އައްޒަގެ ދިރާސީ ބަސް: އެމް.ވީ އެލިޒަބަތުބޯޔާ ފުވައްމުލަކަށް ކުރި ދަތުރަށް ފަހު...

މިއަދުގެ ކޮލަމު ފެށުމުގެ ކުރިން ކުރީ ދުވަހުގެ (15 ޑިސެންބަރު 2020 (އަންގާރަ ދުވަހުގެ) ކޮލަމުގައި ލިޔެވިފައިވާ ބައެއް މަޢުލޫމާތު އިސްލާހުކޮށްލާނަމެވެ. ކުރީދުވަހުގެ ލިޔުމުގައި ލިޔެފައި އެވަނީ މަޢުލޫމާތަކަށް، ހަވާލާދީފައިވާ ފަރާތްތަކުން ލިބުނު ގޮތަށެވެ. ނަމަވެސް އެ މަޢުލޫމާތު އިސްލާހުކުރަން ޖެހުނީ ލިޔުން ޝާއިޢުކުރުމުން ފުވައްމަލަކުގެ މުޢުތަބަރު ފަރާތަކުން، ލިޔެވިފައިވާ ކުށްތައް، (އެ މަޢުލޫމާތު) އިސްލާހުކޮށްދެއްވުމުންނެވެ. މި މަޢުލޫމާތު ދެއްވި ފަރާތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ކިޔުންތެރިންގެ މިފަދަ އެހީތެރިކަމާ އެކު އަޅުގަނޑު ނެރެން ގަސްތުކުރާ ފޮތް ފުރިހަމަވާނެއެވެ. ވީމާ، ކިޔުންތެރިންގެ ފާޑުކިޔުން ވަރަށް އުފަލާއެކު ބަލައިގަންނާނެ ވާހަކަ ދަންނަވަމެވެ.

އިސްލާހުތައް ތިރީގައި މިވަނީއެވެ.

* ކެންނާރި އިބްރާހީމް ދީދީގެ ބަދަލުގައި އޮންނަންވީ ބަހާރުގޭ އިބްރާހީމްދީދީއެވެ. އޭނާގެ އަންމު ނަމަކަށް ކޭނހިގޭ އިބްރާހީމްދީދީ ވެސް ކިޔައެވެ. ކެންނާރި އިބްރާހީމްދީދީއަކީ ވެސް އެދުވަސްވަރު އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް މިކަން ހިނގި ދުވަހު އެބޭފުޅާ ހުންނެވީ، އައްޑު އަތޮޅުގައެވެ.

* ކަރިއްޔަ ކަޅުތުއްތުދީދީގެ ބަދަލުގައި އޮންނަންވީ އޮޅުގިނައިގޭ ކަޅުތުއްތުދީދީއެވެ. އިބްރާހީމް ނާސިރުގެ ބޮޑުބޭބޭފުޅަކީ އޮޅުގިނައިގޭ ކަޅުތުއްތުދީދީއެވެ.

* ބަޑީގެ ވަޒަންއެރީ އުތުރު މިސްކިތަށޭ ދިރާސާގެ ބައިވެރިޔަކު ބުނެފައިވެއެވެ. މި މިސްކިތުގެ އަސްލު ނަމަކީ މާމިސްކިތް ނުވަތަ ހުކުރުމިސްކިތެވެ.


މިއަދުގެ ކޮލަމުގައި ލިޔަން ގަސްތުކުރަނީ، އެމް.ވީ އެލިޒަބަތުބޯޔާ ފުވައްމުލަކަށް ކުރި ނާކާމިޔާބު ދަތުރަށް ފަހު، ކަން ހިނގައިދިޔަ ގޮތުގެ މައްޗަށެވެ. ފުވައްމުލައް ދިވެހި ދައުލަތުގެ ދަށަށް ގެނައުމަށް ސިފައިން ފޮނުއްވައިގެން ކުރެއްވި މަސައްކަތް ނާކާމިޔާބުވީ ފުވައްމުލައް އުފެދިފައިވާ ގޮތުން، އެ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާ ނުލައި އަރާފޭބުން ދަތިވުމުން ކަމުގައި ދެންނެވިދާނެއެވެ. އަދި ފުވައްމުލައް އައްޑޫ ކައިރީގައި އޮތުމަކީ ވެސް ސަބަބަކަށް ވެދާނެ ކަމަށް އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވެއެވެ. ކޮންމެއަކަސް، އެމް.ވީ އެލިޒަބަތުބޯޔާ ފުވައްމުލަކަށް ކުރި ދަތުރު ނިންމައި، އެނބުރި މާލެ އައީ 5 އޭޕްރީލް 1959 ގައި ކަމަށް ޢަބްދުﷲ ޞާދިޤު (2016) ބަޔާންކުރައްވާފައިވެއެވެ. މި ދުވަހު ހިނގި ކަންކަމަށް ފަހު، ސުވާދީބު ދައުލަތާއި ދިވެހި ދައުލަތުން ކަންކަން ކުރަމުން ދިޔަ ގޮތް މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތު އާދެ! މާފައާއި ދޮންކަނބުލޮގެ ވާހަކަތަކާއި ދިރާސީ ނޯޓުތަކުން ނިއުޅެމުން އޮޅުންފިލަމުން ދާނެއެވެ.

