އައްޒަގެ ދިރާސީ ބަސް: ސިޓީ ނުނިމޭ، ހަމަނުޖެހުން ފެށިއްޖެ

1959 ވަނަ އަހަރު އައްޑު އަތޮޅު ގަން: އިނގިރޭސީންގެ މަސައްކަތުގައި ދިވެހިން، ފޮޓޯ: https://theislandchief.com/post/?id=48944

މި ހަފުތާގެ ކޮލަމު މި ޚާއްޞަކޮށްލަނީ، ހިތަދޫ ރައްޔިތުންނަށް، ދިވެހި ސަރުކާރުގެ ސިޓީ އިއްވުނު ރޭ ހިނގައިދިޔަ ހަމަނުޖެހުންތައް ފެށުނު ގޮތާއި އެއިން ރޯވި ނުވަތަ ރޯކުރުވި ނަފުރަތާއި އަލިފާނާ ބެހޭ ގޮތުންނެވެ. 1958 ވަނަ އަހަރުގެ ނިމުން ގެނުވި ދުވަސް އާދެ! ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ހަނދާންތަކެވެ.  ފާއިތުވި ހަފުތާގެ ކޮލަމު ވިދާޅުވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގެ ވެރި ރަށް މާލޭގެ ހާލަތަށް ވުރެ ހުރިހާ ގޮތަކުން ވެސް އައްޑު އަތޮޅުގެ ދިރިއުޅުން ތިޔާގިވެފައި ފުދުންތެރިއެވެ. މީގެ ހަޤީޤީ މޭސްތިރިންނަކީ ނުވަތަ މަދަދުގާރުންނަކީ، އިނގިރޭސީންނެވެ. ޚާއްޞަކޮށް ހިލޭ ލިބެމުން އައި މަތީ ފެންވަރުގެ ބޭސްފަރުވާއާއި، ވަޒީފާ އަދާކުރުމުން ލިބުނު ބޮޑު މުސާރައިގެ ސަބަބުން މުޅި އަތޮޅަށް ލިބެމުން އައި އިޤުތިޞާދީ ކުރިއެރުމުގެ މަންފާ ނުކުރާ އެންމެ ގޭބިސީއެއް މުޅި އަތޮޅުގައި ވެސް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނޭކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ. ގަމުގެ ރައްޔިތުން ފޭދޫއަށް، ފޭދޫ ރައްޔިތުން މަރަދޫ ފޭދޫއަށް ބަދަލުވާން ޖެހުނީތީ، ހިތްހަމަނުޖެހުމެއް އޮތް ނަމަވެސް، ލިބެމުން ދިޔަ މަންފާތަކާ އެކު، ރައްޔިތުންގެ ހިތަށް ހަމަޖެހުން ވެރިވެފައިވާކަން ޔަގީންކުރެވެއެވެ. އަދި މި ލިބެމުން ދިޔަ މަންފާ ހުވަދޫ އަތޮޅާއި ފުވައްމުލަކަށް ވެސް ލިބުނު ބީދައިން މުޅި ރާއްޖޭގެ އެންމެނަށް ވެސް ދިޔައީ ލިބެމުންނެވެ. ނަމަވެސް އިސްވެ ދެންނެވުނު ތާރީޚުގައި ދިވެހި ސަރުކާރުން ފޮނުއްވި ޚާއްޞަ ސިޓީއާ އެކު އައްޑޫ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީއެވެ. ނުވަތަ، މި ސިޓީ ލިބުމުގެ ކުރިން ވެސް މި ޑްރާމާގެ "ބްލޫ ޕްރިންޓް" ލިޔެ، ޑްރާމާ ކުޅެން އޮތީ ތައްޔާރުވެފައެވެ. ވީމާ، ތާރީޚީ ލިޔުންތަކުންނާއި ދިރާސާގެ ބައިވެރިންގެ ވާހަކަތަކުން ބޮޑަށް ބުރަވެވޭ ގޮތް ވަޒަންކުރުމަށް ޓަކައި މިއަދުގެ ކޮލަމު ވިދާޅުވަމުން ގެންދަވާށެވެ.


މިއަދުގެ ކޮލަމު ވެސް ފެށުމުގެ ކުރިން، މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ. މީގެ އިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ.


މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތުގެ ވާހަކައިން ފަށަމާތޯއެވެ؟

ދޮންކަނބުލޮ: މާފާ! އައްޑޫ އެންމެން އޭރު ތިބީ ވަރަށް އުފަލުންދޯ؟

މާފަ: އާނ ކަނބުލޯ! ރައްޔިތުންނަށް ސިޔާސީ ކުލަވަރެއް ނުފެންނާނެނުން... އެކަމަކު މުސާރަ ނުލިބެގެން ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި... ސިޔާސީ ގޮތުން ރޭވެމުން ދިޔަ ކަންކަން އެނގޭނީ ހަމައެކަނި އިސްކޮށް ތިއްބެވި ބޮޑުންނަށްތާ... އެކަމަކު ބުނަން... ކަނބުލޯ ހާދަ ގިނަ ރޭވުންތަކަކާއި ހާދަ ގިނަ ހާދިސާތަކެއް... އިނގިރޭސީން ދެވަނަ ފަހަރަށް ގަމަށް ފޭބުމާ ގުޅިގެން ވެސް ހިނގާފައި އެބަ ވެޔޭ...

