އައްޒަގެ ދިރާސީ ބަސް: ސުވާދީބުގެ ސަފުހާތަކުގެ ތެރެއިން ގ.ހަވަރުތިނަދޫގެ ފަސްމަންޒަރު

Photo credit: Maldives Independent

"އައްޒަގެ ދިރާސީ ބަސް"ގެ މިއަދުގެ ލިޔުން ޚާއްޞަކޮށްލަނީ ގ.ހަވަރުތިނަދޫން މީހުން ބާލައި އެ ރަށް ފަޅުކުރަން އޭރުގެ ދިވެހި ސަރުކާރުން ނިންމެވުމާ އެކު އެކަން ހިނގައި ދިޔަ ގޮތް ދެނެގަތުމަށް ކުރެވިފައިވާ ދިރާސާއެއްގެ ތާރީޚީ ސަފުހާތަކެއްގެ ތެރެއިން މުހިންމު ބައިތަކެއް ލިޔުމަށެވެ. މިގޮތުން ކޮންމެ ހަފުތާއަކު ވެސް ދިރާސާގައި އެއްކުރެވިފައިވާ މަޢުލޫމާތުގެ ތެރެއިން ތަފާތު ފަތްފުށްތަކެއް ހިމަނާލުމަށް ގަސްތުކުރަމެވެ. މި ސިލްސިލާ ވާހަކަތައް ފެށުމުގެ ކުރިން ދިރާސާގެ މަސައްކަތުގެ ކުޑަ ތަޢާރަފެއް ދޭނަމެވެ.

މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށް އޭރުގެ ނަމުން ނަމަ ސުވާދީބު ސަރަހައްދުގައި ހިމެނޭ ތިން ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ދަތުރުކުރީމެވެ. މިގޮތުން ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށްޓަކައި ހުވަދޫ އަތޮޅު، ފުވައްމުލައް އަދި އައްޑޫ އަތޮޅުގެ، ޢުމުރުން 65 އަހަރުން މަތީގެ 112 މީހުންގެ ބަސްދީގަތުން ހޯދީމެވެ. އަދި މީގެ އިތުރުން މި ހާދިސާތަކާ ގުޅޭ ގޮތުން އެދުވަސްވަރުގެ ކަންކަން އެނގިވަޑައިގަންނަވާނެ، އޭރުގެ ދިވެހިސަރުކާރުގެ ބައެއް އިސްވެރިންނާ އެކު މާލެއިން ވެސް ބަސްދީގަތުންތަކެއް ހޯދާފައިވާނެއެވެ. ދިރާސާއަށް މަޢުލޫމާތު އެއްކުރެވުނީ 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ދެ މަރުހަލާއަކަށް ބަހައިލައިގެންނެވެ.

މި ސަފުހާތައް ލިޔަން ފެށުމުގެ ކުރިން، ފަންނީ ގޮތުންނާއި މާލީ ގޮތުން މި މަސައްކަތުގައި އެހީތެރިވެދެއްވި މުހިންމު ބޭފުޅުންގެ އަގުވަޒަންކޮށްނުލައި ލިޔަންފެށުމަކީ އަޅުގަނޑުގެ ހިތް އެދޭ ގޮތެއްނޫނެވެ. ނަން ހާމަނުކުރި ނަމަވެސް މި ދިރާސާގެ ފުރަތަމަ މަރުހަލާގައި ހެޔޮ އެދޭ ފަރާތަކުން ވަރަށް ބޮޑު މާލީ އެހީތެރިކަމެއް ވެދެއްވިއެވެ. ދެވަނަ މަރުހަލާގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ދިރާސާއަށް ގްރާންޓް ދެއްވިއެވެ. މި ދެ ފަރާތުގެ އެހީތެރިކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރަމެވެ. މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށް އަޅުގަނޑުގެ އިތުރުން ފަންނީ ގިނަ ބޭފުޅުންތަކެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިގޮތުން އަލްފާޟިލް އަޝްރަފު ޢަލީ، ޑރ. އާމިނަތު ޝާފިޔާ އާދަމް، ޑރ.މަރިޔަމް މާރިއާ، އަލްފާޟިލާ ހަމީޒާ ޢަފީފު އަދި އަލްފާޟިލް ޝަމްޢާން ޝާކިރު، ދިރާސާގެ ޢަމަލީ މަސައްކަތުގައި ބައިވެރިވެވަޑައިގަތެވެ. މި ބޭފުޅުންގެ ފަންނީ ބައިވެރިވުމާއި ހިވާގި މަސައްކަތްތައް ފާހަގަކޮށް ހިތުގެ އެންމެ ފުންމިނުން ނިހާޔަތަށް ޝުކުރު އަރިސްކުރަމެވެ.