ދޮންކަނބުލޮ: މާފާ! ހިނގާ އަވަހަށް ވާހަކަ ކިޔަން ފަށަމާ... މިހާރު ހާދަހާ އަޑުއަހާ ހިތްވާ ހިސާބަކަށޭ...

މާފަ: ދަރިފުޅާ ދޮންކަނބުލޯ ކިހާ ހިސާބަކަށްތަ ވާހަކަ ކިޔައިދެވުނީ؟

ދޮންކަނބުލޮ: (ހީނލާފައި) މާފަ ހަނދާނެއް ވެސް ނެތް ދޯ؟ ފުވައްމުލަކަށް ބަޑި ޖެހީމާ ވެސް އެ ރަށް ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ނުގެނެވުނު ވާހަކަ މާފަ ކިޔައިދިނީ...

މާފަ: އާނ! އާނ! މިހާރު ހަނދާން ވެއްޖެ. އެމްވީ. އެލިޒަބަތުބޯޔާގެ ދަތުރު ނާކާމިޔާބު ވެގެން އެނބުރި މާލެ ދިޔައީ ދޯ؟ އެކަމަކު ކަނބުލޮއަށް އެނގޭތަ؟ ފުވައްމުލަކު ބައެއް މީހުން ސުވާދީބު ދައުލަތަށް އެއްޗެހި ކިޔާ ދިވެހި ދައުލަތުގެ ދިދަ ނަގަން އަތިރިމައްޗަށް އައިސްއައިސް ތިއްބާ މި ބޯޓު ފުވައްމުލަކުން ފުރީ...

ދޮންކަނބުލޮ: ދެން ކިހިނެއްވީ މާފާ!

މާފަ: ދެން ވާނެ ގޮތް ކަނބުލޮއަށް ވެސް އެނގޭނެނުން... ސުވާދީބު ދައުލަތާ ދެކޮޅު މީހުން ފަޅާއެރީ...

ދޮންކަނބުލޮ: (ދެލޯ ބޮޑުކޮށްގެން މާފައާ ދިމާއަށް ބަލަން އިނދެ) އާނ! އާނ! ދެނޯ ދެން ކިހިނެއްތަ އެމީހުންނަށް ވީ؟

މާފަ: ކުށްވެރިވީ...

ދޮންކަނބުލޮ: ކުށްވެރިންނަށް ވާންވީ ކީއްވެ މާފާ؟ އެމީހުންގެ ކުށަކީ ކޮބާ މާފާ؟

މާފަ: އެމީހުންގެ ކުށަކީ ސުވާދީބު ދައުލަތާ ދެކޮޅަށް ތެދުވުން... އެހެންވެ ކުށްވެރިންގެ ގޮތުގައި އެމީހުން އައްޑުއަށް ފޮނުވައިލެވުނީ... އޭރު ކިޔާ ގޮތަށް ބުނަންޏާ "މާލޭ ސަރުކާރާ" އެއްކޮޅު ވާނީ ސުވާދީބުގެ ހަތުރުން..

ދޮންކަނބުލޮ: ދެން އެމީހުން އައްޑުއަށް ގެންގޮސްގެން ކިހިނެއްތަ ހެދީ؟

މާފަ: މާ ބޮޑު ތަހުގީގެއް ވެސް ނުކުރާކަމަށްވަނީ... އެކަމަކު، ބައެއް މީހުން އަނދަގޮނޑި ވެސް ޖެހި، އެކި މީހުން ތިބީ އައްޑު އަތޮޅުގެ އެކި ރަށްރަށަށް އަރުވާލާފައި... ދުވަސްކޮޅަކަށް ފަހު، އޭގެތެރެއިން އެކަކު  ހުވަދު އަތޮޅަށް އަރުވާލާފައި ހުއްޓާ ނިޔާވީ..