ދޮންކަނބުލޮ: މާފަ ތި ބުނި ގޮތުން ހީވަނީ ފުރަތަމަ ފަހަރު ވެސް ކަންތައްތަކެއް ހިނގާފައިވާހެން..

މާފަ: އާނ! ކަނބުލޯ... ދަރިފުޅާ... އެ ފަހަރު ހަމަނުޖެހުންތަކެއް ހިނގައި، ޢަބްދުﷲ ޢަފީފުދީދީއާއި އެ ދީދީގެ ބައްޕައަށް ވެސް ދައުލަތުން ވަރަށް ބޮޑެތި އަދަބުތަކެއް ދެއްވާފައިވާކަމަށް ތާރީޚީ ފަތްފުށްތަކުގައި ބަޔާންކުރައްވާފައިވޭ. މީގައި ވިސްނަންވީ ނުކުތާއެއް... ޢަބްދުﷲ ޢަފީފުދީދީއާ ބެހޭ ގޮތުން އައްޑޫގެ ތާރީޚު ލިޔުއްވުންތެރިން ލިޔުއްވާފައިވާ ގޮތާއި މާލެއަށް ނިސްބަތްވާ ބޭފުޅުން ލިޔުއްވާފައިވާ ގޮތް ތަފާތުކަން.

ދޮންކަނބުލޮ: އެއީ ކީއްވެ މާފާ؟ ތާރީޚު އެކި މީހުންނަށް އެކި ގޮތަށްތަ ފެންނަނީ؟

މާފަ: އާނ! ކަނބުލޯ... އެ މީހަކު ބަލަން ބޭނުންވާ ގޮތަކަށް އެ މީހަކު ހިތްއެދޭ ގޮތަކަށް ތާރީޚު ލިޔާތީ ވާ ގޮތް އެއީ... ރަނގަޅު ކަމަކަށް ނުވިޔަސް ދިވެހި ތާރީޚުގެ އެތައް ޞަފުޙާއަކުން މިކަން އެހެރީ ސާފުކޮށް ފެންނަން.

ދިރާސީ ނޯޓު: މުޙައްމަދު އަޙުމަދު މަނިކު (2009) ޢަބްދުﷲ ޢަފީފުދީދީ ސިފަކުރައްވާ ގޮތުގައި، ޢަފީފަކީ މިފަދަ ގަޑުބަޑެއް ހިންގަން ދަނޑިވަޅު ނުލިބިގެން ހުރި މީހެކެވެ. އަދި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އައްޑޫގައި އިނގިރޭސިން ތިބިއިރު ވެސް މިކަހަލަ ބޮޑު ގަޑުބަޑެއް އުފައްދަން އުޅެގެން ވަރަށް ބޮޑު އަދަބު ލިބިފައިވާ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. ހަމަ މިމޭރުމުން ވާހަކަދައްކަވަމުން އިބްރާހީމް ޝިހާބު (1990) ވެސް ވިދާޅުވަނީ "އެންމެ ފާޅުގައި ފެންނަން ހުރީ ކުރީގެ ދެކޮޅުވެރިކަމުގައި ވެސް އިސްވެ ހުންނެވި ... ޢަބްދުﷲ ޢަފީފެވެ" (ޞ. 75). ނަމަވެސް މި ދެންނެވި މައްސަލަ ޢަބްދުﷲ ޞާދިޤު (2012) ސިފަކުރައްވާ ގޮތުގައި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑު އަތޮޅުގައި ހިނގި ހަމަނުޖެހުމަކީ ވެރިކަން ބޭނުންވި ބަޔަކު އުފެއްދި ފިތުނައެކެވެ. މި ފިތުނަ ހަމަޖެއްސެވުމަށް ސުމުއްވުލް އަމީރު ހަސަންފަރީދުދީދީ އައްޑު އަތޮޅަށް ވަޑައިގެން މައްސަލަ ބައްލަވައި، މައްސަލަ ޖެހުނު ދެ ފަރާތް ސުލްޙަކުރެއްވުމަށްފަހު، އެނބުރި ވަޑައިގެންނެވި ދަތުރުފުޅުގައި ގެއްލިވަޑައިގަތީއެވެ. ބެލެވޭ ގޮތުގައި ހަނގުރާމަމަތީ ސަބުމެރިންއަކުން އެ މަނަވަރު ގޮއްވާލީއެވެ. ނަމަވެސް މިކަން މި ހިނގީ ހަސަންފަރީދު އަވަހާރަކޮށްލުމަށް ބަޔަކު ސިހުރު ހަދައިގެން ކަމަށްބުނެ، ފިތުނަވެރި ބަޔަކު ސުމުއްވުލް އަމީރު މުޙައްމަދު އަމީނު އަރިހަށް ސިޓީއެއް ފޮނުއްވިއެވެ. މި ސިޓީއާ ގުޅިގެން މުޙައްމަދު އަމީނު އައްޑު އަތޮޅަށް ވަޑައިގެން ކުށްވެރިންގެ ގޮތުގައި ޢަބްދުﷲ ޢަފީފުއާއި އޭނާގެ ބައްޕަ އެޅަދީދީގެ ޢަލިދީދީ ވެސް މާލެ ގެންނަވައި އަދަބު ދެއްވީ އެއްވެސް އިންސާފެއް ނެތި، ސިހުރު ހަދަން އެނގޭތޯ ސުވާލެއް ވެސް ކުރެއްވުމެއް ނެތިކަމަށް ވެސް ވިދާޅުވެއެވެ. ޢަބްދުﷲ ޢަފީފަށް (21 އެތިފަހަރުން ބަނޑު ބިންމަތީގައި ޖެއްސުމަށާއި، 19 އަހަރަށް އަރުވާލުމަށް) ހުކުމްކުރެވުނެވެ. އެހެންވީމާ، ޢަބްދުﷲ ޢަފީފަކީ، ދިވެހި ސަރުކާރާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ބައެއް ތާރީޚީ ޢިލްމުވެރިން ފާހަގަކުރައްވާ އިރު، ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ޝަރީޢަތަކީ މުޅިން ރަނގަޅަށް ކުރެވުނު ޝަރީޢަތެއް ނޫނެވެ.

