އަލަށް އެޅިފިޔަވަޅާއެކު އެތައްބައެއްގެ ކަންބޮޑުވުން

ކޮވިޑް ކޮންޓްރޯލް ކުރުމަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ އާއްމު ތަންތަނުގައި މާސްކު އެޅުން ވަނީ މަޖްބޫރުކޮށް ފައެވެ. އަދި އެއަމުރާ ޚިލާފުވާ މީހުން ވަނީ ޖުރިމަނާ ކުރަން ފަށްޓަވައިފައެވެ. އޭގެ ހަތަރު ދުވަސް ފަހުން އަނެއްކާ ވެސް އާފިޔަވަޅުތަކެއް އަޅަން ފެއްޓެވިއެވެ. އެފިޔަވަޅުގެ ދަށުން މާލެ ސަރަހައްދުގައި ރޭގަނޑު 10 ން ފަތިހު ފަހަކަށް މަގުމަތީގައި އުޅުން މަނާކުރިއެވެ. އެފިޔަވަޅާއެކު، މާލެ ސަރަހައްދުގެ ވިޔަފާރިތައް ވެސް ރޭގަނޑު 9:30 ން ފެށިގެން ބަނދު ކުރަންފެށިއެވެ. އަދި މާލެ ސަރަހައްދުގައު އެއް ފަހަރާ އެއްވެ އުޅޭ މީހުންގެ އަދަދު ފަހަކަށް ދަށްކުރިއެވެ. ހަމައެއާއެކު  ހޯމް ކަރަންޓީނަށް ރަށްރަށަށް ދިއުމުގެ އުޞޫލު ވަރުގަދަ ކޮށް އުޅަނދުފަހަރު މާލެއަށް ބަނދަރުކޮށް އަރާ ފޭބުމުގެ އުޞޫލުތަކަށް ވެސް ބަދަލު ގެނައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ދަށްށަށް ދާ ތަނެއް ނުފެނެއެވެ.

އެޅި ފިޔަވަޅުތަކާއެކުވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. ބައެއް ދުވަސްދުވަހުގެ ކޭސްތައް ދުއިސައްތައާ ގާތަށް ވެސް ވަނީ ގޮސްފައެވެ. އަދި ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެނެވެ. އުމުރުން ދުވަސްވީ މީހުންނާއި އެނޫންވެސް ބަލީގެ ހާލަތު ބޮޑުވާފަދަ ހައި-ރިސްކު މީހުންނަށް ބަލިޖެހުން އިތުރުވުމުން ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ ޢަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުގެ  ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލުގައި އެޑް މިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 16 އަކަށް އަރާފައެވެ. އައިސީޔޫގައި 10 މީހަކަށް ފަރުވާ ދެމުންދާއިރު ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. ބަލީގައި މަރުވާ މީހުންގެ  އަދަދު މިމަހަށް އެކިނި ބެލިއަސް އެވްރެޖް ކޮށް ދެދުވަހުން އެއް ދުވަހު މީހަކު ބަލީގައި މަރުވެފައި ވެއެވެ. މިހާލަތުގައި ބަލި ފެތުރެމުންގޮސް މަރުވާ މީހުންގެ އަދަދު މިގޮތަށް ދާނަމަ، އެތައް ބަޔަކު މިބަލީގައި މަރުވެދާނެކަމުގެ ބިރު އެބަ އޮތެވެ.

އަތޮޅުތަކަށް ބަލިފެތުރޭ މިންވަރު ކޮންޓްރޯލެއް ނުވެއެވެ. މިހާރުވެސް 21 ރަށެއްގައި ބަލި މީހުން އެބަ ތިއްބެވެ. ނަތިޖާއަކަށް ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހުމެވެ. އެގޮތުން އަނެއްކާ ވެސް މިވަނީ ބަލި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު އިތުރު ފިޔަވަޅެއް އަޅާފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް މިފަހަރު އެޅި ފިޔަވަޅަކީ ރޭގަނޑު 8 ން ފަތިހު 5:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމެވެ. ކުރިން އެޅި ފިޔަވަޅުގައި ރޭގަނޑު 10 ން  ފަތިހު 5:00 އަށް ބޭރުގައި އުޅުން މަނާ ކޮށްފައި އޮތުމުން މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން އިތުރަށް މަނާ ވެގެން ދިޔައީ ދެ ގަޑިއިރަށެވެ.

ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅާއެކު ޖުރިމަނާ!

ގިނަ ބަޔަކު ބުނަމުން ދަނީ އަލަށް މިއެޅި ފިޔަވަޅަކީ ދައުލަތަށް ފައިސާ ހޯދުމަށް އެޅި ފިޔަވަޅެއްކަމަށެވެ. އަލަށް އެޅި ފިޔަވަޅު ތަންފީޒުކުރަން ފެށުމުން ބަލި ކޮންޓްރޯލް ނުކުރެވި ރައްޔިތުންނަށް އެތައް ތަކުލީފު އުފުލަން ޖެހޭނެކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.

މާސްކް އެޅުން މަޖުބޫރުކޮށް ކާފިއު ހިންގި ފަހުންވެސް އެތައް ބަޔަކު މިހާތަނަށް ވެސް ޖުރިމަނާކޮށްފައިވާތީ ދައުލަތަށް ގިނަޢަދަދެއްގެ ފައިސާ ވާނީ ޖުރިމަނާއިން ލިބިފައެވެ. މާސްކު އެޅުމުގެ އަމުރާ ޚިލާފުވެގެންނާއި ކާފިއު ގަޑީގައި ބޭރުގައި އެގެން މިހާތަށް 1835 މީހަކު ވަނީ ޖުރިމަނާކޮށްފައެވެ. ޖުރިމަނާ ކުރަނީ1000 ރުފިޔާއިންނެވެ. އެހެންކަމުން މިހާތަނަށް މާސްކުއެޅުމާއި ކާފިއު އަމުރާ ޚިލާފުވެގެން ޖުރިމަނާގެ ގޮތުގައި ވާނީ 1.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައެވެ. ހަމައެކަނި ކާފިއުގެ އަމުރާ ޚިލާފުވެގެން ވެސް 951،000 ރުފިޔާ ވާނީ ދައުލަތަށް ލިބިފައެވެ. އެހެންކަމުން އުޅަނދު ފަހަރު ޖުރިމަނާ ކުރުމުން މިއަދަދު އެތައް ގުނަ އަކަށް އިތުރުވާނެއެވެ.

ބަލި ކޮންޓްރޯލް ކުރަން އަލަށް އެޅި ފިޔަވަޅާއެކު، ކުރިން ބޭރަށް ނުކުމެ އުޅުން މަނާ ގަޑީގައި ދުއްވާ އެއްޗެތީގައި މަގުމަތީގައި އުޅޭނަމަ ޖުރިމަނާ ކުރާނެއެވެ. ކުރިން މީހާ އެކަނި ޖުރިމަނާ ކުރިނަމަވެސް މިރެއިން ފެށިގެން ރޭގަނޑު 10ގެ ފަހުން ދުއްވާ އެއްޗެއްގައި މަގުމަތީގައި އުޅޭނަމަ ދުއްވާ އުޅަނދުވެސް ޖުރިމަނާ ކުރާނެއެއެވެ. އުޅަނދުގެ ޖުރިމަނާ އަކީ  ވެހިކަލްގެ ވެރިފަރާތަށް އަންނާނެ ޖުރިމަނާއެކެވެ.