މި ދިރާސާގެ މައިގަނޑު މަޢުލޫމާތުތަކަކީ ޙަޤީޤީ ވާހަކަތަކާއި ތާރީޚީ އެތައް ހާދިސާތަކަކުން ފުރިފައިވާ އަސަރުގަދަ ސަފުހާތަކެކެވެ. އެހެންކަމުން މި ސިލްސިލާ ހުށަހަޅަން އަޅުގަނޑު ގަސްދުކޮށްފައިވަނީ އެ ވާހަކަތައް ކިޔައިދެއްވި، ދިރާސާގެ ބައިވެރިން ހިއްސާކުރެއްވި ގޮތަށް އޭގެ އަސްލު ނުގެއްލޭނެހެން އެބޭފުޅުންގެ އިހުސާސްތަކާ އެކު ހަޤީޤީ މަންޒަރު ސިފަވާފަދަ ގޮތަކަށް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. މިގޮތުން މި ވާހަކަތައް ތިޔަ ބޭފުޅުންނާ ހަމައަށް ހުށަހަޅައިދޭން ގަސްތުކުރަނީ ވާހަކަ ކިޔައިދޭ ބީދައިން ބައެއް ޑައިލޮގްތަކާ ވެސް އެކުގައެވެ. ނަމަވެސް މި ހުށަހެޅުމުގައި ބޭނުންކުރާނީ އަސްލު ނަމެއް ނޫނެވެ. އެ ޒަމާނާ ގުޅޭ ޚިޔާލީ ނަންތަކެކެވެ. މި ވާހަކަ ހުށަހަޅައިދިނުމަށް ޓަކައި ދިރާސާގެ މައިގަނޑު އަމާޒުކަމުގައިވާ ގދ.ތިނަދޫއަށް ނިސްބަތްވާ ޚިޔާލީ ދެ ޝަޚުޞިއްޔަތެއް ގެންގުޅޭނަމެވެ. އެއީ މާފައާއި ދޮންކަނބުލޮއެވެ. މާފައަކީ ދެކުނުގެ އަތޮޅުތަކުގައި މަންމަ ފަރާތުގެ ކާފައަށް ކިޔާ ނަމެވެ. ދޮންކަނބުލޮއަކީ އަންހެން ދަރިންނަށް ލޯބިން ކިޔައިއުޅޭ ނަމެކެވެ.

ހަވަރު ތިނަދޫގެ ފަސްމަންޒަރު

މިބައިގައި މާފައާއި ދޮންކަނބުލޮގެ ޑައިލޮގޮތައް ހިމަނާފައި ވަނީ، އެ ދެ މީހުންގެ ވާހަކައިގެ ތެރެއިން ގ.ހަވަރުތިނަދޫގެ ފަސްމަންޒަރުގެ ބައެއް ހުށަހެޅުމަށެވެ. ވާހަކަ ފެށެނީ ކަނބުލޮގެ ހިތުގައި އުފެދޭ ސުވާލުތައް މާފަ ގާތު އަހައި އޮޅުންފިލުވަން ފަށާ ހިސާބުންނެވެ.