ދޮންކަނބުލޮ: މާފާ... އެހެންވީމާ، ޢަބްދުﷲ ޢަފީފު ވާނީ އަބަދުވެސް އިނގިރޭސިންނާ ވަރަށް ގާތް ބޭފުޅަކަށް ދޯ؟

މާފަ: އާނ! ތިޔަ ކަންތައް އޮތީ ތިޔަހެން... އެކަން އެހެން އެވީ... އޭރު އިނގިރޭސި ދަންނަ މާ ގިނަ ބަޔަކު ނުތިބޭ.. އިނގިރޭސިންނާ ވާހަކަދައްކަވަނީ ޢަފީފުކަމަށް ވަނީ... ޚާއްޞަކޮށް އޭރުގެ އިނގިރޭސި ސަރުކާރުގެ އިސްވެރިއެއްގެ މަޤާމުގައި ހުންނެވި، މޭޖަރ ފިލިޕްއާއި ޢަބްދުﷲ ޢަފީފާ ވަރަށް ގުޅުން ބަދަހިކަމަށްވަނީ..

ދިރާސީ ނޯޓު: އިނގިރޭސި ޚާރިޖީ ވުޒާރާގެ ބޭކަލެއް ކަމުގައިވާ މޭޖަރ ފިލިޕް، 1958 ވަނަ އަހަރު ޖޫން މަހު 18 ވަނަ ދުވަހު އައްޑުއަށް ވަޑައިގަތެވެ (އަލީ ފަހުމީ ދީދީ، 2012). މި ގަޑުބަޑު ހިންގުމުގައި މޭޖަރ ފިލިޕްއާ ބައިވެރިވީ ޢަބްދުﷲ ޢަފީފެވެ (މުހައްމަދު އަޙުމަދު މަނިކު. 2009). މޭޖަރ ފިލިޕްއަކީ ދޫނި ހިފާމީހެއްގެ ގޮތުގައި މާލެއައިސް އުޅުނު ޝައިޠާނެއް ކަމަށް ވެސް މުޙައްމަދު އަޙުމަދު މަނިކު ސިފަކުރައްވައެވެ. ޢަބްދުލް ޙަކީމް ހުސައިން މަނިކު (1997) މޭޖާރ ފިލިޕަށް ނިސްބަތްކުރައްވައި "ދޫނިހިފާބެ" މިހެން ވެސް ވިދާޅުވެފައިވެއެވެ. ދިރާސާގެ ބައިވެރިއެއްގެ ވާހަކައިގައި ވެސް މޭޖަރ ފިލިޕް އަދި ޢަބްދުﷲ ޢަފީފުގެ ގުޅުން ފާހަގަކޮށްދެއްވާފައިވެއެވެ. "ފިލިޕް މޭޖަރ ކިޔާ މީހެއް އަތުވެއްޖެ. (އިނގިރޭސިންގެ އިސްވެރިޔާ) އޭނާ މި ގަޑުބަޑު އުފައްދާ މިކަންތައް ކުރީ.... އައިސްފައި ޢަފީފާ ވާހަކަ ދެކެވެމުން އަންނަނީ. އެއްވެސް މީހަކަށް ނޭނގޭ... އޭރު ޢަފީފުމެން ގޭގައި ހިތަދޫގައި މިކަމެއް ހިނގަނީ..." (ކުދުބެއްޔާ، (އަސްލު ނަމެއް ނޫން)، އައްޑޫ). ކޮންމެއަކަސް ދިރާސީ ނޯޓުތަކަށް ބަލާއިރު، މޭޖަރ ފިލިޕްއާއި ޢަބްދުﷲ ޢަފީފާ ވަރަށް ގާތް ގުޅުމެއް އޮތްކަން ހާމަވެއެވެ.