ޤަވާއިދާ ޚިލާފުވާ މިހާއާއި ދުއްވަނީ އެނާގެ އަމިއްލަ އުޅަނދެއްނަމަ އުޅަނދުގެ ޖުރިމަނާއާއެކު އެނާއަށް "ޑަބަލް" ޖުރިމަނާއެއް ދައްކަން ޖެހޭނެއެވެ. ނަމަވެސް ޖުރިމަނާ ކުރާނީ ފުރަތަމަ ނަސޭހަތް ދެއްވުމަށްފަހު ތަކުރާރުކޮށް އަމުރާ ޚިލާފުވާނަމަ ކަމަށް ފުލުހުން ވިދާޅުވެއެވެ. ތަކުރާރުކޮށް އަމުރާ ޚިލާފުވާ އުޅަނދުފަހަރުގެ ޓޯކުރާނެކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ޓޯކުރެވޭ އުޅަނދު ވެރިފަރާތަށް ދޫކުރުވޭނީ ޖުރިމަނާ ދެއްކުމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން އާއްމު ޚިދުމަތް ދޭތަންތަނާއި ކެފޭ ރެސްޓޯރެންޓްފަދަތަންތަން އިންސްފެކްޓް ކުރުމަށްފަހު އުޞޫލާ ޚިލާފުވާ ތަންތަން ވެސް ބަންދުކޮށް ޖުރިމަނާ ކުރުމަށް މިހާރު ވަނީ ނިންމައިފައެވެ. ނަމަވެސް އެފަދަ ތަންތަންވެސް ޖުރިމަނާ ކުރުމަށް ނިންމައިފައި ވަނީ ދެވަނަ ފަހަރަށް އުސޫލާ ޚިލާފު ވުމުންނެވެ. މިފަދަ ތަންތަން ވެސް ޖުރިމަނާ ކުރުމަށް ނިންމަވައިފައި ވަނީ 1000 ރުފިޔާއިންނެވެ. އުޞޫލު ތަކުރާރުކޮށް ޚިލާފުވާ ތަންތަން ބަންދުކޮށް ޖުރިމަނާކޮށް ތަން ހުޅުވަން ހުއްދަ ދޭނީ ފަސް ދުވަސް ފަހުންނެވެ. މިފަދަ ތަންތަނުގެ އިންސްޕެކްޝަނެއް މިމަހު 25 ގައި ފެށުމަށްވެސް ވަނީ ހަމަޖައްސައިފައެވެ.

އެތައް ބައެއްގެ ފާޑު ކިއުން

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަލަށް އެޅި ފިޔަވަޅާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އެޗްޕީއޭއާއި ސަރުކާރަށް ދަނީ އަމާޒުކުރަމުންނެވެ. ސިޔާސި ބޭފުޅުންގެ އިތުރުން ބައެއް އާއްމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކޮށް މިފިޔަވަޅާ މެދު ފާޑު ކިޔަމުން މުންނެވެ.

ކޮވިޑާ ގުޅިގެން އާއްމު ރައްޔިތުންގެ އަތްމަތި ފަތިވެ ފިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި މިއެޅި ފިޔަވަޅުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. ވިޔަފާރިތައް ބަންދު ކުރާ ގަޑި ރޭގަނޑު 9:30 ކަމުގައި އޮވެފައި އަށެއްޖަހާއިރު އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ވެސް ބައެއް މީހުންގެ ދެކެއެވެ. ނަމަވެސް މިކަމަށް ތާއީދުކޮށް ވެސް ބައެއް ފަރާތްތަކުން ވަނީ ވާހަ ދައްކަވައިފައެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މަނާކުރި ނަމަވެސް ފިހާރަތަކާއި ކެފޭތަކުގެ ހިދުމަތް 9:30 ވަންދެން ދެވޭނެ ކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ. އަދި ޑެލިވަރީ ހިދުމަތް ވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ޑެލިވަރީ ހިދުމަތުގައި ވެސް ރޭގަނޑު އަށެއްގެ ފަހުން ދުއްވާ އެއްޗެހި ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެވަގުތުގައި ޕަބްލިކް ޓްރާންސްޕޯޓާއު ފެރީ އަދި ބަހުގެ ހިދުމަތްތައް ވަކި އުސޫލެއްގެ ދަށުން ބާއްވާނެ ކަމަށްވަނީ ވިދާޅުވެފައެވެ. އަދި ޓެކްސީތަކަށް ދީފައިވާ ހުއްދަތައް ވެސް އިތުރުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެއްގަމު އުޅަދު ދުއްވުން މަނާ ގަޑިތަކުގައި ވަޒީފާއަށް ދާނަމަ ޕަބްލިކް ޓްރާސްޕޯޓް ބޭނުން ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އެވަގުތަށް ބޭނުންވާ މިނަވަރަށް ދެވޭނެތޯ މިއީ ވިސްނަން ޖެހޭ ކަމެވެ. ޕަބްލިކް ޓްރާސްޕޯޓަށް ބަރޯސާ ނުވެ އަވަހަށް ދާން ބޭނުން ނުވާ މީހަކު ނަމަ ޖެހޭނީ ޓެކްސީ ޚިދުމަތް ހޯދާށެވެ. އާންމު ދަތުރުފަތުރަށް ޓެކްސީ ބޭނުން ކޮށްގެން ދަތުރުކުރެވޭވަރަށް ވުރެ މީހުންގެ އަތްމަތި ވަނީ ދަތި ވެފައެވެ.

