![Trump](https://aafathis.mv/wp-content/uploads/2025/02/Trump-1.jpg)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަހާއި ޢަމަލުތަކުން ފެންނަމުން ދަނީ އޭނާގެ ބަދަލު ހިއްޕެވުމުގެ މޫޑުގެ އަސަރު ދުނިޔެއަށް ކުރަން އުޅޭތަނެވެ. އޭގެ އަސަރު އެމެރިކާއިން ވެސް ފެންނަން ފަށައިފިއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކަށް ވެސް އޭގެ ނުރައްކަލާއި ގެއްލުން ފޯރަންފަށައިފިއެވެ. އެހެންވެ ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ރައީސް ޓްރަމްޕް ސިފަކުރަމުން ދަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތެއްގެ ގޮތުގައެވެ.
ޑޮނަލްޑް ޓްރަމްޕް 2025 ޖެނުއަރީ 20ގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ވަރަށް ގިނަ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވުނަސް ރަސްމިއްޔާތުން ފެނުނީ ވަރަށް މަދު ލީޑަރުންނެވެ. ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން މަދެއް ނޫނެވެ.
އެއީ ތާރީޚީ ވަގުތެކެވެ. ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި އާޖެންޓީނާގެ ރައީސް ހާވިއާ އާއި އިކުއެޑޯގެ ރައީސާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެ ގައުމުގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ހިމެނިވަޑައިގަތެވެ. ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އެމަނިކުފާނުގެ މަންދޫބަކު ވެސް ވޮޝިންޓަނަށް ފޮނުއްވިއެވެ.
ރައީސް ޓްރަމްޕްގެ ރިޔާސީ ދައުރު ފެށުމާއެކު އެޅުއްވި ފިޔަވަޅަކީ ބައިޑަންގެ ވެރިކަމުގެ 78 އެގްޒެކެޓިވް އަމުރު ބާތިލު ކުރެއްވުމެވެ. އޭގެ ތެރޭގައި ކެޕިޓަލް ހިލްގައި ހިނގި ހަމަނުޖެހުންތަކުގައި ބައިވެރިވި، ޓްރަމްޕްގެ 1500 ސަޕޯޓަރުންނަށް މައާފު ދެއްވުމުން، މިއީ ކޮންމެ ހާލަތެއްގައި ވެސް ސަޕޯޓަރުން އެކަނި ދޫކޮށްނުލައްވާނެކަން ދައްކަވަން ކުރެއްވިކަމެއްކަމަށް ބެލެވުނެވެ. ހަމައެޔާއެކު ޓްރަމްޕް ހުންނެވީ، ކުށްވެރިންނާއެކުގައި ކަން ދުނިޔެއަށް ހާމަވެގެން ދިޔައެވެ.
ޓްރަމްޕް އޭނާގެ ކެމްޕޭން ވައުދުތައް ހަގީގަތަކަށް ހެއްދެވުމަށް، ބައިޑަންގެ ވެރިކަމުގައި ނިންމެވި ނިންމެވުންތަކަށް ގޮންޖައްސަވަން ފެއްޓެވީ ވަރަށް ހަލުއި މިނެއްގައެވެ.
ރައީސް ޓްރަމްޕުގެ އަވަސް އަދި ހޫނު ނިންމެވުންތަކަކީ އެމެރިކާގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ޓްރަމްޕް ވައުދުވެވަޑައިގެންނެވިކަމާއި ބައިޑަންގެ ވެރިކަމުގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވަނީ ހަމައެކަނި އެމެރިކާގެ މަސްލަހަތާއި ހިލާފު ސިޔާސަތުތަކެއް ކަމަށް ގަބޫލު ކުރައްވާކަން ދެއްކެވުމެވެ. މި ފިޔަވަޅަކީ ޓްރަމްޕްގެ ވެރިކަން ހިންގެވުމުގެ ހަރުކަށި އަދި ތަރުތީބު ސްޓައިލަށް އިތުރަށް އަލިއަޅުވައިލައްވާފައިވާ ފިޔަވަޅެއް ކަމަށާއި، އޭނާ ސިފަކުރައްވަނީ ސަޕޯޓަރުންގެ ތެރޭގައި ވަރުގަދަ އަދި ވާހަކަ ދައްކަވާ ލީޑަރެއްގެ ގޮތުގައިކަން ދެއްކެވުމަށް ކުރެއްވި ކަމެއްގެ ގޮތުގައެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ޓްރަމްޕްގެ ވިސްނުންފުޅު ހުރި ގޮތުގެ ޚަބަރު މުޅި ދުނިޔޭގައި ގޮވަން ފެށިއެވެ. މިކަމުގެ ފުރަތަމަ ހެއްކަކީ އަފްޣާނިސްތާނާ ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވާ ސާފު ސިޔާސަތެވެ. އަފްޣާނިސްތާނާ މެދު ޓްރަމްޕްގެ ސިޔާސަތު ހަރުކަށި އަދި ސާފު ކަމަށް ފެންނައިރު، އެ ގައުމަށް އެހީ ފޯރުކޮށްދޭން، އަފްޣާނިސްތާނުގައި ހުރި އެމެރިކާގެ ހަތިޔާރު އެމެރިކާއާ ހަވާލު ކުރުމުގެ ޝަރުޠު ވަނީ ބޯމަތިކޮށްފައެވެ.