ދޮންކަނބުލޮ: ދެން ކިހިނެއްވީ މާފާ؟

މާފަ: ދެން ވީ ގޮތަކީ، އައްޑޫ ރައްޔިތުންގެ ރުހުމާއި ލޯބި ހޯދަން އިނގިރޭސިން މަސައްކަތްކުރަމުން ދިޔައިރު، ދިވެހި ސަރުކާރުގައި ހިނގަމުން ދިޔައީ އިނގިރޭސިންނާ ދެކޮޅު ހަރަކާތްތަކެއް. ނަތީޖާއަކަށް ވީ، ދިވެހި ސަރުކާރުގެ ނިންމުން އައްޑު އަތޮޅު ރައްޔިތުންނަށް އަންގަން ސިޓީއެއް ހިއްޕަވައިގެން، އަޙުމަދު ޒަކީ ވަޑައިގެންނެވީ... މަތިންދާ ބޯޓުގައި ސިލޯނު މަގުން އައްޑުއަށް... އޭރު ދިވެހިރާއްޖޭގެ ފަރާތުން ސިލޯނުގައި ހުންނަވާ ސަފީރަކީ އަޙުމަދު ޒަކީ

ދޮންކަނބުލޮ: ދެނޯ... (ވަރަށް ޝައުޤުވެރި ރަނގަކަށް) ދެން ކިހިނެއްވީ މާފަ

މާފަ: މި ސިޓީ، ޒަކީ ފޮނުއްވީ އައްޑު އަތޮޅު އަތޮޅުވެރިންނަށް... އަތޮޅުވެރިން ހުންނަވަނީ މަރަދޫގައި... އޭރު އަތޮޅު އޮފީސް ހުންނަނީ މަރަދޫ ރަތްވިލާގޭގައި...

ދޮންކަނބުލޮ: ދެން ކިހިނެއްވީ... މާފާ... (ކެތްތެރިކަން ކުޑަ ރާގަކަށް) އެ ސިޓީގައި އޮތީ ކީކޭތަ މާފާ؟

މާފަ: ކަނބުލޮ... އަޑުއަހާ... ފަހަރަކު ވާހަކައެއް ކިޔައިދޭނަމޭ.... މި މުހިންމު ސިޓީ ހިތަދޫގެ ރައްޔިތުންނަށް އިއްވުމަށް ޓަކައި އަތޮޅުވެރިން ފޮނުއްވީ ތުއްބީގެ ޢަލިދީދީ އަތަށް ދެއްވާފައި... ޢަލިދީދީ މި ސިޓީ ޢަފީފާ ޙަވާލުކުރެއްވީ އެ ދުވަހުގެ ހަވީރު. އޭރު ޢަބުދުﷲ ޢަފީފަކީ ހިތަދޫ ކުޑަ ކަތީބު އަދި އަތޮޅުވެރިޔާގެ ނާއިބު ވެސްމެ.

ދޮންކަނބުލޮ: އެއީ ކޮން ދުވަހެއްތަ މާފާ؟

މާފަ: އެއީ 1958 ވަނަ އަހަރު ނިމުނު ދުވަސް... ޑިސެންބަރު މަހުގެ 31... އެނގޭތަ ކަނބުލޯ... މި ސިޓީގެ ވާހަކަ ތުންތުން މަތިން ރައްޔިތުންނަށް އެނގި މި ޚަބަރު އޮތީ މުޅި އަތޮޅަށް ފެތުރިފައި ކަމަށް ތާރީޚީ ލިޔުންތަކުން ދޭހަވޭ.

ދިރާސީ ނޯޓު: ހިތަދޫ ތުއްބީގެ ޢަލިދީދީ (ފުރިހަމަ ނަމުން ނަމަ ޢަލީ ފަހުމީދީދީ، ފޭދޫން ހިތަދޫއަށް ވަޑައިގަންނަވަނިކޮށް ވިއްސާރަވެގެން ދޯނި މަރަދޫއަށް ކައިރިކޮށް މަރަދޫ ފާލަންމަތީގައި ޢަލިދީދީ ހުންނަވަނިކޮށް އަތޮޅުވެރިން (މުޙައްމަދު ޒާހިރު (މަޝްހޫރު ދިގު ޒާހިރު)) ޢަލީދީދީ ރަތްވިލާގެއަށް ގެންދަވާފައި ސިޓީ ޙަވާލުކުރައްވައި ހިތަދޫއަށް ސިޓީ ފޮނުއްވީކަމަށް ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވެއެވެ. މީގެއިތުރުން އޭނާ ވިދާޅުވަނީ، ގަމުގައި މަސައްކަތްކުރާ ދިވެހި ލޭބަރުންގެ ސަރުދާރުންގެ ފަރާތުން މި ސިޓީގެ ޚަބަރުތައް އައްޑޫ ރައްޔިތުންނަށް އޮޅުންފިލާފައިވާކަމަށެވެ. މީގެއިތުރުން ވެސް މި ޚަބަރު ހިތަދޫ ރައްޔިތުންނަށް އެނގުނުކަން ފާހަގަކުރެވުނު އެއް ގޮތަކީ، "ޢަލިބޭބެ (ޢަލިދީދީ) ހިތަދޫއަށް ފައިބަންނަވާ، ދިމާވާހާ ބަޔަކަށް އެ ސިޓީގައިވާ ވާހަކަތައް ކިޔައިދެއްވަމުން ގެންދެވި" (ހުސައިން ސަލީމާ ޙަވާލާ ދެއްވައި އަލީ ފަހުމީ އަހުމަދު، 2012، ޞ.92). މި ބުނުމުންނެވެ. މި ދެންނެވުނު ވާހަކަތަކަށް ބަލާއިރު، ޢަފީފުދީދީ ރައްޔިތުންނަށް ސިޓީގެ ޚަބަރު ދެއްވުމުގެ ކުރިން ރައްޔިތުންނަށް ވަނީ މި ސިޓީގެ ޚަބަރު ލިބިފައެވެ.