"މާލޭގައި އުޅޭ ގިނަ ބައެއްގެ ކެއިން ބުއިމުގެ ކަންކަން ހަމަޖައްސަނީ ހޮޓާ ކެފޭ ރެސްޓޯރެންޓް ތަކުން. ޢިޝާނަމާދުކޮށް ނިމިގެން ރޭގަނޑު ކެއުމުގެ ކަންތައް ވެސް ނުނިމެނީސް ދުއްވުން މަނާ ގަނޑިޖެހޭނެ. ދެން ޖެހޭނީ ޖުރިމަނާ ކޮށްފާނެތީ، ހުރި ހިސާބެއްގައި ސައިކަލް ބަހައްޓައިފައި، ދިހައެއް ޖެހުމުގެ ކުރިން ގެޔާހަމައަށް ފޯރާތޯ ބަލަން. އަނެއް ދުވަހު މަސައްކަތައް ނުކުންނަން ހިނގައިފައި ސައިކަލް ބަހަށްޓާފައިވާ ހިސާބަށް ދާންޖެހެނީ. އެންމެ ފެހުން އޮފީހަށް ދާންވާ ގަނޑިއަށް އޮފީހަށްވެސް ނުދެވޭނީ." ސަރުކާރުން އަލަށް އެޅި ފިޔަވަޅާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި މީހަކު ބުނެފައިވެއެވެ.  

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަން ހެން ބައެއް ފަހަރު ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ އަލަށް މިއެޅި ފިޔަވަޅު ވެގެންދާނީ އެތައް ބަޔަކަށް ތަކުލީފަކަށް ކަމަށެވެ. އަދި އެކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިކަމަށް ފިޔަވަޅަށް ތާއީދުކޮށް ވާހަކަ ދައްކައިފައިވާ ބައެއް މީހުން ދެކޭ ގޮތުގައި ލޮކްޑައުންނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުމަށް ވިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެހެންކަމުން މިއެޅި ފިޔަވަޅުގެ ސަބަބުން ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވޭނެކަމަށް އެފަރާތްތަކުން ދެކެއެވެ. ނަމަވެސް މިފަޔަވަޅަށް ތާއީދުކޮށް ވާހަކަ ދެއްކި ބައެއް މީހުން ވެސް ބުނެފައިވަނީ ޑެލިވަރީފަދަ ބައެއް ޚިދުމަތްތަކަށް ޚާއްޞަ ހުއްދައެއް ދީގެން ވިއަސް ދުއްވުމުގެ ހުއްދަ ދޭންޖެހޭ ކަމަށެވެ. ނޫންނަމަ އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވެދާނެކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވަނީ ޙާލަތު ރަނގަޅު ވާވަރަކަށް އެޅިފައިވާ ފިޔަވަޅު ތަކަށް ލުއި ދެވޭނެކަމަށެވެ. ހައްލަކީ ހަމަ އެކަނި ޖުރިމަނާ ކުރުން ކަމަށް ބަލައިގެން ވެސް ކަންން ހައްލު ކުރެވޭނެތޯ ސުވާލު އުފެދެއެވެ. އެހެންނަމަ ޤަވާއިދާ ޚިލާފަށް ޕާކްުކޮށްގެން ކުރާ ޖުރިމަނާއިން ވެސް މައްސަލަ ހައްލުވީހެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ފަންނީ ބޭފުޅުންގެ ލަފާގެ މަތިން އެޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. ނަމަވެސް އަޅާ ފިޔަވަޅުން އެކަށީގެންވާ ނަތީޖާއެއް ނުކުންނާނެ ތޯވެސް ތަންފީޒުކުރުމުގެ ކުރިން ވިސްނަން ޖެހޭނެއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.