ދޮންކަނބުލޮ: ކިހާ ދެރަދޯ މާފާ... ސުވާދީބު ދައުލަތުގައި ވެސް އިންސާފުވެރިކަމެއް ނެތެއްނުން މާފާ..

ދިރާސީ ނޯޓު: "ފުވައްމުލަކަށް ހަމަލާ ދިން ދުވަހުގެ ފަހު ދުވަހު ... އޯޑަރު އައިސްގެން "މާލޭ ސަރުކާރަށް" ތާއީދުކޮށްގެން ތިބިކަމަށް ޝައްކުކުރެވޭ ފަސް މީހަކު ބަންދުކުރެވުނެވެ. އަދި ދޯންޏެއްގައި މި ފަސް މީހުން އައްޑުއަށް ފޮނުވާލެވުނެވެ. އެއީ ހަސަން މުހައްމަދުދީދީ، ފިނިފެންމާގެ އާއި އޭނާގެ ބައްޕަ މުޙައްމަދު ދީދީ އާއި މުދިމު ތުއްތުދީދީއެވެ. އަދި މަތިމަގުގޭ ހަސަން ތައްކާނާއި މަތިއެދުރުގޭ އިބްރާހީމްދީދީއެވެ" (އަލީ ފަހުމީ އަހުމަދު، 2012، ޞ.120). މި މީހުން ކުށްވެރިންގެ ގޮތުގައި އައްޑު އަތޮޅުގެ އެކި ރަށްރަށަށް އަރުވާލާފައި ތިބިކަމަށާއި ބައެއް މީހުން އަނދަގޮނޑި ޖަހާފައި ތިބިކަމަށް ވެސް އަލީ ފަހުމީ އަހުމަދު ވިދާޅުވިއެވެ. މީގެތެރެއިން ފިނިފެންމާގޭ ހަސަން މުޙައްމަދުދީދީއާ ހަވާލާ ދެއްވައި އަލީ ފަހުމީ އަހުމަދު ވިދާޅުވަނީ "އަޅުގަނޑު އޮތީ ހިތަދޫ މާމެންދޫއޭ ކިޔާ ސަރަހައްދުގެ ގެއެއްގައި އަނދަގޮނޑި ޖަހާފައި. ފަހުން އެނގުނު އަޅުގަނޑުގެ ބައްޕަވީ ހިތަދޫ އޮޑެއްސަލަ (އޭ ކިޔާ ސަރަހައްދުގައި) އަނދަގޮނޑި ޖަހާފައިކަން. ދެން އެއަށްފަހު ހުވަދުއަށް އަރުވާލާފަ ހުއްޓާ ބައްޕަ ނިޔައުވީ ވެސް" (ޞ.120). މި މަޢުލޫމާތަށް ބަލާއިރު، ސުވާދީބު ދައުލަތުގައި ކުށްވެރިން އަނދަގޮނޑި ޖެހުމާއި އަރުވާލުން ފަދަ ކަންކަން ވެސް ކުރެވިފައިވާ ކަން ފާހަގަކުރެވެއެވެ.

މާފަ: ދޮންކަނބުލޯ! އިންސާފު... އެކި މީހުން ދެކޭނީ އެކި ގޮތަށް... ސުވާދީބުގެ ކުށްވެރިންނަށް އަދަބު ދިނީ... ވަޒަން އެރި މީހުންނަށް ވަރަށް ރަނގަޅަށް ފަރުވާ ވެސް ދިން... އާނ! އެކަކު ސީދާ އިނގިރޭސި ވިލާތަށް ފޮނުވައިގެން ވެސް ބޭސްކުރުވި... އިނގިރޭސިންގެ މަދަދާ އެކުތާ މި ކަންކަން ވާނީ؟

ދިރާސީ ނޯޓު: "ބަޑިޖަހައިގެން ޒަޚަމުވި މީހުން މިރަށު ދޯންޏަކުން އައްޑުއަށް ގެންދިޔައީ. އައްޑުއަށް ގެންގޮސްގެން އޭގެތެރެއިން ވަޑިގޭ މުޙައްމަދު ދީދީ އިނގިރޭސީންގެ އެހީގައި ލަންޑަނަށް ފޮނުވީ. އޭނަ ގަދަވެގެން އައިސް ރަށުގައި ހުރެފައި ދާދި މިދާކަށް ދުވަހު (2018 ވަނަ އަހަރުގެ ފަހުކޮޅު) އޭނަ ނިޔާވީ ވެސް. އެހެންމީހުންނަށް ގަމުގެ ހޮސްޕިޓަލުން ފަރުވާ ދިނީ" (މުހައްމާބެ، (އަސްލު ނަމެއް ނޫން)، ފުވައްމުލައް)