ދޮންކަނބުލޮ: މާފާ...! އޭރު ކިހިނެއް ރައްޔިތުންނަށް ސިޓީ ކިޔައިދެނީ...

މާފަ:  އާންމުކޮށް އަތޮޅުވެރިން ފޮނުއްވާ ސިޓީތައް  ކިޔައިދިނުން އޮންނަނީ ހުކުރު ދުވަހު ހުކުރުން ފައިބައިގެންކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވަނީ... މިކަން ކުރާ ގޮތަކީ، ހުރިހާ ރައްޔިތުން އެއްކުރަނީ... ހަވަރު އެއްކުރަނީއޭ ވެސް ބުނޭ... ދެން ސިޓީތައް ކިޔައިދެނީ... އެކަމަކު އެ ދުވަހު ޢަބްދުﷲ ޢަފީފުދީދީ ކަންކުރެއްވީ އެ ގޮތަކަށް ނޫން... ސިޓީ ކިޔައިދެއްވަން ހަވަރު އެއްކުރެއްވީ ރޭނގަޑު 8 ޖެހިއިރު.

ދޮންކަނބުލޮ: އެއީ ކީއްވެ މާފާ...!

މާފަ: އެއްގޮތަކަށް ވެސް ތިޔައެއް ނޭނގެ... ބެލެވޭ ގޮތުގައި މި ސިޓީގެ ސަބަބުން އާންމުން ތިބީ ވަރަށް ރުޅިއައިސްފައި... ނޫނީ ރަށުތެރޭގައި މި ވާހަކަދެކެވި ކަންތައްތަކެއް ރޭފައިވާކަމަށް ވެސް ބައެއް ބޭފުޅުން ލިޔުއްވާފައިވޭ..

ދޮންކަނބުލޮ: ކީއްވެތަ އެ ސިޓީގެ ސަބަބުން މީހުން އެހާ ރުޅި އައީ؟ ކީކޭތަ ސިޓީގައި އޮތީ މާފާ...

މާފަ: ދޮންކަނބުލޯ އަޑުއަހާ.... ސިޓީގައި އޮތީ، އައްޑޫ ރައްޔިތުންނަށް އަޑުއަހަން ފަސޭހަ ވާހަކައެއް ނޫން... ހަމަ ރަނގަޅަށް ލިބިލިބި ހުރި އާމްދަނީ ނުލިބި ބަނޑަށް ޖެހޭކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެނުން.... ސިޓީގައި އޮތީ އައްޑު އަތޮޅު ގަމުގައި އިނގިރޭސިންގެ ހަނގުރާމައިގެ މަރުކަޒު ހެދުމަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރާ ކަމެކޭ... އެފަދަ މަސައްކަތަކަށް ދިވެހިން ނުފޮނުވާށޭ...

ދޮންކަނބުލޮ: އޭރުންނޯ... ކިހިނެއްދޯ މާފާ އެހެންވާނީ؟ ދެން ކިހިނެއް ކައިބޮއި ހަދާނީ ވެސް؟ ގަމުގެ ދަނޑުވެރިކަން ވެސް އޭރު ހުއްޓިއްޖެނުން... އަނެއްކާ ކޮޅުނބު ދަތުރުތައް ވެސް...

މާފަ: ތިޔޭ މައްސަލައަކީ... މި ކަމެއް ހިނގި އިރު ވެސް މުސާރަ ނުދޭތާ ދެތިން މަސް ނުވަތަ ހައެއްކަ މަސް ވެއްޖެކަމަށް ކަމަށް މީހުން ބުނަނީ... އެކަމާ ވެސް ރައްޔިތުން މި ތިބީ ރުޅިއައިސްފައި... އެކަމަކު އިނގިރޭސިން ބުނޭ ގަމަށް މަސައްކަތު ދާ ދިވެހިންގެ މުސާރައަށް ވާ ޕައުންޑު ދިވެހި ސަރުކާރަށް ދޭވާހަކަ...

