
ދުނިޔޭގެ އެންމެ މުއްސަނދި ސައުދާގަރު، އަދި އެމެރިކާގެ ހަމައެއްލަމައެއް ނެތް ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އަތްދަށު ރައީސް،" އީލޮން މަސްކާ ދެކޮޅަށް އެމެރިކާގެ އެކި ސަރަހައްދުތަކުގައި ކެމްޕޭންތަކެއް ކުރެވެމުން އެބަދެއެވެ. ލަފާކުރެވެނީ މި ކެމްޕޭން ފުޅާވެ އިތުރަށް ވަރުގަދަވަމުންދާނޭކަމަށެވެ.
މަސްކާ ދެކޮޅަށް މިދުވަސްކޮޅު އެންމެ ބޮޑަށް ހިންގަމުން ދަނީ އިޝްތިހާރު ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި ކުރާ ސުއާލަކީ، އެމެރިކާގެ ވެރިޔަކީ ކާކުތޯ، ޓްރަމްޕްތޯ ނުވަތަ މާސްކް ތޯ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަދަލުގައި އެމެރިކާ ހިންގަނީ އީލޮން މަސްކް ތޯ ސުވާލު އުފެދޭ އިޝްތިހާރު ކެމްޕޭން ވޮޝިންޓަން ޕޯސްޓުން ބަލައިގަތުމަށް ވަނީ ދެކޮޅު ހަދާފައެވެ.
އެމެރިކާގެ ޑިމޮކްރަސީގެ މައިގަނޑު އަގުތައް ދަމަހައްޓަން ޚާއްޞަ ގްރާސްރޫޓް ޖަމިއްޔާއެއް ނޫން ކަމަށް ސިފަކުރާ "ކޮމަން ކޯޒް" އިން ރާވާފައި ވަނީ "މި ގައުމު ހިންގަނީ ކާކު: ޓްރަމްޕް ތޯ ނުވަތަ މާސްކް ތޯ؟" މިސުއާލުގެ ޖަވާބު ހޯދުމަށް ފުޅާ ދާއިރާއެއްގައި ވަރުގަދަ ކެމްޕޭނެއް ހިންގުމަށެވެ. މި ވަގުތު އިސްކަން ދެނީ އިޝްތިހާރު ކެމްޕޭނަކަށެވެ.
އެ ޖަމިއްޔާއިން ބުނީ މި ހަފުތާގައި ނޫހުގެ އަންގާރަ ދުވަހުގެ ބައެއް އެޑިޝަންތަކުގައި އިޝްތިހާރު ނެރެން ހަމަޖެހިފައިވީ ނަމަވެސް ހީކުރި ގޮތަށް އިޝްތިހާރު ޝާއިޢު ނުކުރާނެކަން ހުކުރު ދުވަހު އެނގުނު ކަމަށެވެ.
އެ ޖަމިއްޔާއިން އެ ޖަމިއްޔާގެ އެކްސް ޕްލެޓްފޯމްގައި އެ އިޝްތިހާރުގެ ތަސްވީރެއް އާންމުކޮށްފައިވާއިރު، އެ ތަސްވީރުގައި ޖަޔަންޓް މަސްކެއް ވައިޓް ހައުސްގެ މޮޑެލްއެއް ހިފައިގެން ހުރި މަންޒަރު ފެނެ އެވެ.
"ޖެފް ބެޒޯސްގެ ވޮޝިންޓަން ޕޯސްޓުން ބޭނުމެއް ނުވި، ވައިޓް ހައުސްއާ ހަވާލުވެ ހުންނަނީ ކާކުތޯ އަޅުގަނޑުމެންގެ އިޝްތިހާރުން ފެންނަން. ބާރު ޖަވާބުދާރީ ކުރުން ހުއްޓައެއްނުލާނަން." އެ ޖަމިއްޔާއިން ބުންޏެވެ.
ޓްރަމްޕް ވެރިކަމަށް ގެންނަވަން ހަގީގީ ޖުމްލަ އަދަދެއް ނޭނގޭވަރަށް މިލިއަނުން މިލިއަނުން ޚަރަދު ކުރެއްވި މަސްކަށް ޓްރަމްޕް ވެރިކަމަށް ވަޑައިގެން ހަދިިޔާ ކުރެއްވީ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީގެ މަގާމެވެ. ޓްރަމްޕާ ވާދަވެރި ޑިމޮކްރެޓުންގެ ވަރަށް ބޮޑު އަމާޒަކަށް ވެފައި ވަނީ މަސްކަށް ޓްރަމްޕް ދެއްވި މަތިވެރި މަގާމެވެ. މަސްކު ކިތަންމެ މުއްސަނދިކަމަށް ވިޔަސް އެއީ ހައްގު މަގާމެއް ނޫންކަމަށް އެމެރިކާގެ އެތައް މިލިއަން ބަޔަކު ގަބޫލު ކުރެއެވެ.
"ކޮމަން ކޯޒް" އިން ހިއްސާ ކުރި ފޮޓޯއެއްގައި "އީލޯން މަސްކަށް އެއްވެސް މީހަކު ވޯޓު ނުދޭ." ލިޔެފައިވެއެވެ.
"ފުރަތަމަ ދުވަހުން ފެށިގެން އީލޮން މަސްކް ވަނީ ހަލަބޮލިކަމާއި އޮޅުން ބޮޅުން އުފައްދަވާފައެވެ. އޭނާ ވަނީ އަޅުގަނޑުމެންގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވައްޓަވާލައްވާފައެވެ."
އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި "ގާނޫނު އަސާސީގައި އެމެރިކާގެ ވޯޓުލާ މީހުންނަށް އެއްފަހަރާ އެންމެ ރައީސަކަށް ވޯޓުލާން ހުއްދަ ދީފައި ވަނީ. ތިޔަބޭފުޅުންގެ ސެނެޓަރުންނަށް ގުޅުއްވައިގެން ޑޮނަލްޑް ޓްރަމްޕް، އީލޮން މަސްކް ވަކިކުރަންވީ ވަގުތު ޖެހިއްޖެ."
ދެވަނަ ދައުރަކަށް ރައީސް ޓްރަމްޕް ހުވައި ކުރެއްވިތާ، އަދި ހަނދުމަހެއް ނުވެއެވެ. ނަމަވެސް ޓްރަމްޕް ގެންގުޅުއްވާ ހޮޅި ސިޔާސަތުގެ ސަބަބުން މުޅި ދުނިޔެހެން ވަނީ އޭނާއާ ދެކޮޅުވެރި ވެފައެވެ.