ދޮންކަނބުލޮ: އެހެންދޯ؟ އެއީ ދޯ؟ އޭރު އިންސާފު އޮންނަ ގޮތަކީ... ދިވެހި ދައުލަތުގައި ވެސް ސުވާދީބު ދައުލަތުގައި ވެސް... އެ ދައުލަތަކާ ދެކޮޅުވާ ބަޔަކަށް އެއްވެސް ޝަރީޢަތަކާ ނުލާ ވެސް އަދަބު ދިންދޯ މާފާ...

މާފަ: ދޮންކަނބުލޯ! އެހެންވީމައޭ ކަނބުލޮމެން މި ކަންކަމުން ޢިބުރަތް ހާސިލުކުރަންވީ... މި ރާއްޖޭގެ ކަންކަން ރަނގަޅު މަގުން ގެންދަން މާދަމާ ތިބޭނީ ކަނބުލޮމެން ދޯ؟

ދޮންކަނބުލޮ: (ބޯޖަހާލަމުން) މާފާ އެހެންވެއޭ މި ވާހަކަ މިހާ އަޑުއަހާ ހިތްވަނީ ވެސް... މާފާ ދެން ވާހަކަ ކުރިއަށް...

މާފަ: ފުވައްމުލަކަށް ބަޑި ޖެހި ހާދިސާއަށް ފަހު، ސުވާދީބު ދައުލަތަށް ތާއީދުކުރި މީހުންގެ ހިތުގައި ދިވެހި ދައުލަތާ މެދު އިތުރަށް ރުޅިވެރިކަން އުފެދުނީ... ބައިވަރު ލަވަތައް ވެސް ކިޔައި އުޅުނު... ހަމައެގޮތަށް ދިވެހި ދައުލަތުން ވެސް ތައްޔާރުވީ ސީދާ ހަނގުރާމައަށް ތައްޔާރުވާނެ ބީދައިން..

ދޮންކަންބުލޮ: އަސްތާ! އެހެންތަ މާފާ؟ ދެން ކިހިނެއްތަ ވީ؟

ދިރާސީ ނޯޓު: ތިރީގައި މިވަނީ މި ދިރާސާގެ ބައިވެރިޔަކު ކަމަށް ވާ ފުވައްމުލަކު އަލިހުތާ ބެއްޔާ (އަސްލު ނަމެއް ނޫން) ހިތުން ކިޔާއިދީފައިވާ ލަވައެކެވެ. މިލަވައިގެ ޝާޢިރަކީ އައްޑު އަތޮޅު ބޭފުޅެކެވެ.

ތިޔަތިބެ ޖަހާ މަޅިފަތިތަކަށް ކިޔަމަންވެ ބޯނުލަނބާނަމޭ

ދިޔަޔަސް ފުރާނަ މި ފަސްގަނޑަށް ފިޔަވަޅު ފަހަށް ނާޅާނަމޭ.

* * *

އިންޞާފު ނެތް ޤާނޫނަކަށް ލަންބަން އަދައިގެން ރައްޔިތުން

މިސްރާބު ވެސް ތިއޮތީ މުޅިން އޮޅިފައިކަމަށް ހެކިވާނަމޭ

ތިޔަތިބެ ޖަހާ މަޅިފަތި.....

ކޮންތާކު އޮތް ސަރުކާރަކަށް ގެއްލުންވެ އަދި ކުށްވެރިވެގެން

ކޮންބަޔަކު ގެންދަންހޭ ކަލޭ ގޮވަނީ އަޑެއް ނާހަނަމޭ

ތިޔަތިބެ ޖަހާ މަޅިފަތި.....

ކަންކުރިގޮތާއި ވާނޭ ގޮތާ، ވިސްނުން ނުކޮށް އުޅެވުނު ސަބަބު

ކަންކޮޅުތަކަށް ދުނިޔޭގެވާ ބޭޒާރުކޮށް ދައްކާނަމޭ

ތިޔަތިބެ ޖަހާ މަޅިފަތި....

އޮޅުމެއްނެތޭ ނާޞިރުގެ ބޯ މިތަނަށް ގެނެސްދިން މީހަކަށް

ދޮޅުލައްކަ ފައުނު އިނާމަކަށް ވަގުތުން ގުނާފައި ދޭނަމޭ

ތިޔަތިބެ ޖަހާ މަޅިފަތި...."