ދޮންކަނބުލޮ: ދެން ކިހާ ރުޅިއެއް އަންނާނެދޯ؟ ސަރުކާރުން ވެސް އެހެން ހަދާކަށް ނުވާނެދޯ؟ ބަޔެއްގެ ޙައްޤެއްނުން... މަސައްކަތްކުރުވައިފިއްޔާ އެ މަސައްކަތެއް ކުރި މީހާގެ ގައިން ދާ ނުފިލަނީސް އުޖޫރަދޭންދޯ އިސްލާމްދީންގައި ވެސް އޮންނަނީ..

މާފަ: އާނ! މިހެން ވީމާ، ބަޔަކު ކުރިން ނުރޭވިޔަސް މިކަމާ ގިނަ ބަޔަކު ދެކޮޅު ހަދާނެތާދޯ؟

ދޮންކަނބުލޮ: (ދެ ލޯ ބޮޑުކޮށްފައި ބޯޖަހައިލަމުން) އާނ... ވަރަށް ބޮޑަށް ވެސް ރުޅި އާދެވޭނެ... ދެން ރުޅިއައިސްގެން ކިހިނެއްތަ ހެދީ؟

މާފަ: ދޮންކަނބުލޯ... އޭރު ނުހުރޭ ކަރަންޓެއް... ޢަފީފުދީދީ ސިޓީ ވިދާޅުވަން ހުންނެވީ މޭޒެއްގެ މަތީގައި... އެތަން އަލިކޮށްފައި އޮތީ ބިގަރު ދިއްލައިގެން... ދެން އެ ސިޓީ ވިދާޅުވާން ޢަފީފު ދީދީ ފެށްޓެވުމާ އެކު، އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ނުކުމެ ސިޓީ ޖަހައިގަނެ، އެ ވީދާ ކުދިކުދިކޮށްފައި އުކާލީ...ބުރުއްސާލީ ވައިގެތެރެއަށް... ބިގަރު ވެސް ތަޅާލީ..

ދޮންކަނބުލޮ: އެހެންތަ؟ އެއީ ހާދަ ޖެހިލުންކުޑަ މީހަކަށޭ ވާނީ؟

މާފަ: އާނ! އެއީ ހިތަދޫ ޢަބްދުﷲ މޫސާ ދީދީ... އާންމުކޮށް މީހުން ކިޔަނީ މޫސާބޭގެ ކޮއްކޮ...

ދޮންކަނބުލޮ: ދެން އެރޭ ކިހިނެއްވީ؟ ބިގަރު ތަޅާލާފައި އެންމެން ގެއަށް ދިޔައީތަ؟

މާފަ: ނޫނޭ... ނޫނޭ...  ދެން އެހިސާބުން ކަންތައްތައް ފެށުނީ... އެރޭ އެ ދަންވަރު ގަމަށް ދާން ނިންމީ... ހިތަދޫގައި މިކަން މި ރޭވުނީ... ދެން އެހެން ހުރިހާ ރަށެއްގެ މީހުންނަށް ވެސް ދަޢުވަތުދިން...

ދިރާސީ ނޯޓު: ފެންނަން ހުރި ތާރީޚީ ފަތްފުށްތަކުން އެނގުނު ގޮތުގައި އެރު ހިތަދޫ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. "މި ހާޖާނު ހިނގަން ފެށުމުން ހެޔޮއެދޭ ބަޔަކު ޢަފީފުދީދީ ވަށައިލައިގެން ހިމާޔަތުގައި ގެއަށް ގެންދެވީ... އެވަގުތު މަސްރަހު އޮތް ގޮތުން ރައްޔިތުންނަށް ނަސޭހަތްދެއްވައި ދިވެހި ސަރުކާރުގެ ފަރާތުން ރައްޔިތުންނާ ވާހަކަދެއްކެވުން މާ ރަނގަޅު މާހައުލެއް ނޫން އޮތީ" (އަޙުމަދު ޞާލިޙު ޢަލިދީދީއާ ހަވާލާ ދެއްވައި އަލީ ފަހުމީ އަހުމަދު، 2012، ޞ.93). ހަމައެރޭ، ޢަފީފުދީދީ މީހަކު ފޮނުއްވައި، އެއްވެފައި ތިބި ރައްޔިތުންނަށް އޭނާ ދިވެހިސަރުކާރުގެ ހުރިހާ މަގާމަކުން އިސްތިޢުފާ ދެއްވިކަން އެންގެވި ކަމަށް ވެސް ޢަލީ ފަހުމީ އަހުމަދު (2012) ވިދާޅުވެއެވެ. ކަށިމާ އަހުމަދު ޝާކިރު (2004) ވިދާޅުވާ ގޮތުގައި މިފަދަ ސިޓީތައް ރައްޔިތުންނަށް އިއްވަނީ ހުކުރުދުވަހު ހުކުރުން ފައިބައިގެން ކަމުގައި ވިޔަސް މި ސިޓީ އިއްވާފައިވަނީ އާދަވެގެން ކަންކުރާ އުސޫލާ ޚިލާފަށެވެ. އަދި ސިޓީ ކިޔަމުން ދަނިކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހަޅޭއްލަވައި އެތާގައި ހުރި ބިގަރު ތަޅާލުމަށް ފަހު އަވަސްއަވަހަށް ހަރަކާތްތެރިވެގަތީ ގަމަށް ގޮސް އެވަގުތު އެ ރަށުގައި ހުންނެވި އަލްފާޟިލް އަޙުމަދު ޒަކީއަށް އަނިޔާކޮށް ސަރުކާރުގެ އޮފީހަށް ދެވުނު ގެއްލުމެއް ދިނުމަށެވެ.

