
ޔޫތު މިނިސްޓްރީގެ ބައްދަލުވުންތަކަށް ގޮވާލުމުން ހަމައެކަނި ފިރިހެނުން ނުކުންނަ ކަމަށާއި ޖެންޑަރ މިނިސްޓްރީގެ ބައްދަލުވުންތަކަށް ގޮވާލުމުން ހަމައެކަނި އަންހެނުން ނުކުންނަ މައްސަލަ ކުރިމަތިވަމުންދާ ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޚްލޫފު ވިދާޅުވި އެމިނިސްޓްރީން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ޒުވާނުންނާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ކައުންސިލްތަކަށް ސިޓީ ފޮނުވާކަމަށެވެ. ނަމަވެސް ބައްދަލުވުން ތަކަށް އަންނަނީ ހުސް ފިރިހެނުންކަމަށެވެ. އެހެންވާތީ ސިޓީތަކުގައި އަންހެން ފިރިހެން ޒުވާނުންނާ ބައްދަލުކުރަން ބޭނުންވާކަމަށް ލިޔަން ފެށްޓެވި ކަމަށެވެ. އަދި އަންހެން ފިރިހެން ޒުވާނުންނަށް ލައުޑް ސްޕީކާރުން ގޮވުމުންވެސް ނުކުންނަނީ ހަމައެކަނި ފިރިހެނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.
"ފިރިހެނުން އައިސް އެމީހުން ދައްކަނީ ފުޓްސަލް ދަނޑުގެ ވާހަކަ. އެހެންވާތީ އަންހެނުންނަށް ބޭނުންވާ ކުޅިވަރު ފެސިލިޓީ ނުލިބި އެބަދޭ. އެމައްސަލައިގައި ޖެންޑަރ މިނިސްޓްރީއާ މަޝްވަރާ ކުރީމާ، ޖެންޑަރ މިނިސްޓްރީން ވިދާޅުވަނީ ތިމަންނަމެން ދަތުރެއްކޮށްފައި ބަޔަކާ ބައްދަލު ކުރަން ބުނެފިއްޔާ އަންނަނީ ހުސް އަންހެނުންނޭ. އެހެންވީމާ މިހާރު އަޅުގަނޑުމެން ދެބައި ގުޅިގެން ދަތުރުތައް ކޮށް އަންހެނުންނަށް ސީދާ އަޅުގަނޑުމެންނާ ވެސް ބައްދަލުވެ، އެމީހުންނަށް ބޭނުންވާ އަޅުގަނޑުމެންގެ މިނިސްޓްރީއާ ގުޅޭ ކަންކަންކަމުގައި މިދަނީ މަސައްކަތްތަކެއް ކުރަމުން." ޔޫތު މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.
މިނިސްޓަރ މަޚްލޫފު ވިދާޅުވީ ކުޅިވަރު ކުޅުންތެރިންނަށް ދޭ ފައިސާވެސް ކުރިން އޮތީ އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނަށް ތަފާތުކޮށް ކަމަށެވެ. ފިރިހެން ކުޅުންތެރިނަށް ލިބޭ ފައިސާގެ އިނާޔަތަށްވުރެ އަންހެން ކުޅުންތެރިންނަށް ދޭ ފައިސާގެ އިނާޔަތުގެ ޢަދަދު މަދުކަމަށެވެ. ނަމަވެސް މިހާރު އެތަފާތު ނައްތާލައިފައިވާނެ ކަމަށް ޔޫތު މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.