ދޮންކަނބުލޮ: ކުރިން މި ރަށަށް ކިޔަނީ ގ.ހަވަރުތިނަދޫ ދޯ މާފާ. މިރަށް ހަވަރަށް ދިނީތަ؟ ހަވަރުތިނަދޫއަކީ އޭރު ރާއްޖޭގައި އޮތް އެންމެ މުއްސަނދި ރަށޯ މާމަ ބުނީ... މާމަމެން ރަށުން ބޭލީމަ ބަނޑަށްޖެހުނީއޭ. މާމައަށް އެއީ ކީއްވެގެން ކޮން ސަބަބަކާ ހުރެ ހިނގި ކަމެއްކަމެއް ބުނެދޭކަށެއް ނޭނގުނު. މާމަ ބުނީ އޭރު މި ރަށުގައި ހުރީ ސުވާދީބު ސަރުކާރުގެ ދިދަ ނަގާފަޔޯ... މާފަ ގާތު އަހާށޯ... މާފަމެން ކޮޅުނބަށް ދަތުރު ވެސް ކުރިޔޯ... އައްޑޫގައި ތިބީ އިނގިރޭސީންނޯ... އެމީހުން އަތުން ކޯރާ ހަނޑުލާއި ސިނގެރެޓާއި މެޓަޔާއި ބިސްކޯދު ވެސް ލިބެޔޯ. އަޅެ މާފާ... ކިހިނެއްތަ މި ހުރިހާ ކަމެއްވީ؟

ހުދުކުލައިގައި އެހެރަ ބޮޑު އިމާރާތަކީ ގ.ހަވަރުތިނަދޫ ބޮޑުއަޓިގެ

މާފަ: ދޮންކަނބުލޯ. އޭރު އަންހެންވެރިންނަށް އެނގޭނީ ހަމައެކަނި ގެވެހި މަސައްކަތްތައް.. އުޅޭނީ ގޭތެރޭގެ މަސައްކަތުގައި ހީވާގިކަމާއެކު ވަރަށް އަވަދިނެތި. ސިޔާސީ އެއްވެސް ކޯޅުމެއްގެ ވަސް ވެސްސް އެ މީހުންނަކަށް ނުދުވާނެ. މާމަ އެ ބުނީ ތެދެއް. އޭރު ހަވަރުތިނަދޫ ވަރަށް މުއްސަނދި. ރީތިކޮށް ރާނާފައިވާ ގެތަކުން މި ޒަމާނުގެ ތަރައްޤީ އޭރު ވެސް ފެނުނު. މި ޒަމާނުގައި މިހިރަ ސްކޫލުތަކަށް ވުރެ ވެސް ގިނަ ޙަރަކާތްތައް ހިންގި ސްކޫލެއް ވެސް މި ރަށުގައި ހުރި. ހުވަދޫ އަތޮޅުގެ ހުރިހާ ކުދިން ކިޔެވި "މަދަރުސަތުލް އަމީރު އިބްރާހީމް" ހިންގި ތަނަކީ މި ރަށު ބޮޑުއަޓިގެ. މި ސްކޫލުގެ ނަން ނިސްބަތްވަނީ ސްކޫލު ހުޅުވައިދެއްވި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނަށް. އެކަމަކު، ރަށުން ބޭލި ވާހަކައަކީ ވަރަށް ދިގު ނުހަނު އަސަރުގަދަ ވާހަކައެއް... އެއީ އޭރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން ދިޔަ ސިޔާސީ އެތައް ކޯޅުންތަކަކާ ގުޅިގެން މީހުންގެ އިޤުތިޞާދީ، އިޖުތިމާޢީ އަދި ތަޢުލީމީ ހާލަތު ފުށުންޖެހި، މިއަދާ ހަމައަށް އައިއިރު ވެސް އެއިން އަރައިނުގަނެވުނު އަނދަވަޅަކަށް ވެއްޓެން މެދުވެރި ކަމެއް. ހަމަ ފިސާރިތެދެއް މިބުނީ ހިތުން ނުފިލާނެ ހިތްދަތި ހާދިސާތަކެއް. ދޮންކަނބުލޯ އެނގޭތަ؟ މި ހަވަރުތިނަދޫއަކީ އަބަދު ވެސް ސިޔާސީ ގޮތުން ވަރަށް ސިޔާސަ ރަށެއް...