މި ލަވަ ކިޔައިދީފައިވަނީ ރާގުގައި ވަރަށް ރީއްޗަށެވެ. މިހާ ގިނަ ދުވަސްވީއިރު މި ދިގު ލަވަ ހިތުން އެނގުން ވެސް ވީ ދިރާސާވެރިންނަށް ވެސް ލިބުނު ހައިރާންކަމަކަށެވެ. އެހެނީ މީގެ މާނައަކީ، އޭރުގެ މީހުންގެ ހިތުގައި މި ކަންކަން ބިންވަޅުނެގިފައިވާ މިންވަރުގެ ބޮޑުކަމެވެ. އަދި އޭރުގެ ބޮޑުވަޒީރާ މެދު ސުވާދީބުގެ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދިފައިވާ މިންވަރު ވެސް މިއިން އެނގެއެވެ. ލަވައިން ދޭހަވާ ގޮތުގައި ސުވާދީބު ރައްޔިތުން ވެސް ތިބީ ދޫދޭ ގޮތަކަށް ނޫންކަން ވެސް ހާމައެވެ.

މާފަ: ކޮންމެ ގޮތެއް ވިޔަސް ދިވެހިރާއްޖޭގައި ދެ ދައުލަތް މި އުފެދުނީ... މިހެން މިކަމެއް ނުވާނެނުން ކަނބުލޯ؟

ދޮންކަނބުލޮ: މާފާ އެހެން އެވީ ދިވެހި ދައުލަތުން ވެސް ކަންކަން ކުރެއްވި ގޮތުންދޯ؟ ދެން ވާގިދޭން ތިބީ ވެސް އިނގިރޭސިން...

މާފަ: އާނ! ކަނބުލޯ... ތި ކަން ވެސް އޮތީ ތިހެން... އެކަމަކު ދިވެހި ދައުލަތުން ދިވެހިރާއްޖޭގެ ބިންތައް ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި... ރަދުންގެ ވެސް ރުހުމާ އެކު... ރައްޔިތުންގެ މަޖިލީހުގެ ވެސް ރުހުން ބޮޑުވަޒީރަށް އަރުވާފައި އޭރު އޮތީ... ބޮޑުވަޒީރު ބޭނުންފުޅު ގޮތަކަށް އެ ބިންތައް އަނބުރާ ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް... މިކަމަށް ރާއްޖޭގެ ރައްޔިތުންގެ ވޯޓެއް ވެސް ނެގުނު..

ދިރާސީ ނޯޓު: ޢ (1997) ބަޔާންކުރައްވާ ގޮތުގައި އެމްވީ އެލިޒަބަތު ބޯޔާ ފުވައްމުލަކު ދަތުރުގައި މާބޮޑު ކަމެއްނުކުރެވި އައުމުން ދިވެހި ދައުލަތުން އިޢުލާނެއް ނެރުއްވިއެވެ. މި އިޢުލާނުގައި ވަނީ:

"ދިވެހި ދައުލަތުން ދެކުނުގެ އަތޮޅުތަކަށް ފޮނުއްވި މީހުން ފުރަތަމަ ދިޔައީ ފުވައްމުލަކަށެވެ. ގޮސް އެރަށަށް އެރުމުން، އެ ރަށުގެ މީހުން ނުކުމެ ވަރަށް ވަރުގަދައަށް ގާ އުކައި އުޅެގެންފިއެވެ. މި އުޅުނު އުޅުމުގައި އެމީހުންގެ ހުރި ދެކޮޅުވެރިކަން ބޮޑުކަމުން މާލެއިން މި ފޮނުވުނު މަދު މީސްކޮޅާއިގެން އެކަން ހަމަޖެއްސޭނޭކަމަށް ނުފެންނާތީ އެނބުރި އައީއެވެ. މުލަކުން ބަޔަކާއި ކަނޑުމަތިން ދިމާވި ހުވަދު އަތޮޅުގެ ބަޔަކު ހައްޔަރުކޮށްގެން ގެނެވުނެވެ. މި މައްސަލައިގައި ދެން އަޅަންވީ ފިޔަވަޅުތައް ދައުލަތުގެ ފަރާތުން ވަރަށް އަވަހަށް އަޅަމުން އެބަގެންދެއެވެ" (ޢ (1997)،ޞ.232).

