މުޒާހަރާތަކުގެ ސަބަބުން އެމެރިކާގެ މިހާރުގެ ހާލަތު އަފުޣާނިސްތާނަށްވުރެ ގޯސްވެއްޖެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވާގޮތުގައި އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކުގެ ފަހަތުގައި ހުންނެވީ ރައީސްކަމަށް ވާދަކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ. އަދި އޭނާއަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ އެމެރިކާ ވެއްޓެންދާނީ ނަރަކައަށް ކަމަށް ވެސް ޓްރަމްޕް ގެންދަވަނީ ސިފަކުރައްވަމުންނެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާ ނަރަކައާ ދިމާއަށް ދަމަމުންދިއުން ހުއްޓުވައި އެކަން ނާކާމިޔާބުކުރާނީ އޭނާގެ ރިޕަބްލިކަން ޕާޓީންނެވެ.
އެމެރިކާގެ ފުލުހުންގެ ބަޔަކު ކަޅުނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑް، ވަރަށް އަނިޔާވެރިގޮތަކަށް ހައްޔަރު ކުރުމުގެތެރޭގައި މަރުވުމާ ގުޅިގެން މުޅި އެމެރިކާގައި އެކަމާ ދެކޮޅަށް މުޒާހަރާކޮށް އިންސާފަށް އެދި އަޑުއުފުލަންފެށިއެވެ. މުޅި ދުނިޔެއަށް ހެން ފެތުރިގެންދިޔަ އެ މުޒާހަރާތަކުގައި އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ފުލުހުންނާއި ސަރުކާރުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްދީ ފައިވެއެވެ. އެ މުޒާހަރާތައް މައިތިރި ނުވެ އެމެރިކާގައި އަދިވެސް ކުރިއަށް އެބަދެއެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި ނަސްލީ ހަމަނުޖެހުމާ ދެކޮޅަށް މުޒާހަރާކުރާ މީހުން ރޫޅާލުމަށް މުހިންމު ސްޓޭޓުތަކަށް ސަލާމަތީ ބާރުތައް ފޮނުވާނޭކަމަށް ވިދާޅުވިއެވެ. އަދި އޮރެގަންއާއި އެހެން ބައެއް ސްޓޭޓްތަކަށް ފޮނުވާ މީހުން ތިބޭނީ އާދައިގެ ހެދުމުގައި ކަމަށާއި ބޭނުންކުރާނީ އާދައިގެ ދުއްވާތަކެތިކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމެރިކާގައި މުޒާހަރާކުރަމުންދާ ބައެއް ސަރަހައްދުތަކުގެ ހާލަތު އަފުޣާނިސްތާނަށް ވުރެ ގޯސްކަމަށެވެ. އަދި މުޒާހަރާ ކުރާ ސްޓޭޓުތަކުގައި ހިނގަމުން ދަނީ ލިބެރަލް ޑިމޮކްރެޓުންގެ ވެރިކަންކަމަށް ވެސް ޓްރަމްޕު ވިދާޅުވިއެވެ.
ސިޔާސީ ކުލައެއް ނެތި ފެށި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ރައީސް ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކާއި ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން މުޒާހަރާގެ ބައެއް ބައިވެރިން ގެންދަނީ ޓްރަމްޕަށް ވެސް ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި މުޒާހަރާގެ ނަމުގައި ހަމަނުޖެހުން ހިންގަމުން ގެންދާ މީހުންނަކީ އެމެރިކާ ދެކެ ރުޅިއަންނަ މީހުންނެވެ. އަދި ސިޓީތަކުގެ މޭޔަރުންނާއި ސްޓޭޓުތަކުގެ ގަވަރނަރުންނާއި ސެނެޓަރުން މުޒާހަރާ ކުރާ މީހުން ދެކެ ބިރުގަންނަކަމަށް ވެސް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.
ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އެމެރިކާގައި ހިންގަމުންދާ މުޒާހަރާތަކާއި ކޮރޯނާ ވައިރަސްގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުމުގެ ޒިއްމާ އެމެރިކާގެ އެތައް މިލިއަން ބަޔަކު އަޅުވަމުން ދަނީ ރައީސް ޓްރަމްޕްގެ އިސްތަށިފުޅުގައެވެ.