ދޮންކަނބުލޮ: މާފާ އަޅެ ކިޔައިދީބަލަ. ހާދަ އަޑުއަހާ ހިތްވެއްޖޭ..

މާފަ: އާނ! ކަނބުލޮ ރަނގަޅަށް އަޑުއަހާތި. މިއީ ޢިބުރަތުން ފުރިފައިވާ އަސަރުގަދަ ޙަޤީޤީ ވާހަކައެއް. އެއްގޮތަކަށް ވެސް ކުޅެފައިވާ ފިލްމެއްގެ މަންޒަރުތަކެއް ނޫން. މި ވާހަކައިން ފިލާވަޅުތަކެއް ދަސްކުރާތި!

އާނއެކެވެ. މިހާރުގެ ގދ.ތިނަދޫއަކީ، ކުރިން ގ.ހަވަރުތިނަދޫއެވެ. ހަވަރުގެ މާނައަކީ، ރަދުންގެ ލަޝްކަރު ނުވަތަ ހަނގުބޭކަލުން ބެހިފައި އޮންނަ ހަ ބައެވެ. ހަވަރުތިނަދޫ މި ނަމަކީ ތިނަދޫން މީހުން ބާލައި ހަވަރަށް ދިނުމުން ކިޔުނު ނަމެއް ކަމަށް ވަރަށް ގިނަ މީހުން ހީކުރެއެވެ. އެކަމަކު ހަވަރުތިނަދޫ މި ނަމަކީ އެއްގޮތަކަށް ވެސް އެ ރަށުން މީހުން ބޭލުމާ ގުޅިފައިވާ ނަމެއް ނޫނެވެ. އެއީ، މާކުރިން، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންގެ ވެރިކަމުގައި ދެވިފައިވާ ނަމެކެވެ. މިކަން ހިނގާފައވާ ގޮތްކަމަށް ދޫދޫމަތިން ރިވާވަމުން އައި ގޮތް ތާރީޚީ ޢިލްމުވެރިން ނަކަލުކުރައްވާފައިވާތީ މާފައަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. ދޮންކަނބުލޮ އަޑުއަހާށެވެ.

މުޙައްމަދު ތަކުރުފާނުގެ ރަސްކަމާ ހަމައަށް އައިއިރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އަޅުކަން ކުރަމުން ދިޔައީ ބުދު ދީނަށެވެ. އެއީ އޭރު ދަތުރުފަތުރުގެ ދަތިކަން ހުރި ގޮތުން އެއް ތަނުން އަނެއް ތަނަށް ކުރެވުނު ދަތުރުތައް މަދުވުމުން އެއް ބަޔަކު އުޅޭ ގޮތް އަނެއް ބަޔަކަށް ނޭނގުމުން ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރާއްޖޭގެ އެންމެން އިސްލާމްދީނަށް ވެއްދުމަށް މުޙައްމަދު ތަކުރުފާނު ކުރެއްވި މަސައްކަތްޕުޅުގައި ތިނަދޫ މީހުން ވެސް އިސްލާމްދީނަށް ވެއްދުމަށް ފަހު، ދުވަސްކޮޅެއް ފާއިތުވީ ތަނާ، އެ ރަށުގައި ވަރަށް ނުރައްކާތެރި ރޯގާއެއް ޖެހިގެން ކުޑަކުދިން މަރުވާން ފެށިއެވެ. މި ރޯގާ ބަލިމަޑުކަން ޖެހުނީ ބުދުދީން ދޫކޮށްލުމުން ކަމަށް ގަބޫލުކުރެވި މި ރަށު މީހުން އަލުން ބުދަށް އަޅުކަންކުރަން ފެށީއެވެ. ދެން މުޙައްމަދު ތަކުރުފާނުގެ އަސްކަރިއްޔާގެ ހަވަރު (އިސްވަރު (ވެލާނާވަރު)، ހަކުރާވަރު، ވެލާނާވަރު، މާފަތްވަރު، ދަހަރާވަރު، ފާމުލަދޭރިވަރު) ގޮވައިގެން ތިނަދޫއަށް ވަޑައިގެން ރަށް ފަތަޙަކުރައްވައި އަލުން އިސްލާމްދީނަށް ވައްދައި، ހަވަރުގެ ރަށަކަށް ތިނަދޫ ހައްދަވައި، ހަވަރުތިނަދޫގެ ނަން ދެއްވީއެވެ. އަދި ކޮންމެ އަހަރަކު ހަވަރުތިނަދޫން ހަވަރަށް ޖިޒީދޭންޖެހޭ ގޮތަށް ނިންމެވިއެވެ. މީގެއިތުރުން ހަވަރުތިނަދޫ މީހުންނަށް އިމްތިޔާޒްތަކެއް ވެސް ދެއްވިއެވެ. ވީމާ، ގ.ހަވަރުތިނަދޫއަކީ މާކުރިއްސުރެ ކިޔަމުން އައި ނަމެކެވެ. މި ނަން ގދ.ތިނަދޫއަށް ބަދަލުކުރެއްވީ ދިވެހި ޖުމުހޫރިއްޔާގެ ތިންވަނަ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ގދ.ހަވަރުތިނަދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ. އެއީ މީލާދީން 1979 އެވެ.

