ގއ. ވިލިނގިލީގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، މުޢާޛު ޙަލީމެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، ޙަސަން ރިފާޢީ ބުޝްރީއެވެ.
މިއީ މި ދައުރުގެ ތެރޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 550 ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ނިންމާގޮތަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރެވުނު މި ފަޔަރ ސްޓޭޝަން ގާއިމުކުރެވުމާ އެކު އެ ސަރަހައްދުގައި ދިމާވާ އެކިއެކި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ނާއިބު، ފާޠިމަތު މިޒުނާ ޢަލީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ހިންގެވުމާ ހަވާލުވެހުންނެވި، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރާއި، ސަރވިސް ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.