މިގޮތުން އެ އުޅުއްވި ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ޢަބްދުﷲ ޞާދިޤު (2016) ބަޔާންކުރައްވަނީ ދިވެހިރާއްޖޭގެ ބޮޑުވަޒީރަށް ފެނިވަޑައިގަންނަވާ ގޮތަކަށް މައްސަލަ ހަމަޖެއްސުމުގެ އިޚުތިޔާރާއި ބާރު ކީރިތި މަހާރަދުންނާއި ރައްޔިތުންގެ މަޖިލީހުން އެ މަނިކުފާނަށް އެރުވުނު ކަމަށެވެ. އަދި އެއަށް ފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން، 1959 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ކަމަށް ވެސް އޭނާ ބަޔާންކުރައްވައެވެ.

ދޮންކަނބުލޮ: ކިހިނެއްތަ ވޯޓު ނެގީ؟ މާލޭގައި އެކަނި ދޯ ވޯޓުލީ؟

މާފަ: ނޫނޭ ދޮންކަނބުލޯ... ރައްޔިތުން ގާތަށް ހުރިހާ ރަށްރަށަކަށް ދިވެހި ދައުލަތުގެ ވަފުދެއް ވަޑައިގަތީ... އެމް.ވީ އެލިޒަބަތުބޯޔާ ފުވައްމުލަކު ދަތުރު ނިންމާފައި ދެން ކުރީ މި ބުނާ ވޯޓަށް ކުރި ދަތުރު..

ދިރާސީ ނޯޓު: "އެލިޒަބަތުބޯޔާ މާލެ އައުމާ އެކުހެން، އަނބުރާ ރާއްޖެތެރޭގެ ދަތުރަކަށް ފުރުވާލެއްވިއެވެ. އިސް ބޭފުޅުންނަށް އައްނަބީލު މަލިން މުޙައްމަދުދީދީއާއި، އަލްއުސްތާޒު އިބްރާހީމް ޝިހާބު ޢައްޔަންކުރައްވާފައެވެ. އެ ބޭފުޅުންގެ އަރިހުގައި ވަރަށް ޒުވާން ޕާޓީއެއް ވެސް ފޮނުއްވިއެވެ. މި ދަތުރުގެ ބޭނުމަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ ދެކުނުގެ ބަޣާވަތުގެ މައްސަލަ ހަމަޖެއްސުމަށް ބޮޑުވަޒީރު އިބްރާހީމް ނާސިރަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމެވެ. ރާއްޖޭގެ ކޮންމެ ރަށަކުން މި ވޯޓު ހޯދިއެވެ. ރާއްޖޭގެ ރައްޔިތުން ނިންމީ، ބޮޑުވަޒީރު ނާޞިރަށް މާ ބޮޑަށް ވެސް އިތުބާރު އޮތް ކަމަށެވެ" (ޢ، 1999، ޞ.232).

ދޮންކަނބުލޮ: އެހެންދޯ؟ މާފާ... ސަރުކާރުގެ ވަފުދެއް ވަޑައިގަތީމާ ރައްޔިތުން ނޫނެކޭ ނުބުނާނުންދޯ؟

މާފަ: (ހީނލާފައި) ކަނބުލޮއަށް ހާދަ ވިސްނެއޭ... މުޅި ރާއްޖެއިން ވަރަށް ބޮޑަށް ބޮޑުވަޒީރަށް ތާއީދުކުރި... އެހެންވީމާ، ދެން ފެނުނީ، ހަތިޔާރު ހޯދައި ހަނގުރާމައަށް ތައްޔާރުވުމުގެ މަސައްކަތް ފެއްޓެވިތަން...

ދޮންކަނބުލޮ: ހަތިޔާރު ވެސް ހޯދިތަ؟

މާފަ: (ވިސްނައިދޭ ރާގެއްގައި) ކަނބުލޯ ވިސްނާލަ ބަލަ... އިނގިރޭސިންގެ އެހީގައި އުފައްދައިގެން އުޅުނު ދައުލަތެއް ސުވާދީބު ދައުލަތަކީ... އެ ދައުލަތާ ދެކޮޅަށް ދިވެހި ދައުލަތުން ހަތިޔާރާ ނުލާ ކިހިނެއް ކުރިމަތިލާނީ... އެހެންވީމާ، މި ހަނގުރާމައަށް ދާން ތައްޔާރުވި އެންމެނަށް ސަރުކާރުގެ ކަނބުރުގޭގައި ހަތިޔާރު ހެދީ... އަދި ކޮންމެވެސްވަރަކަށް ބަޑި ވެސް އޭރު ދިވެހި ދައުލަތުން ގަނެފައި ހުރި...