މި ސިޔާސަތަކީ އެމެރިކާގެ މަސްލަހަތުތަކަށް އިސްކަންދިނުމަށް ފޯކަސްކުރާ އޭނާގެ "އެމެރިކާ ފުރަތަމަ" ސިޔާސަތާ އެއްގޮތް ފިޔަވަޅެކެވެ. ޓްރަމްޕްގެ މި ނިންމެވުމަކީ ބައިނަލްއަގްވާމީ ޕްރެޝަރުގައި ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އަފްޣާނިސްތާން ސަރުކާރަށް ހިތްވަރު ދިނުމުގެ މަގުސަދުގައި އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައިގެ ހާލަތާއި ހަތިޔާރު ފެތުރުން ހަނިކުރުމަށް އެޅުއްވި ވަރަށް ހަރުކަށި ފިޔަވަޅެކެވެ.
ޕާކިސްތާނާ މެދު ވެސް ޓްރަމްޕް ކުރިއަށް ގެންދަވާނީ އުދުވާނީ ސިޔާސަތެކެވެ. ރަޝިޔާއާއި އިންޑިއާގެ ގުޅުން އާދަޔާ ޚިލާފަށް ބަދަހިވެފައި އޮތް ޒަމާނުގައި އެމެރިކާއިން ޕާކިސްތާނާ ގުޅުން ބަދަހިކުރިކަމަށް ވިޔަސް ސަރަހައްދުގައި މިހާރު އެމެރިކާގެ މިތުރަކީ އިންޑިއާއެވެ. އީރާނާއި އަފްޣާނިސްތާނާއި ރަޝިއާއާއި ޕާކިސްތާނު ގުޅުން ބާއްވާކަމަށް ބުނެ، ޓްރަމްޕްގެ ވެރިކަމުގެ ޕްރެޝަރު ޕާކިސްތާނަށް އިތުރުވަމުންދާތަން ފެނުމަކީ ދުރު ކަމެއް ނޫނެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ، ޕީޓީއައި އިން އުއްމީދު ކުރަނީ ޓްރަމްޕްގެ ވެރިކަމުގައި ޢިމްރާން ޖަލުން މިނިވަން ކުރެއްވުމަށް ޓްރަމްޕު އެހީތެރިވެދެއްވާނޭކަމަށެވެ. ނަމަވެސް ތުރުކީއާއި އީރާނާއި ރަޝިޔާއާއި ޢިމްރާންގެ ބޮޑުވަޒީރުކަމުގައި ބޭއްވެވި ބަދަހި ގުޅުމުގެ ސަބަބުން ޢިމްރާނަށް ލުއި ގޮތެއް ހޯއްދަވައި ނުދެއްވާނެކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ޕާކިސްތާނުގެ ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ޓްރަމްޕް ޝައުޤުވެރި ވަނީ އެމެރިކާގެ މަސްލަހަތުތަކަށެވެ.
އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރާއި ޕާކިސްތާނުގެ ގުޅުން ކޮފީ މޭޒު ކައިރިން ރަނގަޅުވާނެ ކަމަށް އުންމީދު ކުރި ނަމަވެސް އެކަން ނުކުރެވުނެވެ. އަދި އަފްޣާނިސްތާނާއެކު ކަންކަން ވަނީ ނުރައްކާތެރި ހާލަތަކަށް ބަދަލުވެފައެވެ. މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
ޓްރަމްޕުގެ ވެރިކަމުގައި މިވަގުތު ޕާކިސްތާނަށާއި އަފްޣާނިސްތާނަށް އުފާވެރި ޚަބަރެއް ލިބޭނޭކަމުގެ އުއްމީދެއް ވެސް ނެތެވެ.
ޓްރަމްޕްގެ ބަދަލު ހިއްޕެވުމުގެ މޫޑުގެ އަސަރުން އެއްކިބާ ވާނީ ކޮންބައެއްކަން އެއްވެސް ބަޔަކަށް ނޭނގެއެވެ. އަވަށްޓެރި ކެނެޑާއަކީ އެމެރިކާގެ ސްޓޭޓަކަށް ހައްދަވަން ޓްރަމްޕް ބޭނުންފުޅުވެއެވެ. އަދި ގްރީންލޭންޑް ގަނެ، އެއީ އެމެރިކާގެ ތަނަކަށް ހެއްދެވުމަށް ޓްރަމްޕް ބޭނުންފުޅުވެއެވެ. މެކްސިކޯއިން އެމެރިކާއަށް ގޮސްތިބި އެތައް މިލިއަން މީހުން މެކްސިކޯއަށް ފޮނުވާލުމުގެ މަސައްކަތް ހުވާކުރެއްވުމާއެކު ޓްރަމްޕް ފެއްޓެވިއެވެ.
