އިންޑިޔާގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުގެ ދެ މުވައްޒަފަކު ޖާސޫސުކުރުމުގެ ތުހުމަތުގައި އެގައުމުން ބޭރުކޮށްފި

އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަން

އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުގެ ދެ މުވައްޒަފަކު އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭރުކޮށްފިއެެވެ. އިންޑިޔާއިން ބުނީ އެ ދެ މީހުން "ޖާސޫސުކުރުމުގެ ހަރަކާތްތަކެއް" ހިންގާފައިވާ ކަމަށެވެ.

"ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަނީ (ޕާކިސްތާނުގެ) ދެ އޮފިޝަލުން ހިފަަހައްޓާފައި." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އެބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަނެއްގެ މުވައްޒަފުން ކޮށްގެންނުވާނެ ކަންކަން ކޮށްފައިވާތީ، އިންޑިޔާ ސަރުކާރުން ވަނީ އެ ދެ މީހުންނަކީ 'ޕާސޮނާ ނޮން ގްރާޓާ' (އެ ގައުމުގައި ތިބެގެން ނުވާނެ، އެގައުމުން ބޭރުވާން ޖެހޭ މީހުން) ކަަމަށް ކަނޑައަޅާފައެވެ.

މި ދެ މުވައްޒަފުންވެސް 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާއިން ބޭރުވާނެ ކަމަށް ބެލެވެއެެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމުގެ ހަައިކޮމިޝަނުގެ ދެ މުވައްޒަފުން އިންޑިޔާއިން ބޭރުކުރުން ކުށްވެެރިކޮށްފައެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެ މުވައްޒަފުން ހިފަހައްޓާފައި ވަނީ ހަގީގަތެއް ނެތް، ސާބިތުކުރެވިފައި ނުވާ ދައުވާތަކެއްގެ މައްޗަށް ބިނާކޮށެވެ.

ޕާކިސްތާނާއި އިންޑިޔާއިން. އެއް ގައުމު އަނެއް ގައުމުގައި ތިބޭ ޑިޕްލޮމޭޓުން ބޭރުކުރުމަކީ އާއްމުކޮށް ހިނގާ ކަމެކެެވެ. އިންޑިޔާއަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުގެ މުވައްޒަފުންތަކެއް ބޭރުކުރާނެ ކަމަށް ބެލެވެއެވެ.

އިންޑިޔާއާއި ޕާކިސްތާނުން ކަޝްމީރުގެ މައްސަލައިގައި 3 ހަނގުރާމަކޮށްފައިވާއިރު، ކަޝްމީރުގެ އިންޑިޔާ ފަޅީގައި އިންޑިޔާ ދަނީ ހަނގުރާމަވެރި ޖަމާއަތްތަކާ ހަނގުރާމަ ކުރަމުންނެވެ. އިންޑިޔާގެ ދަށުން ކަޝްމީރު މިނިވަންކުރަން މަސައްކަތްކުރާ ހަތިޔާރުއެޅި ގިނަ ޖަމާއަތްތަކެއް ކަޝްމީރުގައި ހަރަކާތްތެރި ވެއެވެ.

1989 އިން ފެށިގެން ހަނގުރާމަވެރިންނާއި އިންޑިޔާގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގާފައިވާ ކުރިމަތިލުންތަކުން އެތައް ހާސް ބަޔަކު މަރުވެފައި ވެއެވެ.

ކަޝްމީރުގެ އިންޑިޔާގެ ފަޅީގައި އިންޑިޔާ ސިފައިންގެ 5 ލައްކަ މީހުން ތިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.