މި ހަމަނުޖެހުމާ މެދު އެހެން ލިޔުންތެރިޔަކު ލިޔުއްވާފައިވެއެވެ. "... 100 އަހަރުގެ އެގްރިމަންޓްގެ މަސްއަލައިގައި އިނގިރޭސި ދައުލަތާއި ދިވެހިންނާ ދެމެދު އުފެދުނު ދެބަސްވުން އެއްބަސްވުމަކަށް ގެނެވޭތޯ ވާހަކަދައްކަދައްކާ ތިއްބާ އިނގިރޭސިން ހެދި ގޮތަކީ، ދިވެހި ބޮޑުވަޒީރު ނުވަތަ ދިވެހިރާއްޖޭގެ ކަންކަށިމަތީގައި އެތިފަހަރެއް "ޖެހީ" އެވެ. ނުވަތަ "ލެޑީ" އެވެ. ދުވަހަކު އޭގެ ތަދު ނުފިލާވަރުގެއެވެ. ހަނދާން ވެސް ނުފިލާވަރުގެއެވެ. ދިވެހި ތާރީޚުގެ ފަތްފުށްތަކުން އެ ވާހަކަތައް ކިޔާފައި ދިވެހިންގެ ލޯތަކުން އެކަމާ މެދު އުފެދޭ ކަރުނަތައް ނުހިކޭވަރުގެއެވެ. އާދެ! ދިވެހިން ބައިބައިކޮށް ދެކުނުގެ ތިން އަތޮޅުގައި ވަކި ވެރިކަމެއް އުފެއްދުވީއެވެ. މިއީ ދުނިޔޭގެ ބާރުގަދަ އިނގިރޭސިންނެވެ. އެމީހުން ހިތުން ރާއްޖޭގައި އުޅޭނީ ކަހެރުވަކުންނެވެ" (ޢަލީ ހުސައިން، 1 ޖުލައި 2014، ޞ. 73-74).   މި ބަޔާންކުރެވުނު ދިރާސީ ނޯޓުގައި ހިމެނޭ ވާހަކަތަކަށް ވިސްނާއިރު، ދިވެހި ސަރުކާރުން ސުލްހައިގެ ވާހަކަތައް ދައްކަދައްކަމުން ދަނިކޮށް އިނގިރޭސިން ސުވާދީބު ސަރުކާރު އުފެއްދައި ދިވެހިން ބައިބައިކުރަން މަސައްކަތްކުރީއެވެ. ނަމަވެސް މި ލިޔުމުގައި މި ބަޔާންކުރާ ތާރީޚީ ރޭގެ ހަމަނުޖެހުން ފެށުނީ ސަރުކާރުން މި ފޮނުއްވި ސިޓީގައި އޮތް އަމުރުގެ ސަބަބުންކަން އިސްވެ ދެންނެވުނު ހުރިހާ ވާހަކައަކުން ވެސް ހާމަވެއެވެ.

މިހިސާބުން ފާހަގަކޮށްލަން ބޭނުންވަނީ، ސަރުކާރުން މި މައްސަލަ ހައްލުކުރެއްވުމަށް ފޮނުއްވާފައިވާ ވެރިންނާ ރައްޔިތުންނާ ދެމެމެދު ފިތުނަ އުފެދެމުން މައްސަލަ ބޮޑުވަމުން ދިޔައިރު، މި މައްސަލަތަކަށް ހައްލެއް ނުލިބުނުކަމެވެ. އަދި މިކަންކަން ހިނގަމުން ދިޔައިރު، އިނގިރޭސިންގެ ވެރިޔަކަށް ހުންނެވި މޭޖަރ ފިލިޕްއާއި އަބުދުﷲ ޢަފީފާ އެކު މަޝްވަރާކުރެވި ރޭވުންތަކެއް ރޭވުނު ކަމަށް ލިޔުންތަކުންނާއި ދިރާސާގެ ބައެއް ބައިވެރިންގެ ވާހަކަތަކުން ފާހަގަކުރެވުނު ނަމަވެސް ބައެއް ލިޔުންތަކުންނާއި ދިރާސާގެ ބައެއް ބައިވެރިން ހާމަކުރައްވާ ގޮތުގައި މީގައި ޢަފީފުދީދީގެ މާބޮޑު ބައިވެރިވުމެއް އަދި ވެރިކަމުގެ ބޭނުމެއް ވެސް ނުމެނެތްމެއެވެ. ކޮންމެ ގޮތަކަށް ކަން ހިނގި ނަމަވެސް ހުރިހާ ލިޔުންތަކުންނާއި ދިރާސާގައި ބައިވެރިވި އެންމެންގެ ވާހަކައިން ވެސް ހާމަވީ، އިނގިރޭސިންގެ ހިއްސާ މި ހަމަނުޖެހުމުގައި އޮތްކަމެވެ.