ދޮންކަނބުލޮ: އާނ! އެހެންދޯ ވާނީ... އިނގިރޭސިން ހަތިޔާރު ދީފައި ހުންނާނެކަމަށް ބެލީއޭތަ މާފަ ތި ބުނަނީ...

މާފަ: އެހެނެއް ސީދާ ބުނާކަށެއް ނުކުރޭނެ... އެއީ، އެއްވެސް ބަޔަކަށް އިނގިރޭސިން ހަތިޔާރު ދިން ކަމެއް އެނގޭކަށް ނެތް... އެކަމަކު ހަތިޔާރާ އެކު ދިވެހި ދައުލަތުން ދެވަނަ ދަތުރު ވެސް ކުރެއްވީ...

ދިރާސީ ނޯޓު: ޢ (1997) ވިދާޅުވާ ގޮތުގައި ދެކުނުގެ ބަޣާވާތް ހަމަޖެއްސުމަށް ދާ މީހުންނަށް އައްޑަނަ ހެދީ ބާ ފީފާ ހޯދައިގެން ސަރުކާރުގެ ކަނބުރު ގޭގައެވެ. އައްޑަނައިގެ އިތުރަށް ޗާބޫކާއި، ކަންއިއްޔާއި އަދިވެސް އެފާޑުގެ ސާމާނު ފުދޭވަރަކަށް ތައްޔާރުކުރި ކަމަށާއި މި މަސައްކަތުގައި އިސްވެރިއަކަށް ހުރީ ކަނދިލި ދޮންތުއްތު ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ދޮންކަނބުލޮ: ކޮން ބައެއްތަ ހަނގުރާމައަށް ދާން ތައްޔާރުވީ...

މާފަ: އޭރު ކަން ކުރާ ގޮތަކީ، ކޮންމެ ކަމަކާ ގުޅިގެން ވެސް މާލޭގެ ހަތަރު އަވަށު މައިޒާންތަކުގައި އިޢުލާނު ބަހައްޓާނީ... އަދި އެ އިޢުލާނުތައް ނޫސްތަކުގައި ޝާއިޢު ވެސް ކުރޭ...

ދޮންކަނބުލޮ: މިކަމާ ގުޅިގެން ވެސް އިޢުލާނެއް ކުރީތަ

މާފަ: އާނ! މަހުކަމަތުލް އަމަންއާންމުން މި ޢިއުލާނު ނެރުއްވީ.. އެ އިޢުލާނަށް އެންމެ 6 ގަޑި އިރު ދީފައި އޮތީ ނަން ނޯޓުކުރަން...

ދޮންކަނބުލޮ: ދެން މީހުން ބައިވެރިވިތަ؟

މާފަ: އާނ! ތާރީޚީ ލިޔުންތަކުން ފެންނަނީ... މިކަމުގައި ބައިވެރިވެވޭ ވަރުގައި، މާލޭގައި އޭރު އޮތް އާބާދީގެ ތިންބައިކުޅަ ދެ ބައި މީހުން ނަން ނޯޓުކުރި ކަމަށް...

ދިރާސީނޯޓު: ތިރީގައި މިވަނީ ޢ (1997) ގައި ނަކަލުކުރައްވާފައިވާ އިޢުލާނު އެ އޮތް ގޮތަށް ލިޔެ ނަކަލުކޮށްފައެވެ.

ތިރީގައި އެވަނީ މިއަދު ހަވީރު ހަތަރު އަވަށު މައިޒާން ގޭގައި މަޙުކަމުތުލް އަމަންޢާއްމުގެ ފަރާތުން ބެހެއްޓުން އިޢުލާނުގެ ނަކަލެކެވެ.


އިޢުލާން

ދެކުނުގެ ތިން އަތޮޅުގައި އުފައްދާފައިވާ ބަޣާވާތް ހަމަޖެއްސުމަށް ދީނާއި ދިވެހި ދަވްލަތަށް ޓަކައި އަދާކުރަނިވި ކޮންމެ ޚިދުމަތެއް އަދާކުރުމުގައި ޤުރުބާންވާން ކެރޭނެ މީހަކު ވާނެ ނަމަ އެ މީހެއްގެ ނަމާއި ސާފު އެޑްރެހެއް ލިޔެ، އަވަށު މައިޒާން ގޭގައި ބަހައްޓާފައިވާ ފޮށްޓަށް ވައްޓާލުން އެދެމެވެ.