ޒަމާނުއްސުރެ އެމެރިކާއާއި ގާތްގުޅުންތަކެއް ބޭއްވި ގައުމުތަކާއި ވާދަވެރި ގައުމުތަކާ ދެކޮޅަށް ޓްރަމްޕް ވަނީ ވިޔަފާރީގެ ހަނގުރާމައެއް ފައްޓަވާފައެވެ. ޕެނަމާ ކެނަލް ގަދަބާރުން ނަމަވެސް އެމެރިކާގެ ބާރުގެ ދަށަށް ގެނަވަން ބޭނުންފުޅުވާ ވާހަކަ ޓްރަމްޕު ވަނީ އެތައްފަހަރަކު ވިދާޅުވެފައެވެ.
ޓްރަމްޕުގެ ބަހާއި ޢަމަލުތަކުން ހާމަވަމުން ދަނީ އިންސާފެއް ނެތް، އަނިޔާވެރިކަމެވެ.
އިޒުރޭލުން ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ކުރަމުން ދިޔަ ހަނގުރާމަ ހުއްޓުވުމުގެ ރީތިނަން ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޓްރަމްޕް މިހާރު ބޭނުންފުޅު ވަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ އެންމެން އެހެން ގައުމުތަކަށް ގަދަބާރުން ގެންގޮސް ޣައްޒާއަކީ އެމެރިކާއާއި އިޒުރޭލުގެ ބާރުގެ ދަށުގައި އޮތް ބަގީޗާއަކަށް ހެއްދެވުމަށެވެ. އެކަމަށް މުޅި ދުނިޔެ ދަނީ ދެކޮޅުހަދަމުންނެވެ.
އެމެރިކާގެ ރައީސްކަމާ ދެވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވި ޓްރަމްޕަކީ ކޯޓުން ހުކުން ނުކުރިޔަސް ޖިނާއީ، ކުށް ކުރައްވާފައިވާކަން ކޯޓަށް ސާބިތުވެފައިވާ ބޭފުޅެކެވެ. މުޅިދުނިޔެއަށް މަޝްހޫރު "ރަންޑީ" އެކެވެ. އޭނާގެ ވިސްނުންފުޅާއި ޢަމަލުފުޅުތައް ހުރީ ބައިނަލްއަގުވާމީ ގަވައިދަކަށް، ހުކުމަކަށް، ޢަމަލުކުރައްވާ ގޮތަކަށް ނޫނެވެ. އދ.ގެ ގަވައިދަކަށް ގަރާރަކަށް ބައްލަވާކަށް ވެސް އޭނާ ބޭނުންފުޅެއް ނޫނެވެ.
ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ނަމުގައި ޓްރަމްޕް ބައިނަލްއަގުވާމީ ގާނޫނަކަށް ބެއްލެވުމެއްނެތި އެމެރިކާއާއި އިޒުރޭލުގެ މަސްލަހަތު ހިމާޔަތް ކުރައްވަން ކޮންމެފަދަ ކަމެއް ވެސް ކުރައްވާނެ ކަމާމެދު ޝައްކެއް ނެތެވެ.
އިޒުރޭލު އދ. ގެ ގަރާރަކަށް ބޯ ނުލަނބާ ގޮތަށް، ޓްރަމްޕުގެ އަމާޒުވެސް ހުރީ އދ.އަކީ ފީކުދާނަކަށް ހެއްދެވުމެވެ. އެމީހުން ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރަމުން ދިއުމެވެ. ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އެމެރިކާ ވަކިވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގަރާރުތައް ގަބޫލުނުކުރުމާއި އދ. ގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތުގެ ނިންމުންތައް ގަބޫލު ނުކުރުމާއި އަދުލު އިންސާފާ ގުޅޭ ދުނިޔޭގެ ކޯޓުގެ ނިންމުންތައް ޓްރަމްޕް ގެންދަވަނީ ބޮލާލާޖައްސަވަމުންނެވެ.
ޓްރަމްޕް ގަބޫލުކުރައްވާގޮތުގައި ދުނިޔޭގެ އަޑު ކަނޑުވައިލުމަކީ އެމެރިކާއަށް އައު ފަތިހެއް ފެންނަން އުޅޭކަމުގެ އިޝާރާތެކެވެ.
ޓްރަމްޕުގެ ޚުދުމުޚުތާރު ސިޔާސަތުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތުން ދުނިޔެއަށް ކުރާނެ ގެއްލުމުގެ އަސަރު މިއަދު ނުފެނުނަސް، ގިނަދުވަސްތަކެއް ނުވެ ފައުޅުވެގެންދާނެކަން ކަށަވަރެވެ.