މާފަ: އެހެންވީމާ، މިހާރު ދޮންކަނބުލޮއަށް އެނގިއްޖެ ދޯ ހަވަރުތިނަދޫ، ތިނަދޫއަކަށް ވީ ގޮތް.

ދޮންކަނބުލޮ: އާނ! މާފާ. ދެން ކީއްވެތަ ގ.އަތޮޅު ގދ.އަތޮޅަކަށްވީ

ހުވަދޫ އަތޮޅު

މާފަ: ކަނބުލޯ! އެކަން ކުރެއްވީ ދިވެހި ޖުމުހޫރިއްޔާގެ ދެވަނަ ރައީސް އަލްފާޟިލް އިބްރާހީމް ނާސިރު. ދެ ފަހަރެއްގެ މަތިން އެ މަނިކުފާނު ހުވަދޫ އަތޮޅު (ގ.އަތޮޅު) ބެއްސެވި. ފުރަތަމަ ފަހަރު ބެއްސެވީ ހުވަދޫ އަތޮޅު ހުޅަނގު (ގހ) އަދި ހުވަދޫ އަތޮޅު އިރު (ގއ). މިހާރު މި އޮތީ ދެވަނަ ފަހަރު ބެއްސެވި ގޮތަށް. އެއީ ތިނަދޫއިން މީހުން ބާލުއްވައި ގ.އަތޮޅު ދެ ބައި ކުރައްވައި ހުވަދޫ އަތޮޅު ދެކުނުބުރިއަށް ގދ އަދި ހުވަދޫ އަތޮޅު އުތުރުބުރިއަށް ގއ ވިދާޅުވެ ނަން ދެއްވީ. މިކަން ހިނގީ 1962 ގައި. އޭރުއްސުރެ މިއަދާ ހަމައަށް ވެސް މިއޮތީ ގދ މިނަމުގައި.

ދޮންކަނބުލޮ: އެހެން ދޯ! މުހައްމަދު ތަކުރުފާނު އެއީ ބޮޑުތަކުރުފާނު ދޯ. އެ ތަކުރުފާނު ތިނަދޫ މީހުންނަށް ދެއްވިކަމަށް މާފަ ތިޔަ ބުނާ އިމްތިޔާޒުތަކަކީ ކޮބައިތަ؟ އަދި ޖިޒީއަކީ ކޮބައިތަ؟

މާފަ: އާނ! ބޮޑުތަކުރުފާނު ނުވަތަ އުތީމު މަހާރަދުން ވެސް ކިޔާ. ހިނގާ ވާހަކަ ކުރިއަށް ގެންދަމާ! ހަވަރުތިނަދޫ މީހުންނަށް ލިބުނު އިމްތިޔާޒުތަކުގެ ގޮތުގައި ފާހަގަކުރެވޭ ދެތިން ކަމެއް ބުނެދޭނަން.