މިކަން ހުޅުވިފައި ވަނީ 15 އަހަރުން މަތީގެ ފިރިހެނުންނަށެވެ. ސިޓީ ލިޔަން ދަތި ނަމަ މައިޒާން ގެއަށް ގޮސް ނަން ޖައްސާށެވެ. މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް މައިޒާން ގޭގައި ފޮށި ބެހެއްޓިފައި ހުންނާނެއެވެ.

3 މުޙައްރަމް 1376ހ.

11 ޖުލައި 1959މ.

ޚާދިމްކުމުލްމުޠީޢު

އާދަމް ނަޞީރު މަނިކު

މަޙްކަމަތުލް އަމަންޢާއްމުގެ ވަކީލުގެ ބަދަލުގައި

 (މަޢުލޫމާތު: ޢ، 1997، ޞ.232)


ދޮންކަނބުލޮ: (މާފައާ ދިމާއަށް ބަލަމުން) މާފާ ހަމަ އެހާ ގިނަ މީހުން ބައިވެރިވިތަ؟

މާފަ: އާނ! އަސްލު ވަޒީރުލް ޢައުޒަމް... އެ ދަތުރުތުގައި ބައިވެރިވެވަޑައިގަންނަވާނެ ވާހަކަ ދޫދޫ މަތިން ފެތުރިފައި އޮތީ... އެހެންވެ ކަމަށް ވެސް ވެދާނެ ކަމަށް ތާރީޚީ ޢިލްމުވެރިން ވިދާޅުވަނީ އެހާ ބޮޑު ތަރުހީބެއް ލިބުނީ...

ދޮންކަނބުލޮ: ވަޒީރުލް ޢައުޒަމަކީ ބޮޑުވަޒީރު އިބްރާހީމް ނާޞިރުދޯ؟

މާފަ: އާނ! ކިހިނެއް ވީ ތިހެން ތިއެހީ؟

ދޮންކަނބުލޮ: މާފާ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންފާނެ ހެން ހީނުވާތީ އަހާލެވުނީ؟

މާފަ: ނޫނޭ... އެކަން ޖުލައި މަހުގެ 11 ވަނަ ދުވަހު އާންމުކޮށް އިޢުލާނު ވެސް ކުރެއްވި...

ދިރާސީނޯޓު: "މިހާރު ބަނދަރުގައި އޮތް މޯލްޑިވްސް ސްޓަރއިން އަޅުގަނޑު ފުރުމަށް ގަސްތުކޮށްފީމެވެ. ވީމާ، އެނބުރި އަންނަންދެން ވަޒީރުލްޢައުޒަމް އޮފީހުގެ ހުރިހާ ކަމެއް ހިންގެވުން ޞސ އަންނަބީލު ޙަސަން ޒަރީރާ ހަވާލުކޮށްފީމެވެ" (ޢ، 1997، ޞ.233). މި އިޢުލާނަށް ފަހު، 13 ޖުލައިގައި ފުރާވަޑައިގަތީ ކަމަށް ވެސް ޢ ވިދާޅުވެފައިވެއެވެ.

މިއަދު ކޮލަމުގައި މި ހުށަހެޅުނު މަޢުލޫމާތު ވެސް ވަރަށް ޝައުޤުވެރިކަމާ އެކު ކިޔުންތެރިން ވިދާޅުވާނެކަމަށް އުންމީދުކުރަމެވެ. މި ކޮލަމު މިހާރު މި ގެނެސްދެނީ ދެ ހަފުތާއިން އެއް ހަފުތާގައެވެ. ދެން ލިޔާ ކޮލަމުގައި ވަޒީރުލްއަޢުޒަމުގެ ދަތުރާ ބެހޭ މަޢުލޫމާތު ތަފުސީލާއެކު ގެނެސްދިނުމުގެ އުންމީދުގައި މިއަދުގެ ކޮލަމު ނިންމާލީއެވެ. އިންތިޒާރުކޮށްލައްވާށެވެ.


ހަވާލާ ދެވިފައިވާ ލިޔުންތައް

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް.

ޢ. (1997). އެޑިޓްކުރެއްވީ ޢަބްދުލް ޙަކީމް ޙުސައިންމަނިކު. 20 ވަނަ ޤަރުނުގެ ނެތެމުންދާ ހަނދާންތަކުގެ ތެރެއިން: ދެކުނުގެ ބަޣާވަތް. އިއްޔެ. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕވޓ ލމޓޑ.

ޢަބްދުﷲ ޞާދިޤު. (2016). ސުވަދީވްއާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.