މި ދެންނެވިފަދައިން ކަންކަން އޮއްވާ، މިހާ ހަރުކަށި އަމުރެއް ދިވެހިސަރުކާރުން ރައްޔުތުންގެ މައްޗަށް ހިންގަވައި ސިއްކަޖެއްސެވި އިރު މީގެ ނަތީޖާއާ މެދު ނުވިސްނެވީ ކީއްވެބާއެވެ؟ ދިރާސާވެރިއެއްގެ ހައިސިއްޔަތުން މި ސުވާލު އަޅުގަނޑުގެ ހިތުގައި އުފެދެއެވެ. މިސާލަކަށް މުސާރައިގެ ކަންކަން ވެސް ހައްލު ނުވެ އުޅެނިކޮށް، ގަމަށް މަސައްކަތު ދިޔުން ހުއްޓާލުން ފަދަ ހަރުކަށި އަމުރެއް އައުމުން ދެން ރައްޔިތުން އަންނާނެ ރުޅި ދިވެހި ސަރުކާރަށް ވަޒަންކުރެއްވެން ވާނެއެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ ދިވެހި ސަރުކާރުން ފޮނުއްވި ސިޓީގައިވާ އަމުރާ އެކު، އިގިރޭސީންނަށް މަސައްކަތްކޮށްދިނުން ދިވެހިންނަށް މަނާވީއެވެ.

ދޮން ކަނބުލޮ: ދެން ރައްޔިތުން ރުޅިއައިސްގެން ހަމަ ގަމަށް ދިޔަތަ؟

މާފަ: އާނ! ގަމަށް ދިޔަ ބައިވަރު މީހުން... އެކަމަކު ދެން އަންން ހަފުތާއަކަށް އެ ބައި ބާއްވަމާދޯ... އިރާދަކުރެއްވިއްޔާ ދިވެހި ސަރުކާރުން އައްޑޫ ރައްޔިތުން ވަކިވި ގޮތް ކިޔައިދޭނަން

ދޮންކަނބުލޮ: އާނ މާފާ... އަންނަ ހަފުތާގެ މި ދުވަހު ދޯ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ މާފާ..

މިއަދުގެ ކޮލަމުގައި މި ހުށަހަޅައި ލެވުނީ، ދިވެހި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ފޮނުއްވި ތާރީޚީ ސިޓީއާ ގުޅިގެން 1958 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގެ އިރާކުޅުގެ ވަގުތާ ހަމައަށް ހިނިގި ކަންކަމަށެވެ. ދެން އޭގެ ފަހުން، އެރޭ ހިނގި ކަންކަން އަންނަ ހަފުތާގައި ގެނެސްދިނުމަށް އުންމީދުކުރަމެވެ. އިންތިޒާރުކޮށްލައްވާށެވެ.

މި ލިޔުމުގައި އެކި ބޭބޭފުޅުންގެ އަސްލު ނަން ބޭނުންކޮށްފައިވަނީ އެއްވެސް ބޭފުޅަކަށް ކުޑައިމީސް ބަހެއް ރައްދުކުރުމަކަށް ނޫނެވެ. މިއީ އެކި ތާރީޚީ ފޮތްފޮތުގައި ބަޔާންވެފައިވާ ނަންތަކަކަށް ވެފައި، އެ ނަންތައް ބޭނުންކޮށްފައި ވަނީ، ހަގީގީ ހާދިސާގެ އެކި މައްޒަރުތައް އަސްލާ އެއްގޮތަށް ކުރަހައިގެން ވީހާ ބޮޑަކަށް ތަފުސީލުކުރުމުގެ ބޭނުމުގައިކަން އަދިވެސް އެއްފަހަރު ދަންނަވަމެވެ.


ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް:

ޢަބްދުﷲ ޞާދިޤު. (2016). ސުވާދީބާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.

ޢަލީ ޙުސައިން. (15 ޖުލައި 2014). ފުރިހަމަ މިނިވަންކަމާ ދިމާއަށް ދިވެހިން ކުރި ދަތުރުގެ ނިމުން. ދިވެހި ޑައިޖެސްޓް، 12. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް.

އިބްރާހީމް ޝިހާބު. (1990). އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން، މަލަސް-26. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

ކަށިމާ އަޙުމަދު ޝާކިރު. (2004). ދިވެހިރާއްޖެ 1. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް

މުޙައްމަދު އަޙުމަދު މަނިކު. (2009). ދެކުނު ތިން އަތޮޅުގެ ސިޔާސީ ގަޑުބަޑުގެ ބައެއް ވާހަކަ 1. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް.

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.