބުރުވެރި ކުއްޖަކު ހޯދައިފިއްޔާ އެ ކުއްޖެއްގެ އާއިލާގެ މީހުންނާ ވާހަކަ ދައްކައިގެން އަޅުގަނޑާއި އެ ކުއްޖަކާ ދެވާނަމޭ."

"އެހެންތަ؟ އަދި ގޭ މީހުންނާ ވާހަކައެއް ނުދައްކާ ދޯ؟ އެ ކުއްޖާގެ ގެ އެނގިއްޖެތަ؟"

"ހަވީރުވާން ވާއިރަށް އެނގިދާނެ."

"އަހަނ... އަދި ގެވެސް ނޭނގޭ؟ ގޭމީހުން ގަބޫލު ވާނެކަމެއް ނޫންކަމެއްވެސް ނޭނގޭ. އެކަމަކު އުފަލުން ތިޔަ ފުފެނީ. އަހަރެން ހިލޭ ކޮލެޖަށް ގެންގޮސްދީ، ކޮލެޖުން ގެއަށް ގެންގޮސްދޭންވެސް މިހާރު ތައްޔާރު. ސިކުނޑިއަށް ޚަލަލެއް އައީތަ؟"

"ވަގުތު ޖެހުމުގެ ކުރިން އުފާކުރާ މީހުނަކީ މޮޔައިން ކަމަށް ބައެއް މީހުން ބުނޭ. އެކަމަކު ނަންގަންނަންތޯ؟ އުއްމީދަކީ އެކަހަލަ އެއްޗެއް. އުއްމީދުގެ ސަބަބުން ކުލަ ހުވަފެން ފެންނާން ފަށައިފާނެ. ހުވަފެނުގެ ސަބަބުން އުފާވެރިކަން ހިތަށް ވެރިވާން ފަށާ."

"ތިޔަ ދައްކަނީ ހާދަހާ މޮޅު ވާހަކައޭ. ކިޔަވައިގެން ހުރި މީހެއްހެން ހީވޭ."

"އައްދޭ. އަޅުގަނޑު މިހިރީ ވަރަށް މޮޅަށް ކިޔަވައިގެން. އަޅުގަނޑުގެ މި ކާރަކީ ބޮޑު އެނިވަސިޓީއެއް."

"އެނިވަސިޓީއަކީ ކޯނޗެއް؟"

"އެއީ ތިޔަ ކަހަލަ އަންހެންކުދިން ކިޔަވަން ދާ ތަނެއް."

"އޯހ... ޔުނިވަރސިޓީ ދޯ؟"

"ލައްބަ... ލައްބަ. އެކަހަލަ ތަނެއް. އަޅުގަނޑު ނަންގަތީ މިއީ ބޮޑު އެނިވަސިޓީއެކޭ. ދުނިޔޭގެ ހުރިހައި ގައުމެއްގެ މީހުން މިޔަށް އަރާ. ހުރިހައި ދީނެއްގެ، ހުރިހައި ނަސްލެއްގެ މީހުން އަޅުގަނޑާއެކު ދަތުރު ކުރޭ. އެކި މީހުން ދައްކަނީ އެކި ކަހަލަ ވާހަކަ. ބޭނުން ކުރަނީ އެކި ބަސްބަސް. މީސްމީހުން އެމީހުންގެ ތަޖުރިބާގެ ވާހަކަ ދައްކާ. އެމީހުން ކާރުން ފޭބުމުގެ ކުރިން މި ކުޑަކުޑަ އެނިވަސިޓީގައި ދައްކާ ހުރިހައި ވާހަކައެއް ހުންނަނީ އަޅުގަނޑުގެ ސިކުނޑީގެ ޚަޒާނާގައި ރައްކާކުރެވި ނިމިފައި."

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.