އެހެން ރަށްރަށުން ހަވަރުތިނަދޫއަށް އަންނަ ދޯނިތައް ކާޑެއްދޫ ކަނޑާ ހަމައިން މައި ރިޔާ ފިޔަވައި އެހެން ކުދި ރިޔާތައް ތިރިކުރަން ޖެހެވެ. އަދި ހަވަރުތިނަދޫ މީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް ހަވަރުތިނަދޫގައި ހުދުލިބާސްލައި މަކަނަށް ފޮށާ އެއްލައިގެނެއް ނޫޅެވެއެވެ. މީގެއިތުރުން ބަންޑާރަ (ސަރުކާރުގެ ނުވަތަ ދައުލަތުގެ) މަސައްކަތްކުރަން ނުޖެހުމަކީ ވެސް ހަވަރުތިނަދޫ ރައްޔިތުންނަށް އެކަނި އޮތް ޚާއްޞަ ކަމެކެވެ. މިކަން ދެމިއޮތީ 1943 ވަނަ އަހަރާ ހަމައަށް ކަމަށް ބައެއް ރިވާޔަތުން ފާހަގަވެއެވެ. ނަމަވެސް ޖިޒީ ނެގުން މުޅިން ހުއްޓުނީ އަލްފާޟިލް އިބްރާހީމް ނާސިރުގެ ވެރިކަމުގައި 1959 ވަނަ އަހަރުކަމަށް ބެލެވެއެވެ.

ދޮންކަނބުލޮއަށް ދެން މި ކިޔައިދެނީ އޭރު ޖިޒީ ނެގި ގޮތެވެ. މި ތަނުގައި ޖިޒީ މި މާނަކުރަނީ ރައްޔިތުން ސަރުކާރަށް ދައްކާން ޖެހޭ ތަކެއްޗަށެވެ. އުތީމު ރަދުން ހަވަރުގެ ރަށެއްގެ ގޮތުގައި ހަވަރުތިނަދޫ ހަމަޖެއްސެވުމާ އެކު ހަވަރުތިނަދޫއާ ކައިރި ތިން ފަޅުރަށާއި ހަވަރުތިނަދޫން ވެސް ދަނޑުވެރިކަންކުރި ބައެއް ސަރަހަދުތައް ހަވަރުގެ ތަންތަން ގޮތުގައި ހަމަޖެއްސެވިއެވެ. މި ތަންތަން ހަވަރުން ހަވާލުކުރީ ތިނަދޫ ރައްޔިތުންނާއެވެ. ދެން ޖިޒީގެ ގޮތުގައި ދޭން ހަމަޖައްސާފައި ވާކަމަށް ފަތްފުއްތަކުން ފެންނަނީ، ކޮންމެ އަހަރަކު 300 ބޮނޑި، 1200 ވެށުން، 1200 ކުނާ، 12 ބައި ވަކަ، 1 ބޮއްކުރާގެ އިތުރުން ކޮންމެ ގެއަކުން ހުޅެވި ކުނަލަކާއި، ކޮންމެ ބޮލަކަށް ދެ ސަމުސާ ކާށިތެލުގެ މަގުން 25 އަޑުބާ ކާށި ތެލާއި ކޮންމެ ބޮލަކަށް ބައި ކޮއްޓޭ ބޮއްޔެވެ. މި ތަކެތި ނަގައި މާލެ ގެނެސް ހަވަރާ ހަވާލުކުރުމުގެ މަސައްކަތްކުރައްވަނީ ތިނަދޫ ގޮއިވެރިޔާއެވެ. މިއީ ރަދުން ހަމަޖައްސަވާ ބޮޑުބޭކަލެކެވެ. މި ޖިޒީ މާލެ ގެނެވޭ ދުވަހަކީ ފުރަމާލެއަށް އަންނަ ޢީދެއް ފަދަ ދުވަހެކެވެ.

ދޮންކަނބުލޮ: މާފާ ތީ ހާދަ ބައިވަރު ތަކެއްޗެކޭ. އޭރު ތިނަދޫގައި އެހާ ބައިވަރު މީހުން އުޅޭނެތަ؟ ބޮލަކަށް ދެ ސަމުސާ ތެލުގެ މަގުން ނެގީމާ 25 އަޑުބާ ތެޔޮ ހަމަވާނީ ހާދަ މީހުނެއް ތިބީމައޭ ދޯ؟ ތިޔަ ހުރިހާ ތަކެތި އުފެއްދޭނީ ހާދަ މަސައްކަތެއް ކޮށްގެންނޭ... އޭރުގެ މީހުން މިހާރުގެ މީހުންނަށް ވުރެ މާ ހީވާގިވާނެ ދޯ މާފާ.

މާފަ: އާނ! ތިޔެހެން ވެސް ވެދާނެ.. މި ކިޔައިދިނީ ތާރީޚީ ލިޔުންތަކުން މާފައަށް ފެނިފައިވާ ގޮތަށް. ބުނެވޭ ގޮތުގައި މުޅި ހުވަދޫ އަތޮޅުގެ އެންމެ މީހުން ގިނަ އަދި ވިޔަފާރީގެ މައި މަރުކަޒަކީ ވެސް ތިނަދޫ

ދޮންކަނބުލޮ: ދެން މާފަމެން ކޮޅުނބަށް ކުރި ދަތުރުތަކުގެ ވާހަކަތައް ވެސް ކިޔައިދީ ބަލަ! އޭރު ކިހިނެއްތަ ދަތުރުކުރަނީ..

މާފަ: ދޮންކަނބުލޯ. އެއް ދުވަހަކުން ހުރިހާ ވާހަކައެއް ކިޔައެއް ނުދެވޭނެ. އަންނަ ހަފުތާގައި ތިވާހަކަ ކިޔަމާ ހިނގާ. ތިޔަ ދަތުރުތަކާއި ހަވަރުތިނަދޫގައި އޭރު އޮތް ވިޔަފާރީގެ ކާރޫބާރުގެ ވާހަކަތައް އަޑުއަހަން އަންނަ ހަފުތާއަށް އިންތިޒާރުކޮށްލާ.

ދޮންކަނބުލޮ: އާނ! މާފަ ހާދަ ރަނގަޅޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!

މިއަދުގެ ވާހަކަކޮޅު މި ނިންމާލަނީ ދެން އަންނަ ހަފުތާއެއްގައި މި ސިލްސިލާގެ އާބަޔަކަށް އިންތިޒާރު ކުރައްވާނެ ކަމުގެ އުއްމީދުގައެވެ.

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

13 ޚިޔާލު

  1. ބަޔަކަށް އެއްޗެއް އޮޅުން ފިލުވައިދޭން ލިޔާ ލިޔުމެއް ތުބުނާހާ ފަށުވި ވާކަށް ނުޖެހޭ. އައްޒަ މިސް އަށް ސާބަސް. ތީ ވަރަށް ފުރިހަމަ އެހާމެ ބޭނުންތެރު މަސައްކަތެއް.

  2. މިލިޔުން ކިޔާލީމަ ވަރަށް ހިތްދެރަވެއްޖެ. އެއީ ގައުމީ ޔުނިވަރސިޓީގައި ބަހަވީ އިލްމާއި އަދަބިއްޔާތު ކިޔަވައިދޭ އިސްބޭފުޅެއްގެ ލިޔުންތެރި ކަމުގެ ފެންވަރު ދަށްކަމާއި ބަހުގެ ހަމަ ހިފެހެއްޓުމުގެ ކުޅަދާނަކަން ކުޑަކަމުން. ކުރިމަގުގައި މާދަރީ ބަސް ހަލާކުވާނެ މިންވަރު ހިތަށް އަރާފައި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.